އާބާދީގައި ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ އެފްރިކާ ބައްރުގެ ކުޑަ ގައުމެއް ކަމަށްވާ ކޭޕް ވާޑޭ، އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވެ ތާރީހުން ޖާގަ ހޯދައިފިއެވެ .
ކޭޕް ވާޑޭ އިން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ޖާގައެއް ހޯދާފައިވަނީ އެފްރިކާގެ ކޮލިފައިންގެ ގްރޫޕް ޑީ ގައި މިހާތަނަށް ކުޅުނު 10 މެޗުން 23 ޕޮއިންޓް ހޯދައި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނައިގައި އޮތް އެފްރިކާގެ ގަދަ ބާރެއް ކަމުގައިވާ ކެމަރޫން އަށް 10 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.
އެސްވަޓިނީ އާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކޭޕް ވާޑޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މައިގަނޑު ގޮތެއްގައި ޔޫރަޕަށް ނިސްބަތްވާ ކުޅުންތެރިންނާއެކު އެކުލަވާލި ކޭޕް ވާޑޭ ޓީމުން ވަނީ މި ފާއިތުވި އަހަރުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަ ފައިނަލުން އެ ގައުމު ވަނީ ޖާގަ ހޯދާފައެވެ.
ޔޫރަޕްގެ ނަން މަޝްހޫރު ފަސް ލީގުގައި ކުޅޭ އެއްވެސް ކުޅުންތެރިން ހިމެނިފައިނުވާ ކޭޕް ވާޑޭ އިން ވަނީ ޔޫރަޕްގެ އިތުރުން އެފްރިކާގެ ދަށް ލީގު ތަކުގައި ކުޅެމުންދާ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމަނާފަ އެވެ.
ކޭޕް ވާޑޭ އަށް ކޮލިފައިންގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވަނީ މިދިޔަ މަހު އަމިއްލަ ގައުމުގައި ކެމަރޫން އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެ ގައުމު މޮޅުވުމުންނެވެ. އަދި އެ ނަތީޖާ އާއިއެކު އެ ޓީމަށް އޮތީ ކުރިއަށް އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެން ވޯލްޑްކަޕަށް ކޮލިފައިވުމުގެ ފުރުސަތު ހުޅުވިފަ އެވެ.