މިއަހަރުގެ އެފްއޭ ކަޕް ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދައިފިއެވެ. ފައިނަލް މެޗްގައި މިރޭ ކްލަބް ވެލެންސިއާ އާ ބައްދަލުކޮށް މާޒިޔާ މެޗް ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން ނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާގެ ދެ ލަނޑު ވެސް އެ ޓީމުން ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ނާއިޒު ހަސަން (ދާދު) ޖެހީ 14 ވަނަ މިނެޓްގަ އެވެ. ނާއިޒު ލަނޑު ޖެހީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅައިންނެވެ. މި ލަނޑަށްފަހުވެސް މާޒިޔާއިން ދިޔައީ ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
މިގޮތުން މާޒިޔާ އިން ވަނީ 32 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ގެ ލަނޑުން މެޗުގެ ލީޑު ފުޅާ ކޮށްފައެވެ.
މެޗުގެ ފަހު ވަގުތުގައި ވެލެންސިއާގެ އަސްހަދު އަލީ ކުރި ފައުލާ ގުޅިގެން އޭނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކި އެވެ.
މާޒިޔާއިން އެފްއޭ ކަޕް ހޯދާފައިވާއިރު، އެޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގުވެސް ހޯދާފައެވެ. އެޓީމަށް މި ސީޒަނުގައި ހަމައެކަނި ކާމިޔާބު ނުކުރެވުނީ ޕްރެޒިޑެންޓްސް ކަޕްއެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ބަލިވީ ވެލެންސިއާ އަތުން 0-1 ގެ ނަތީޖާއަކުންނެވެ.
މިއީ އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެޓީމް ޗެމްޕިއަންކަން ހޯދީ 2012 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރުވެސް މުބާރާތް ވަނީ ކާމިޔާބު ކޮށްފަ އެވެ. މާޒިޔާ ވަނީ މި ސީޒަންގައި ތިން ތަށި ހޯދައިފި އެވެ. އެއީ އެފްއޭ ކަޕުގެ އިތުރުން ސީޒަން ދިވެހި ޕްރިމިއާ ލީގާއި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް އެވެ.
މާޒިޔާއިން އެފްއޭ ކަޕު ކާމިޔާބު ކުރުމުން އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ރާއްޖޭގެ ދެވަނަ ޖާގަ ނުވަތަ ކޮލިފިކޭޝަން ޖާގަ ލިބޭނީ ދިވެހި ލީގުގެ ރަނަރަފް އީގަލްސް އަށެވެ.