މުދަލުގެ ޙުރުމަތް

ހަމަކަށަވަރުން މާތް  ވަނީ، ކޮންމެ އިންސާނެއްގެ އަޖަލާއި އޭނާގެ ރިޒުޤާއި އޭނާއަކީ، ބާއްޖަވެރިއެއްކަން ނުވަތަ އަބާއްޖަވެރިއެއްކަން ލިޔުއްވައިފައެވެ. ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުމެ، ސާޅީސް ދުވަސް ވަންދެން، އޭނާގެ މައިމީހާގެ ބަނޑުގައި ގަރުބަގަނެ، އޭނާ އުފެދެމުން އާދެއެވެ. ދެން ގަނޑުލޭކޮޅަކަށްވެ، ހަމަ އެހައި ދުވަހު އެ ގޮތުގައި އޮވެއެވެ. ދެން މަސްކޮޅަކަށްވެ، ހަމަ އެހައި ދުވަހު އެ ގޮތުގައި އޮވެއެވެ. ދެން މާތް  އޭނާގެ ގާތަށް މަލާއިކަތަކު ފޮނުއްވަވައި، އެ މަލާއިކަތާއަށް ހަތަރު ކަމެއް ލިއުއްވުމަށް އަމުރުކުރެއްވޭނެއެވެ. އެއީ، އޭނާގެ ޢަމަލާއި، ރިޒުޤާއި، އަޖަލާއި، އޭނާއަކީ އަބާއްޖަވެރިއެއްކަން ނުވަތަ ބާއްޖަވެރިއެއްކަން ލިޔުއްވުމަށެވެ!"[1]

އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތް ﷲ ކަނޑައަޅުއްވައިފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރީން އޭނާގެ އަޖަލާ ބައްދަލެއް ނުކުރާނެއެވެ. ރަސޫލު  صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (أَيُّهَا النَّاسُ! اِتَّقُوا اللهَ وَأَجْمِلُوْا فِي الطَّلَبِ فَإِنَّ نَفْسًا لَنْ تَـمُوْتَ حَتَّى تَسْتَوْفِـيَ رِزْقَهَا وَإِنْ أَبْطَأَ عَنْهَا فَاتَّقُوا اللهَ وَأَجْمِلُوْا فِي الطَّلَبِ خُذُوْا مَا حَلَّ وَدَعُوْا مَا حَرُمَ‏)[2] މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މާތް އަށް ތަޤުވާވެރިވާށެވެ! އަދި ރިޒުޤު ހޯދުމަށް، ރިވެތި ގޮތުގައި އެދޭށެވެ. ހަމަކަށަވަރުން އެއްވެސް ނަފުސެއް، ރިޒުޤުލިބުން ލަސްވިކަމުގައި ވިޔަސް، އެ ނަފުސަކަށް ކަނޑައެޅިފައިވާ ރިޒުޤު ފުރިހަމަކޮށްފުމަށް ދާންދެން މަރެއްނުވާހުއްޓެވެ. އެހެންކަމުން، މާތް އަށް ތަޤުވާވެރިވާށެވެ! އަދި ރިޒުޤު ހޯދާން، ރިވެތި ގޮތުގައި އެދޭށެވެ! ތިޔަބައިމީހުން ޙަލާލު ތަކެތި ލިބިގަންނާށެވެ! އަދި ޙަރާމު ތަކެއްޗާ ދުރުހެލިވާށެވެ!"

މާތް  އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްރެރިވީ ފަދައިންނެވެ."[3]

މާތް  ވަނީ، އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ  މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައިފައެވެ. ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައިފައެވެ. އަދި ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރާން މަސައްކަތްކުރުމަށް އެންގެވިއެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ إيمانވެއްޖެ މީސްތަކުންނޭވެ! باطلގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެ ފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ."

ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް  ބަރަކާތްލައްވާނޭ ކަމެކެވެ. އަދި އަހަރެމެންގެ ޢަމަލުތައް މާތް ގެ ޙަޟުރަތުގައި ޤަބޫލުވެވޭނޭ ކަމެކެވެ. ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (‏قَدْ أَفْلَحَ مَنْ أَسْلَمَ، وَرُزِقَ كَفَافًا، وَقَنَّعَهُ اللهُ بـِمَا آتَاهُ)[4] މާނައީ: "އިސްލާމްވުމާ އެކު، މާތް الله އެ މީހަކަށް ފުދުންތެރިކަންދެއްވައި، އަދި އޭނާއަށް އެކަލާނގެ ދެއްވި އެއްޗެއްގެ މައްޗަށް ރުހިގެންވާ މީހާ،  ހަމަކަށަވަރުން ކާމިޔާބުވެއްޖެއެވެ." 

ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެކެވެ. އަދި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެކެވެ. ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ. ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ! ރަސޫލު صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (يَا كَعْبُ بْنُ عُجْرَةَ! إِنَّهُ لَا يَدْخُلُ الْـجَنَّةَ لَـحْمٌ وَدَمٌ نَبَتَا عَلَى سُحْتٍ، اَلنَّارُ أَوْلَى بِهِ)[5] މާނައީ: "ހަރާމް ތަކެތި ކައިގެން ހެދިބޮޑުވެފައިވާ މީހަކު، ސުވަރުގެ ނުވަންނަހުއްޓެވެ. އޭނާއަށް އެއްމެ އައުލާކަން ބޮޑީ ނަރަކައެވެ."

މާތް ގެ އަޅުތަކުންނޭވެ! ޙަލާލު ގޮތުގައި ރިޒުޤު ހޯދާން މަސައްކަތްކުރުމަށް އިސްލާމް ދީން ބާރުއަޅުއްވައިފައި ވެއެވެ. ރަސޫލު صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ)[6] މާނައީ: "އެއްވެސް މީހަކު، އެ މީހެއްގެ އަމިއްލަ އަތުންކުރާ މަސައްކަތުން ހޯދާ އެއްޗަކަށް ވުރެ ރަނގަޅު އެއްޗެއް ކާކަމުގައެއް ނުވެއެވެ."  މާތް ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެކަލާނގެއީ، ތިޔަބައިމީހުންނަށް ޓަކައި، ފަސޭހަ ތަނެއްކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެ ތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒުޤުން ކާށެވެ!"

މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ޙާލާ މެދު ފިކުރުހިންގާ އިރު، އަހަރެމެންނާ ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާ މެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުމާއެވެ. ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދީނުގައި ބާރުއަޅުއްވައިފައިވެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ މާތްﷲ ރުއްސަވާމަގުން ޙަލާލު ތަކެތި ހޯދާ، ޙަލާލު ތަކެތި ކައިބޮއިއުޅޭ ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން!

  • މިއަދުގެ ހުކުރު ޚުޠުބާއިން…
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *