(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
އައިން ހޮސްޕިޓަލުގައި އޮންނަތާ ދެވަނައަށް ވީދުވަހު ހާއިޝް ހޮސްޕިޓަލަށް ދިޔައީ ރައްޓެއްސަކަށް ގޮވާލާށެވެ. އެބަހާނައިގައި ނަމަވެސް އައިންއަށް ގޮވާލަން ދާން އޭނާ ހުރީ ބޭނުންވެފައެވެ. އޭނާ އައިންގެ ކޮޓަރީގައި ޓަކިޖަހާލިއެވެ.
"އައިން …" ދޮރުހުޅުވާލި އަރީޝް ގާތު ހާއިޝްއަށް ބުނެވުނީ އެވަރަށެވެ. އަރީޝް އަތުގެ ހަރަކާތުން އެތެރެއަށް ވަނުމަށް އެދުނެވެ. އެވަގުތު އަރީޝް ބޭރަށް ނިކުތީ ފެންފުޅިއެއް ގަތުމަށްޓަކައެވެ. އައިން އޮތީ ލޯމަރާލައިގެންނެވެ. ހާއިޝް ގޮނޑީގައި އިށީނދެލިއެވެ.
އޭނާ ހައިރާންކަމާއެކު އައިންއަށް ބަލާލެވުނެވެ. މޭކަޕާއި ނުލާ އޭނާގެ މޫނު ކުރިއަށްވުރެންވެސް ދޮންވެފައި ސާފުވެފައި ރީތިކަމަށް ދައްކައެވެ. ލިބިފައިވާ އެއްވެސް ޒަޚަމެއްގެ އަސަރު ނުފެންނަނީ އޭނާގެ ހުދުވެފައިވާ ތުނި ތުންފަތުގައިވާ މަޑު ހިނިތުން ވުމުންނެވެ. ހާއިޝަށް ދުވަހަކުވެސް މިހާރީތި މޫނެއް ފެނިފައެއްނުވެއެވެ. ހިނދުކޮޅަކަށް ހާއިޝަށް އިހުސާސްކުރެވުނީ ގާތް ލޯތްބެއް އައިންއާއި ދޭތެރޭ އުފެދުނުކަމެވެ. މިހެން ހިތުގައި ހިނގައިގަތުމުން ފާޑެއްގެ ބިރުވެރިކަމެއް ލިބުނެވެ.
"އަޅުގަނޑުގެ ހާލުދެކެލުމަށް ދުރުވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ." މީހަކު އުޅޭހެން ހީވާތީ ލޯހުޅުވާލި އައިން ހިނިތުންވެލެވޭތޯ މަސައްކަތް ކުރިއެވެ.
"މި ކަންތައްތައް ދިމާވި ގޮތުން އަހަރެންނަށް މާފުކުރޭ. އައިންއަށް އަދަބު ލިބުނީ އަހަރެންގެ ސަބަބުން. އަހަރެން އައިންއާމެދު ގޯސްގޮތަކަށް ވިސްނުމުން. އެއީ އަހަރެން ގަސްތުގައި ކުރިކަމެއްނޫން. އާރިފް ހުރިހާއެއްޗެއް ކިޔައިދީފި." ހާއިޝްގެ ކުށް ގަބޫލު ކުރާ ހާލު އައިންގާތު މާފަށް އެދެނީއެވެ.
"އެއީ ކަމެއްނޫން." ކުރީދުވަހުން ފެށިގެންވެސް އައިން ވިސްނަމުން ދިޔައީ އޭނާގެ ހާލަތަށެވެ. އޭނާއަށް މިހުރެވުނީ އޭނާ ނުހަނު ބިރުގަންނަ އަދި އިހުތިރާމް ކުރާ ޓީޗަރ ގާތުގައެވެ. ނަތާއައުމުން ހާއިޝް ހުއްޓާލިއެވެ.
ކޮންމެތާކަށް ދިޔަޔަސް އަދި ކޮންމެ ހިނދުކޮޅަކުވެސް ހާއިޝަށް އައިންގެ ޚިޔާލުތަކުން އުނދަގޫ ކުރުވައެވެ. އައިންގެ ލޯބި މޫނާއި އޭނާގެ ހިމޭންކަން ހާއިޝަށް އަބަދުވެސް ފެންނަކަހަލައެވެ. އެއީ ރީތި ކުއްޖެކެވެ. އެކުއްޖާ ހަނދާންވުމުން ހިތްހަމަޖެހެއެވެ. ނަމަވެސް ބައެއްފަހަރު އޭނާގެ ހަނދާންތަކުން އޭނާ ޖެހިލުންވެ ބިރުގަނެއެވެ. ކިޔަވައިދޭ ކުއްޖަކާމެދު ކުރެވެމުން މިދާ ޚިޔާލުތަކުން އޭނާ ނަފުސު ރައްކާތެރި ނުކުރެވިދާނެތީ ކަންބޮޑުވެއެވެ.
ހާއިޝަށް ވަނީ އާދަޔާ ޚިލާފު ބަދަލެއް ގެނުވާފައެވެ. ކުލާހުގައި ކިޔަވައިދެމުން ދިޔައިރުވެސް އޭނާގެ ފުށުން ފެންނަނީ މަޑުމައިތިރިކަމެވެ. ހުރިހާކުދިންނަށްވެސް ހާއިޝްގެ މިބަދަލަކީ އައިންއަށް ދިމާވި ހާދިސާކަން އެނގެއެވެ. އާރިފުގެ ވާހަކަތަކުންނާއި ނަތާމެންގެ ވާހަކަތަކުން އައިން އެކްސިޑެންޓްވީ އެސައިންމަންޓްގެ މައްސަލައިގާ ނުބަލާ މަގުމައްޗަށް ނިކުތުމުންކަން އެނގެއެވެ. އެކަމާއި ސަރ ވަރަށް ދެރަވާކަމާއި އައިންއަށް ހެޔޮއެދޭކަން އެނގުމުން ހުރިހާއެންމެންވެސް ތިބީ ހާއިޝަށް ހެޔޮއެދި އައިންއަށް ހަމްދަރުދީ ވުމުގެ ގޮތުން ވަރަށް މަޑުމަޑުންނެވެ. އެހެންކަމުން ކުލާސްތެރެވެސް ފެންނަނީ އާދަޔާ ޚިލާފަށް ހިމޭންކޮންނެވެ. ގަޑި ނުނިމެނީސް ހުއްދަ ހޯދައިގެން ނަތާއާއި ޒީނާ ދިޔައީ އައިންއަށްވީ ފޮތެއްބަލާ ލައިބްރަރީއަށެވެ.
"ސަރ. އައިންއަށް ގޮވާލުމަށްޓަކައި ކުލާސްކުދިން މިއުޅެނީ މިރޭ ދާންވެގެން. ސަރއަށް ދަޢުވަތުދޭން. މިކަމުގައި އަޅުގަނޑުމެންނާއެކު ބައިވެރިވުމަށް." އާރިފް ތެދުވެފައި ބުންޏެވެ.
"އެންމެ ރަނގަޅު. ތިއީ ވަރަށް ރަނގަޅު ޚިޔާލެއް."
ކުލާސް ނިމުނީއްސުރެ ހާއިޝަށް އިންތިޒާރު ކުރެވެމުންދިޔައީ މިރޭގެ އަށްގަޑިބައިވާނެ ވަގުތަކަށެވެ. ކުލާސްކުދިންނާއެކު އެބަހަނާގައި ނަމަވެސް އައިން ގާތަށް އޭނާއަށް ދެވޭތީ ހިތްހަމަޖެހެއެވެ. އޭނާ ގަޑިޖެހުމުގެ މާކުރިން ތައްޔާރުވެލީ އައިން ގާތަށް ހޮސްޕިޓަލަށް ދާށެވެ. ޗޮކްލެޓަކާއެކު އަވަސް ޝިފާއަކަށް އެދޭ ކާޑެއް ތައްޔާރު ކޮށްލައިގެން ހޮސްޕިޓަލަށް ދިޔައިރު ކުލާސް ކުދިންވެސް ހޮސްޕިޓަލުގައި ތިއްބެވެ.
"ސަރ. މާލަސްވެއްޖެ." ކުލާސް ކުއްޖަކު ފުރަތަމަ ފަހަރަށް ހާއިޝާއި ސަމާސާ ކޮށްލިއެވެ. ހުރިހާ ކުދިންވެސް ޓީޗަރަށް އިހުތިރާމް ކުރުމުގެ ގޮތުން އެތެރެއަށް ވަންނަން ތަންދައްކާ ގޮޑީގައި އިށީނުމަށް އެދުނެވެ. މިވަގުތުކޮޅުވީ އެތަނުގައި އުފާވެރިކަމާއި މަޖަލުގެ ފޯރިގަދަވި ވަގުތަކަށެވެ. ހާއިޝްވެސް ކިޔަވާކުއްޖެއްފަދައިން މިސަކަރާތުގައި ބައިވެރިވިއެވެ. އެންމެ ފަހުން ހުރިހާކުދިން ގެއަށް ހިނގައްޖެއެވެ. އެވަގުތު ކޮޓަރީގައި ހުރީ ނަތާ އެކަންޏެވެ.
"އައިން. މީ ކުޑަކުޑަ ހަދިޔާއެއް. އަވަހަށް ރަނގަޅުވެގެން ކުލާހަށް އާދޭ." ޗޮކްލެޓާއި ކާޑު ދިއްކޮށްލަމުން ހާއިޝްބުނެލިއެވެ.
"ސަރ" މަޑުމައިތިރިކަމާއި ލަދުރަކި ކަމާއެކު އައިން އެ ހަދިޔާ ގަބޫލު ކުރިއެވެ. އެވަގުތު ފޯނެއް އައިސްގެން ނަތާ ބޭރަށް ނިކުމެލިއެވެ.
"އައިން ކުލާހުގައި ނެތީމާ ވަރަށްފަޅު."
"އަޅުގަނޑު ނެތަސް ކުދިން މަދެއްނޫނެއްނޫންތޯ."
"އެކަމަކު އައިންގެ ފަޅުކަން އަހަރެންނަށް ވަރަށްބޮޑަށް އިހުސާސްކުރެވޭ." ލަދުގެންފައިވާ އައިންގެ މޫނަށް ހާއިޝް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަވަގުތު ކޮންމެ މީހަކަށްވެސް އާދަޔާ ޚިލާފު ގާތްކަމެއް އުފެދުނެވެ. އެދެމީހުންގެ ނަޒަރުގައި ބުނެދޭން ނޭނގޭ ކޮންމެވެސް ފުން އަސަރުތަކެއް ފޮރުވިފައިވެއެވެ. އަދި އައިންގެ ލޮލުން ފެނުނު ވޭން އެއްފަހަރާ ކެނޑިދާފަދަ ބޭހެއް ދެވޭނެނަމަޔޭ ހާއިޝްގެ ހިތަށް އެރިއެވެ.
"އަހަރެންގެ ބަސްއަހަންޏާ އަވަހަށް ރަނގަޅުވޭ. އެހެންކުދިންނާ އައިންއާ ވަރަށް ތަފާތު. އައިން ނެތުމުން ވަރަށް ފަޅު. އަދި އަވަހަށް ކުލާހަށް އާދޭ." ހާއިޝް ހަމައެރާގުގައި ހަމަ އެގޮތަށް ހުރެ ވާހަކަ ދެއްކިއެވެ.
"ކޮން ސިއްރު ވާހަކައެއް." މަޖާ ރާގެއްގައި ނަތާ ބުނެލީ އެމީހުން ގާތަށް އަންނަމުންނެވެ.
"މިކިޔަނީ އައިން އަވަހަށް ރަނގަޅުވާށޭ ދޯ."
"އާނ. އައިން ނެތުމުން ވަރަށް ފޫހިވޭ. ދެން އެކަމަކު ލަސްނުވެ މިތަނުން ސަލާމަތް ވެދާނެ"
"ނަތާ ދެންދަނީ އިނގޭ." ހާއިޝް ތެދުވެގެން ދިޔައިރުވެސް ނަތާވަނީ ފުން ވިސްނުމެއްގައެވެ.
"އޭނާ މިހާރު ހާދަރަނގަޅޭ. އައިން އުފުލާލައިގެން ޕިކަޕަށްވެސް އެރުވީއޭނާ. ހޮސްޕިޓަލަށް ގެނެސް އައިން އޮޕްރޭޝަންކޮށްގެން ނެރެންދެންވެސް އޭނާހުރި. އަދި މިރޭވެސް އެއައީ. އޭނާއަށް ހުރިހާކަމެއް އެނގުމުން ހުރީ ވަރަށް ދެރަވެފައި." ނަތާ ހުރިހާކަމެއް އައިންއަށް އޮޅުން ފިލުވައިދިނެވެ.
އައިންއަށް ހާއިޝްގެ ވާހަކަތަކުން އާދަޔާ ޚިލާފު ޝުއޫރުތަކެއް ވެރިވިއެވެ. އޭނާ ހަމަ ހަގީގަތުގައިވެސް ހާއިޝަށް ޚާއްސައީބާވައެވެ؟ ނޫނީ އެއީ އޭނާ އަވަހަށް ރަނގަޅުވުމަށް ހާއިޝް ދިން ހިތްވަރެއް ބާވައެވެ؟ ކޮންމެ ގޮތެއްވިޔަސް ހާއިޝްގެ ވާހަކަތަކުން އޭނާ އުފާވިއެވެ. އަވަހަށް ރަނގަޅުވެ ކުލާހަށް ދާންބޭނުން ވިއެވެ. ހޮސްޕިޓަލުގައި ފަހުން ހޭދަކުރަން ޖެހުނު ތިންދުވަސް އޭނާ ދިޔައީ ކެތްތެރިކަމެއްނެތި ހާއިޝްއަންނާނެ ކަމަށް އިންތިޒާރު ކުރެވެމުންނެވެ. ނަމަވެސް ހާއިޝްގެ ޚަބަރެއް ނުވުމުން އެއީ އޭނާގެ ކުށްހީއެއްކަމަށް ނިންމިއެވެ. އަދި އެކަމާ އޭނާ ދެރަވިއެވެ. ނަމަވެސް އޭނާގެ ހިތުގައި މިހާރަކަށްއައިސް ހިނގާ އާދަޔާ ޚިލާފު ޝުއޫރު އެއްވެސް މީހެއްގާތު ނުބުނެއެވެ.
ޖެހިގެން އައި ހަފުތާ އައިން ކުލާހަށް ދިޔުމުން ހުރިހާކުދިންގެ ފަރާތުންވެސް އާދަޔާ ޚިލާފު ގާތްކަމެއް އޭނާއަށް ފެނުނެވެ. މިކަމުން އުފާ ވާންވީވަރަށްވުރެ ބޮޑަށް އޭނާއަށް އިންތިޒާރު ކުރެވެނީ ހާއިޝްގެ ފަރާތުން ކޮންމެވެސް ބަހެއް ލިބުމަށެވެ. އޭނާ އުންމީދު ކޮށްގެންވެސް ހުރީ އެގޮތަށެވެ. ނަމަވެސް އެކަން ބޭކާރުވުމުން އޭނާ ދެރަވިއެވެ.
ހާއިޝްގެ ފަރާތުން ޓީޗަރެއްގެ ކިބައިން ފެންނަ އާދައިގެ ގޮތްފިޔަވާ އިތުރުކަމެއް ނުވެއެވެ. ނަތާއާއި ޒީނާ ފޮނުވާލާފައި އޭނާ ކިޔަވަން އިންނާނަމޭ ބުނެ ސްޓަޑީ ރޫމްގައި އިނީ ކޮންމެވެސް ވަގުތަކުން އޭނާ ފެނިދާނެކަމަށެވެ. އޭނާ މާޔޫސްކަމާއެކު ގެއަށްދާން ހިނގައިގަތެވެ. އަމީނީމަގުން ލާފައި އެކުވެނި ކައިރިއާއި އަރާ ހަމަވިތަނާ ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވާލުމާއެކު ހުއްޓެވިއްޖެއެވެ.
"މިއަދު ނަތާމެން ކޮބާ؟" ހާއިޝް ސުވާލުކުރިއެވެ.
"އެމީހުން ފޮނުވާލީ."
"ކީއްވެ. އައިންއަށް އެމީހުންނާ ނުލާ އެއްވެސް ކަމެއް ނުކުރެވެއެއްނު."
"ސަރ އަށް ކިހިނެއް އެނގިލެއްވީ."
"އެއީ…. އެއީ ދެން ހަމައެނގުނީ." އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގި އަނެކެއްގެ ބަހަށް އިންތިޒާރު ކުރެވެމުން ދެއެވެ.
"މިދަނީ ވިލިގިއްޔަށް ދާންކަމަށް. އައިން ބޭނުންނަމަ އައިން ގެއާހަމައަށް ލާފައިވެސް ދެވިދާނެ."
"ވަރަށް އުފާވާނެ. އެކަނި ދާންޖެހޭތީ މިހުރީ ފޫހިވެފައި."
"މިހާރު ބަލި ރަނގަޅުތަ."
"ރަގަޅު. ސަރ އަޅުގަނޑުގެ ހާލުބެއްލެވުމުން ވަރަށް އުފާވި. ފަހުން ހޮސްޕިޓަލުން ފެންނާނެކަމަށް ހީކުރިން. އެކަމަކު.."
"މިހާރު ހާލު މި އެނގުނީނުދޯ."
"އަޅުގަނޑުދެކެ މިހާރު ރުޅިއެއް ނުދުރުވޭތޯ."
"އަހަރެން އެއްއިރެއްގައިވެސް އައިންދެކެ ރުޅިއެއްނާދޭ. ބައެއްފަހަރު އައިން ކަންތައް ކުރާގޮތުން އެއަށްވުރެ ރަގަޅުގޮތަކަށް ކަންތައްކުރާތަން ދެކެން ބޭނުންވަނީ. އަސްލު އަހަރެން ހައިރާންވޭ އެއްމެ ފުރަތަމަދުވަހު އައިންއާ ބައްދަލުވި ދުވަހުވެސް. އަހަރެން އައިންދެކެ ލޯބިވޭ މީހުންނާ މުއާމަލާތްކުރާ މަޑުމައިތިރިގޮތުން. މީހުންނަށް އޯގާތެރިވެ އިހުތިރާމް ކުރާތީ." އޭނާ އައިންއަށް ބަލާލިއެވެ.
އައިންވެސް ހާއިޝަށް ބަލާލެވުނެވެ. އެއީ އައިންއާމެދު ފާޅުކުރެވުނު އިޚްލާޞްތެރި ޝުޢޫރެކެވެ. އެމީހުންގެ ބައްދަލުވުން މިހާރު އެނބުރެމުންދަނީ ރަހުމަތްތެރިކަމާއި އޯގާތެރިކަމަކަށެވެ. ކޮންމެ ގޮތެއްވިޔަސް އެމީހުންގެ މެދުގައި އުފެދިފައިވަނީ އެކަކު އަނެކެއްގެ ޚިޔާލުތައް ހިއްސާ ކުރުމާއި އެކުވެރިކަމެވެ. ޒުވާން ހުޝިޔާރު މުދައްރިސަކީ އައިންގެ ފަރާތުން ވަގުތީ ހިތްހަމަޖެހުމަކަށް އެދޭ މީހެއް ނޫނެވެ. ހުރިހާ ވަގުތެއްގައިވެސް އައިންއަށް ހެޔޮއެދޭ މީހެކެވެ.
"ތެންކްސް. ގުޑްނައިޓް." އައިން ގޭތެރެއަށް ވަދެގެން ދިޔައެވެ.
އައިންއަށް ގެއަށް ވަދެވުނުއިރު ނަތާމެން ތިބީ އައިންގެ ކޮޓަރީގައެވެ. އެ ތިންމީހުން އަބަދުވެސް އެގަޑީގައި އެކުގައި ކިޔަވައެވެ. އައިން އަންނަންދެން ނަތާ ފޭސްބުކަށްވަދެގެން އަރީޝާ ވާހަކަދައްކަމުން ދެއެވެ. ޒޫނާ އިނީ ފޯނެއްގައެވެ. އެމީހުންނަކަށް އައިންގެ ކޮޓަރީގައި މަނާ އެއްޗެއް ނެތެވެ. އައިން މަންމަވެސް ނަތާއާއި ޒޫނާދެކެ ވަރަށް ލޯބިވެއެވެ. ގެއަށް ވަނުމާއެކު އައިން ފޮތްދަބަސް އެދުމައްޗަށް އެއްލާލިއެވެ. އަދި ރޯންފެށިއެވެ.
"އައިން ކިހިނެއްވީ."
"ކަމެއްނުވޭ."
"ކަމެއްނުވެ މީހުންނެއް ނުއެއްރޯނެ." ނަތާ ބުންޏެވެ
"މީހަކު އެއްޗެކޭ ބުނީތަ؟" ޒޫނާއެހިއެވެ
"ނޫން. އަހަރެން ހަމަ ރޯހިތްވަނީ. ނޭނގެ ވާގޮތެއް."
"އައިން ކަމެއް ސިއްރުކުރަނީތަ؟"
"ނޫން. ނަތާމެންނާ ސިއްރުކުރާނެހެން ހީވޭތަ؟"
ހަގީގަތުގައި އައިން އަށްވަނީ ހަދާނެގޮތް ހުސްވެފައެވެ. އޭނާއަށް ޔަގީންވާ ގޮތުގައި އޭނާ ހާއިޝްދެކެ ވަރަށް ލޯބިވެއެވެ. އޭނާ ހާއިޝް ވަރަށް ބޭނުންވެއެވެ. ކޮންމެ ވަގުތަކުވެސް އޭނާގެ ޚިޔާލުގައި އޮންނަނީ އެ ރީތި ޒުވާނާއެވެ. އޭނާގެ ޝަހުޞިއްޔަތުގައި ހުރި ހަރުދަނާކަމާއި ވިސްނުންތެރިކަމެވެ. އައިންއާއި ގާތްކަން ބާއްވާގޮތެވެ. އޭނާދެކެ ލޯބިވާވާހަކަ ބުނާނެ ގޮތެކެވެ. މިކަމުގައި އޭނާ އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވެއެވެ. އެންމެންވެސް އޭނާއާއި ދެކޮޅުވާނެކަން ގަބޫލު ކުރެވޭތީއެވެ. އަނެއްކާ ނަތާމެންގެ ފަރާތުންވެސް ކުއްޖަކަށް އެވާހަކަ އެނގިއްޖެއްޔާ ހާއިޝްވެސް ބޭޒާރު ވާނެއެވެ. އެއީ އޭނާ އެދޭ ގޮތެއްނޫނެވެ.
ކުރީދުވަހަކު ކޮލެޖުގެ ލޮޖްގައި ހުރި މޭޒެއްގައި އައިންމެންނާއެކު ހަކުއްޖަކު ގަޑިނުޖެހިގެން ތިއްބެވެ.
"އެނގޭތަ ހާއިޝް ސަރ އުޅެނީ ރަށަށް ދާން." އާރިފް ބުނެލިއެވެ.
"އަދިކިރިޔާތަ ތިއެނގުނީ. ސަރގެ ވެޑިންނަށޯ ދަނީ."
"ކުރިންވެސް ދާކަން އެނގޭ. އެކަމަކު ވެޑިންނަށް ދާކަމެއް ނޭނގޭ."
"ކިހިނެއް އާރިފަށް އެނގުނީ." އެންމެ ފަހުން ނުހުރެވިގެން އައިން އެހިއެވެ.
"ރިފާއު ސަރ ބުންޏޯކިޔާފަ ނައީމްބުނީ." ގަޑިޖެހުމުން ކުލާހަށްދާން ހިނގައިގަންނަމުން އާރިފް ބުންޏެވެ.
(ނުނިމޭ)