ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފިއެވެ. ޓުޗެލް މި ސީޒަނުގައި ހޯދާފައިވާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.
އޭނާ ވަކިކުރީ ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ރޭ ކްރޮއޭޝިއާގެ ޗެމްޕިއަން ޑައިނަމޯ ޒެގްރެބް އަތުން 1-0 އިން ބަލިވެފައި ވަނިކޮށެވެ. އަދި މި ސީޒަނުގެ ޕްރިމިއާ ލީގުގައިވެސް އެޓީމަށް މިހާތަނަށް ރަނގަޅު ނަތީޖާއެއް ނުހޯދެއެވެ. އެގޮތުން ޕްރިމިއާ ލީގުގައި ކުޅުނު ހަ މެޗުން މޮޅުވެވުނީ ތިން މެޗުންނެވެ. ދެ މެޗުން ބަލިވެ އެއް މެޗު އެއްވަރުވީ އެވެ.
ޗެލްސީން ވަނީ އެ ކްލަބުގެ ކޯޗުކަމުގައި ޓުޗެލް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ކްލަބުން ވަނީ އޭނާއަށް މުސްތަގުބަލުގައި ކާމިޔާބީއަށްވެސް އެދިފައެވެ.
ޗެލްސީގެ ކޯޗު ކަމާ ޓުޗެލް ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާ އެ ޓީމަށް އެ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. މީގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްދިނެވެ.
ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ 100 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން މޮޅުވެފައި ވަނީ 60 މެޗުންނެވެ. ބާކީ 16 މެޗުން އެޓީމު ބަލިވެފައިވާއިރު، އަނެއް 24 މެޗު ނިމުނީ އެއްވަރުވެގެންނެވެ.