އިލްހާން އަބްދުالله ޢުމަރު އުފަންވީ 4 އޮކްޓޯބަރ 1982އެވެ. އިލްހާންއަކީ 2019 ވަނަ އަހަރުން ފެށިގެން މިނިސޯޓާގެ 5 ވަނަ ކޮންގްރެސް ޑިސްޓްރިކްޓްގެ އެމެރިކާގެ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އެމެރިކާގެ ސިޔާސީ ބޭފުޅެކެވެ. މުސްލިމުންގެ ދިފާޢުގައި މަސައްކަތްކުރައްވާ ފާހަގަ ކުރެވޭ އަންހެން ޝަޚްޞިއްޔަތެކެވެ.
އިލްހާންއަކީ ކޮންގްރެސްގެ ޕްރޮގްރެސިވް ކޯކަސްގެ ވިޕްގެ މަގާމު އަދާކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ މިނިމަމް ވޭޖްގެ ގޮތުން 15 ޑޮލަރުގެ އެންމެ ކުޑަ އުޖޫރަ ދިނުމާއި، ޔުނިވަރސަލް ހެލްތުކެއާ އާއި ސްޓޫޑެންޓް ލޯނުގެ ދަރަނި މާފުކުރުމާއި ޑިފެރެޑް އެކްޝަން ފޯ ޗައިލްޑްހޫޑް އެރައިވަލްސް ހިމާޔަތް ކުރުމާއި އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) އުވާލުމަށް ވަކާލާތު ކުރައްވާފަ އެވެ. އިސްރާއީލަށް ގިނައިން ފާޑުކިޔާ އިލްހާންވަނީ އިސްރާއީލް ބޮއިކޮޓް، އަދި ޑައިވެސްޓްމަންޓް އެންޑް ސަންކްޝަންސް (އިސްރާއީލްގެ ތަކެތި ގަތުން މަނާކުރާ ހަރަކާތް) ތާއީދު ކުރައްވާފައެވެ. ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ޔަހޫދީން އާބާދުކުރުމުގެ ސިޔާސަތާއި އަސްކަރީ ކެމްޕޭންތަކުގެ އިތުރުން އިސްރާއީލަށް ތާއީދުކުރާ ލޮބީތަކުގެ ނުފޫޒު ކަމަށް އޭނާ ސިފަކުރައްވާފައިވާ ކަންކަން ކުށްވެރި ކުރައްވާފައިވެއެވެ.
އިލްހާނަކީ އެމެރިކާގެ ކޮންގްރެސްގައި ފުރަތަމަ ސޯމާލިއާ އެމެރިކާ އަދި އެފްރިކާއަށް އުފަން މެދުމިންގަޑެއް ގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. މިނިސޯޓާ ތަމްސީލުކުރި ފުރަތަމަ ކަޅުނަސްލުގެ އަންހެންބޭފުޅާއެވެ. އަދި އެކަމަނާއަކީ ކޮންގްރެސްގައި ޚިދުމަތް ކުރެއްވި ފުރަތަމަ ދެ މުސްލިމް އަންހެނުންގެ ތެރެއިން ފާހަގަ ކުރެވޭ ބޭފުޅެކެވެ.
އެކަމަނާއަކީ މަރުގެ އިންޒާރުތަކާއި، ސިޔާސީ އިދިކޮޅު ފަރާތްތަކުން އުނދަގޫކުރުމާއި، އަދި ޑޮނަލްޑް ޓްރަމްޕް ދެއްކެވި ދޮގު އަދި އޮޅުން ބޮޅުން ބޮޑު ވާހަކަތަކެއްގެ އަމާޒަކަށް ވެވަޑައިގެންނެވި ތަފާތު ނުރައްކާތެރި ހަމަލާތައް ކުރިމަތިވެލައްވާ ކާމިޔާބު ކުރައްވާފައިވާ މުސްލިމް އަންހެން ޝަޚްޞިއްޔަތެކެވެ.
އިލްހާން އުފަންވެވަޑައިގަތީ ސޯމާލިއާގެ މޮގަޑިޝޫއަށް އޮކްޓޯބަރު 4، 1982 ގައެވެ. އެކަމަނާގެ ކުރީ އަހަރުތައް ހޭދަކުރެއްވީ ސޯމާލިއާގެ ބައިޑޯއާގައެވެ. އެއީ ކޮއްކޮ ސަހުރާ ނޫރު ހިމެނޭ ގޮތަށް އެއްބަނޑު އެއްބަފާ ހަތް ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖެކެވެ. ސޯމާލިއާގެ އިރު އުތުރުގެ މަޖީރުތީން ދަރިކޮޅުގެ ސޯމާލިއާގެ ނަސްލެއްގެ މީހެއް ކަމަށްވާ އޭނާގެ ބައްޕަ ނޫރު އުމަރު މުޙައްމަދަކީ ސިޔާދު ބާރޭގެ ވެރިކަމުގައި ސޯމާލިއާގެ ސިފައިންގެ ކާނަލެއްގެ އިތުރުން ޓީޗަރ ޓްރެއިނަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އިލްހާންގެ އުމުރުން ދެ އަހަރުގައި އޭނާގެ މަންމަ ފާޠިމާ ހާޖީ ހުސެއިން އަވަހާރަވިއެވެ. އެކަމަނާ ތަރުބިއްޔަތު ކުރެއްވީ އިސްލާމްދީނުގެ ވައްހާބީ ތަފްސީރާއި ދެކޮޅު މެދުމިނުގެ ސުންނީ މުސްލިމުން ކަމުގައިވާ އެކަމަނާގެ ބައްޕައާއި ކާފައެވެ. އެކަމަނާގެ ކާފަ އަބޫކާރަކީ ސޯމާލިއާގެ ނޭޝަނަލް މެރިން ޓްރާންސްޕޯޓްގެ ޑިރެކްޓަރަކަށް ހުންނެވި ބޭފުޅެކެވެ. އިލްހާން އުމަރުގެ ބައެއް އާއިލީ މީހުން ސިވިލް ސާވަންޓުންނާއި ތަޢުލީމީ ފަރާތްތަކުގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. ސޯމާލިއާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށްޓަކައި ސޯމާލިއާ އާއި އޭނާގެ އާއިލާ ފިލައިގެން ގޮސް، ސޯމާލިއާގެ ބޯޑަރު ކައިރީގައި އޮންނަ ކެންޔާގެ ގަރިސާ ކައުންޓީގައި ހުންނަ ދަޑާބް ރެފިއުޖީ ކޭމްޕެއްގައި ހަތަރު އަހަރު ހޭދަކުރެއްވިއެވެ.
އިލްހާން އުމަރުގެ އާއިލާ އެމެރިކާއިން ހިމާޔަތް ހޯއްދަވައި 1995 ވަނަ އަހަރު ނިއުޔޯކަށް ވަޑައިގެންނެވިއެވެ. ދެން ދުވަސްކޮޅަކު ވާޖިނިއާގެ އާލިންގޓަންގައި ދިރިއުޅުއްވިއެވެ. މިނިއަޕޮލިސްއަށް ބަދަލުވެ ވަޒަންވެރިވުމުގެ ކުރިން ބައްޕަ ފުރަތަމަ މަސައްކަތް ކުރެއްވީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައެވެ. އަދި ފަހުން ޕޯސްޓް އޮފީހެއްގައެވެ. އެކަމަނާ ތަރުބިއްޔަތު ކުރެވުނު ދުވަސްވަރު ޑިމޮކްރަސީގެ މުހިންމުކަމަށް އޭނާގެ ބައްޕައާއި ކާފަ ބާރުއަޅުއްވައި، އުމުރުން 14 އަހަރުގައި ކާފައާއެކު ކޯކަސް ބައްދަލުވުންތަކަށް ޒިޔާރަތްކުރައްވާ، ކާފަގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. ވަރޖީނިއާގައި ހޭދަކުރެއްވި ދުވަސްވަރު ތަހައްމަލުކުރެއްވި ސްކޫލް ގަނާއާއި ބެހޭ ގޮތުން އެކަމަނާ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ސޯމާލިއާގެ ތަފާތު ސިފަތަކާއި ޙިޖާބު ލައިގެން އުޅުމުގެ ސަބަބުން ލިބިވަޑައިގެންނެވި ފުރައްސާރަތައް މީހުން ހޭލުންތެރި ކުރައްވާފައެވެ. ޙިޖާބު ބޭލުވުމާއި، ސިޑިން ތިރިއަށް ކޮށްޕާލުމާއި، ޖިސްމާނީ ގޮތުން ޖެއްސުންކުރުމުގެ ހަނދާންތައް އޭނާ ކިޔައިދެއްވައެވެ. އިލްހާން އުމަރު އެމެރިކާގެ ރައްޔިތަކަށް ވެވަޑައިގަތީ 2000 ވަނަ އަހަރު އުމުރުން 17 އަހަރުގައެވެ.
އިލްހާން އުމަރު 2001 ވަނަ އަހަރު ޑިގްރީ ހާސިލް ކުރެއްވީ ތޯމަސް އެޑިސަން ހައި ސްކޫލުގައެވެ. އޭރު ސްޓޫޑެންޓް އޯގަނައިޒާއެއްގެ ގޮތުގައި ވޮލަންޓިއަރކޮށް މަސައްކަތް ކުރެއްވިއެވެ. ނޯތު ޑެކޮޓާ ސްޓޭޓް ޔުނިވާސިޓީން 2011 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަނޭޝަނަލް ސްޓަޑީޒް ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލް ކުރެއްވިއެވެ. އިލްހާން އުމަރު ހުންނެވީ ޔުނިވަރސިޓީ އޮފް މިނިސޯޓާގެ ސްކޫލް އޮފް ޕަބްލިކް އެފެއާޒްގެ ޕޮލިސީ ފެލޯއެއްގެ ގޮތުގައެވެ.
އިލްހާން އުމަރު ޕްރޮފެޝަނަލް ކެރިއަރު ފެއްޓެވީ ޔުނިވާސިޓީ އޮފް މިނިސޯޓާގެ ކޮމިއުނިޓީ ނިއުޓްރިޝަން އެޑިއުކޭޓަރެއްގެ ގޮތުގައެވެ. އެ މަގާމުގައި 2006 އިން 2009 އަށް ހުންނަވާ ގްރޭޓަރ މިނިއަޕޮލިސް-ސެއިންޓް ޕޯލް ސަރަހައްދުގައި މަސައްކަތް ކުރެއްވިއެވެ. 2012 ވަނަ އަހަރު މިނިސޯޓާ ސްޓޭޓް ސެނެޓަށް ކާރީ ޑިޒިޑްޒިޗް އަލުން އިންތިޚާބު ކުރެއްވި ކެމްޕޭންގެ ކެމްޕޭން މެނޭޖަރުގެ މަގާމު އަދާކުރެއްވި އެވެ. 2012 އާއި 2013 އާ ދެމެދު މިނިސޯޓާ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަންގެ ޗައިލްޑް ނިއުޓްރިޝަން އައުޓްރީޗް ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
މިނިއަޕޮލިސް ސިޓީ ކައުންސިލަށް އެންޑްރޫ ޖޯންސަންގެ ކެމްޕޭން މެނޭޖް ކުރެއްވިއެވެ. ޖޯންސަން އިންތިޚާބު ކުރެއްވުމަށްފަހު، 2013 އިން 2015 އަށް އޭނާގެ ސީނިއާ ޕޮލިސީ އެއިޑްގެ މަގާމު އަދާކުރެއްވިއެވެ. 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަނިޔާވެރި ގޮތަކަށް ބަދަލުވި ޚިލާފު ބޮޑު ޕްރިސިންކްޓް ކޯކަސްއެއްގެ ތެރޭގައި ފަސް މީހަކު ހަމަލާދީ އަނިޔާވި އެވެ.
ސެޕްޓެމްބަރ 2015 ގެ ނިޔަލަށް އިލްހާން އުމަރު ހުންނެވީ ވިމެން އޮގަނައިޒިންގ ވިމެން ނެޓްވޯކްގެ ޑިރެކްޓަރ އޮފް ޕޮލިސީ އިނިޝިއޭޓިވްސްގެ މަގާމުގައެވެ. އަދި އިރުމަތީ އެފްރިކާގެ އަންހެނުން މަދަނީ އަދި ސިޔާސީ ލީޑަރޝިޕްގެ ދައުރު އަދާކުރުމަށް ވަކާލާތު ކުރެއްވިއެވެ.
5 ޖޫން 2018 ގައި މިނިސޯޓާގެ 5 ވަނަ ކޮންގްރެސް ޑިސްޓްރިކްޓުން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަށް ކުރިމަތިލުމަށް އިލްހާން އުމަރު ހުށަހެޅުއްވީ، ހަ ދައުރުގައި ހުންނެވި ކޭތު އެލިސަން އަލުން އިންތިޚާބު ނުކުރައްވާނެ ކަމަށް އިއުލާން ކުރެއްވުމުންނެވެ. އޮގަސްޓް 14 ވަނަ ދުވަހު ބޭއްވި ޕްރައިމަރީ އިލްހާން އުމަރު ކާމިޔާބު ކުރެއްވީ %48.2 ވޯޓުންނެވެ. ނޮވެމްބަރ 6 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި %78.0 ވޯޓުން ކާމިޔާބުކޮށް، އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވެވަޑަިއގެންނެވި ފުރަތަމަ ސޯމާލިއާ އެމެރިކާއަށް ނިސްބަތްވާ ބޭފުޅަކީ އެކަމަނާއެވެ. މިނިސޯޓާއިން އެމެރިކާގެ މަންދޫބެއްގެ ގޮތުގައި މަސައްކަތްކުރެއްވި ފުރަތަމަ ކުލަގަދަ އަންހެނަކަށް ކޮންގްރެސްއަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ މުސްލިމް އަންހެނުންގެ ތެރެއިން އެއްބޭފުޅެވެ.
ދައުލަތުގެ ތާރީޚުގައި އެމެރިކާގެ ހައުސްއަށް އެއްވެސް އަންހެން ކެންޑިޑޭޓެއްގެ ވޯޓުގެ އެންމެ ބޮޑު އިންސައްތަ ލިބިވަޑައިގަތީ އިލްހާނަށެވެ.
އިލްހާން އުމަރު ވަނީ ސައުދީ އަރަބިއްޔާއިން ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު ޢަމަލުތަކާއި ސައުދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނަށް ކުރާ ތަދައްޚުލުވުމަށް ފާޑުވިދާޅުވެފައެވެ. ޖަމާލްޚަޝޯގީ މަރާލުމަކީ އެމީހުންނަށް ހުއްދަ ލިބޭ އެންމެ ފަހު ނުބައި ޢަމަލަކަށް ވާންޖެހޭނެކަމަށް ވަކާލަތު ކުރައްވައެވެ. ޗައިނާއިން އެގައުމުގެ ނަސްލީ އުއިގޫރު މުސްލިމުންނާއި މެދު އަމަލުކުރާ ގޮތް އުމަރު ކުށްވެރިކުރެއްވިއެވެ.
އިސްރާއީލް ބޮއިކޮޓް ކުރުމަށް ކުރާ މަސައްކަތާއި އެހެނިހެން ފާޑުކިޔުންތަކަށް ފާޅުގައި ތާއީދު ކުރައްވައެވެ. މިނިސޯޓާގެ ޤާނޫނު ހަދާ މަޖިލީހުގައި ހުންނެވިއިރު، އިލްހާން އުމަރު ވަނީ އިސްރާއީލު ސަރުކާރަށް ފާޑުވިދާޅުވެ، ބޮއިކޮޓް، ޑިވެސްޓްމަންޓް އެންޑް ސަންކްޝަންސް (ބީޑީއެސް) ހަރަކާތް ހަނިކުރުމަށް ގަސްދުކޮށްފައިވާ ގާނޫނަކާ ދެކޮޅު ހައްދަވާފައެވެ. އެކަމަނާ ވަނީ ހުޅަނގު އައްސޭރީގައި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އިސްރާއީލުން އާބާދީ ބިނާކުރުމަށް ފާޑުވިދާޅުވެފައެވެ.
ސެޕްޓެމްބަރު 2019 ގައި އިލްހާން އުމަރުވަނީ އުރުދުން ވެލީގެ ނަމުން މަޝްހޫރު، ހިފާފައިވާ ހުޅަނގު އައްސޭރީގެ އިރުމަތީ ބައި ހިފެހެއްޓުމަށް ބެންޖަމިން ނަތަންޔާހޫ ރާވާފައިވާ ކަންކަން ކުށްވެރިކުރައްވާފައެވެ. 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އިލްހާން އުމަރާއި މަންދޫބު ރަޝީދާ ތުލައިބް އިސްރާއީލަށް އެތެރެވުން މަނާކުރިއެވެ.