ތައިލެންޑް މުބާރާތުގައި ދީމާ 4 މެޑެލް ހޯދައިފި

އޯލް ތައިލެންޑްގެ ޓޭބަލް ޓެނިސް މުބާރާތް ވަރަށް ކާމިޔާބު ކަމާއެކު ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ ނިންމާލައިފި އެވެ. މި މިމުބާރާތުން ދީމާ ރަން މެޑައްޔަކާއި، ބްރޯންޒް ތިން މެޑެލް ހޯދިއެވެ. އޯލް ތައިލެންޑް މުބާރާތުގައި ދީމާ ހޯދި ކާމިޔާބުތަކަކީ، ޑަބަލްސް ކެޓަގަރީ 19 އަހަރުން ދަށުން ރަން މެޑަލަކާއި، ޑަބަލްސް 15 އަހަރުން ދަށުން ބްރޯންޒް މެޑަލަކާއި ސިންގަލްސް 15 އަހަރުން ދަށުން ބްރޯންޒް މެޑަލަކާއި  ސިންގަލްސް 17 އަހަރުން ދަށުން  ބްރޯންޒް މެޑަލެކެވެ.

ޖެނުއަރީ މަހު ބޭއްވި އޯލް ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ވެސް ދީމާގެ ޕެއާ ހޯދި އެވެ. އޭރު ކުޅުނު މުބާރާތުގެ އަންހެން ސިންގަލްސްގެ 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރު ކުރި އެވެ. އެކަމަކު މިފަހަރުގެ މުބާރާތުގައި ދީމާ ވަނީ އެ ކެޓަގަރީން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

މެއި މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ އަދި ކެޑޭޓް ޗެމްޕިއަންޝިޕްގެ ކެޑޭޓް ބައިން ރިހި މެޑަލް ހޯދި ދީމާގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ މި މަހު ފަށާ ކޮމަންވެލްތު ގޭމްސްގައި ވާދަ ކުރުމަށެވެ.

ރާއްޖޭގެ ގައުމީ އަންހެން ޓީމު ވަނީ ކޮމަންވެލްތު ގޭމްސް އަށް ކޮލިފައި ވެފަ އެވެ. އެ ޓީމުގެ އެހެން ކުޅުންތެރިން ވަނީ، ކްރޮއޭޝިއާ އަށް ދަތުރުކޮށް އެ ގައުމުގައި 10 ދުވަހުގެ ޓްރޭނިން ކޭމްޕެއް، ކޮރޮއޭޝިއާގެ ޒުވާން ގައުމީ ޓީމާއެކު ފުރިހަމަ ކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ ޓީޓީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދި ދީމާ އަކީ 15 އަހަރުން ދަށުގެ އަންހެން ރޭންކިންގައި ދުނިޔޭގެ ގަދަ 20 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. މިދިޔަ އަހަރު. އޭޕްރީލް މަހު ރޭންކިންގެ، އަށް ވަނަ އަށް ވެސް ދީމާ ޖެހިލި އެވެ.

ދީމާ މިހާރު އަންނަނީ ސަރުކާރާއި ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ގުޅިގެން ހޯދައިދިން ފުރުސަތެއްގައި ތައިލެންޑްގައި ތަމްރީނު ހާސިލްކުރަމުންނެވެ. ނިމުނު ތައިލެންޑު މުބާރާތަކީ މި މަހުގެފަހުކޮޅު އޮންނަ ކޮމަންވެލްތު ގޭމްސް ފެށެންވާއިރަށް ދީމާއަށް ލިބުނު ރަނގަޅު ތަޖުރިބާއަކަށް ވާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *