އިސްލާމީ އަންހެން ޝަޚުޞިއްޔަތު- ހައުލާ ބިންތު އަޒްވަރު

ހައުލާ ބިންތު އަޒްވަރަކީ މުސްލިމް އަންހެނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ  ހަނގުރާމަވެރި ފަހުލަވާނެކެވެ. މުސްލިމުން ޝާމު ފަތަހަ ކުރި ހަނގުރާމައިގާ ހައުލާ ބިންތު އަޒްވަރު ބައިވެރިވެވަޑައިގަތެވެ. އެއީ މިހާރު ފަލަސްތީނާއި، ސީރިޔާއާއި ޖޯޑަން ހިމެނޭ ސަރަހައްދެވެ.

ހައުލާއަކީ އިސްލާމީ ތާރީޚުގައި ފާހަގަކުރެވޭ އެންމެ ހުނަރުވެރި ހަނގުރާމަވެރި ފަހުލަވާނެވެ. އެއީ މުޙައްމަދު ﷺ  ގެ ސަހާބީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަންހެން ބޭފުޅެކެވެ.

މީލާދީން ހަތްވަނަ ގަރުނުގައި އުފަންވެވަޑައިގެންނެވި ހައުލާއަކީ ބަނޫ އަސަދު ގަބީލާގެ ތާރިގް ބިން އައުސްގެ ދަރިކަނބަލެކެވެ. ޚަލީފާ ޚުލަފާއުއްރާޝިދޫންގެ ދައުރުގައި އެކަމަނާ މުސްލިމުންގެ ހަނގުރާމަތަކުގައި ބައިވެރިވެވަޑައިގަތެވެ. ބުނެވޭގޮތުގައި އެއީ މުސްލިމުންގެ ކަނޑީގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ ޚާލިދު ބުން ވަލީދުފަދަ ފަހުލަވާނެކެވެ.

ހައުލާ ބިންތު އަޒްވަރާއި އެކަމަނާގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު ދަރާރު އިސްލާމްވެ ވަޑައިގަތީ ހަންދަގު ހަނގުރާމައަށް ފަހުގައެވެ. ދަރާރުއަކީ ހަނގުރާމައިގެ އުކުޅުތައް ދެނެވަޑައިގަންނަވާ މޮޅު ހަނގުރާމަވެރިއެކެވެ. ދަރާރުއާއި ހައުލާއަކީ އެއްބަޔަކު އަނެއްބައެއްދެކެ އިންތިހާއަށް ލޯބިވެވަޑައިގަންނަވާ ދެބެންނެވެ. އެކަމަނާއަށް ހަނގުރާމައިގެ އުކުޅުތަކާއި ހަނގުރާމަ ކުރަން ދަސްކޮށްދެއްވީ ދަރާރުއެވެ. ދުނި އުކާށާއި، ކަނޑީގެ އުކުޅުތަކާއި، މާޝަލް އާޓްވެސް ހައުލާ ދަސްކުރެއްވީ ދަރާރުގެ އަރިހުންނެވެ. ވަރަށްގިނަ ހަނގުރާމަތަކުގައި އެކަމަނާގެ ބޭބޭފުޅުގެ އަރިހުގައި ބައިވެރިވެ ވަޑައިގެން މުސްލިމުންނަށް ކާމިޔާބު ހޯދާދެއްވިއެވެ.

މީލާދީން 630 ވަނައަހަރު ދިމިސްކަސް ހިފުމަށް ރޯމަނުންނާއި ދެކޮޅަށް ވަރަށް ވަރުގަދަ ހަނގުރާމައެއް މުސްލިމުން ކުރިއެވެ. އެ ހަނގުރާމައިގާ އެކަމަނާގެ ބޭބޭފުޅު ދަރާރުއަކީ މުސްލިމު ލަޝްކަރުގެ އިސްވެރިޔާއެވެ. އެ ހަނގުރާމައިގާ ދަރާރަށް ވަރަށްބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެން ދުޝްމަނުންގެ އަތްދޮށުގައި ގައިދުވެވަޑައިގަތެވެ.

އެ ޚަބަރު ލިބިވަޑައިގަތުމާއިއެކު މުސްލިމުންގެ ކޮމާންޑަރ ޚާލިދު ބުން ވަލީދު ލަޝްކަރަކާއިއެކު ދަރާރު މިނިވަން ކުރެއްވުމަށް ވަޑައިގަތެވެ. ހައުލާވެސް ބައެއް ހަނގުރާމަވެރިންނާއިގެން ދަރާރު މިނިވަންކުރެއްވުމަށްޓަކައި ހަނގުރާމަވެރި އާލާތްތަކާއިއެކު ކަޅުހެދުމެއް އަޅުއްވައިގެން ފެހިކުލައިގެ ޝޯލެއް އަޅުއްވާ މޫނު ނިވާކުރެއްވައިގެން ވަޑައިގަތެވެ. އަދި އެއީ އެކަމަނާކަން އެއްވެސް މީހަކަށް ނާންގަވާ ސިއްރިއްޔާތުގައި ދުޝްމަނުންނާއި ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ. އެ ހަނގުރާމައިގާ އެކަމަނާގެ ޖޯޝާއި ފޯރީގައި ވަރުގަދައަށް ހަނގުރާމަ ކުރައްވަމުން ވަޑައިގެންނެވިއިރު އެއީ މުސްލިމުންގެ ކޮމާންޑަރ ޚާލިދު ބުން ވަލީދުކަމަށް މުސްލިމުން ގަބޫލުކުރިއެވެ.

މުސްލިމުންގެ ތާރީޚު ލިޔުއްވުންތެރިޔާ އަލްވަގީދީ ލިޔުއްވާފައިވާ "މުސްލިމުން ޝާމްކަރަ ފަތަހަކުރުން." ފޮތުގައި ބަޔާންކުރައްވާފަައިވަނީ މިފަދައިންނެވެ.

ފަލަސްތީނުގެ ގާޒާ ކައިރީގައި އޮންނަ ބަޢިތު ލަހްޔާ ކައިރީގައި މުސްލިމުން ރޯމަނުންނާއި ދެކޮޅަށް ކުރަމުންދިޔަ ވަރުގަދަ ހަނގުރާމައިގައި ކަޅުކުލައިގެ ހެދުމަކާއި ފެހިކުލައިގެ ޝޯލެއް އަޅައިގެން މޫނުނިވާކޮށްގެން ހުރި ހަނގުރާމަވެރިއަކު ވިއެވެ. އޭނާގެ ދުނިދަނޑިތަކުން ރޯމަނުންގެ ސަފުތައް ބައިބައިކޮށްލިއެވެ. ދުނިއުކަމުން ރޯމަނުން ބަލިކުރަމުން އެ ހަނގުރާމަވެރިޔާ ކުރިއަށް ދިޔައެވެ. އޭނާގެ ރައްކާތެރިކަމަށްވެސް ނުބަލާ ކުރިއަށް ދިޔައީ މަރަށްވެސް ޖެހިލުމެއްނެތި ވަރަށް ޖޯޝުގައެވެ. އެންމެންވެސް ހީކުރީ އެއީ ޚާލިދު ބުން ވަލީދުކަމަށެވެ. އެކަލޭގެފާނު އެތަނަށް ވަޑައިގަންނަވަންދެންނެވެ."

ހައުލާ ހިތްވަރާއިއެކު ރޯމަނުންނާއި ހަނގުރާމަކުރަމުން އެމީހުންގެ 30 މީހުން ގަތުލު ކުރެއްވިއެވެ. އޭރުވެސް މުސްލިމުންގެ ލަޝްކަރު ހީކޮށްގެން ތިބީ ހައުލާއަކީ ޚާލިދު ބުން ވަލީދުކަމަށެވެ. ނަމަވެސް އެވަގުތު ޚާލިދު ބުން ވަލީދު އެތަނަށް ވަޑައިގަތުމުން ހައުލާއަކީ ކާކުތޯ ބެއްލެވުމަށް އެކަލޭގެފާނު އެދިވަޑައިގަތެވެ. އަދި ފޮރުވާފައިވާ މޫނުދެއްކެވުމަށާއި ހައުލާއަކީ ކާކުތޯ ބެއްލެވުމަށް އަމުރުކުރެއްވިއެވެ. ޚާލިދު ބުން ވަލީދު ތަކުރާރުކޮށް އަމުރު ކުރެއްވުމުންވެސް ޖަވާބު ނުދެއްވާ ދެން ނުހުންނެވޭނެކަން ޔަގީންވެ ވަޑައިގަތުމުން އެކަމަނާގެ ބުރުގާ ނުބޭލެއްވޭނެކަމަށާއި އެއީ ބަނޫ އަސަދު ގަބީލާގެ ތާރިގް ބިން އައުސްގެ ދަރިކަނބަލުންކަމަށް ހައުލާ ވިދާޅުވިއެވެ.

ދެން ޚާލިދު ބުން ވަލީދުގެ އަރިހުގައި ހަނގުރާމަކުރައްވާ ރޯމަނުން ބަލިކުރައްވާ ގައިދުވެފައިތިބި މުސްލިމުން ހޯއްދަވާ އެމީހުން ސަލާމަތް ކުރެއްވިއެވެ. ހައުލާ ވެވަޑައިގަތީ ގިނަ ހަނގުރާމަތަކެއްގައި ބައިވެރިވެ ވަޑައިގެންނެވި ފަހުލަވާނަކަށެވެ. އެކަމަނާގެ ހިތްވަރުފުޅު ގަދަކާމައި އެކަމަނާގެ ހަނގުރާމައިގެ އުކުޅުތައް މިއަދު މުސްލިމު ސްކޫލުތަކުގައި ކިޔަވައިދެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *