"ކަނބުލޮ" ބަލައިފީމެވެ! ފިލްމެއް ބެލުމުން ލިބެންޖެހޭ ހުރިހައި އުފަލެއް ލިބުނެވެ! އެއީ ހަމަ ފިލްމެކެވެ. މިހައިތަނަށް އަޅުގަނޑަށް ބެލުނު އެންމެ ރީތި ފިލްމެވެ!
ވާހަކައިގެ ކުދިކުދި ކުންނުތަކުން ފެށިގެން މައި ކުންނާ ހަމައަށް ވާހަކައިގެ ޝައުގު ދަމަހައްޓަން ބޭނުންކޮށްފައިވާ އުކުޅުތައް ވަރަށް ވެސް ތަފާތެވެ! ބައެއް ފިލްމުތައް ބަލަން އޮލިންޕަހުގައި ތިބޭ އިރު އޯޑިޔަންސުން އިވޭ "ނައްސި" ގޮވުންތަކުގެ އަޑާއި ހަޖުލުގެ ހިނިގަނޑުތަކެއްގެ އަޑު އެއްގޮތަކަށް ވެސް ނެތެވެ! އަމުދުން އިންޓޯލްފަހުން މުޅި އެ މާލަމަށް ވެރިވެފައިވަނީ ފުރިހަމަ ހިމޭންކަމެކެވެ! އެއިންހާމަކޮށްދެނީ އެ ފިލްމު އޯޑިޔަންސްގެ ހިތަށް ވަން ކަމެވެ.
ޢައްޒަގެ ލާމަސީލު ހުނަރުތައް ފެނި ހިތަށް ހިތްހަމަޖެހުން ލިބުނެވެ! އޭނާގެ ލޮލުން އެ އޮހުރުނު ކަރުނައަކީ މަސްނޫއީ ކަރުނައެއް ނޫނެވެ. އެއީ އޭނާގެ ހިތުން ކެކިގެން އޮހުނު ފިޠުރީ ޖަޒުބާތެއްގެ ލޭތިކިތަކެވެ. ވަރަށް މޮޅެވެ! "ކަނބުލޮ"ގެ ގާތް އެކުވެރިޔާ ވެސް އެހައިމެ މޮޅެވެ.
ނިމާލާއި އިއްސެގެ ޝަޚުސިއްޔަތު ފެނުނީ އާދަޔާޚިލާފު ފުރިހަމަކަމެއްގެ ގޮތުގައެވެ. ޝަކީލާ ދެއްކީ ހަގީގީ ތަމްސީލުކުރުމެކެވެ! ހިތަށް އެރިއެވެ! ޝަކީލާ ކުޅުނު ބައި އެ ފަދައިން ކުޅެވޭނޭ ހަމައެކަކު ވެސް ނުހުންނާނެއެވެ!
ތެދަށް ދަންނަވާނަމަ، ފިލްމުގެ ކޮންމެ މަންޒަރެއް ވެސް އެހައިމެ ރަނގަޅެވެ! އުފެއްދުންތެރިޔާއަށް ސާބަސް ދަންނަވަމެވެ! މުސައްނިފަށް ޝުކުރާއި ތާރީފު ދަންނަވަމެވެ! ދިވެހި ވެށްޓާއި ދިވެހި މާހައުލުގެ ވަހާއި ރަހައާއި ކުލަހުންނަ މިފަދަ ރިވެތި ދިވެހި ފިލްމުތަކުން ދިވެހި ފިލްމީ ސިނާޢަތު މުއްސަނދިކޮށްދެއްވާށެވެ!
އަބަދުވެސް އެދެނީ ކުރިއެރުމަށެވެ. ފާގަތި މުސްތަގުބަލަކަށެވެ!
- އަޝްރަފް ޢަލީގެ ފޭސްބުކް ޕޯސްޓުން ނަގާފައި