ބައްސާމް 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފި އެވެ.

ބައްސާމްގެ މައްޗަށް ދައުލަތުން ޚިޔާނާތުގެ ދައުވާކުރީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖްތައް އުނިކުރުމަށްފަހު ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާޢީލް ޝަފީއު އިއްވެވި ހުކުމްގައިވާ ގޮތުން އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭއިރު، އެ ޑޮލަރުތައް ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން ހެކިތަކުން އެނގޭ ކަމަށެވެ.

ކުށުގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުން އެދުނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވުމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ދައުލަތުން ވިދާޅުވި ގޮތުގައި ޚިޔާނާތްތެރިވުމުގެ ކުށް ކުރީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ކަމަށްވާތީއެވެ.

ނަމަވެސް ބައްސާމްގެ ފަރާތުން އެދުނީ ކުށުގެ ރެކޯޑެއް ކުރިން ނެތުމުން އަސާސީ މިންގަނޑަށް ވުރެ އަދަބުގެ އެއް ދަރަޖަ ދަށް ކުރުމަށެވެ.

މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީޢު ވަނީ އެ ދަޢުވާ ބައްސާމްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފަ އެވެ.

އޭނާގެ މައްޗަށް ދެން އޮތް މަނީ ލޯންޑަރިންގ ދައުވާއާ ގުޅިގެން ޙުކުމް ކުރުން އެހެން ދުވަހަކަށް ވަނީ ފަސްކޮށްފަ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަސާސީ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ފީފާ އިން އެފްއޭއެމްގެ ބޭނުންތަކަށް ފޮނުވި 10,000 ޑޮލަރަށް ބައްސާމް ޚިޔާނާތްތެރިވި ކަމަށް ދަޢުވާގައި ވެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *