އަނބިމީހާގެ ދައްތައާ ޖިންސީގުޅުން ހިންގުމުން އެޗްއައިވީ ޖެހުނު

އަޅުގަނޑުގެ ފިރިމީހާ ހިލޭ އަންހެނުންނާއިއެކު ގުޅުން ހިންގާތަން ލޮލަށް ނުފެނުނަސް އެކަމުގެ ހެކިތައް ވަރަށް ގިނައިން އެބަފެނެއެވެ. ނަޞޭޙަތް ދީދީވެސް އެކަމެއް ނުހުއްޓިއެވެ. އަބަދުވެސް ހަދަނީ ދޮގެވެ. މި ޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެއީ ކުރެވޭ ފާފައެއްގެ އިތުރުން ދެމަފިރިންކުރެ ކޮންމެ މީހަކު  ނަމަވެސް އެކަން ކުރުމުން ބޮޑެތި އެހެން މައްސަލަތައްވެސް ކުރިމަތިވުން ގާތްކަމެއްކަން ފިރިމީހާއަށް ވިސްނައިދޭށެވެ. ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ހާދިސާއެއްގެ ވާހަކައެވެ. ނަޞޭޙަތަކީ ކޮންމެ ދެމަފިރިއަކުވެސް ޢިބްރަތް ޙާޞިލްކުރުމެވެ.

އަނބިމީހާ ހޮސްޕިޓަލުން އައިއިރު އޭނާގެ ދައްތައާއި ފިރިމީހާ އުޅެނީ އޭނާގެ ކޮޓަރީގައެވެ. އޭނާ ގެއަށް އައިކަން އެނގުމުން އެނދުދަށަށް ވަދެ ދައްތަފިލީއެވެ. އެކަން އެނގިހުރެމެ ނުއެނގޭކަމަށް ހެދިގެން ހުރެ އަނބިމީހާ ބުންޏެވެ. "މިއަދަކީ އަހަރެމެންގެ އެންމެ އުފާވެރި ދުވަހެވެ. އަހަރެން އިނީ ބަލިވެއެވެ. ޓެސްޓްތަކުގެ ނަތީޖާ މިއޮތީއެވެ."

އެކަމަށް އުފާކުރާކަމަށް ބުނަމުން އަނބިމީހާގެ ގައިގައި ބައްދާލަން އުޅުމުން އަނބިމީހާ ބުންޏެވެ. "މިއަދަކީ އަހަރެމެންގެ އެންމެ ހިތާމަވެރިވެސް ދުވަހެވެ. އަހަރެންގެ ގައިގައި އަތްނުލާށެވެ! ކަލޭ ހުރިހާލަތު ބަލަން ޓެސްޓްކުރާށެވެ. ކަލެއާއި އަހަރެންގެ ދައްތައާއި ގުޅުންހިންގާކަން އެނގުމުން އަހަރެން ހޮސްޕިޓަލަށް ދިއައީ އެޗްއައިވީއަށް ޓެސްޓްކުރާށެވެ. ބަލިވެއިންކަންވެސް އެނގުނީ އެކަމަށް ޓެސްޓްކުރުމުގެ ތެރޭގައެވެ. ނަޞީބަކުން އަހަރެންވެސް ދަރިފުޅުވެސް އަދި މިތިބީ ސަލާމަތުންނެވެ. ދައތަ އެޗްއައިވީއަށް ޕޮޒިޓިވްވިތާ މިއީ 2 ވަނަ އަހަރެވެ. ތިއަކުރާ ކަންކަން ކުރިއަށް ގެންދާށެވެ. އަހަރެމެން ދެމައިންގެ ސަލާމަތަށްޓަކައި މިގެއިން އަހަރެން މިދަނީއެވެ."

އަނބިމީހާ ގެއިން ނުކުމެގެން ދިއުމުން ދައްތައާއި ފިރިމީހާ ފެށީ ތަޅާފޮޅާށެވެ! ފިރިމީހާ ރުޅިއައީ އެޗްއައިވީއަށް ޕޮޒިޓިވްވެގެންހުރެ އޭނާ އާއި ގުޅުން ހިންގީތީއެވެ. ދައްތަ ބުނީ އޭނާ ކުރިކަމެއް ކުރީ އާދޭސްކުރުމުން ކަމަށެވެ. އަމިއްލައަށް އިސްނަގައިގެން ނޫން ކަމަށެވެ. ފިރިމީހާ ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރިއިރު އޭނާ ވަނީ އެޗްއައިވީއަށް ޕޮޒިޓިވްވެފައެވެ.

އަހަރެމެންނަކީ މުސްލިމުންނެވެ. ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގުމަކީ ޙަރާމްކަމެކެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ސަލާމަތްކަން ލިބުން އޮތީ ﷲ ތަޢާލާ އަންގަވާފައި ގޮތަށް އުޅެގެންނެވެ.

ބައަކަށް އަޅުގަނޑުގެ ވާހަކަކޮޅުގައި ބުރަދަނެއް ނެތިދާނެއެވެ. ނަމަވެސް ވިސްނައިފިކުރުކުރާ މީހުންނަށް މިއީ ބުރަދަންހުރި ވާހަކަކޮޅަކަށްވާނެ ކަމަށް ޔަޤީންކުރަމެވެ.

– ޝަމްސިއްޔާ 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *