އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ މާޒިޔާއިން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޖުމްލަ ހަތަރުވަނަ ފަހަރެވެ. މާޒިޔާއިން އެންމެ ފުރަތަމަ ލީގު ކާމިޔާބުކުރީ 2016 ވަނަ އަހަރު އަލީ ސުޒޭނުގެ އިރުޝާދުގެ ދަށުންނެވެ. އަދި މިއީ 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް މި މުބާރާތް ރީބްރޭންޑް ކުރި ފަހުން، ކުލަބަކުން ޖެހިޖެހިގެން ތިން ފަހަރު ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ބާކީ ދެ މެޗު އޮއްވައި މާޒިޔާއިން ލީގު ކަށަވަރު ކުރީ މިހާތަނަށް ޖުމުލަ 54 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އީގަލްސް އަށް 19 މެޗުން ލިބިފައި ވަނީ 46 ޕޮއިންޓެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓާނާއެވެ. މި މެޗުގައި މާޒިޔާގެ ފަރާތުން ގިނަ ހަމަލާތައް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށްވެސް ގިނަ ފުރުސަތުތައް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ. މުޅި މެޗުގައިވެސް ދަ ގްރާންޑޭ އިން ވަނީ މާޒިޔާ ހިފެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
މިއީ މާޒިޔާއިން ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިން ވަނަ ފަހަރު ކަމަށްވާއިރު، މިދިޔަ ސީޒަނުގައި އެޓީމަށް ޗެމްޕިއަންކަން ލިބުނީ ތިން ބުރު ކުޅެން އޮއްވައި، ދެ ބުރާއެކު ލީގު ނިންމާލުމާއެކުގައެވެ.
2019-2020 ގެ ސީޒަންގައި މާޒިޔާއަށް ލީގު ހޯދައި ދިނީ އެ ޓީމުގެ ކުރީގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކްލޮސްކީ އެވެ. މިދިޔަ އަހަރު އެ ޓީމަށް ލީގު ހޯދައިދިނީ ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗެވެ. މި ސީޒަންގައި ލީގު ކާމިޔާބު ކުރީ މިހާރުގެ ކޯޗު ސާބިއާގެ ޖެސިޗްގެ ކޯޗު ކަމުގެ ދަށުންނެވެ.
ދިވެހި ޕްރިމިއާ ލީގުގެ އިތުރުން މާޒިޔާއިން ވަނީ މި ސީޒަނުގައި ޗެރިޓީ ޝިލްޑްވެސް ކާމިޔާބުކޮށްފައެވެ. އެޓީމަކީ ހަތަރު ފަހަރާއެކު ޗެރިޓީ ޝިލްޑް ކާމިޔާބުކޮށްފައިވާ ހަމައެކަނި ޓީމެވެ. މިއީ 2016 ވަނަ އަހަރުގެ ލީގާއެކު މާޒިޔާއިން ހޯދި ހަތަރު ވަނަ ލީގު ކަމަށްވާއިރު، އެޓީމުން ވަނީ 2017 ވަނަ އަހަރުގެ މާލޭ ލީގުވެސް ހޯދާފައެވެ.
މި ސީޒަނުގައި މާޒިޔާއަށް މިހާތަނަށް ނުލިބިވަނީ ޕްރެޒިޑެންޓްސް ކަޕްއެވެ. އެޓީމު ވަނީ ފައިނަލުގައި ވެލެންސިއާ އަތުން އިތުރުވަގުތު ކުޅެ 1-2 ގެ ނަތީޖާއަކުން ބަލިވެފައެވެ.