ބައިވެރިޔާއަށް ތެދުވެރިނުވާ މީހަކަށް ތިމާއަކީ ފުރިހަމަ މުސްލިމެއްކަމަށް ބުނާނީ ކިހިނަކުން ހެއްޔެވެ؟

"ތެދުވެރިވުން" މިބަހުގެ މާނަ ގިނަބައަކު ނަގަނީ ވަރަށް ތިލަކޮށެވެ. ތެދުވެރިވުމަކީ ހަމައެކަނި އަމާނާތަށް ޚިޔާނާތްތެރިނުވުން ކަމަށް ދެކޭ ބައަކުވެސް އުޅެއެވެ. ނަމަވެސް އެވަރަކުން ނުފުދެއެވެ. ކުރާ ކޮންމެ ޢަމަލެއްގައިވެސް ތެދުވެރިވާންޖެހެއެވެ. އަދާކުރާ ވަޒީފާގައިވެސް ތެދުވެރިވާންޖެހެއެވެ. ވިޔަފާރީގައިވެސް ތެދުވެރިވާންޖެހެއެވެ.

އެންމެ ބޮޑަށް ތެދުވެރިވާންވީ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއަށް ތެދުވެރިވުމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމެވެ. އެކަމެއް ކުރުމަށް އަމުރުފުޅުކުރައްވަވާފައިވާ އެންމެހައި ކަންކަން ކުރުމާއި ނުކުރުމަށް އަމުރުކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. މުސްލިމުންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިވާންޖެހޭ ބައެކެވެ. ކުރާ ކޮންމެ ޢަމަލެއްގައިވެސް އަދި ބުނާ ކޮންމެ ބަހެއްގައިވެސް ތެދުވެރިވާންޖެހޭ ބައެކެވެ.

އެއަށްފަހު އެންމެ ބޮޑަށް ތެދުވެރިވާންވީ ޙަޔާތުގެ ބައިވެރިޔާއަށެވެ. އެހެނީ ތިމާގެ ހުރިހާކަމެއް ގުޅިފައިވަނީ ދިރިއުޅުމާއިކަމަށްވާތީއެވެ. އުފާވެރިކަމާއި ހަމަޖެހުން ލިބުން އޮތީ ބައިވެރިޔާއަށް ތެދުވެރިވި މިންވަރެއްގެ މައްޗަށް ކަމުގައިވާތީއެވެ. ވީމާ ތެދުވެރިވާންވީ ވަކި މީހަކު ނޫނެވެ. ދެމީހުންނެވެ.

ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިނުވާނަމަ އެދިރިއުޅުމުގައި ރަހްމަތާއި ބަރަކާތް ލެއްވެވުމަށް އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތާއި ބަރަކާތަށް އެދޭނަމަ އެކަކު އަނެކަކަށް ތެދުވެރިވާށެވެ. ވަފާތެރިންކަމުގައިވާށެވެ! އެފަދަ މީހަކަށްނުވެ ތިމާއަކީ ފުރިހަމަ މުސްލިމެއް ކަމުގައި ބުނެވޭނީވެސް ކިހިނަކުންހެއްޔެވެ؟

ތެދުވެރިވުމަކީ ﷲ ތައާލާގެ އަމުރުފުޅެކެވެ. އިސްލާމްދީނުގެ އެންމެ މުހިންމު އަސާސެވެ! އެ އަސާސްގައި ހިފަހައްޓައިގެން މެނުވީ ޙަޤީޤީ ކާމިޔާބީއެއް ޙާޞިލެއް ނުކުރެވޭނެއެވެ! ވަރަށް ސާބިތުކަމާއިއެކު ބުނަމެވެ. ބައިވެރިޔާއަށް ބޭވަފާތެރިވުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. ބޭވަފާތެރިވާނަމަ އޭނާގެ ދީންވެރިކަމުން ބޮޑުބައެއް އެވަނީ އުނިވެފައެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *