ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ދޫކުރާ އުސޫލުގެ ދަށުން ފްލެޓް ނުލިބޭ ފަރާތްތަކުގެ ގުރުއަތު ނެގުން މާދަމާ ބާއްވާ ގޮތަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ނިންމައިފި އެވެ.
ގުރުއަތު ނެގުން އޮންނާނީ މާދަމާ މެންދުރު ފަހު 3 އިން ފެށިގެން ހައުސިން މިނިސްޓްރީގަ އެވެ.
މާދަމާ ގުރުއަތު ނަގަނީ ގެދޮރުވެރިޔާ ސްކީމުން ލިބޭ ފްލެޓްތައް ކަނޑައެޅުމަށް ނޮވެމްވަރު 16، 2023 ގައި ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބޭ ކަމަށް ޝަރުތުހަމަވާ މީހުންގެ ތެރޭން 73 އިން ފެށިގެން މަތިން މާކްސް ލިބި، ދެ ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި 76 އއަށް ވުރެ މަތިން މާކްސް ލިބި ތިން ކޮޓަރީގެ ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައެވެ.
ގުރުއަތު ނެގުމުގައި ދެމަފިރިންނަށް ވަކިން ފްލެޓް ލިބޭ ހާލަތުގައި، ދެމަފިރިންގެ ތެރެއިން އެއް ފަރާތުން ފްލެޓް ދޫކޮށްލުމަށް ފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައް ވެސް ހިމެނޭނެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި އެއްބަސްވުންތަކުގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު ދަނީ ސޮއިކުރަމުންނެވެ. އަދި ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކާފައިވާ ބައެއް މީހުންނަށް މިހާރު ދަނީ ފްލެޓް ހަވާލު ކުރަމުންނެވެ.