އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025- 2027 ގެ ތިންވަނަ ދަރެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދަވައިފިއެވެ. މިއަދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ދަރެހުގައި، ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުއައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ދަރެސް ކުރިއަށްގެންދަވާފައިވަނީ، "ކްރިޓިކަލް ތިންކިންގ އެންޑް ޕްރޮބްލަމް ސޯލްވިންގ" މި މައުޟޫޢަށް، މުޙައްމަދު މިސްޠަޙް އެވެ. އެ ދަރެހުގައި ވަނީ، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތުގައި ނަޤުދީ ފިކުރު ވުޖޫދުވެގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކަންކަމާ މެދު ފިކުރުހިންގައި، ބުއްދިވެރިކަމާއެކު ގޮތްނިންމުމަކީ، އިސްވާރުކަމާއި އިޢުތިޤާދުގެވެސް މުހިންމު ދެ ބަހާކަން ބަޔާންކޮށްދެއްވާފައެވެ.
މުޅި ދަރެހުގައިވެސް މިސްޠަޙް ވަނީ، ތިމާގެ ކިބައިގައި ނަޤުދީ ފިކުރުހިންގުމުގެ ހުނަރު އަށަގެންނެވުމުގެ މުހިންމުކަން ތަކުރާރުކޮށް ބަޔާންކުރައްވާފައެވެ. އެގޮތުން، ނަޤުދީ ފިކުރުހިންގުމުގެ ހުނަރު އަށަގެންނެވުމަށް ބޭނުންކުރެވިދާނޭ ހަ އިސްތިރާޖުކަމުގައިވާ، މަސައްކަތާ ބެހޭގޮތުން ބަހުސްކުރުމަށް ބާރުއެޅުމާއި، ދެވަނަ މީހެއްގެ ޚިޔާލު ހޯދުމަށް ބާރުއެޅުމާއި، ކަންކަމާ މެދު ސުވާލުކުރުމުގެ ވެއްޓެއް އުފެއްދުމާއި، މައްސަލަތަކަށް ޙައްލު ހޯދުމުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރުމުގެ ބަދަލުގައި މުޅި މައްސަލައަށް ނަޒަރު ހިންގައިގެން ޙައްލު ހޯދުމާއި، އެއްގޮތް ކަންކަން ދެނެގަތުމާއި، އެއް ނަޒަރަށް ވުރެ ގިނަ ނަޒަރުން ކަންކަން އޮޅުންފިލުވުމުގެ މައްޗަށް އެ ދަރެހުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެ އިތުރުން، އާ ގޮތްގޮތަށް ކަންކަމާ މެދު ވިސްނުމަށާއި، ތިމާގެ ޢަމަލުތަކާމެދު ފިކުރުހިންގުމަށް ވަގުތު އެކަށައެޅުމަށާއި، އެހެން މީހުންގެ ލަފާ ހޯދުމަށާއި، އަމިއްލަ ނަފުސު ތަރައްޤީކުރުމަށާއި، ފޮތްތެރިކަމުގެ އެހީގައި އުނގެނެމުން ދިއުމަށް، އެ ދަރެހުގައި ބާރުއަޅުއްވާފައިވެއެވެ. މިސްޠަޙްގެ ދަރެސް ނިންމަވާލައްވާފައިވަނީ، އެހެނިހެން ހުނަރުތަކެކޭ އެއްފަދައިން ތިމާގެ ސިކުނޑި އިތުރަށް ތަރައްޤީކޮށް ތޫނުފިލިކުރުމަށްޓަކައިވެސް، ތަމްރީނު ބޭނުންވާނޭކަން ބައިވެރިންނަށް ހަނދުމަފުޅުކޮށްދެއްވަމުންނެވެ.
އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެފެއަރޒް އޮފީސް (ޕީ.އޭ.އޯ) ގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް (ޕީ.އޭ.ޕީ.އެމް) ޔުނިޓްގެ އިސްނެންގެވުމުގެ މަތިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.