ފައިދާ ހުރި ރަނގަޅު ކާނާ، ހެޔޮ އަގުގައި ބާޒާރުން ލިބޭނެ މަގު ފަހިކުރާނަން: ރައީސް

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަން ސަރުކާރުން ޢަމަލީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ޞިއްޙަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭންޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ޞިއްޙީ އާދަތައް ހިފެހެއްޓުންކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ޤައުމީ ފެންވަރުގައި، ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލެއްވީ ދިވެހީންގެ ކެއިންބުއިމުގައި ބަރަކާތްލައްވައި، ބަލިތަކާ ދުރު، ދުޅަހެޔޮ ބައެއްގެ ގޮތުގައި ލެހެއްޓެވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް، ކާބޯތަކެތީގެ މުހިންމުކަން ފާހަގަކުރައްވައި އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައިވެއެވެ. އެކަމަނާގެ މި މެސެޖުގައި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު ކާނާއަކީ އަސާސީ ބޭނުމެއްގެ އިތުރުން ހައްޤެއް ކަމުގައި ވަނީ ސިފަކުރައްވާފައެވެ. އަދި ކާބޯތަކެއްޗަކީ ހަށިގަނޑަށް ބޭނުންވާ ކާނާ ކަމަށާއި، އެކިއެކި ސަގާފަތްތަކާއި ތަފާތު މުޖުތަމަޢުތަކުގެ ގުޅުންތައް ބަދަހިކުރުމުގައި ކާބޯތަކެތީގެ ދައުރުވެސް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ފެށިގެން ހަމަނުޖެހުންތައް އާންމުވަމުންދާ މިފަދަ ޒަމާނެއްގައި އެންމެން އަތާއި އަތް ގުޅާލައި، ގުޅުންތައް ވަރުގަދަކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތައް ހަރުދަނާކޮށް، މާނަހުރި ބަދަލުތަކަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. ބަނޑުހައިހޫނުކަން ނައްތާލައި، ކާނާއިން ހަށިގަނޑަށް ލިބޭ ފައިދާ އިތުރުކުރެވި، ކާނާގެ ޔަޤީންކަން ހޯދޭނީ އެކުގައި މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *