ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ "ބާނި" ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި, ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅުގައި މިއަދު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި 623 މީހުން ބައިވެރިވި އެވެ. ބާނި އިވެންޓުގެ ބައިވެރިން ވަނީ ވިލިނގިލިފަރު ފިނޮޅާ ކައިރި އެކި ސަރަހައްދުތަކަށް ފީނާ ރެކޯޑު ގާއިމްކުރުމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ. މި ހަރަކާތަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެކެވެ.
ދުނިޔޭގެ ރެކޯޑް ފޮތުގެ އިތުރުން މި ރެކޯޑު ވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މިކަމުގެ ޝަރަފުގެ ހަނދާނީ ފިލާ އަދި ކޮއިން ބ. އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވީ މި ކޯޕަރޭޝަނުގެ މޭނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ އެވެ.
ބާނި އިވެންޓު ކުރިއަށް ގެންގޮސްފައި ވަނީ 13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާ އެކު އެވެ. މިހަރަކާތުގައި ބައިވެރިވި މީހުންގެ ތެރޭގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނެ އެވެ.
ބ.އަތޮޅު އޭދަފުއްޓާއި ދިހަ މިނެޓް ދުރުމިނުގައި އޮންނަ ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރު ދޫނި ޖަމާވާ ފިނޮޅެއްކަމުން، މި ހަރަކާތާއެކު، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ދައްކައިދޭ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ. މި ފިނޮޅުގެ ވަށައިގެންވާ ސަރަހައްދަކީ އެކި ކުލަކުލައިގެ މުރަކަ އާއި ކަނޑުފަޅުގެ އެކި ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ރީތި ސަރަހައްދެކެވެ.