ޝަޖަރު އަލްދޫރްގެ ފުރިހަމަ ނަންފުޅަކީ މަލިކާ އަސްމަތުއްދީން އުއްމު ޚަލީލް ޝަޖަރު ދޫރްއެވެ. އެއީ އުއްމު ޚަލީލްއެވެ. މިސްރުގެ ރަސްގެފާނު ޚަލީލްގެ މަންމާފުޅެވެ. އެއީ ޚަލީލް ޅައުމުރުފުޅެއްގައި އަވަހާރަވުމުގެ ސަބަބުން ވެރިކަމަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގެންނެވުމުން ރަސްކަމުގެ ވާރުތަ ލިބިވަޑައިގެންނެވި ޚަލީލްގެ މަންމާފުޅެވެ. އެކަލޭގެފާނުގެ ނަންފުޅުގައި ވެރިކަން ކުރެއްވި މިސްރުގެ ރަނިކަމަނާއެވެ.
ޝަޖަރު އަލްދޫރްއަކީ ތުރުކީ ނުވަތަ އަރުމޭނިޔާގެ އަސްލު ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. އެއީ ނުހަނު ރީތި އެހާމެ ހުޝިޔާރު ބޭފުޅެއްވެސް މެއެވެ. މިސްރުގެ ރަސްގެފާނެއްކަމަށްވާ ރަސްގެފާނު ސާލިހް އައްޔޫބު އެކަމަނާ ބައްލަވައިގަތެވެ. އެއީ އޭރުގެ ސީރިޔާގެ ސަރަހައްދެއް ކަމުގައިވާ ލެވެންޓްގައި މިސްރުގެ ރަސްގެފާނަށް ވުމުގެ ކުރިން އެކަލޭގެފާނު އުޅުއްވި ދުވަސްވަރުއެވެ. ސާލިހް އައްޔޫބު އަރިހުގައި އެކަމަނާ އަޅެއްގެ ގޮތުގައި އަދި ޖާރިޔާއެއްގެ ގޮތުގައި އުޅުއްވަން ޖެހިވަޑައިގަތެވެ. ފަހުން 1240 ގައި އެކަލޭގެފާނު މިސްރުގެ ރަސްގެފާނަށް ވެވަޑައިގަތުމުން އަރިހުގައި ޝަޖަރުވެސް މިސްރަށް ވަޑައިގަތެވެ. އަދި ދަރިކަލުން ޚަލީލް މަލިކް އަލް މަންސޫރު ލިބިވަޑައިގަތެވެ. އެދަރިކަލުން ލިބިވަޑައިގަތްތާ ދުވަސްކޮޅެއް ފަހުން ރަސްގެފާނު ޞާލިހް އައްޔޫބު އެކަމަނާއާއި ކައިވެނި ބައްލަވައިގަތެވެ.
1949 ވަނައަހަރު ޞާލިހް އައްޔޫބު ސީރިޔާގައި ވަރަށްބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނު މިސްރަށް ވަޑައިގަތެވެ. އޭރު ފްރާންސްގެ ރަސްގެފާނު ލުއިސް 9 ސަލީބީންނާއިއެކު ހަނގުރާމައިގެ ލަޝްކަރެއް ސައިޕްރަސްގައި ހަރަކާތްތެރިވާކަމަށާއި އެމީހުން މިސްރަށް ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިވަޑައިގަތެވެ. 9 ޖޫން 1249 ގައި ސަލީބީންްގެ ލަޝްކަރު ނީލަކޯރު ފެށޭ ސަރަހައްދުގައި މިސްރަށް ހަމަލާދިނެވެ. އަދި މާބޮޑަށް އަޅާލެވިފައިނުވާ މިސްރުގެ ޑެމެއިޓާ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. އެހެންކަމުން ޞާލިހް އައްޔޫބު މިސްރުގެ އަލްމަންސޫރާގައި ހުންނަވާ އެ ސަރަހައްދު ހިމާޔަތް ކުރެއްވޭތޯ މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ 22 ނޮވެމްބަރ 1249 ގައި މިސްރުގައި 10 އަހަރު ވެރިކަން ކުރައްވާފައެވެ.
ޝަޖަރު އޭރުގެ ކޮމާންޑަރުންނަށް އިރުޝާދު ދެއްވައިގެން އަލްމަންސޫރާއާއި އެތަނުގައިވާ ވެރިކަމުގެ ރަސްމީ ގަނޑުވަރު ހިމާޔަތްކުރަން މަސައްކަތް ކުރެއްވިއެވެ. އެ ވަގުތަކީ ސަލީބީންގެ ހަނގުރާމައިގައި މިސްރު އޮތްވަގުތެއްކަމުން ރަސްގެފާނު ޞާލިހް އަވަހާރަވި ޚަބަރު އެކަމަނާ ސިއްރުކުރެއްވިއެވެ. ވަރަށް ސިއްރިއްޔާތުގައި ރަސްގެފާނުގެ ހަށިކޮޅު ބޯޓެއްގައި ގަނޑުވަރުން ބޭރުކުރެއްވިއެވެ. އަދި މިސްރުގެ ވެރިރަށް ގާހިރާގެ ސަރަހައްދުގައި ނީލަކޯރުގައިވާ ރޯދާ ކިޔާރަށެއްގައި ހުރި ގަނޑުވަރަކަށް ބަދަލު ކުރެވުނެވެ. ރަސްގެފާނު އަވަހާރަވީއިރު ވެރިކަމަށް އިސްކުރައްވާނެ ބޭފުޅެއް ރަސްމީގޮތުން ހަމަޖައްސަވާފައި ނުވުމުގެ ސަބަބުން ރަސްގެފާގެ ދަރިކަލުން އަލްމުއްޒަމްއަށް އެވަގުތު ވެރިކަން ހަވާލު ކުރެވުނެވެ.
ޝަޖަރުއާއި ރަސްގެފާނަށް ވަފާތެރި ކޮމާންޑަރުންގެ އެހީއާއިއެކު މީހުންނަށް ދައްކަމުން ދިޔަ މަންޒަރަކީ ރަސްގެފާނު އަވަހާރަ ނުވާކަމާއި ނަމަވެސް އެމަނިކުފާނު އާލަސްކަންފުޅާ އުޅުއްވާކަމެވެ. އެގޮތުން އެކަމަނާ ކޮންމެ ވަގުތަކު ރަސްގެފާނަށް ފަރިއްކޮޅުވެސް ތައްޔާރުކުރެއްވިއެވެ. ސިފައިންގެ ކޮމާންޑަރ އެމިރް ފަހުރުއްދީން ރަސްގެފާނުގެ ނަމުގައި ކޮމާންޑް ކުރަމުންދިޔައީ އަލްމުއައްޒަމް، ރަސްގެފާނުގެ ބަދަލުގައި ވަގުތީގޮތުން ރަސްކަމުގައި ބަހައްޓައިގެންނެވެ. ޝަޖަރު މެދުވެރިވެވަޑައިގެން ނެރުއްވަމުންދާ ކޮންމެ އޯޑަރެއް ދިޔައީ ތަންފީޒު ވަމުންނެވެ.
ނަމަވެސް މިސްރުގައި ތިބި ދުޝްމަނުންނަށް ރަސްގެފާނު ޞާލިހް އަވަހާރަވެފައިވާކަން އެނގުމުން މިސްރުގެ ވެރިރަށް ގާހިރާއަށް ދަތުރު ފެށިއެވެ. އެމީހުން ގާހިރާއަށް އެރުމުގެ ކުރިން ޝަޖަރު ދިރިއުޅުއްވާ އަލްމަންސޫރާ ސަރަހައްދާއި އެތަނުގެ ވެރިކަމުގެ ގަނޑުވަރާއި ތިން ކިލޯމީޓަރު ދުރުން މުސްލިމުންނާ ހަމަލާދިނެވެ. ނަމަވެސް ޝަޖަރުގެ ލަޝްކަރުން ސަލީބީން ބަލިކުރައްވާ އެ ލަޝްކަރުގެ ކޮމާންޑަރަކަށް އިސްކޮށްފައިހުރި ފުރާންސްގެ ރަސްގެފާނުގެ ބޭބެ ގަތުލުކުރިއެވެ. އަދި އެސަރަހައްދުގައި އިސްލާމީ ދައުލަތެއް އުފައްދެވިއެވެ.
މީލާދީން 1250 ވަނަ އަހަރު ރަސްގެފާނު ޞާލިހްގެ ދަރިކަލުން އަލްމުއައްޒަމް ތުރަންޝާހް މިސްރަށް ވަޑައިގެން ރަސްގެފާނު އަވަހާރަވީކަމާއި ވެރިކަމާއި ރަސްމީކޮށް ހަވާލުވުމަށް ޝަޖަރު ހުށައެޅުއްވިއެވެ. އަދި މިސްރުގެ ވެރިކަމުގެ ތަޚުތަށް އަލްމުއައްޒަމް އިސްކުރެވުނެވެ. އޭރު ސަލީބީންގެ ލަޝްކަރު އެސަރަހައްދުން އެއްކޮށްވަނީ ބަލިކުރެވިފައެވެ.
އަލްމުއައްޒަމް ތުރަންޝާހް ގަބޫލުފުޅު ކުރެއްވިގޮތުގައި ޝަޖަރުއާއި އޭނާގެ ބައްޕާފުޅުގެ ވަފާތެރިންގެ ސަބަބުން ވެރިކަމުގެ ފުރިހަމަ ބާރު އެމަނިކުފާނަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. އެހެންކަމުން ޝަޖަރު ފަލަސްތީނުގެ ޖަރޫސަލަމްގައި ހުންނަވަނިކޮށް އެކަމަނާގެ ބާރުތަކާއި ޚަޒާނާތައް ދައުލަތަށް ހަވާލުކުރެއްވުމަށް އަލްމުއައްޒަމް ތުރަންޝާހް އަމުރު ކުރެއްވިއެވެ.
މިކަމާއި ޝަޖަރު ހިތްޕުޅުހަމަޖެހިވަޑައިނުގެން ރަސްގެފާނު ޞާލިހްގެ ވަފާތެރި ކޮމާންޑަރުންނަށް އެންގެވިއެވެ. މީގެ އިތުރުން އަލްމުއައްޒަމް ތުރަންޝާހްއަކީ ވަރަށް ގަދައަށް ރަލުގެ މަސްތުގައި އުޅުއްވާ ރަސްކަލަކަށް ވުމާއި އެ މަސްތުގައި މަމްލީކުންނަށާއި އަދި ޖާރިޔާއިންނަށް އިހާނެތިކޮށް ކަންތައްތައް ކުރައްވާ ވެރިއަކަށްވާތީ ކޮމާންޑަރުން އޭނާ ވެރިކަމުން ދުރުކޮށް ގަތުލުކުރިއެވެ. އެހިސާބުން އައްޔޫބީ ދައުލަތްނިމި އަލްމުއައްޒަމް ތުރަންޝާހްއަކީ އެދައުލަތުގެ އެންމެ ފަހުގެ ރަސްގެފާނަށްވިއެވެ. އައްޔޫބީ ދައުލަތަކީ ފަލަސްތީން މިނިވަންކުރެއްވި ޞަލާހުއްދީން އައްޔޫބީވެސް ވެރިކަން ކުރެއްވި ދައުލަތެވެ.
އަލްމުއައްޒަމް ތުރަންޝާހަށް ހަމަލާދީ ގަތުލުކޮށްލެވުނު ހިސާބުން ވެރިކަމަށް އެންމެ އެކަށޭނެ ފަރާތަކީ ޝަޖަރުކަމުގައި މަމްލޫކުންގެ މެދުގައި އެއްބަސްވެވުނެވެ. 2 މެއި 1250 ގައި ޝަޖަރު މިސްރުގެ ވެރިކަމަށް އައްޔަން ކުރެވުނެވެ. އެއީ އެކަމަނާއަށް ރަސްގެފާނު ޞާލިހްގެ ދަރިކަލުން ޚަލީލް ލިބިވަޑައިގެންފައިވާތީ ޚަލީލްގެ މަންމާފުޅުގެ ހައިިސިއްޔަތުންނެވެ. އަދި އެކަމަނާއަށް މުސްލިމުންގެ ރާނީގެ ލަގަބު އެރުވުނެވެ. ހުކުރު ޙުތުބާގައި އެކަމަނާއަށް މުޚާޠަބު ކުރަނީ މުސްލިމުންގެ ރާނީ ވާލިދާ އަލް މަލިކް އަލް މަންސޫރުގެ ނަމުންނެވެ. އަދި ޞާހިބަތުލް މަލިކް އަލް ޞާލިހްގެ ނަމުންނެވެ. ފައިސާފޮތި ތަކުގައި އެކަމަނާގެ މަގާމުކަމުގައިވާ ޞާހިބަތުލް މަލިކް އަލް ޞާލިހް( ޞާލިހުގެ އަނބިކަމަނާ) ކަމުގައި ޖަހައި ތައްޔާރު ކުރެވުނެވެ. އަދި ވާލިދާ ޚަލީލް (ޚަލީލްގެ މަންމަ) ނަމުން ފައިސާފޮތިތަކުގައި ސޮއެއްގެ ގޮތުގައި ޖަހާ ބޭނުންކުރަން ފެށުނެވެ. މި ނަންތަކުގެ ސަބަބުން އެކަމަނާއަށް ރަސްކަމުގެ ވާރުތަ ލިބިވަޑައިގަތުމުގެ އިތުރުން މީހުންގެ އިހުތިރާމާއި ލޯބި ހޯއްދެވިއެވެ.
ޝަޖަރު ވެރިކަމަށް އިސްކުރެވުން ވެގެންދިޔައީ މަޝްހޫރު އައްޔޫބީ ދައުލަތުގެ ނިމުމަށެވެ. އަދި މަމްލޫކުންގެ ވެރިކަން ފެށުމެވެ. މަމްލޫކުންނަކީ ހަނގުރާމައިގެ އުކުުޅުތައް ލިބިގަނެ ތަމްރީނުކުރެވިފައިވާ މުސްލިމް ބައެކެވެ. އެމީހުންނަކީ އިސްލާމީ ވެރިއަކަށް ހުންނަ ފަރާތަކަށް ރަސްކަން ހިމާޔަތް ކުރަން މަސައްކަތްކޮށްދޭ ގަނެވިއްކޭ ބައެކެވެ.
އައްޔޫބީ ދައުލަތްނިމުމާއި ޝަޖަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމާއި އަދި އަލްމުއައްޒަމް ތުރަންޝާހް ގަތުލުކުރެއްވުމުގެ ޚަބަރު ސީރިއާހަމައަށް ފޯރުމާއިއެކު ސީރިއާއިން ޝަޖަރުއަށް ޖިޒީދައްކަން އަމުރުކުރިއެވެ. ބަޣުދާދުގައި ވެރިކަންކުރަމުންދިޔަ އައްޔޫބީންވެސް ޝަޖަރުގެ ވެރިކަމަށް ދެކޮޅުހެދިއެވެ. އައްބާސީ ދައުލަތުން ގަބޫލުކުރާގޮތުގައި މިސްރުގައިވެސް ވެރިކަން ކުރެވޭނީ އެ ދައުލަތުގެ ވާރުތަވެރިންކަމަށް ވާތީ ޝަޖަރުގެ ކައިވެނި އިއްޒުއްދީން އައިބަކްއާއި ކުރެވި އިއްޒުއްދީން އައިބަކް ވެރިކަމަށް އިސްކުރެވުނެވެ.
އިރާގުގައި އޮތް އައްބާސީންގެ ރުހުން ހޯދުމަށްޓަކައި އިއްޒުއްދީން އައިބަކް ދިޔައީ މިސްރުގައިވާ ވެރިކަމަކީ އައްބާސީ ޚަލީފާގެ ވެރިކަމެއް ކަމުގައި ވަކާލާތު ކުރައްވަމުންނެވެ. އޭރު މަމްލޫކުންނާއި، އައްބާސީންނާއި އަދި އައްޔޫބީންގެ މެދުގައި ވެރިކަމުގެ ވާދަވެރިކަން އޮތުމާއި މޮންގޯލުންގެ ބާރުވެސް އޮތުމުން މިސްރުގެ ވެރިކަމުގެ މަޝްރަހުއޮތީ ހަމަނުޖެހުން ގަނޑެއްގެ ތެރޭގައެވެ. ޝަޖަރުގެ ބާރު މަމްލޫކުންގެ މެދުގައި އޮތުމުން ޝަޖަރުވެސް މިސްރުގެ ވެރިކަމުގެ ކަންކަމުގައި ދިޔައީ ވަރަށްބޮޑަށް ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ނަމަވެސް ޝަޖަރުގެ ފިރިކަލުން އިއްޒުއްދީން އައިބަކް ވެރިކަމުގެ ބާރުތައް ދެމެހެއްޓެވުމަށް ކޯލިޝަން ހެއްދެވުމުގެ ގޮތުން އައްޔޫބީންގެ ނުފޫޒުގަދަ ބޭފުޅެއްކަމުގައިވާ ބަދުރުއްދީން ލުލޫގެ ބޭކަނބަލަކާއި ކައިވެނިބައްލަވައިގަތެވެ. މި ގުޅުމަކީ ޝަޖަރުއަށް ނުރައްކަލެއްކަމަށް ޤަބޫލުފުޅު ކުރެއްވޭތީ އެކަމަނާގެ އަޅުންގެތެރެއިން ބަޔަކު ލައްވާ ފިރިކަލުން ޢިއްޒުއްދީން އައިބަކް ގަތުލުކުރެއްވިއެވެ.
ޝަޖަރުގެ ފިރިކަލުން އަވަހާރަކޮށްލިކަމަށް ތުހުމަތު ކުރެވި އަދި އެކަމުގައި ބައިވެރިވި ޚާދިމުން ކުށަށް އިއުތިރާފުވި އެވެ. އެހެންކަމުން ޝަޖަރު އަލްދޫރާއި އެކަމަނާގެ ޚާދިމުން ހައްޔަރުކޮށް އައިބަކްގެ މަމްލޫކުން (މުޢިޒިއްޔާ މަމްލޫކުން) އެކަމަނާ އަވަހާރަކޮށްލަން ބޭނުންވި ނަމަވެސް ސާލިޙިއްޔާ މަމްލޫކުން އެކަމަނާ ހިމާޔަތްކޮށް އެކަމަނާއަށް ރެޑް ޓަވަރަށް ގެންގޮސް ރައްކާތެރިކަން ދިނެވެ.
ނަމަވެސް ޝަޖަރު އަލް ދޫރުގެ ހެދުން ބާލުވައި ބަރަހަނާ ކުރުމަށްފަހު އަލްމަންސޫރު ޢަލީ އާއި އޭނާގެ މަންމައަށް ވަފާތެރި މީހުން ޝަޖަރުއަށް ވަރަށް އިހާނެތިގޮތަކަށް އަނިޔާކޮށް ތަޅައި އަވަހާރަކޮށްލިއެވެ. އެކަމަނާގެ ބަރަހަނާ ހަށިގަނޑު ސިޓާޑެލްގެ ބޭރުގައި ބެހެއްޓިއެވެ. ތާރީޚް ޢިލްމުވެރިޔާ އިބްނު އިޔާސް ވިދާޅުވާ ގޮތުގައި ޝަޖަރު އަލްދޫރު ބަރަހަނާކޮށް، އުނަގަނޑުގައި ސިލްކް ފޮތިގަނޑެއް އަޅާ އެންމެންނަށް ފެންނާނެހެން ބެހެއްޓިއެވެ. އެއްރެއަކު ގިނަ ބަޔަކު އައިސް ޝަޖަރުގެ އުނަގަނޑުގައި އޮތް ފޮތިގަނޑަކީ މުއްސަނދި ސިލްކެއް ކަމުން އެ ފޮތިގަނޑު ވަގަށް ނެގިއެވެ. އަދި ތިން ދުވަސް ވަންދެން ވަޅުނުލާ އެންމެންނަށް ފެންނާނެހެން އެކަމަނާގެ ހަށިގަނޑު ބަރަހަނާ ހާލުގައި ބެހެއްޓިއެވެ.
ޝަޖަރު އަލްދޫރު ފަސްދާނުލެވިފައިވަނީ އިސްލާމީ ޖަނާޒާގެ އާކިޓެކްޗަރގެ ޖަވާހިރެއް ކަމަށްވާ ތުލޫން މިސްކިތާ މާ ދުރު ނޫން މަހާނައެއްގެ ތެރޭގައެވެ.
ޝަޖަރު މިސްރުގެ ވެރިކަމުގައި ވީ ތިންމަހެވެ. އެއީ އެންމެ ތިންމަސް ކަމުގައިވީނަމަވެސް އިސްލާމީ ތާރީޚުގައި މުހިއްމު ތިންކަމެއް ހިނގިއެވެ. އެއީ ސަލީބީ ހަނގުރާމައިގެ ނުފޫޒުގަދަ ފުރާންސްގެ ރަސްގެފާނު ލުއިސް 9 މިސްރުގައި ބަންދުކުރުމަށްފަހު ޑީޕޯޓް ކޮށްލެއްވުމެވެ. އެއީ އެސަރަހައްދުގައި ސަލީބީންންގެ ބާރު ނައްތާލުމެވެ. ދެވަނަ ކަމަކަށް އައްޔޫބީ ދައުލަތުގެ ބާރު ނިމުމަކަށް ގެންނެވިއެވެ. އަދި ޒަމާންތަކަކަށް ދެމިގެންދިޔަ މަމްލޫކުންގެ ބާރު އެސަރަހައްދުގައި އުފަން ކުރެއްވިއެވެ. ޝަޖަރު ވަނީ މަދަރުސާތަކާއި މިސްކިތްތައްވެސް ބިނާ ކޮށްފައެވެ. އަދި އިސްލާމިކް އާކިޓެކްޗަރ ކުރިއެރުވިއެވެ.