(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
ހުރިހާކުދިން ކުލާހަށް ދިޔައެވެ. އައިންއަށް މިލިބުނު ޚަބަރުން މުޅިން މާޔޫސްވެއްޖެއެވެ. އޭނާ ހާއިޝްދެކެ ވަރަށް ލޯބިވެއެވެ. ކުލާހުގައިވެސް އޭނާއަށް ހާއިޝާ ދިމާއަށް ބެލެނީ ހާއިޝަށްވެސް އެކަން ފާހަގަ ކުރެވޭ ވަރަށެވެ.
"އައިން. އެއްޗެއް އޮޅުން ފިލުވަން ބޭނުމީތަ." ހާއިޝް އައިސް ސުވާލު ކުރިއެވެ.
"ލައްބަ."
"އަހާބަލަ."
"ނޫން. އެއްޗެއް ނޫން." އޭނާ އޮޅުވާލިއެވެ.
"ޔަގީންތަ ނޫންކަމަށް." ހާއިޝް ހިނިތުންވެލާފައި އެހިއެވެ.
"އޮޅުން ފިލުވަން ބޭނުންވާ އެއްޗެއް އޮތިއްޔާ އަހަރެންނާ ބައްދަލުކުރެވިދާނެ ކޮންމެ އިރަކުވެސް. އެކަމަކު އެއީ އަހަރެން ފުރުމުގެކުރިން." ހާއިޝް ހަމައެހިނިތުންވެލުމުގައި ހުރެ ހިނގައިގަތެވެ.
އައިންއަށް މިއިން އެތައް މާނައެއް ނެގުނެވެ. އޭނާއަކީ ހަމައެކަނި ޓީޗަރެކެވެ. އައިންއާމެދު އެފަދަ ގުޅުމެއް އޭނާގެ ނޯންނާނެއެވެ. ނަމަވެސް އައިންއަށް އެކިއެކި ޚިޔާލުތަކުން ތަފާތު އުނދަގޫ ކުރުވަނީއެވެ. އޭނާ ވިސްނަން ބޭނުންނުވިޔަސް ވިސްނެނީ ހާއިޝްއާއި މެދުގައެވެ. އެންމެފަހުން ގަޑިނިމިގެން އޭނާއާއި ބައްދަލު ކުރަންދާން ނިންމިއެވެ.
މިއަދު އައިންގެ އެދުމުގެ މަތީން ގޭގައި ކިޔަވަމުން އައި ކިޔެވުން ކޮލެޖްގައި ކިޔެވުމަށް ބަދަލުކޮށްލައިފިއެވެ. އައިންމެން ތިންކުދިންވެސް ކޮލެޖަށް ކިޔަވަން ދިޔައީ ރޭގަނޑު ނުވައެއްޖެހުމުން ކޮލެޖް ބަންދު ކުރީމާ އަންނަގޮތަށެވެ. މިގޮތަށް އޭނާ ނިންމީ ކޮންމެވެސް ދޭތެރެއަކުން ހާއިޝްއާ ބައްދަލުކޮށްލާށެވެ. ފުރުމުގެ ކުރިން އެއްފަހަރު ދެކިލާށެވެ.
"އަހަރެން އެބައަންނަން ފާޚާނާއަށް ގޮސްފަ. ޒޫނާމެން ތިބެއްޗޭ." އައިން ބުންޏެވެ.
"އެކަނިތަ ދަނީ. އަހަރެން ދަންތަ."
"ނޫން. ވަރަށް އަވަހަށް އަންނާނަން. ނަތާމެން ތިބޭ." އައިން ހިނގައިގަތެވެ.
އައިން ބާރު ހިނގުމެއްގައި ހާއިޝްގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ބޭރުގެ ވަރަށް މަދު ބޮތްކެއް ދިއްލާފައި ހުރުމުގެ ސަބަބުންނާއި ކުދިން އެހިސާބުގައި ނެތުމުގެ ސަބަބުން ތަނަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. މިކުރެވެނީ ކިހާވަރެއްގެ ކަމެއްވެސް ނޭގޭހާލު އައިން ސިހިސިހި ހުރެ ހާއިޝް ކޮޓަރީގައި ޓަކިޖަހާލިއެވެ. އެއީ ހާއިޝްއަށާއި ރިފާއުއާއި ލެކްޗަރާއިންނަށް ޚާއްޞަ ކޮށްފައިވާ ކޮޓަރިއެކެވެ.
"ވަދޭ" އެތެރޭން އިވުނީ ހާއިޝްގެ އަޑެވެ. އޭނާ ދާންތޯ ނުދާންތޯ ވިސްނާލިއެވެ. އެންމެފަހުން އޭނާ އެތެރެއަށް ވަނެވެ.
"އައިން ތަ. ކިހިނެއްވީ." މޭޒުކައިރީ އިން ހާއިޝް ތެދުވެގެން އައިން ގާތަށް އައެވެ. އިސްޖަހާލައިގެން ހުރި އައިން ނުވަގުތެއްގައި ފެނުމުން އޭނާއަށް ބުނަންނޭނގޭފަދަ އުފަލެއް ލިބުނެވެ. އެއީ އެކުއްޖެއްގެ ސަބަބުން މިހާރު އޭނާ ދިރިއުޅެން އުނދަގޫވާވަރަށް ޚިޔާލުތައް ކުރެވޭ ލޯބި އަންހެން ކުއްޖާއެވެ.
"ސަރ. ދުރުވަނީތަ." އޭރު އައިންގެ ލޯ ފެންކަޅިވެއްޖެއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް ނުހިފެއްޓި ހާއިޝަށް ފެންނަގޮތަށް ފައިބައިފިއެވެ.
"ދާންވެގެން އުޅުނީ." އައިންއަށް ކޮށްފައިވާ އަސަރުން އައިން އޭނާދެކެ ލޯބިވާކަން ޔަގީން ކުރެވިއްޖެއެވެ. އޭނާއަށް ކުރެވިފައިވާ ޝައްކު އަދިވެސް ޔަގީނަށް ބަދަލުކުރަން ބޭނުންވެއެވެ.
"ދެން ނުދުރުވާނަން ދެއްތޯ." ޅަގޮތަކަށް އައިން ބުނެލިއެވެ.
"އެއީ ކީއްވެ."
"ސަރ. ދުރުވީމަ ވަރަށް އުނދަގޫވާނެ." އައިންއަށް އަދިވެސް ރޮވެނީއެވެ. އޭނާގެ ހަރަކާތް ވަނީ ހުއްޓިފައެވެ. އޭނާގެ ދެތުންފަތް ތުރުތުރު އަޅައެވެ. ނުރޯންކަމަށް އުޅެން ހަދައިގެން ލޮލުންނާއި ނޭފަތުން މާގިނައިން ފެން އަންނަން ފަށައިފިއެވެ. އައިންގެ މި އާދަޔާ ޚިލާފު ހަރަކާތްތަކުން މިހުރިހާދުވަހު ހިފަހައްޓަމުން ދިޔަ އިހުސާސްތައް ހާއިޝަކަށް ނުހިފެއްޓުނެވެ. އެ ލޯބި ކުއްޖާއާއި ދުރު ނުވެވޭނެކަމާއި އެރީތި ކަމަކީ އޭނާއަށް ދުރުގައި ހުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އޭނާ ބޭއިޚްތިޔާރުގައި މި ނިޔަނެތި ކުއްޖާއާއި ދިމާއަށް އާދެވިއްޖެއެވެ. ހަގީގަތުގައިވެސް މިއަންހެން ކުއްޖާ އޭނާދެކެ ލޯބިވާކަން ޔަގީންވުމުން އޭނާގެ ލޯބި ފާޅުކޮށްލާ ހިތްވިއެވެ.
"އައިން. ކޮއްކޮގެ ކައިވެނި އަދިވެސް ފަސްކުރެވިދާނެ." އައިން އޭނާދެކެ ލޯބިވާކަން ޔަގީން ކުރެވުނެވެ.
"ކޮއްކޮގެ ކައިވެންޏަށޭ. އެކަމަކު އާރިފް ބުނީ ސަރގެ ކައިވެންޏަށޯ." ސިއްރު ފަޅާއެރީތީ އައިން ލަދުގަނެއްޖެއެވެ.
"އެކަމަކު އައިން ބުނެފިނަމަ އަހަރެންނެއް ނުދާނަން." ހާއިޝަށް އެއްޗެއް ވިސްނިގެން ބުންޏެވެ. އަދި އައިންގެ ކަރުނަތައް ފޮހެލަދިނެވެ.
"ހަމަރަނގަޅަށްތޯ." އައިން ގަބޫލުނުކުރެވޭ ގޮތަކަށް އަހާލިއެވެ. މިހެން އަހާލިއިރު އައިން ހީވަނީ ސްކޫލް ކުއްޖެއްހެންނެވެ. އެހާވެސް ނިޔަނެތިވެފައި މައުސޫމެވެ.
"ހަމަރަނގަޅަށްވެސް. އައިންއަކީ ވަރަށް ޚާއްޞަކުއްޖެއް." އޭނާ އައިންގެ އަތުގައި ހިފާލިއެވެ. އަދި އައިންގެ މޫނަށް ބަލާލިއެވެ. އެހިނދު ދެމީހުންގެ ނަޒަރު ސީދާވިއެވެ. އެ ބެލުމުގައި އާދަޔާ ޚިލާފު ކަމެއްވެއެވެ. އެއިން އެތައް ވާހަކައެއް ބުނެދޭ ކަހަލައެވެ.
"އަޅުގަނޑު ވަރަށް ލޯބިވޭ." އައިންއަށް ބުނެލެވުނެވެ.
"އަހަރެންވެސް އައިންދެކެ ވަރަށް ލޯބިވޭ. އެކަމަކު އައިންއަކީ އަދި ކިޔަވާކުއްޖެއްވީމަ."
"ވަރިހަމަ. އަޅުގަނޑަކަށް ސަރ އާއި ނުލާ ދެން ނޫޅެވޭނެ." އައިން ހާއިޝަށް ބަލާލިއެވެ. ހާއިޝް އެ ގޮތްދޫނުކުރާ ކުއްޖާގެ ޅަގޮތުން އޭނާގެ ކެތްތެރިކަން ކޮޅުން ލީކަހަލައެވެ. އޭނާ ރަނގަޅަށް އައިންއަށް ބަލާލިއެވެ. އައިންގެ ހާމައަށް ދޫކޮށްލެވިފައިވާ ފަން އިސްތަށިގަނޑުވަނީ އޭނާގެ ފުރިހަމަކަން އޭގެ އިންތިހާއަށް ގެނުވައި ދީފައެވެ. މަޑު އަލީގައި އައިން ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. އަދި އެހާމެ ރީއްޗެވެ. އޭނާގެ ދޮންމޫނާއި ރީތި ތުންފަތުގެ ތަފާތު އަސަރުން މި ހިމޭން ކަމުގައި ހާއިޝް ވަނީ އާދަޔާޚިލާފު އަސަރެއް ކުރުވައިފައެވެ. އައިންގެ އިސްޖެހުމާއި ހިމޭންކަން ހާއިޝަށް ނުހަނު ކަމުދިޔައެވެ. އޭނާ އައިންގެ އަތުގައި އަނެއްކާވެސް ހިފާލިއެވެ. ދެން އޭނާ ކަނާތުން އައިންގެ ކޯތާފަތް މަތީގައި ހުރި އިސްތަށިތައް ރަނގަޅު ކޮށްލިއެވެ.
"ތީ އަހަރެންނަށް ފެނުނު އެންމެ ލޯބި ކުއްޖާ." ހާއިޝް މަޑުމަޑުން އައިންގެ އަތަށް ފިތާލިއެވެ. އައިންއަށް މި ބީހުމުން މުޅިހަށިގަނޑަށް ފާޑެއްގެ ބާރެއް އައިކަހަލައެވެ. މިއީ ދުވަހަކުވެސް އޭނާއަށް ކުރުވި އިހުސާސެއް ނޫނެވެ. ބޭ އިޚްތިޔާރުގައި އޭނާއަށް ލޯމަރާލެވުނެވެ. އަދި އޭނާގެ މޫނު ހާއިޝްގެ މެޔާ ނުހަނު ކައިރި ކޮށްލެވުނެވެ.
"އައިން." ކުއްލިއަކަށް ދޮރު ހުޅުވާލާ އެތެރެއަށް ވަން ނަތާ ރުޅިވެރިކަމާއެކު ގޮވާލިއެވެ. އެއާއެކު ދެމީހުންނަށް ސިއްސައިގެން ގޮސް ދުރަށް ޖެހެވުނެވެ. ނަތާ އިތުރު އެއްޗެއް ނުބުނެ ބާރަށް ނިކުމެގެން ދިޔައީއެވެ. އައިންވެސް ކަންބޮޑުވެފައި ހުރެގެން ނަތާއަށް ގޮވަމުން ފަހަތުން ދެއެވެ.
"އައިން ތިފެންވަރަށް ހިނގައިދާނެ ކަމަކަށް މަށެއް ގަބޫލެއް ނުކުރަން." ނަތާ ހުރީ ރުޅިއައިސްފައެވެ. އޭނާއަކީ އައިންއަށް އެންމެ ހެޔޮއެދޭ ރަހުމަތްތެރިޔާއެވެ. އަދި އޭނާއަކީ ކުޑަ ދުވަސްކޮޅެއް ތެރޭގައި އައިންގެ ފަހަރިއަށްވެގެން އައިންގެ ކަންތައްތައް ބެލުމުގެ ޒިންމާ އަރާނެ ކުއްޖެކެވެ.
"ނަތާ. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުން."
"އައިން. އެއީ ރަނގަޅު ކަމެއްނޫން. މީހަކަށް އެނގިއްޖެއްޔާ ތި ދެމީހުން ބޭޒާރުވާނެ. އަނެއްކާ އެއީ ރަނގަޅު މީހެއްނޫން."
"ނަތާ. ނަތާއަށް ނޭނގޭ ކިތަންމެ ކަމެއް މިހާރު އަހަރެންނަށް އެނގިއްޖެ. އަހަރެން އޭނާދެކެ ލޯބިވޭ."
"އައިން. އެއީ ރަނގަޅު މީހެއްނޫން. ރަގަޅު މީހެއްނަމަ އައިންއަކަށް ގެއްލުމެއް ނުދިނީސް. އަދި ތިއީ އޭނާގާތުން ކިޔަވާ ކުއްޖެއްކަން އެނގިހުރެ….." ނަތާ ލޮޖްގައި ހުރި ބުރުގައި އިށީނދެލިއެވެ.
"ހުރިހާކަމެއް ހުށައެޅީ އަހަރެން." އައިން އޭނާ ސަލާމަތް ކޮށްދެވޭތޯ އުޅުނެވެ.
"ނޫން. އައިން. އޭނާގެ ކޮޓަރިއަށް އައިން ވެއްދުން އެއީ ލެކްޗަރަރ އަކަށްވެގެން ހުރެ ކުރި ވަރަށް ބޮޑު ކުށެއް."
"ނަތާ. މިވާހަކަ އެއްވެސް މީހެއްގާތު ނުބުނައްޗޭ. ޒޫނާ ގާތުގައިވެސް."
"އެކަމަކު އައިން…… ތީ ރަނގަޅު ކަމެއްހެނެއް ހިއެއްނުވޭ." ނަތާގެ ވާހަކަ ދިޔަ މަޑުމައިތިރި ގޮތުން އައިންއަށް ހިތްވަރު ލިބުނެވެ.
"ޕްލީޒް ނަތާ. އަހަރެންނަށް މިކަން ސިއްރުކޮށްދޭތި." އައިން އެތައް އާދޭހެއް ކުރުމުން ނަތާ އެއްބަސްވިއެވެ. އެހެންނަމަވެސް އޭގެފަހުން ނަތާއާއި އައިންއާމެދު ކޮންމެވެސް ވަރަކަށް ދުރުކަމެއް އުފެދިއްޖެކަމަށް ދެމީހުންނަށްވެސް ފާހަގަ ކުރެވުނެވެ. ނަތާގެ ޝަކުވާއަކީ އައިން އޭނާގާތު އެއްވެސް ވާހަކައެއް ކުރިން ނުބުނުމެވެ. ހާއިޝްކަހަލަ މޮޅު ލެކްޗަރަރ އަކު އައިންކަހަލަ ނުވިސްނޭ ޅަ ކިޔަވާކުއްޖަކާ ގުޅުންބޭއްވުން އޭނާއަށް ގަބޫލު ނުކުރެވެނީއެވެ.
އައިންގެ ޓެސްޓް ވަރަށް ކައިރި ވެއްޖެއެވެ. ހުރިހާކުދިންވެސް ހޭބޯނާރައި ކިޔެވުމާއިގެން ކުރިއަށްދެއެވެ. ހާއިޝްގެ އެދުމުގެ މަތީން އައިންއަށް ހާއިޝް ފެންނަނީ ހަމައެކަނި ކުލާސް ތެރެއިންނެވެ. ޓެސްޓް ކައިރި ވެފައި އޮތުމުން އެހެން ފަހަރުތަކޭވެސް އެއްގޮތަށް އައިންގެ ނަތީޖާއަށް ހެޔޮބަދަލެއް ގެނައުމަށްޓަކައެވެ.
އައިންމެން ތިންކުދިންވެސް ކޮންމެ ދުވަހަކު ހަވީރު ކޮލެޖަށް ކިޔަވަން ދާގޮތަށް އަންނަނީ ރޭގަނޑު ނުވައެއްޖެހީމާ ކޮލެޖް ބަންދު ކުރީމައެވެ. އާދައިގެމަތީން މިރޭވެސް އެތިންކުދިން ތިބީ ވަކިމޭޒެއްގައި ކިޔަވާށެވެ. އޭރު ބައެއްކުދިން ހިނގައްޖެއެވެ. ކިޔަވަންތިބި ހޯލްގައި ވަރަށް މަދުކުއްޖަކު ނޫނީ ނެތެވެ.
"އޭތް އަހަރެން އެބައަންނަން ޕެކެޓެއް ގަނެގެން." އާރިފް ދަމުން ގޮވާލިއެވެ.
"އާރިފް އަހަރެންވެސް ދާނަން. މި ފޮޓޯކޮޕީ ހައްދަން. އައިންމެން ދާނަންތަ." ނަތާ ބުނެލިއެވެ.
"ނޫން. މަށާ އައިންއާ މިތާ އިންނާނަން. ނަތާ ގޮސްފައިއާދޭ. އޯކޭތަ." ޒޫނާ ބުންޏެވެ.
ނަތާއާއި އާރިފް ބޭރަށް ނިކުތުމުން ޒޫނާއާއި އައިން ފޮތްތައްބެހެއްޓީ ނަތާ އަންނަންދެން ހުސްވަގުތުކޮޅެއް ނެގުމަށެވެ. އެހެންކަމުން އައިންގެ ލެޕްޓޮޕް ހުޅުވާލާ ފޭސްބުކަށް ވަދެލިއެވެ. އަދި ބައެއް ރައްޓެހިންގެ މެސެޖްތަކަށް ޖަވާބު ދޭންފެށިއެވެ.
"އައިން. އަހަރެން އެބައަންނަން."
"ކޮންތާކަށް." އައިން އެހިއެވެ.
"ވަރަށް އަވަހަށް އެބައަންނަން." ޒޫނާ އަޑު އައިންއަށް އިވުނީ ކިރިޔާއެވެ. އޭރު ޒޫނާ ހޯލުން ނިކުމެގެން ދަނީއެވެ.
ނަތާ ފޮޓޯކޮޕީ ނަގައިގެން ހޯލަށް ދާން އެކަނި ދިޔައީ އާރިފް އޭނާގެ ރައްޓެއްސަކާއެކު ފިޒަސްއަށް ވަނީމައެވެ. ބާރަށް ހިނގާފައި އައި ނަތާއަށް ހުއްޓުން އެރީ ހާއިޝްގެ ކޮޓަރިން ބަޔަކު ވާހަކަ ދައްކާހެން ހީވެގެންނެވެ. އެ އަނދިރި ކޮޓަރީގައި ވާހަކަދައްކަނީ ކޮންބައެއްތޯ ބެލުމުގެ ޝައުގުވެރިކަން އުފެދުނީ ކުރީ ރެއަކު އެކޮޓަރީން ފެންނަން ނުވާނެ މަންޒަރެއް ނަތާއަށް ފެނުނީމައެވެ. އޭނާ ދޮރު ހުޅުވާލިއެވެ. އެވަގުތު ފާރުގައި ދޮރު ޖެހުނު އަޑަށް މީހަކު ދުއްވައިގެން އަޑު އޭނާއަށް އިވުނެވެ. ނަތާ އަވަހަށް ހޮޅިބުރި ދިއްލާލިއެވެ. އޭރު ފިރިހެނަކު ކުޑަދޮރުން ފުންމާލިތަން އޭނައަށް ފެނުނެވެ. ނަތާ ބަލާކަށް ނުހުރެ މޭޒުމަތީގައި އޮތް ބިއްލޫރި ބަރުއެއްލާ ފާރުގައި ހަރުކޮށްފައިވާ އެލާމްގެ ބިއްލޫރިގަނޑު ތަޅާލިއެވެ. އެވަގުތު މުޅި ކޮލެޖްގައި އެލާމް އަޅަން ފަށައިފިއެވެ.
ގޮތްހުސްވެފައިވާ ޒޫނާ، އޭނާ ލާފައިވާ ޓޮޕްގެ މަތީބައިގެ ނެއްޓިފައިވާ ގޮށްތައް އަޅުވާ ރަނގަޅުކޮށްލިއެވެ. އޭނާގެ ބޯވަނީ ހޭވިފައެވެ. ދެލޯވަނީ ކަރުނުން ތެމިފައެވެ.
"ނަތާ." ޒޫނާ ދުވެފައި އައިސް ނަތާ ގައިގާ އޮޅުލައިގެންފައި ރޯންފެށިއެވެ.
"ޒޫނާ. ކިހިނެއްވީ. އެއީ ކާކު."
"ނަތާ." ޒޫނާ ރޯވަރުން ވާހަކަދެއްކޭ ވަރެއްނޫނެވެ.
"ޒޫނާ ދެރަނުވޭ. އަހަރެން މީހުރީނު. އަހަރެން އެމީހާ ދުށިން. އެ ހާއިޝް މީގެ ހަފްތާއެއްކުރިން އައިންއާއި އެކުވެސް ހަމަ މިތާ ތިއްބާ އަހަރެން ދުށިން."
"ނަތާ މިރޭ އޭނާ ދުށިންތަ." ޒޫނާ ބުނެލިއެވެ.
"އާން. ކުޑަދޮރުން އަރަނިކޮށް އަހަރެން އޭނާ ދުށިން. އަހަރެން މިހުރީ ޒޫނާއަށް އެހީވާން ކޮންމެ ތާކަށްވެސް ދާން ތައްޔާރަށް."
(ނުނިމޭ)