(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"ނަތާ. ހާދަރަނގަޅޭ." ޒޫނާ އަނެއްކާވެސް ނަތާގައިގާ އޮޅުލައިގަތެވެ. އޭނާ ރޯވަރުން އެއީ ވަރަށްބޮޑު އަނިޔާއެއް ލިބިފައިވާ ކުއްޖެއްކަން އެނގޭހައިވެއެވެ. ކޮލެޖުގައި އެވަގުތު ތިބި އެންމެންހެން އެދިމާއަށް އަންނަމުންދެއެވެ. އިސާހިތަކު ކޮލެޖުގެ ތެރޭގައި މިވާހަކަ ފެތުރިއްޖެއެވެ. އައިންއާއި ކޮލެޖުގައި އެވަގުތު ތިބި މުއައްޒަފުންވެސް އަންނަމުން ދެއެވެ. އަލިފާން ނިއްވާ މީހުންނާއި ފުލުހުންވެސް އަތުވެއްޖެއެވެ. އައިންއަށް އެހިސާބަށް ދެވުނު އިރު ޕޮލިހުން ޒޫނާއާއި ނަތާގެ ބަޔާން ނެގުމަށްޓަކައި ކޮޓަރިއަށް ވައްދައިފިއެވެ.
"އަހަރެން އޭނާ ދުށިން. އެއީ މި އޮފީހުގައި އުޅޭ ހާއިޝް." ނަތާ ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ. އޭރު އައިންއަށް އެ ކޮޓަރިއަށް ވަދެވިއްޖެއެވެ. ނަތާގެ އަނގައިން މިބޭރުވި ބަހުން އޭނާއަށް ހުއްޓުންއެރިއެވެ.
"ނަތާއަށް ޔަގީންތަ އޭނާ ފެނުނުކަން." ފުލުހުން އަނެއްކާވެސް އެހިއެވެ.
"އަޅުގަނޑު ގާތު ކިތަންމެ ވަރަކަށް އެހިޔަސް ބުނެވޭނީ އެޖަވާބު." ސާބިތުކަމާ އެކު ނަތާ ވާހަދެއްކިއެވެ.
"އޭނާ ހުރީ ކޮންއެއްޗެއް ލައިގެން."
"ކުރީމް ގަމީހާއި ކަޅު ފަޓުލޫން. އެއީ ހަމައޭނާ. ކުރިންވެސް." ނަތާ ބުނަންއުޅުނީ އައިންއާއެކު އޭނާ ފެނުންވާހަކައެވެ. ނަމަވެސް އައިންގެ ދެލޯ ބޮޑުކޮށްލިތަން ފެނުމުން ނަތާ ހުއްޓާލިއެވެ.
"ޒޫނާ. އެއީ ނަތާ އެބުނާ މީހާތަ؟" ފުލުހުން އެހިއެވެ.
"ލައްބަ." ކުރަކި އަޑަކުން ލަސްލަހުން އޭނާ ބުންޏެވެ. އަނެއްކާވެސް އޭނާ ރޯންފެށިއެވެ.
"އޭނާ ގާތަށް އައީ ކީއްކުރަން."
"އަޅުގަނޑު ދަނިކޮށް އޭނާ ގޮވާލީމާ ވަނީ." ޒޫނާއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާއަށް ރޮވެނީއެވެ. އެހެންކަމުން އިތުރު ތަހުގީގަށްޓަކައި ހޮސްޕިޓަލަށް ގެންދިޔުމަށް ޒޫނާ ބޭރަށް ނެރެވިއްޖެއެވެ. އޭރު ދެ ފުލުހުން ހާއިޝްގެ ދެއަތުގައި ހިފައިގެން އެދިމާއަށް އަންނަމުންދެއެވެ. އައިންއަށް މިމަންޒަރު ފެނުމުން ބޭއިޚްތިޔާރުގައި ހާއިޝްގާތަށް ދެވުނެވެ.
"އެބައަންނަން." އޭނާ ދޫކޮށްލުމަށް ހުއްދައަށް އެދުމުން ފުލުހުން އޭނާ ދޫކޮށްލިއެވެ. އަދި ބާރަށް ހިނގާފައި އައިސް އައިންގެ ގާތަށް ހުއްޓުނެވެ.
"މިވެގެން އުޅޭގޮތެއްނޭނގޭ. ނަތާމެން އެވަރުގެ ބޮޑު ދޮގެއް ހަދަނީ ކީއްވެ؟ އަހަރެން ކޮލެޖަށް މިއައީ ދެންމެ." އައިންއާއި ޚިލާފަށް ހާއިޝްގެ ލޮލުން ކަރުނައިގެ އަސަރެއް ނުފެނެއެވެ. ޒީނާ ރޯރުއިމުގެ ބަދަލުގައި ހާއިޝްގެ ފަރާތުން މާބޮޑު ކަންބޮޑުވުމެއް ނުފެނެއެވެ. ނަމަވެސް އައިންއަށް އެލޮލުން މައުސޫމްކަމާއި ތެދުވެރިކަން ފެންނަނީ ކީއްވެކަމެއް ނޭނގުނެވެ.
"ސަރ. އެމީހުން ބުނީ އެއީ ސަރ ކަމަށް. އެމީހާ ހުރީ ހަމަ ތި ގަމީހާއި ތި ފަޓްލޫންގައިކަމަށް." އައިން އަކަށް ހާއިޝް ދައްކާ ވާހަކައެއް ގަބޫލެއް ނުކުރެވުނެވެ. އެވަގުތު ފުލުހުން އޭނާގާތު ދިއުމަށް އެދުނެވެ.
"އައިން." ހިމޭން އަޑަކުން ހާއިޝް އައިންއަށް ގޮވާލިއެވެ. އެއަޑު އައިން ފިޔަވައި އެއްވެސް މީހަކަށް ނީވޭވަރަށެވެ. އެއީ ހިތާމަވެރި މޮޅިވެރި އަޑެކެވެ. އައިންއަށް އެއަޑުން އެތައް އަސަރެއް ކުރުވިއެވެ. ހުރިހާ އެންމެން ދިޔައިރުވެސް އައިންއަށް އެހުރިތާ ހަމަ ހުރެވުނީއެވެ. ހުރިހާ ކުދިން ނުހަނު ލޯބިން އުޅުނު ޓީޗަރުދެކެ މިއަދު އެންމެން ތިބީ ރުޅިއައިސްފައެވެ. ނަމަވެސް އައިން ވަނީ ހާއިޝަށްޓަކައި މޮޅިވެފައެވެ.
ހަފްތާއެއްގެ ތެރޭގައި ޒޫނާގެ މައްސަލަ ނިމިއްޖެއެވެ. ހޮސްޕިޓަލުގައި ހެދި މެޑިކަލްސް ޓެސްޓްތަކުގެ ނަތީޖާ ދައްކާގޮތުން ޒޫނާއަށްވަނީ ޖިންސީ ހާނީއްކަ ލިބިފައެވެ. އޭގެ ސަބަބުން ޒޫނާއަކީ އިއްފަތްތެރިކަން ގެއްލިފައިވާ ކުއްޖެއްކަމަށް ޓެސްޓްތަކުން ދެއްކިއެވެ.
"އެންމެންނަށްވެސް އެނގޭއެއްޗެއް އެއީ….. އަޅުގަނޑަށްވަނީ އަނިޔާ ލިބިފައި. އަޅުގަނޑު ދިޔައީ އަމިއްލައަކަށް ނޫން. ސަރގެވެސް އެދުމުގެ މަތީން…" ޒޫނާ ރޯންފެށިއެވެ. ހާއިޝާއި ގާޒީއާއި އަޑުއަހަންތިބި މީހުންގެ ކުރިމަތީގައި ޒޫނާ ރޮމުން ދިޔައެވެ.
"އަޅުގަނޑު އޭނާ ކުޑަދޮރުން ފުންމާލިތަން ދުށިން." ނަތާގެ ހެކިބަހުން އެކަން ކުރީ ހާއިޝެވެ.
"ނޫން. އެއީ އަޅުގަނޑެއް ނޫން." ކޯޓުގައި އެކަމަށް އެއްބަސްނުވާން އެތައް މަސައްކަތެއްކުރި ހާއިޝަކަށް ދެއްކޭނެ ހެކިތަކެއްނެތެވެ. އެހެންކަމުން ޒޫނާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ތިންލައްކަ ރުފިޔާގެ ޖޫރިމަނާއާއެކު ކުށުގެ އަދަބަކަށް ފަސްއަހަރަށް ހދ. ފަރިދޫއަށް އަރުވާލުމަށް ހުކުމް ކޮށްފިއެވެ. ޖޫރިމަނާ ފައިސާ ދައްކަންދެން ޖަލުގައި ބަންދު ކުރުމަށް އަމުރު ކުރެވުނެވެ. އަދި އަރުވާލުމުގެ ދުވަސްތައް ގުނާނީ އެފައިސާ ދައްކާ، ފަރިދުއަށް ދާދުވަހުން ފެށިގެން ކަމަށްވެސް ކޯޓުގައި މައްސަލަ ނިންމައިފިއެވެ.
ހާއިޝް ޖަލަށް ލެވިއްޖެއެވެ. މާލޭ ޖަލުގައި އެންމެ ދުވަހެއްވެސް ހޭދަކުރަން އޭނާއަށްވީ ދަތި އުނދަގޫ ކަމަކަށެވެ. ޖަލުން ސަލާމަތްވުން އޮތީ ތިންލައްކަ ރުފިޔާ ދައްކައިގެން ކަމަށްވާތީ އޭނާއަށް އެތައް ދުވަހެއް ވަންދެންވެސް ޖަލުގައި ހުންނަން ޖެހިދާނެއެވެ. އޭނާގެ ބޭންކް އެކައުންޓުގައި ހުންނާނީ ހަމައެކަނި ލައްކައެއްހާ ރުފިޔާއެވެ. އެއީ އޭނާ ކިޔަވާފައިވަނީ ލޯނުނަގައިގެން ކަމަށްވާތީ މިވީ ތިންއަހަރު ބޮޑުއެއްޗެއް އޭނާގެ ލޯނަށް ކަނޑާފައި ޚަރަދުތައް ކުރުމަށްފަހު ރައްކާކުރެވުނު ފައިސާކޮޅެވެ.
ދެދުވަސްވެގެން ދިޔައިރުވެސް އޭނާގެ ހާލު ބަލާލާނޭ މީހަކު ނާންނާތީއާއި އައިންގެ ޚަބަރެއް ނުވާތީ ހާއިޝް ހިތްދަތިވަމުން ދިޔައެވެ. އައިންގެ ލޯބި އަދާތަކާއި ހިތްހެޔޮ ޢަމަލުތައް ހަނދާންވުމުން އޭނާއަށް ރޮވުނެވެ. އެލޯބި ކުއްޖާވެސް އޭނާގެ ހަޔާތުން ބީވެގެން ދިޔައީކަން ޔަގީންވެ ގިސްލެވުނެވެ. އޭނާ ދުވަހަކުވެސް މީހަކު ދެކެ ލޯބި ނުވާވަރަށް އައިންދެކެ ލޯބިވެއެވެ. އެ ލޯބި ކުއްޖާ އޭނާއާއި ވަކިވުމަކީ މިޖަލުގައި އިނުމަށް ވުރެވެސް ބޮޑުކަމެކެވެ.
"ކަލޭ ޖަލުބަންދުން ސަލާމަތްވީ. ދެން ނިކުމޭ." ޕޮލިހަކު ދޮރު ހުޅުވާލާފައި ބުންޏެވެ.
"އެކަމަކު އަހަރެން އަދި ފައިސާއެއް ނުދައްކަން." ޔަގީން ނުވެގެން އޭނާ ބުންޏެވެ.
"ކޮންމެވެސް މީހަކު ފައިސާ ދައްކައިފި. އެމީހާ އާއި ބައްދަލު ކުރަންދޭ." ފުލުހުންގެ މީހާއަކީ އާދައިގެ ފުލުހުންނަށްވުރެ އޯގާތެރި މީހެކެވެ. އޭނާ ގެންގޮސް މީހުން ބައްދަލުކުރާ ކޮޓަރިއަކަށް ގެންދިޔައެވެ.
ހާއިޝް މަޑު ހިނގުމެއްގައި ގޮސް އެކޮޓަރިއަށް ވަނެވެ. އޭރު ހުދުކުލައިގެ ތުނި ގަމީހެއްލައިގެން ހުރި އަންހެން ކުއްޖެއް އޭނާގެ ފުރަގަހަށް ވާގޮތަށް ހުއްޓެވެ. ފުލުހުންގެމީހާ އޭނާ ކޮޓަރިއަށް ލާފައި ދިޔައީއެވެ. ހާއިޝަށް އެއީ އައިންކަން ޔަގީން ކުރެވުނީ އޭނާގެ ފަން އިސްތަށިގަނޑުންނެވެ.
"އައިން.. އައިން އަހަރެން ހީކުރީ އައިންވެސް ނާންނާނެކަމަށް." ހިތްދަތިކަމާއެކު ހާއިޝް ޝަކުވާކުރިއެވެ.
"ސަރ. ތިންދުވަސް އަޅުގަނޑަށްވެސްވީ ވަރަށް ގިނަދުވަހަށް. ތިންދުވަސް ވެސް މިވީ ޖަލަށް ދައްކަން ޖެހޭ ފައިސާ ނުހޯދާ ނާންނަންވެގެން." ރޮވިފައިވާ އައިން ހާއިޝް ގާތަށް އައެވެ. ދިރިއުޅުމުގައި ދުވަހަކުވެސް ހިތާމަވެރިކަމެއް ދިމާވެފައި ނުވާ އައިންއަށް ވަނީ ވަރަށްބޮޑަށް ހިތާމައެއް ލިބިފައެވެ.
"އައިން އަހަރެންނަން އިތުބާރު ކުރަނީތަ؟"
"ސަރ ގެ ލޮލުން އަޅުގަނޑަށް ތެދު ފެންނަކަހަލަ. އެކަހަލަކަމެއް ސަރ ނުކުރާނެކަން އަޅުގަނޑު ޔަގީންކުރަން." އައިން ހާއިޝްގެ މޫނަށް ބަލާލިއެވެ.
"އެކަމަކު އެއީ އައިންގެ އެކުވެރިންނެއްނު."
"އެކަމަކުވެސް އަޅުގަނޑު ސަރއަށް އިތުބާރުކުރަން."
"އައިން ފައިސާ ހޯދީ ކޮންތާކުން."
"އެއީ ބައްޕަ އަޅުގަނޑުގެ ކިޔެވުމަށް ޖަމާކޮށްދެއްވި އެއްލައްކަ ރުފިޔާ. ދެންހުރި ފައިސާއަކީ ބޭންކުގައި އުޅޭ ހުސެންކިޔާ ރައްޓެއްސެއްގެ އަތުން ފަހަށް ދައްކާގޮތަށް ނެގި އެއްލައްކަ ރުފިޔާ. ހިނގާ މިތަނުން ސަލާމަތްވާން. ދެމީހުން ފަރިދޫއަށް ދާންހިނގާ. މިހާރު ފުރާބޯޓެއް އެބައޮތް." އައިން ހުރިހާ ވާހަކައެއް ދެއްކީ އެއްފަހަރާއެވެ. ހާއިޝް ހައިރާން ކަމާއެކީ އައިންގެ މޫނަށް ބަލާލިއެވެ. އޭނާއަކީ އަބަދުވެސް އެހާ އޯގާތެރި، މީހުންނަށް ރަހުމް ހުންނަ ކުއްޖެއްކަން އޭނާއަށް އެނގެއެވެ.
"އަދި އެއްފަހަރު ބުނެބަލަ." ހާއިޝް މަޑުމައިތިރިކަމާއެކު އައިންގެ ވާހަކަ އަޑުއަހަން ހުއްޓެވެ. އޭނާއަށް ހުރެވުނީ އަނގައިން ބަސްހުއްޓިފައެވެ.
"ތިއިވުނީ އަޅުގަނޑު ކަންތައް ކުރިގޮތް. އަޅުގަނޑެއް ބޭނުމެއްނޫން އެއްވެސް މީހަކަށް ބޭއިންސާފުން އަނިޔާ ލިބޭކަން. އަދި ހާއްސަކޮށް ސަރ އަށް."
"އައިން. ތިފަދަ ގުރުބާނީއެއް މަށަށް ތިވީ ކީއްވެ؟ އައިން ކިޔެވުން ދޫކޮށްލާފައި އަހަރެންނާއެކު ގެންދާނީ ކިހިނެއް؟ ނޫން އައިން. ތިވަރުގެ ބޮޑުގެއްލުމެއް އައިންއަށް ނުދީ. އަދި ތިއުޅެނީ ކިޔެވުން ނުނިމި. އެހެންނޫނަސް އައިން ތީ ނަވާރަ އަހަރުގެ ޅަކުއްޖެއް. އެއީ ދިރިއުޅުމެއް ފަށަން އެހާ ރަނގަޅު އުމުރެއް ނޫން. އައިންއަށް އަދި ކާމިޔާބު މީހަކަށްވުމަށްޓަކައި އެތައް ފުރުސަތުތަކެއް ލިބިގެންދާނެ. މިފަދަކަމެއް ދިމާވިޔަސް އަހަރެންނަށް ކޮންމެތަނެއްގައިވެސް އުޅެވިދާނެ. އަހަރެންވަނީ ކިޔެވުން ފުރިހަމަކޮށް ކޮންމެދިމާއަކަށް ދިޔަޔަސް ދިރިއުޅުން ހަމަޖައްސާލެވޭ ވަރުވެފައި." ހާއިޝްގެ އަޑު ކުރެހިއްޖެއެވެ.
"ނޫން. އަޅުގަނޑު ގެންދޭ…….. ސެޓްފިކެޓް ނުލިބުނަސް ސަރ އަށް އަޅުގަނޑަށް އެފެންވަރަށް ކިޔަވައި ދެވިދާނެ. އަޅުގަނޑުގެ ހިތުގައި ވަނީ އިޚްލާސްތެރި ލޯބި. މި ކެހިވެރިކަމުން ސަލާމަތްވާން ހިނގާ."
"އައިން.. ތިހާ ދަށު ދަރަޖައަކަށް ހިނގައިދާނެކަމަކަށް ފަހަރެއްގައިވެސް އަހަރެން ހީއެއްނުކުރަން." އެތެރެއަށް ވަދެގެންއައި އައިންގެ ބައްޕަ އާދަނު ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެދެމީހުންނަށް ސިއްސައިގެން ގޮސް ބަލާލެވުނީ އެކޮޓަރިއަށް އެއްވެފައިވާ އައިންގެ އާއިލާ މީހުންނަށެވެ. އޭގެ ތެރޭގައި ޒޫނާއާއި ނަތާވެސް ހިމެނެއެވެ.
"ކަލޭއަށް ކުރި ހުރިހާ ޚަރަދަކާއި ދިން ތަރުބިއްޔަތުގެ ބަދަލުގައި މިގޮތްކުޑަ މީހާއާއެކު އެރަށަށް ދާންތަ ތިއުޅެނީ."
"އަޅުގަނޑަށް މާފުކުރައްވާ.. އަޅުގަނޑު ދިޔަދީ."
"ކަލޭ ދިޔަދޭނީ ކިހިނެއް. ދިންހާ ލާރިއެއް ތިޔަވަނީ އެމީހާ ސަލާމަތްކުރަން ދީފައި. ނަސީބެއްނު އޮފިސަރު މަށަށް ގުޅާ ޚަބަރުދިންކަން. ހަމަ މިހާރު އާދޭ."
"ނޫން. އޭނާއާއި ނުލާ އަޅުގަނޑަކަށް ނޫޅެވޭނެ."
"އެއީ ކަލެއަށް އޭނާއާނުލާ ނޫޅެވޭވަރުގެ އަގެއް ހުރި މީހެއްނޫން. އޭނާ އެވަނީ މިހިރަ ކުއްޖާގެ އިއްޒަތް ނަގާލާފައި." ޒޫނާއަށް އިޝާރާތްކުރިއެވެ.
"ބައްޕާ. މާފުކުރައްވާ. އެންމެން ތިހެންކިޔަސް އަޅުގަނޑު ގަބޫލެއް ނުކުރާނަން. އަޅުގަނޑު އޭނާއާއެކު މިރޭ ފަރިދުއަށް ދާނަން."
"ހަނދާންކުރާތި. ކަލެއަށް އޭނާއާއެކު އެރަށަށް ދެވޭނީ އަހަރެމެން މިއީ ނެތްބަޔަކަށް ހަދާފަ. ދުވަހެއްގެ ކޮޅުންވެސް އަހަރެންގެ އެއްވެސް އެހީތެރިކަމެއްވެސް އެއްވެސް މުދަލެއްވެސް ކަލެއަކަށް ނުލިބޭނެ. ކަލޭ ދާންޖެހޭނީ ތިއީ އަހަރެންގެ ދަރިއަކަށް ނުވާގޮތަށް."
"އައިން. ތިހެން ނުހަދާ. އާދޭ މަންމަމެންނާ އެކު." ސޯބިރާ އައިންގެ އަތުގައި ހިފާލިއެވެ.
"މަންމާ. އަޅުގަނޑަށް މިގޮތްފިޔަވާ އުފާލިބޭނެ އެއްގޮތެއްވެސް ނެތް. އަޅުގަނޑަށް މާފުކުރައްވާ." އައިން މަންމަގައިގައި އޮޅުލައިގަތެވެ.
"ސޯބިރާ. އޭނާ ދޫކޮށްލާ. އޭނާއަށް މަބުނިގޮތް ގަބޫލު ނުކުރެވެންޏާ ގޭގެ އެކަކުވެސް އޭނާއަށް އެހީތެރިވެގެން ނުވާނެ." އާދަނު ނިކުންނަމުން ބުންޏެވެ. އާދަނުގެ ފަހަތުން އެންމެންވެސް ނިކުމެއްޖެއެވެ.
"ބައްޕާ." އައިން ހިތްފަޅައިގެން ދިޔަކަހަލައެވެ. އޭނާ ރޮމުން ރޮމުންގޮސް ހުރިދިމާއަށް ތިރިވެއްޖެއެވެ. ހާއިޝް އޭނާގެ ކޮނޑުގައި ހިފާ ކޮޅަށް ނަގާ އޭނާގެ ގައިގާ ލައްކޮށްލިއެވެ.
"އައިން….. އައިން…. ހެޔޮނުވާނެ އަހަރެންނަށްޓަކައި ތި ނިންމުން ބާތިލް ކޮށްލާ. އައިންއަކީ އަދި ޅަކުއްޖެއް. ކުރިއަށް ދިއުމުގެ މަގު ތަނަވަސްވެފައިވާ ކުއްޖެއް. އަހަރެންނަށްޓަކައި ދިރިއުޅުން އަނދަވަޅަކަށް ވައްޓާނުލާ. މިދާން އުޅޭތަނުގެ އެއްވެސް މައުލޫމާތެއް އަހަރެންނަކަށް ނޭނގޭ. އުޅެންޖެހިދާނެ ހާލެއް އިހުސާސެއްވެސް ނުކުރެވޭ. އައިންއަކަށް ރަށްފުށުގެ އާދައިގެ ދިރިއުޅުމެއްގައި ކެތްތެރިކަމާއެކު ހިފަހައްޓައެއް ނުލެވޭނެ." ހާއިޝްގެ އެއްއަތުން އައިން އޭނާގެ ގައިގާ ލައްކޮށްލާފައިވާއިރު އަނެއް އަތުން އައިންގެ ހޭވިފައިވާ އިސްތަށިތައް ރަގަޅުކޮށްލާ ކަރުނަ ފޮހެލައިދިނެވެ.
(ނުނިމޭ)