ތަފާތުބޮޑު ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އިން ބޯންމައުތުގެ މައްޗަށް 0-9 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ. މިއީ ސިޒަންގައި ލިވަޕޫލް ހޯދި ފުރަތަމަ މޮޅެވެ.

ލިވަޕޫލް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައި ވާއިރު، އޭގެ ކުރިން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިން ވަނަ މިނެޓުގައި އެޓީމުން ވަނީ ލުއިސް ޑިއާޒްގެ އެހީތެރިކަމާއެކު ލީޑު ނަގާފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހާވޭ އެލިއަޓްގެ ލަނޑުން ލިވަޕޫލް އިން ވަނީ ލީޑު ފުޅާ ކޮށްފައެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު 28 ވަނަ މިނެޓުގައި އާނޮލްޑް ކާމިޔާބު ކުރިއިރު، ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ފިރްމީނޯ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނިޓުގައި، އެޓީމުގެ މުހައްމަދު ސަލާހު، އާނޯލްޑަށް ޖައްސާލި ބޯޅަ ބްލޮކް ވެފައި ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެންނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެންޑައިކް ވަނީ ލިވަޕޫލްގެ ފަސް ވަނަ ލަނޑު ޖަހާފައެވެ. މިއާއެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލީ 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ލިވަޕޫލުން އެޓީމުގެ ހަ ވަނަ ލަނޑު ކާމިޔާބުކުރީ އާނޯލްޑް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ވީއޭއާރު ރިވިއު ކުރުމަށް ރެފްރީ ނިންމީ ލަނޑެއްކަމުގައެވެ.

ލިވަޕޫލްގެ ހަތް ވަނަ ލަނޑު 62 ވަނަ މިނެޓުގައި ފިރްމީނޯ ކާމިޔާބު ކޮށްފައިވާއިރު، 8 ވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފަބިއޯ ކަވާޅޯއެވެ. އަދި 85 ވަނަ މިނެޓުގައި ލިވަޕޫލްގެ ނުވަ ވަނަ ލަނޑު ކާމިޔާބުކުރީ ލުއިސް ޑިއާޒްއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 8 ވަނައިގައެވެ. ބޯންމައުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *