އެކަނިވެރިމައިން – ހިތްވަރުގަދަ ބައެއް

ކޮންމެ ދެމަފިރިއަކުވެސް ކައިވެނީގެ ގޮތުން ޖަހާލާ ގޮށަކީ ނުމޮހޭނެކަމުގެ އުންމީދުގައި މުޅި އުމުރަށް ޖަހާލާގޮށެކެވެ. އެހެންނަމަވެސް ދިރިއުޅުމުގެ މައިދާނުގައި ދިމާވާ އެކިއެކި ކަންކަމާއި ޖެހޭ މައްސަލަތަކުގެ ސަބަބުން އެގޮށްމޮހެވި ދެމީހުން ވަކިވާން ޖެހޭތަން އަންނަނީ މަދެއްކޮށެއްނޫނެވެ. ގިނަފަހަރަށް މިފަދަ ހާލަތްތަކުގައި ދެމީހުންނަށް ލިބިފައިވާ ދަރިންގެ ހުރިހާ ޒިންމާއެއް ނަގަން ޖެހެނީ ދަރިންގެ މަންމައަށެވެ. ބައްޕައިން ޒިންމާ ނުނަގާ ވާހަކައެއް ނޫނެވެ.

ދަރިން ބެލުމުގައި މައިމީހާގެ ދައުރު ބޮޑުވަނީ ކީއްވެ؟

 

އެންމެންވެސް ދައްކަނީ ދަރިން ބަލައި ބޮޑުކުރުމުގައި މައިންބަފައިންގެ ޒިންމާ ހަމަހަމަ ވާހަކައެވެ. ކަން އޮންނަން ޖެހޭނީވެސް ހަމަ މިހެންނެވެ. އެހެން ނަމަވެސް ކަން ހިނގަމުންދަނީ މިބީދަޔަކުން ނޫނެވެ. ކައިވެނި ރޫޅޭ ހިސާބުން މި ޒިންމާގެ ބޮޑުބައި ނަގަން ޖެހިފައި އޮންނަނީ ދަރިންގެ މަންމައަށެވެ. މުޖުތަމަޢަށް ފައިދާހުރި ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގެ ޒިންމާ ނުވަތަ އެ ޤުރުބާނީ އޮންނަނީ މަންމަގެ ބޮލުގައި އެޅިފައެވެ.
ކައިވެނި ރޫޅޭ ހިސާބުން އުޅޭނެ ތަނެއް ހޯދައިގެން ދަރިންކޮޅާއިއެކު ދާންޖެހެނީ މަންމައެވެ. އެގޮތުން ވަޒީފާ އަދާކުރާ އަންހެނެއް ނަމަ މިކަމަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިވެފައި ވީނަމަވެސް ވަޒީފާ އަދާ ނުކުރާ އަންހެނެއް ނަމަ މިއީ އިހުސާސް ކޮށް ނުލެވޭ ވަރުގެ ބޮޑު ބުރައަކަށް ވެގެން ދެއެވެ. ސަބަބަކީ ވަރިވުމަށްފަހު ގިނަ ބައްޕައިން ދަރިންނަށް ޚަރަދު ނުކުރުމެވެ. އެދަރިން ގޮވައިގެން އުޅޭ ތަނުގެ ކުލި ބޮޑުވުމާއި ކެއުންބުއިމުގެ ޚަރަދުތަކާއި ކުދިންގެ އިސްކޫލުގެ ޚަރަދުތައް ކޮށް ނިންމުމަށްފަހު މަންމަ ގެ އަމިއްލަ ބޭނުން ތަކަށް ބޭނުން ކޮށްލާނެ ފަދަވެސް ގިނަ ފަހަރު ނޯވެއެވެ. މީގެ ތެރޭގައިވެސް ދަރިންގެ ހުރިހާ ޒިންމާއެއްނަގައިގެން ވަރަށް ލޯބިން ދަރިންގެންގުޅޭ ބައްޕައިންވެސް އުޅޭކަން އުފަލާއެކު ފާހަގަ ކުރަމެވެ.

އަޅުގަނޑަކީވެސް ވަޒީފާއެއް އަދާކުރަމުން ދެކުދިން ގޮވައިގެން އެކަނި ދިރިއުޅޭ އަންހެނަކީމެވެ. ގޭގެ ކުއްޔާއި ގޭގެ އެކި ބިލް ތަކާއި ކުދިންގެ ފީތަކާއި ސްކޫލުގެ ކަންކަމާއި، ވަޒީފާއަށް ދާތީވެ ގޭގެ ކަންކަން ކުރުމަށް ގެޔަށް ގެނެސްފައި ހުންނަ މެއިޑްގެ މުސާރަ ދިނުމަށްފަހު ގިނަ މަސްމަހު ފަހަށް ރައްކާކޮށްލުމަށް ބައިރުފިޔާއެއްވެސް އިތުރުކޮށް ނުލެވެއެވެ. ދަރިން ބަލަން މީހަކު ގެންގުޅެން ބޭނުން ނުވިޔަސް ދަރިންކޮޅު ކުޑަކަމުންނާއި ވަޒީފާގެ ގޮތުން އެނޫން އިތުރު ގޮތެއް ނެތީއެވެ. ދަރިންގެ ބައްޕަގެ ފަރާތުން ކުޑަނަމަހީވެސް އެހީތެރި ކަމެއް ލިބޭނަމަ ހާދަހާވާ ރަނގަޅޭ ހިތަށްއަރައެވެ. އޭރުން އަޅުގަނޑުގެ އަމިއްލަ ބޭނުންތައް ފުއްދާލެވޭވަރަށް އިތުރު ކޮށް ލެވުނީހެވެ.

މިކަންކަމާއި ގުޅޭ ޤާނޫނުތަކެއް ހެދިފައިހުއްޓަސް އޭގެ ފައިދާ އެންމެ އެދެވޭގޮތަށް ކުރޭބާ؟

 

ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދު ދޭންޖެހޭނެކަމަށް އާއިލާއާބެހޭ ޤާނޫނު 2000/4 ގެ 35 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ހަމަ އެއާއެކު އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީއެހީ ދިނުމާއި ބެހޭ ގަވާއިދު 2016 / 39 ގެ ތިންވަނަ ބާބުގައި ޚަރަދުގެ ގޮތުގައި ކުއްޖާއަށް ދޭންޖެހޭނެ މިންވަރު ބަޔާންކޮށްފައިވެއެވެ. ޤާނޫނުގައި ނުވަތަ ޤަވާއިދު ތަކުގައި މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް މިއަށް އަމަލުކުރަނީ މަދު މީހެކޭ ދެންނެވިދާނެއެވެ. ފެމެލީ ކޯޓުގެ ތަފާސް ހިސާބު ތަކަށް ބަލާލި ކަމުގައި ވިޔަސް ގިނައީ ދަރިންގެ ޚަރަދު ހޯދަން ހުށަހަޅާފައިވާ މައްސަލަ ތަކެވެ. އެހެން ނަމަވެސް އެފައިސާ ނުދެއްކިޔަސް ފައިސާ ހޯދުމަށް ކޯޓުތަކަށް ދުވުމަކީ މަންމައިންނަށް ފަސޭހަ ކަމެއްނޫނެވެ. މިކަންކަމުގައި ހުރި ދަތިތަކާއި އުފުލަން ޖެހިފައި އޮންނަ ބުރަޔާއި ހުރެ ގިނަ މައިންނަށް އޮންނަނީ އެކަންވެސް ނުވެފައެވެ.
އެކަނިވެރި މައިންނަކީ ހިތްވަރުގަދަ ކެރޭ ބައެކޭ މި ދަންނަވަނީ ހަމަ އެކަނި ދަރިންނަށް ލިބެންވާ ޚަރަދު ނުލިބޭތީއެއްނޫނެވެ. ކުޑަކުދިންތަކެއް އިތުރު މީހެއްގެ އެހީތެރިކަމާއި ނުލައި ބޮޑުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. މިކަން އިހުސާސް ކުރެވޭނީ އެކަނި ކުދި ދަރިންތަކެއް ގޮވައިގެން އުޅޭ ބަޔަކަށެވެ. ވަޒީފާއަށް ދަމުން ގޭތެރޭގެ މަސައްކަތްތައް މެނޭޖްކުރަމުން ކުދިން ސްކޫލަށް ނުވަތަ ޓިއުޝަންތަކަށާއި ސްކޫލްގެ އިތުރު ހަރަކާތްތަކަށް ގެނެސް ގެންގޮސް ހެދުމަކީ ބުރަބޮޑު ކަމެކެވެ. މިދެންނެވި ބީދައިން ކުދިންގޮވައިގެން އުޅޭ އެކަނިވެރި ބައްޕައިންވެސް އެކުރާ ބުރަ މަސައްކަތް އުފަލާއެކު ފާހަގަ ކުރަމެވެ.
މައިން ބަފައިން ވަކިވެފައި ތިބި ކަމުގައި ވިޔަސް ދަރިންގެ ކަންކަމުގައި މަންމައާއި ބައްޕަގެ ހިއްސާވުން ހަރުދަނާ ވާން އެބަޖެހެއެވެ.

– އަޒޫ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *