އިންޑިއާގެ މިއަހަރުގެ ރީތީގެ ރާނީގެ ތާޖު، ލިބުނީ ކަރުނަޓަކާގެ ސިނީ ސެޓީ އަށެވެ. ސިނީގެ ބޮލުގައި މިސް އިންޑިއާގެ ތާޖު އަޅުވައިދީފައި ވަނީ މިދިޔަ އަހަރު އެ މުބާރާތް ކާމިޔާބުކުރި މަނަސާ ވަރަނަސީ އެވެ.
އުމުރުން 21 އަހަރުގެ ސިނީ، މި އަހަރުގެ މިސް އިންޑިއާގެ ތާޖު އުފުލާލިއިރު، އެ ހަރަކާތުގެ ޖޫރީންގެ ޕެނަލްގައި ހިމެނެނީ ބޮލީވުޑްގެ ބަތަލާ ނެހާ ދޫޕިއާ އާއި މަލައިކާ އަރޯރާ އަދި ޑިޒައިނާ، ރޯހިތު ގާންދީ އާއި އެކްޓަރު ރަކުލް ކަންނާ އަދި ކޮރެއޯގްރާފަރު ޝިއާމަކް ދަވާރާއި ކުރީގެ ކްރިކެޓް ތަރި މިތާލީ ރާޖެވެ.
"ފެމިނާ މިސް އިންޑިއާ ވޯލްޑް 2022 އަށް ވާދަކުރުމަށް ޝޯޓްލިސްޓް ކުރި ފައިނަލިސްޓުން މުމްބާއީއަށް އައިސް، އިންޑަސްޓްރީގެ އެންމެ މޮޅު މީހުންގެ ލަފާގެ މަތިން، ވަރަށް ވަރުގަދަ ޓްރެއިނިން ތަކާއި ގްރޫމިން ސެޝަންތަކެއް ކުރިއަށް ގެންދިޔަ،" މި އެވޯޑް ދިން ފަރާތުން ބުނެފައިވެ އެވެ.
ކުރީގެ ފެމިނާ މިސް އިންޑިއާ ޔުނިވާސް، މިސް ދުޕިއާ ބުނި ގޮތުގައި ފެމިނާ މިސް އިންޑިއާ ދަތުރުގެ ސަބަބުން "މި ޕެޖަންޓާއެކު އަހަރެން ކުރި އަގުނުކުރެވޭ ފަދަ ތަޖުރިބާތަކުގެ ހަނދާންތައް" އާވެ އެވެ.
މިސް އިންޑިއާ އަކީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި އޮޑިޝަންތައް ބާއްވައި، އެކި އިންޓަވިއުތަކުން ޝޯޓްލިސްޓް ކުރާ ތަރިންގެ ލިސްޓަކުން ހޮވޭ ތަރިއެކެވެ. މި ފަހަރު ސިނީ މުބާރާތް ކާމިޔާބުކުރީ އިންޑިއާގެ 31 ސްޓޭޓަކުން އެ މުބާރާތަށް ހޮވުނު ބައިވެރިންގެ ތެރެއިންނެވެ.
މިއަހަރުގެ މުބާރާތް ސިނީ ކާމިޔާބުކުރިއިރު އޭނާއާ އެންމެ ގާތުން ދެން ވާދަކުރީ ރާޖިސްތާނަށް ނިސްބަތްވާ ރުބަލް ޝެކާވަތެވެ. އަދި ތިން ވަނަ ހޯދާފައި ވަނީ އުއްތަރު ޕްރެދޭޝްގެ ޝިނާތާ ޗޯހަން އެވެ.
މިސް އިންޑިއާ ކާމިޔާބުކުރުމުން މިސް ވޯލްޑްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މިފަހަރު މިސް ވޯލްޑްގައި އިންޑިއާ ތަމްސީލުކުރާނީ ސިނީ އެވެ. މީގެ ކުރިން 6 ފަހަރު އިންޑިޔާ ވަނީ މިސްވޯލްޑް ގެ ތާޖު ހޯދާފައެވެ. އެއީ، 1966 ވަނަ އަހަރު ރެއިޓާ ފަރިއާ، 1994 ވަނައަހަރު އައިޝްވާރިޔާ ރާއީ، 1997 ވަނަ އަހަރު ޑަޔާނާ ހައިޑަން، 1999 ވަނަ އަހަރު ޔުކްތާ މޫކޭ، 2000 ވަނަ އަހަރު ޕްރިޔަންކާ ޗޯޕްރާ، އަދި 20017 ވަނަ އަހަރު މަނޫޝީ ޗިއްލަރ އެވެ.
މިސް ޔުނިވާސްގެ ތާޖު އުފުލާލާފައިވަނީ، 3 ފަހަރުއެވެ. އެއީ، 1994 ވަނަ އަހަރު ސުސްމިތާ ސެން، 2000 ވަނަ އަހަރު ލާރާ ދައްތާ، އަދި 2010 ވަނަ އަހަރު ހަރުނާޒް ސަންދު އެވެ.