ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަނު ކުރަން ފެންނަ ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ލިސްޓު ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވެވީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާ ރިޕޯޓް ހުށައެޅުމުން މިއަދު ވަނީ ކޮމެޓީން ނިންމި ގޮތަށް ވޯޓަށް އަހާ ގޮތް ނިންމާފަ އެވެ.
ރައީސް ފޮނުއްވެވި ލިސްޓްގައި އަދި ކޮމެޓީން ނިންމި ނިންމުމުގައިވެސް އެންމެ ކުރީގައި އޮތީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު ޒާހިރުގެ ނަމެވެ. އެހެން ކަމުން ފުރަތަމަ ވޯޓަށް އެހީ ވެސް މަހާޒްގެ ނަމަށެވެ.
ނަމަވެސް ވޯޓްގަައި ބައިވެރިވެވި 41 މެންބަރުން ވޯޓް ދިނީ މަހާޒު އެ މަޤާމަށް އައްޔަނުކުރަން ނުފެންނަ ކަމަށެވެ. މަހާޒަށް ވޯޓް ދިނީ ހަތަރު މެންބަރުންނެވެ.
މިއަދު އޮތް ޖަލްސާގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރަން މަޖިލީހުން ނިންމީ ބ. ތުޅާދޫ, ގުލްބަހާރުގެ އިބްރާހިމް އަފީފާއި ދ. މީދޫ, އަކިރިވިލާ ޝައުފާ އިބްރާހީމެވެ.