އިސްލާމީ އަންހެން ޝަޚުޞިއްޔަތު- ސައްޔިދާ އަލް ހުރާ(ކަނޑުގެ ރާނީ)

ސައްޔިދާ އުފަންވެ ވަޑައިގަތީ ސްޕެއިންގައި މުސްލިމުންގެ ވެރިކަން އެންމެ ފަހަކާޖެހެންދެން އޮތް ގްރަނާޑާއަށެވެ. އެކަމަނާގެ ނަސަބުފުޅު ގުޅެނީ ޝާރިފް އަބްދުއްސަލާމް އަލް އަލާމީ އަދި ހަސަންބިން އަލީ އާއެވެ. އެއީ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ދަރިކަނބަލުން ފާތިމަތުގެ ފާނުގެ ފިރިކަލުންނެވެ. އެހެންކަމުން އެކަމަނާއަކީ ނަސަބުގެ ގޮތުން މިއުންމަތުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގުޅިވަޑައިގެންފައިވާ ބޭފުޅެކެވެ. އެކަމަނާގެ އަސްލު ނަމަކީ ލައްލާ އައިޝާ ބިންތް އަލީ ރަޝީދު އެވެ. އެކަމަނާ ފާހަގަކުރެވެނީ ހުޅަނގުގެ މޮޑާން އޭޖް ގައި އިސްލާމީ ތާރީޚުގައި ފާހަގަ ކުރެވޭ މަޝްހޫރު ހަނގުރާމަވެރި ބޭފުޅެއްގެ ގޮތުގައެވެ.

އެކަމަނާއަކީ ކުޑައިރުގައި ނުހަނު ރައްކާތެރި އަދި އެހާމެ އުފާވެރި މާހައުލެއްގައި ބޮޑުފުޅުވި ބޭފުޅެކެވެ. ރަނގަޅު ތައުލީމު ލިބިވަޑައިގަތުމުގެ އިތުރުން ގިނަ ބަސްތަކަކަށް އެހާމެ ފަރިތައެވެ. އެގޮތުން ސްޕެނިޝްއާއި ޕޯޗުގީސްބަސް ފާހަގަކޮށްލަން ޖެހެއެވެ.  ޖިއޯމެޓްރީ، އަލްޖިބްރާ ފަދަ ޢިލްމުތަކަށްވެސް ކުޅަދާނަ ބޭފުޅެކެވެ. އުމުރުފުޅުން 16 އަހަރުގައި އުމުރުން 30 އަހަރުގެ އަބޫހަސަން އަލް މަންދާރީއާއި ކައިވެނި ކުރެއްވިއެވެ. އެއީ މޮރޮކޯގެ ސަރަހައްދެއްކަމުގައިވާ ތިތްވާންގައި ވެރިކަމެއް އުފައްދަވާ އާބާދުކުރެއްވިި ބާނީ އަލީ އަލް މަނދާރީގެ ކާފަ ދަރިކަލުންނެވެ. ބެލެވޭގޮތުގައި މި ކައިވެންޏަކީ އެ ސަރަހައްދު ތަރައްޤީ ކުރުމުގެ އިތުރުން ވެރިކަން ކުރުމަށް ފަސޭހައަށް ރޭވިގެން ކުރެވުނު ކައިވެންޏެކެވެ.

މީލާދީން 1492 ވަނައަހަރު ސްޕެއިންގައި އޭރުއޮތް އިސްލާމީ ވެރިކަން ނިމުމުން އެކަމަނާގެ އާއިލާއާއެކު  މޮރޮކޯއަށް ހިޖްރަކުރެއްވިއެވެ. އެއީ ސްޕެއިންގައި މުސްލިމުންނަށް އިންތިހާއަށް އަނިޔާ ލިބެމުން ދިއުމުގެ ސަބަބުންނެވެ. އެއަށްފަހު މޮރޮކޯގެ އުތުރު ސަރަހައްދުގެ ތިތްވާންގައި އެކަމަނާގެ ފިރިކަލުންނާއިއެކު އެސަރަހައްދު އަނެއްކާވެސް ޒަމާނާ ގުޅޭގޮތަށް އާބާދުކުރެއްވިއެވެ. މިއީ އިސްލާމީ ތާރީޚުގައި އަންހެނަކު ވެރިކަން ކުރެއްވި ހިތްވަރުފުޅުގަދަ ނަމޫނާ އަންހެން ބޭފުޅެކެވެ.

ސައްޔިދާއަކީ 16ވަނަ ގަރުނުގައި  މުސްލިމުންނާއި ކުރިސްޓިއަނުން ކުރި ހަނގުރާމައިގާ އެންމެ ފާހަގަ ކުރެވޭ އަންހެންބޭފުޅެކެވެ. އުސްމާނީ ދައުލަތުން ކޮންސިޓެންޓް ނޯޕެލް ހިފާ 1453 ވަނަ އަހަރު ރޯމަނުންގެ ވެރިކަން ނިންމިއިރު އެކަމަނާގެ އުމުރުފުޅަކީ އެންމެ ދެއަހަރެވެ. އޭރު ޕޯޗުގީޒުން މެޑްޓްރޭނިއަން ކަނޑުގެ ސަރަހައްދުގައި ބާރުފޯރުވަމުން ދިޔައެވެ. އެކަމަނާ މޮރޮކޯއަށް ހިޖްރަކުރެއްވި ދުވަސްވަރަކީ  ޕޯޗުގީޒުން މުޅި އެސަރަހައްދުގެ ކަނޑުތަކުގައި ބާރުފޯރުވާ އެމީހުުންގެ އަޅުވެތިކަމުގެ ހިތިކަން އެންމެގަދައަށް މުސްލިމުންނަށް ކުރަމުން ދުވަސްވަރެވެ.

އެކަމަނާގެ އާއިލާއާއެކު  މޮރޮކޯއަށް ހިޖްރަކުރެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިރިކަލުން އަވަހާރަވިއެވެ. މީލާދީން 1515 ވަނައަހަރު އެކަމަނާގެ ފިރިކަލުން އަވަހާރަވުމުން އެސަރަހައްދުގައި އެކަމަނާގެ ފުރިހަމަ ބާރު އޮތް ވެރިކަމެއް ކުރެއްވިއެވެ. ނަސާރާއިންގެ ހަމަލާތަކުން އެސަރަހައްދު ދިފާއު ކުރެއްވުމުގައި އަމަލީގޮތުންވެސް އެކަމަނާ ބައިވެރިވެވަޑައިގަތެވެ.އެއީ އޭރު އޮތް ނަސާރާއިންގެ އަޅުވެތިކަމުން މީހުން ސަލާމަތްކުރެއްވުމަށާއި ޚާއްސަކޮށް އަންހެނުން އަޅުވެތިކަމުން ސަލާމަތް ކުރުމަށެވެ.

އެކަމާނާއަކީ އެކަމަނާ ގަބޫލުކުރައްވާ އުސޫލުތަކުގައި ދެމިހުންނެވި ބޭފުޅެއްކަމުން އެއްވެސް ދައުލަތަކަށް ބޯ ނުލަންބަވާނެ ވަރުގަދަ ޝަޚުސިއްޔަތެއްގެ ގޮތުގައި ދެމިހުންނެވި ވެރިއެކެވެ. އެއީ ވެރިކަމުގައި ގޮތް ދޫނުކުރަށްވާ ގައުމުގެ ހިމާޔަތުގައި ސާބިތުވެ ވަޑައިގެންނެވި އަންހެން ބޭފުޅެކެވެ. މޮރޮކޯގައި އިސްލާމީ ވެރިކަމެއް ގާއިމު ކުރެއްވުމުގައި އެކަމަނާއަކީ އެންމެ ފަހަކާޖެހެންދެން ދެމިހުންނެވި ރާނީއެވެ. އެއީ ތިތްވާންންގެ ރާނީއެވެ. ހުޝިޔާރު އަދި ވިސްނުން ތޫނު ބޭފުޅެކެވެ. ވެރިކަން ލިބިވަޑައިގަތުމުގެ ކުރިން އެންމެފުރަތަމަ އެކަމަނާގެ ފިރިކަލުންގެ ވިޔަފާރިގައި ބައިވެރިވެ ވަޑައިގަތެވެ. ދެން އައަށްފަހު ގައުމުގެ ވެރިކަމުގެ ތެރެއަށް ވެދެވަޑައިގަންނަވާ ހިންގުމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަތެވެ. ވެރިކަމުގެ މަސައްކަތްޕުޅުގެ ގޮތުގައި އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަތީ ތިތްވާންގެ ވައިސް ގަވަރނަރެއްގެ ގޮތުގައެވެ. އެއަށްފަހު ފިރިކަލުން އަވަހާރަވުމުން އެސަރަހައްދުގެ ވެރިކަމާ ހަވާލުވެވަޑައިގަތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަލް ހުރާގެ ލަގަބް ލިބިވަޑައިގަތެވެ.

ސައްޔިދާ މަޝްހޫރުވެވަޑައިގެންފައިވަނީ ކަނޑުފޭރޭ ރާނީއެއްގެ ގޮތުގައެވެ. އެއީ އޭނާގެ ވެރިކަމަކީ ރަސްމީ ވެރިކަމެއްކަމަށް ބަޔަކު ގަބޫލުނުކުރާތީއެވެ. އެކަމަނާ މެޑްޓްރޭނިއަން ކަނޑުގެ ބޮޑު ސަރަހައްދެއް ކޮންޓުރޯލް ކުރެއްވިއެވެ. އެކަމަނާގެ ނާފަހަރުތައް ޕޯޗުގަލް އާއި ސްޕޭންގެ ނާފަހަރުތަކަށް ހަމަލާދިނެވެ. އެއީ ކަނޑުގެ ސަރަހައްދުގައި ހަނގުރާމަކުރެއްވި ވަރުގަދަ ފަހުލަވާނެކެވެ.

ފަހުން މޮރޮކޯގެ ރަސްގެފާނު އަހުމަދު އަލްވަތާސީން އާއި ކައިވެނި ބައްލަވައިގަތެވެ. ނަމަވެސް އެކަމަނާގެ ވެރިކަމުގެ ބާރުތައް ދޫކޮށްލައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އެސަރަހައްދުގައި ބާރުގަދަކުރަމުންދިޔަ ނަސާރާއިންގެ އަތްމަށްޗަށް އެސަރައްދު ދޫކޮށްލާކަށް ބޭނުންފުޅެއްވެސް ނުވިއެވެ. އެހެންކަމުން މޮރޮކޯގެ ވެރިކަންކުރާ ރަށަށް ބަދަލުވެވަޑައިގަތުމުގެ  ބަދަލުގައި ތިތްވާންގައި އެކަމަނާ ވެރިކަން ކުރައްވަމުން ގެންދެވިއެވެ. އެހެންކަމުން ރަސްގެފާނުވެސް މޮރޮކޯގެ ވެރިކަންކުރަށްވާ ރަށް ދޫކުރަށްވާ ދޭތެރެ ދޭތެރެއިން ތިތްވާންއަށް ވަޑައިގަންނަވަން މަޖުބޫރުވެވަޑައިގަތެވެ. މިއީ މޮރޮކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރަސްގެފާނަކު ވެރިކަން ކުރާ ރަށުން އެހެން ސަރަހައްދެއްގައި ކައިވެނި ބައްލަވައިގެން ފަހަރެވެ.

30 އަހަރުވަންދެން އެކަމަނާގެ ވެރިކަން ދެމި އޮތުމަށްފަހު އެ ވެރިކަމުން އެކަމަނާ ދުރުކުރީ އެކަމަނާގެ ދަނބިދަރިފުޅު އަލް ހަސަން އަލް މަންދާރީއެވެ. އޭގެ ފަހުން އެކަމަނާގެ އެއްވެސްވާހަކައެއް ތާރީޚުގައި އެނގޭކަށް ނެތެވެ. އެކަމަނާގެ ކަނޑުގެ ވެރިކަމުގައި ގިނައަދަދެއްގެ ފައިސާއާއި ޖަވާހިރު ހޯދިއެވެ. ބައިވަރު ނާފަހަރު ހޯދިއެވެ. ތުރުކީގައި ވެރިކަން ކުރަމުންދިޔަ އިސްލާމީ ދައުލަތެއްކަމުގައިވާ އުސްމާނީ ދައުލަތަށް އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އަންހެނުން އަޅުވެތިކަމުން ސަލާމަތްކުރަން މަސައްކަތްކުރެއްވިއެވެ.

 

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *