މިހާރު އެންމެ ދެކެވޭ އެއްވާހަކައަކީ އދ. މާމިގިލީ ކައުންސިލުން އެރަށު ފަޅުތެރެއަށް ފައްތާ ޝިޕްރެކެއްގެ ވާހަކައެވެ. މިއީ ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް ނުހަނު ބޭނުންތެރި އަދި އެހާމެ ފައިދާލިބޭނެ ކަމެކެވެ.
އަޑިއަށް ގޮސްފައިވާ ބޯޓުތަކުގައި މުރަކަ، އަލްގޭ އަދި އެހެނިހެން ދިރުންތައް އާލާވުމަށް ފުރުސަތު ލިބެއެވެ. ވީމާ މިފަދަ ބޯޓުތައް ހިމެނެނީ މޫދުގައި ދިރިއުޅޭ އެތައް ދިރުންތަކަކަށް ރައްކާތެރިކަމާއި ހިމާޔަތްދޭ ގެއަކަށެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ މޫދުގައި އުފެދޭ މުއްސަނދި އިކޯސިސްޓަމެކެވެ. އަދި މި ފަދަ ޝިޕްރެކްތަކަކީ ކުދި ދިރުންތަކުން ފެށިގެން މިޔަރާއި ބޮޑެތި ޝިކާރަކުރާ ދިރުންތައް ކަމުގައިވާ މިޔަރާއި އެހެނިހެން ބޮޑެތި މަސްތަކާއި ހަމައަށް ގިނަ ވައްތަރުތަކެއްގެ ކާނާއާއި، ހިޔާވަހިކަމާއި، ދިރުންތައް އާލާވާ ސަރަހައްދުތަކެއްގެ ގޮތުގައި އުފެދޭ ތަންތަނެވެ.
މިފަދަ ޝިޕްރެކްގެ ސަބަބުން ރާއްޖެފަދަ ކުދި ގައުމުތަކުގެ އިގްތިސާދު ފުޅާވެގެން ދެއެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ނަފާ މިހާރުވެސް ހޯދަމުންދާތީއެވެ. އަދި ރާއްޖެއަށް މިފަދަ މިސާލުތަކުން މިސާލުނަގައި އޭގެ ފައިދާ ނެގިދާނެތީއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު ބައެއް ކަމުގައިވާ ޑައިވިން ޓޫރިޒަމަށް ފުރުސަތު ހުޅުވިގެން ދާ ދޮރަކަށް ވުމެވެ. މިސާލެއްގެ ގޮތުން ބަލާނަމަ، ޕެންސަކޯލާ ކައިރީގައި އޮންނަ ޔޫ.އެސް.އެސް އޮރިސްކާނީ ފަރުގައި އަހަރަކު 35،000 އަށް ވުރެ ގިނަ ޑައިވަރުން ހަރަކާތްތެރިވާއިރު މިއީ އިގްތިސާދީ ގޮތުން ހަ މިލިއަނަށް ވުރެ ގިނަ ޑޮލަރު އެމެރިކާއަށް ލިބޭކަމެކެވެ. އަދި އެނިމަލްސް އެރައުންޑް ދަ ގްލޯބްގައި ބުނާގޮތުން އިނގިރޭސިވިލާތުގައި އަޑިއަށް ދިޔަ އެޗް.އެމް.އެސް ސިލާ އިން ޑައިވް ޓޫރިޒަމް އިތުރުކޮށްގެން ލޯކަލް އިގްތިސާދަށް އަހަރަކު އިތުރު 1.1 މިލިއަން ޕައުންޑް ގެނެސްދެއެވެ. ވީމާ މިއީ ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ކުޑަ ގައުމަކަށް ބޭރު ފައިސާ އެތެރެކުރުމަށް ހުޅުވާލެވޭ އިތުރު ރަނުގެ ފުރުސަތެކެވެ.
ދުނިޔޭގެ މިފަދަ ކާމިޔާބު ބައެއް މަޝްރޫޢުތަކަށް ބަލާއިރު 2009 ވަނައަހަރު އެމް.ވީ ލިބަރޓީ ސައިޕްރަސްގެ ދެކުނަށް އަޑިއަށް ފެއްތުމަށްފަހު އާޓިފިޝަލް ރީފެއް ހަދާފައިވެއެވެ. މިހާރު އެއީ ހިމާޔަތްކޮށްފައިވާ ޑައިވް ސައިޓަކާއި މެރިން ރިޒާވެކެވެ. ޑިއޭގޯގެ އައްސޭރިފަށުގައި ފައްތާފައިވާ އުޅަނދުތަކުން ކަނޑުގެ ތަފާތު ދިރުންތަކާއި ޑައިވަރުން ޝައުގުވެރިކަން ހޯދަމުންދެއެވެ. ޖިބްރޯލްޓަރ އާޓިފިޝަލް ރީފް، 1973 ވަނަ އަހަރުން ފެށިގެން ދަނީ ކަނޑުގެ އާޓިފިޝަލް ރީފް އާއި ދިރުންތަކުގެ ތަފާތު އުފެއްދުންތެރިކަން ކުރިއެރުވުމަށްޓަކައި ބޭނުން ކުރަމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބޭނުންކުރި ބޯޓެއްކަމަށްވާ ތަންޑަރބޯލްޓް 1986 ވަނަ އަހަރު ފެއްތިއެވެ. މިހާރު އެއީ މުއްސަނދި ދިރުންތަކުން ފުރިފައިވާ އިކޯސިސްޓަމެކެވެ.
އާޓިފިޝަލް ރީފްގެ ގޮތުގައި ބޯޓު ފަރަށް އެރުމުން ތިމާވެއްށި ހިމާޔަތްކުރުމާއި، އިގްތިސާދް ކުރިއެރުމާއި، އަދި އިޖުތިމާއީ ފައިދާތައް ލިބިގެންދެއެވެ. އެހެން ނަމަވެސް، ތިމާވެށީގެ ރައްކާތެރިކަމާއި، ދިގުމުއްދަތުގެ ފައިދާއެއް ކަށަވަރުކުރުމަށްޓަކައި، މި މިފަދަ މަޝްރޫޢުތައް ފަރުވާތެރިކަމާއެކު ރާވައި، މެނޭޖްކޮށް، މޮނިޓަރ ކުރަންޖެހެއެވެ.