ލިވަޕޫލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބު ހޯދައިފި

މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލްގެ މައްޗަށް 2-1 ގެ ނަތީޖާއިން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބު ހޯދައިފިއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ލިވަޕޫލްގެ މައްޗަށް ހޯދި މޮޅަކީ ހަތަރު އަހަރަށް ފަހު ރަސްމީ މެޗެއްގައި ލިވަޕޫލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެޓީމުގެ ފަރާތުން އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޔުނައިޓެޑުންނެވެ. މި ލަނޑު 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޑަން ސަންޗޯއެވެ. މި ލަނޑަށްފަހު ވެސް ޔުނައިޓެޑުން ދިޔައީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ނަމަވެސް ލިވަޕޫލް އިން ވަނީ ޔުނައިޓެޑުގެ ހާފަށް ބާރު ބޮޑު ކުރަމުންނެވެ. މިގޮތުން އެޓީމުން ހަމަލާތަކެއް އުފެއްދިއިރު، ޔުނައިޓެޑުން ވަނީ އެ ހަމަލާތައް ދިފާއު ކޮށްފައެވެ.

ދެވަނަ ހާފް ގައި ޔުނައިޓެޑުން އެލަންގާގެ ބަދަލުގައި އެންތަނީ މާޝިއަލް ކުޅެން އެރުވިއެވެ. އޭނާގެ އެހީތެރިކަމާ އެކު 53 ވަނަ މިނެޓުގައި މާކަސް ރަޝްފަޑް ގޯލުން ޔުނައިޓެޑުން ވަނީ ލީޑު ފުޅާ ކޮށްފަ އެވެ.

މި މެޗުގެ ފަހު ވަގުތުގެ ތެރޭގައި ލިވަޕޫލްގެ ކުޅުން ވަރުގަދަކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 81 ވަނަ މިނިޓުގައި ކާވާލިއޯ ފޮނުވާލި ހަމަލާއެއްގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ދިފާއުކުރުމުން ކުޅުމުގެ ތެރެއަށް އައި ބޯޅަ އެއްފަހަރުން ބޮލުން ޖަހައި މުހައްމަދު ސަލާހު އެޓީމަށް ލަޑެއް ކާމިޔާބު ކޮށްދިނެވެ.

މިއީ ޕްރިމިއަރ ލީގުގައި މިސީޒަންގައި ޔުނައިޓެޑް ކުޅުނު ތިން މެޗުން ލިބުނު ހަމައެކަނި މޮޅެވެ. ލިވަޕޫލަށް ތިން މެޗުން އަދި މޮޅެއް ނުލިބެއެވެ. ފުރަތަމަ ދެ މެޗު ވީ އެއްވަރެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *