މިއަދު ކޮންމެ ބެލެނިވެރިޔަކުވެސް ބޭނުންވަނީ ދަރިފުޅު މޮޅު ކުއްޖަކަށް ހަދާށެވެ. އަދި ކޮންމެ ކުއްޖަކުވެސް ބޭނުންވަނީ އެތައް ގިނަ މައުލޫމާތެއް ވީހާވެސް އަވަހަކަށް ދަސްކުރުމަށެވެ. ވީމާ އިމްތިހާނަށް ތައްޔާރުވަމުންދާއިރު ވީހާވެސްބޮޑަށް ފިލާވަޅުތައް ހަނދާނުގައި ބަހައްޓާނެ އުކުޅުތައް އެނގެންޖެހެއެވެ. އަދި އަވަހަށް ފިލާވަޅު ދަސްކުރުމުގެ އުކުޅުތަކަށް ހޭނެން ޖެހެއެވެ. މިއަދު މައުލޫމާތުގެ ހާޒާނާއެއްގައި ދިރިއުޅެމުންދާއިރު ބޭނުންތެރި މައުލޫމާތު ހަނދާނުގައި ހަރުލެއްވޭނެ ބައެއް ގޮތްތައް ތިރީގައި މިވަނީއެވެ.
-
ފިލާވަޅު މުތާލިޔާ ކުރުން
ކޮންމެފަހަރަކު މައުލޫމާތުތައް ކިއުމަކީ އުނދަގޫ އަދި ވަގުތު ނަގާކަމެކެވެ. ކޮންމެ ފަހަރަކު މުޅި ފޮތް ކިއުމުގެ ބަދަލުގައި މުހިއްމު ބައިތައް ވަކިކޮށް ނޯޓް ހަދާށެވެ. ކޮންމެ ދުވަހަކުވެސް މި ހެދި ނޯޓުތައް ކިޔާލާ މުތާލިޔާ ކުރާށެވެ. އެއީ ހަނދާނުގައި ބެހެއްޓުމަށާއި އިމްތިހާނުގައި ޖަވާބުތައް ދިނުމަށް ފަސޭހަ ކޮށްދޭނޭކަމެކެވެ.
-
ފިލާވަޅު ޚުލާޞާކުރުން.
ދީފައިވާ ފިލާވަޅު ކުއްޖާއަށް ފަސޭހަ ވާނެގޮތަށް ކުރުކޮށް ވަކި ކުރާށެވެ. ދެން އޭގެ ނޯޓްތައް ތައްޔާރުކުރާށެވެ. މިގޮތަށް ބޭނުންތެރި މުހިއްމު ބައިތައް ވަކި ކުރުކުރުމާއި ބައިތައް ކުރުކޮށް ނޯޓު ހެނދުމުން ސިކުނޑީގައި އެ ބައިތައް ހަރުލައްވަން ފަސޭހަވާނެއެވެ.
-
ދަސްވި އެއްޗެއް ކިޔައިދިނުން.
ކުއްޖާ ދަސްކުރި ފިލާވަޅު ކިޔައިދޭން ބުނާށެވެ. އޭނާ ކިޔައިދޭއިރު ފިލާވަޅު އަޑު އަހާށެވެ. އޭރުން ކުއްޖާއަށް ދަސްނުވަނީ ކޮންބައެއް ކަން ބުނެދެވޭނެއެވެ. ކުއްޖާ ދަސްކުރި އެއްޗިހީގެ %90 ހަނދާނުގައި ހަރުލެއްވޭނީ އޭނާ ދަސްކުރި އެއްޗިހި އެހެން މީހަކަށް ބުނެދިނުމުންނެވެ. މިއީ ހަނދާނުން ކައްސާނުލާ ފިލާވަޅު އަބަދުވެސް ހިތުގައި ހަރުލެއްވުމަށް ނުހަނު ބޭނުންތެރިކަމެކެވެ.