ވާހަކަ: އައިން (8)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

"ނޫން. ސަރއާއި ނުލާ އަޅުގަނޑު މޮޔަވެދާނެ. ފަހުންވެސް ކިޔެވިދާނެ. އެކަމަކު ދެން ދުރުގައެއް ނޫޅެވޭނެ. އަޅުގަނޑު ގެންދަވާ." އޭނާ ހާއިޝްގައިގާ ހިފަހައްޓާލިއެވެ.

"ނޫން އައިން. ތިޔަ މޮޔަޚިޔާލު ދޫކޮށްލާ. އަހަރެންގެ ބަސްއަހާ. އަހަރެންނަށް މި ލޯބި ކުއްޖާއަކަށް ރަނގަޅު ދިރިއުޅުމެއް ހޯދިދާނެކަމަކަށް އުންމީދެއް ނުކުރެވޭ." އޭނާ އައިންގެ ނިތްކުރިއަށް ބޮސްދިނެވެ.

"ޕްލީޒް.. އަޅުގަނޑަށް އޯގާތެރިވެލައްވާ. އަޅުގަނޑު ކިތަންމެ ދަތި ހާލެއްގައިވިޔަސް ދުވަހަކުވެސް ޝަކުވާއެއް ނުކުރާނަން. އަޅުގަނޑާއި ދުރަށް ނުދޭ." އައިން ހާއިޝްގެ މޭގައި ބޮނޑިވެލިއެވެ. ދުވަހަކުވެސް މީހަކަށް އެދެމީހުން ދުރު ނުކުރެވޭނެ ފަދަގޮތަކަށެވެ.

އައިން ގޮތް ދޫނުކުރުމުގެ ސަބަބަބުން އާދަނު ނިކުމެގެން ދިޔަނަމަވެސް އަނެއްކާވެސް އައިސް އެތެރެއަށް ވަނެވެ. އޭނާ ހީކުރީ އޭނާ އުންމީދު ކުރިގޮތަށް އޭނާގެ ފަހަތުން އައިން އަންނާނެ ކަމަށެވެ. އެއީ އަބަދުވެސް އޭނާއަށް އެންމެ ކިޔަމަންތެރިކަން އަދާކުރި ބަސްއަހާ ކުއްޖަކަށް ވާތީއެވެ. ނަމަވެސް ހާއިޝް ފެނުމުން އެ ކިޔަމަންތެރިކަން އޭނާ ހަނދާން ނެތިއްޖެއެވެ. އައިންއަށް ބައްޕަ އައިކަން އެނގުނީ ހާއިޝްގެ އިޝާރާތުން ބައްޕަ ދައްކާލީމައެވެ.

"ހުރި ގޮތްކުޑަކަން ބަލާބަލަ. ހަމަމިހާރު އާދޭ." އާދަނު އައިންގެ އަތުގައި ހިފާ ދަމައިގަތެވެ. އެއާއެކު ހާއިޝްގެ އަތުގައި އައިން ބާރަށް ހިފަހައްޓާލިއެވެ.

"ނޫން.. އަޅުގަނޑު ނުގެންދަވާ."

"އައިން… ބައްޕައަށް ކިޔަމަންވޭ. ބަސްއަހައިގެން ބައްޕައާއެކު ދޭ." ހާއިޝް އައިންގެ އަތުން ދޫކޮށްލިއެވެ. ހާއިޝްއާއެކު ގެންދިޔަޔަސް އައިންއަށް އުފަލެއް ނުލިބޭނެކަމަށް ހާއިޝަށް ހީވަނީއެވެ. ނަމަވެސް އެދެލޮލުގައި ހުރި ހިތާމައާއި ފުންއަސަރު އައިންއަކަށް ސިއްރެއް ނުކުރެވުނެވެ. އައިން ހާއިޝްދެކެ ލޯބިވަނީ މިފަދަ ސަބަބު ތަކަށްޓަކައެވެ. އޭނާ ގަދަކަމުން އައިން ޖަހައިގަންނަން ބޭނުން ނުވަނީކަމާއި ބައްޕައަށް އިހުތިރާމުކުރަނީކަން އައިންއަށް ވިސްނުނެވެ.

"އަޅުގަނޑަށް މާފުކުރައްވާ. ދެންފެންނާނެ ކަމުގެ އެއްވެސް އުންމީދެއްނެތް. އަޅުގަނޑަށްޓަކައި އިންތިޒާރު ނުކުރައްވާ. މިކެހިވެރިދުނިޔެ އަޅުގަނޑުމެން އެކުގައި އުޅުމަށް ޖާގައެއްނުދޭ."  ރޮވިފައިވާ އަޑަކަން އޭނާއަށް އެހެން ބުނެވުނީ މިވަރަށެވެ. އައިންގެ ބައްޕަ އޭނާގެ އަތުގައި ހިފާ ގެންގޮސްފިއެވެ. ހާއިޝަށް ދެން ދުވަހަކުވެސް ބައްދަލުނުވާނެކަމުގެ ޔަގީންކަން ދެމުންނެވެ.

 

މުޅި ކޮލެޖުގައި ދައްކަމުން ދިޔައީ ހާއިޝް ޒޫނާއަށް ޖިންސީ ހާނިއްކަ ކުރިވާހަކައެވެ. ބައެއް މީޑިޔާތަކުގައިވެސް އެވާހަކަ ދައްކަމުން ދިޔައެވެ. އޭގެސަބަބުން މިއަޑުތައް އިވޭ ކޮންމެ ފަހަރަކު އައިން ކަންފަތުގައި އަތްއަޅައެވެ. އަޑުއަހަން ދަތި މި ދޮގުވާހަކައިގެ ސަބަބުން އޭނާއަށް ދުވަހަކުވެސް މިވަރުގެ ބޮޑު ކަމަކާ ލައިގަންނާނެ ބާވައޭ ހިތަށް އަރައެވެ. ދުވަހަކުވެސް ހާއިޝް އެފަދަކަމެއް ނުކުރާނެކަން އޭނާއަށް ގަބޫލު ކުރެވެއެވެ.

ކޮލެޖުގައި އައިންއާއި ހާއިޝްގެ ގުޅުމުގެ ވާހަކަ އެއްވެސް މީހަކަށް ނޭނގޭތީ މިނިވަން ކަމާއެކު އޭނާ ކޮލެޖްގައި އުޅެމުން ދިޔައެވެ. ބަލާބެލުމަށް ވަރަށް ހަމަޖެހިފައި ހުއްޓަސް ހާއިޝާއި ބައްދަލުކުރުމުގެ ޚިޔާލު އޭނާގެ ސިކުނޑީގައި ރާވަމުން ދިޔައެވެ. އައިންގެ ހަމަޖެހޭ މިޒާޖުން އާއިލާގެ މީހަކަށްވެސް އޭނާގެ ރޭވުން ހުރިގޮތެއް ނޭނގޭތީ ވަރަށް މިނިވަންކަމާއެކު އުޅެން އޭނާވަނީ ދޫކޮށްލާފައެވެ. އެކަމަކު ބައެއްފަހަރު އޭނާ ހިމޭންވެފައި ހުންނަތަން ފެންނާތީ އޭނާގެ މަންމަ ހިތާމަކުރެއެވެ.

"ދަރިފުޅާ. ދަރިފުޅު ބައްޕަގެ ބަސްއެހީތީ މަންމަ ހާދަ އުފާވެޔޭ. މައިންބަފައިން ދުވަހަކުވެސް ދަރިފުޅަކަށް ދެރަގޮތެއް ވާކަށް ނޭދޭނެ."

"މަންމާ އަޅުގަނޑު މިހާރު އެކަމަކާ ދެރައެއްނުވޭ." އައިން ހަމަޖެހޭ ރާގެއްގައި ބުންޏެވެ.

"ދަރިފުޅު މާހިމޭންވެފައި ތިއިންނަނީ ކީއްވެ؟"

"އަޅުގަނޑު މިރޭ މާބޮޑަށް ފޫހިވަނީ."

"ނަތާއާއި ގުޅާލައިގެން ހިނގާލަން ދާވީނު."

"ނޫން. އަޅުގަނޑު ބޭރަށް ދާހިތެއްނެތް."

"ހިނގާލާ މަޖާކޮށްލަނިކޮށް ހަމަޖެހިދާނެ. މަޖިދީމަގުގައި އާފިހާރައެއްވެސް ހުޅުވައިފި. ބާޒާރު ކޮށްލަން ދާންވީނު." ނަތާއަށް ގުޅަމުން ސޯބިރާ ވާހަކަ ދެއްކިއެވެ. ނަތާއައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެހެންކަމުން ސޯބިރާގެ ބާރު އެޅުމާއެކު އެދެކުދިން ހިނގާލަން ދިޔައެވެ. ތޮށިގަނޑު މަތިން ހިގަމުން ދިޔައިރު ކުރިޔާ ޚިލާފަށް އެދެކުދިންވެސް ވަނީ ހިމޭންވެފައެވެ. އައިންގެ ހިތުގައި ނަތާއަށް ކުރެވެމުންދިޔަ އިތުބާރުވަނީ އެއްކޮށް ގެއްލިފައެވެ. ނަމަވެސް އެކަން ދައްކާކަށް އޭނާ ބޭނުމެއްނޫނެވެ.

 

ކުއްލިއަކަށް ނަތާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުން އަންނަ މީހެކެވެ. ރަތްކުލައިގެ ޓީޝާޓަކާއި ކަކުލުން ތިރިއަށް ހުރި ސޯޓް ލާފައިވާއިރު އޭނާފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ކޮނޑުގައި ކަޅު ދަބަހެއް އަޅުވާލާފައި އޮތެވެ. އެމީހާގެ ތުބުޅި ކުޑަކޮށް  ދައްކާލާފައިވާއިރު ފެންނަނީ ވަރުބަލިކަމެވެ.  ކުރިއަށްވުރެ ދޮންވެފައި ހިކިފައިވުމުން ފެންނަނީ ބަލިމީހެއްހެންނެވެ. އެއީ ހާއިޝްކަން އެނގޭކަށް ނަތާއަކަށް މާގިނަ އިރެއް ނުނެގިއެވެ.

"އައިން." ބޭއިޚްތިޔާރުގައި ނަތާއަށް ބުނެވުނެވެ. އައިންއަށް ސިއްސައިގެން ގޮސް އެދިމާއަށް ބަލާލެވުނެވެ. ހަމައެއާއެކު އޭނާއަށް ހާއިޝްފެނުމުން އެދިމާއަށް ދުއްވައިގަތެވެ.

"އައިން." ނަތާ ގޮވަމުން ދިޔައެވެ. ނަމަވެސް އޭނާއަށް އެއަޑު ނީވޭކަހަލައެވެ.

"ސަރ" އައިން ގޮސް ހާއިޝް ގާތު ހުއްޓުނެވެ.

"އައިން…….. ފެނުނުކަން ހާދަ ރަނގަޅޭ. މިއުޅެނީ ފަރިދޫއަށް ފުރަން." ފުރަން ތައްޔާރަށް އޮތް ބައްތެލި ދައްކާލަމުން ހިމޭން އަޑަކުން ބުނެލިއެވެ.

"އެމީހާ އެ ގޮވަނީ." ދޯނީގައި ހުރިމީހާ އޭނާ ދޯންޏަށް އެރުމަށް ގޮވާތަން އައިން ދައްކާލިއެވެ.

"ދެން ދަނީ. އުފާވެރި ދުވަސްތަކަކަށް އެދެން. އިރާދަކުރެއްވިޔާ އައިންއަކީ ކާމިޔާބު މީހެއްކަމުގައި ވާނެތަން އަހަރެންނަށް ފެންނާނެ." ހާއިޝް ސަލާން ކޮށްލަމުން ބުނެލިއެވެ. އައިން އޭނާ ދޯންޏަށް އަރާތަން ބެލީ ހިތްދަތި ކަމާއެކުގައެވެ. ދޯންޏަށް އެރުމާއެކު ހާއިޝް އައިންއަށް ބަލަން ހުއްޓެވެ. ދޯނީގެ ވާމޮހާލާ ޖެޓީއިން ދުރުކުރުމުގައި ފަޅުވެރިން ހަރަކާތްތެރިވަމުން ދިޔައެވެ.

މަޑުމަޑުން ދުރުވަމުން ދިޔަ ދޯންޏާއި ދިމާއަށް އައިން ދުއްވައިގަތެވެ. އެއާއެކު އޭނާ އެބައްތެއްޔަށް ފުންމާލިއެވެ. އައިން ދުވެފައި ގޮސް ހާއިޝްގެ އަތުގައި ހިފާ އެ އަތް ހިއްލާލިއެވެ. ދެން ނަތާއަށް އެއަތް ގުޅިފައިވާ މަންޒަރު ދައްކާލިއެވެ. އަދި އަލްވަދާއުގެ ގޮތުން އަތް ހޫރާލިއެވެ. ކަންބޮޑުވެފައިވާ ނަތާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. ދޯނި ފަޅުން ނިކުމެ އޭގެ ދަތުރުފަށައި ލޮލުކޮޅަށް ގެއްލެންދެން ނަތާހުރީ ހަދާނެގޮތް ހުސްވެފައި ބަލާށެވެ.

"އައިން ކިޔެވުން ދޫކޮށްލާފައި އަންނާކަށް ނުވާނެއެއްނު." ހާއިޝް އޭނާގެ އަތުގައި ހިފާ ބާރުކޮށްލަމުން ބުނެލިއެވެ.

"ސަރ އާއި ނުލާ އަޅުގަނޑަށް އެއްވެސް ކަމެއް ނުކުރެވޭނެ." އައިން ވަނީ އުފާވެފައެވެ.

"އެކަމަކު އައިން. ބައްޕަމެންނަށް އެނގިއްޖެނަމަ ވާނެގޮތެއްވެސް ނޭނގޭ."

"އެމީހުންނަކަށް ދެން އަޅުގަނޑެއް ނުގެންދެވޭނެ." ގޮތްދޫނުކުރާ މޮޔަ އަންހެން ކުއްޖާގެ ސަބަބުން ހާއިޝް ދެރަވެއެވެ. ހާއިޝްގެ ސަބަބުން އޭނާގެ ކިޔެވުން ހުއްޓާލީމައެވެ. އެފަދަބޮޑު ނިންމުމެއް އޭނާއަށްޓަކައި ވީމައެވެ. ނަމަވެސް އައިން އޭނާދެކެ މި މިންވަރަށް ލޯބިވާތީ އޭނާ ވަނީ ބަޔާންނުކުރެވޭ އުފަލެއް ލިބިފައެވެ.

އެހެން ދަތުރުވެރިންނެކޭ އެއްފަދައިން އެމީހުންނަށްވެސް އެދޯނިން ނިދާލާނެ ޖާގައެއް ލިބުނެވެ. އެއީ ބައްތެލީގެ އެންމެ މަތިން ކަމަށްވާތީ މިނިވަން ޖައްވުގައި އެމީހުންތިބީ ފުން ވިސްނުމެއްގައެވެ. ހުޅެވިހަނދާއި ބަބުޅަމުންދާ ތަރިތަކަށް ބަލަމުން ދިޔައިރު ޖެހޭ މަޑުވައިގެ އަރާމު ޖައްވުގައި އެ ދެމީހުންގެ މެދުގައިވަނީ ނިމުމެއްނެތް ފަދަ ފުންހިމޭން ކަމެކެވެ. ދެމީހުންވެސް ވިސްނަމުން ދިޔައީ ދާންމިއުޅޭ ބީރައްޓެހި ރަށުގައި ދިރިއުޅުން ހޭދަކުރާނެ ގޮތެކެވެ.

ހާއިޝް އައިންއަށް ނިހާޔަތަށް ޝުކުރު ވެރިވެއެވެ. ހާއިޝަށްޓަކައި އައިން އެފަދަ ބޮޑު ގުރުބާނެއް ވީތީއެވެ. ރާއްޖޭގެ އެންމެން އޭނާއަށް ކުރި އިތުބާރު ގެއްލިފައި ވަނިކޮށް އޭނާއަށް އިތުބާރު ކުރީތީއެވެ.

 

ކަންބޮޑުވުމާއި ހާސްކަމާއެކު ނަތާ ހިނގަމުން ދިޔައީ އައިން ދިޔަ ވާހަކަ އޭނާގެ މައިންބަފައިންނަށް އެންގުމަށެވެ. އޭނާއަށް ލިބިފައިވާ ހާސްކަން އިތުރުވަމުން ދަނީ އައިންގެ ބައްޕަ ނުރުހުންވާނެ މިންވަރު ހިތަށް އަރާފައެވެ. އެމީހުން ނަތާއަށް ކުރާ އިތުބާރު ގެއްލި އަރީޝާ މެދުގައިވާ ގުޅުމަށް ބުރުލެއް އަރާފާނެތީއެވެ. ގެއަށް ވަދެވުން އިރު އެންމެންވެސް  ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުގައެވެ.

"ނަތާ." ރޮވިފައިވާ ނަތާ ފެނުމުން ސޯބިރާ ވާހަކަދެއްކިއެވެ.

"ނަތާ. ކީއްވެ ތިރޮނީ. އައިންކޮބާ." އައިންގެ ދޮންބެ އެހިއެވެ.

"ނަތާ އެއްޗެއް ނުބުނެ ތިހުރީ ކީއްވެ. އައިންކޮބާ." ސޯބިރާ ނަތާގެ ގައިގާ ހިފާ ތަޅުވައިގަތެވެ.

"ދައްތާ. އައިން އެފަދަ ކުއްލި ނިންމުމެއް ނިންމާނެ ކަމަކަށް އަދިވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. ޖެޓީން ދުރުވަމުން ދިޔަ ދޯންޏަށް އޭނަ ފުންމާލާ މާލޭ ފަޅުން ނިކުމެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ. އަޅުގަނޑަށް ހަދާނެ އެއްވެސް ގޮތެއްނެތް. އަޅުގަނޑަށް މާފުކުރައްވާ."

"އައިން ދިޔައީޔޭ. ކޮންތާކަށް؟" ސޯބިރާ ހާސްކަމާއެކު ވާހަކަ ދެއްކިއެވެ.

"ނޭނގެ. އަޅުގަނޑަށް އެގޭހާވެސް އެއްޗަކީ އޭނާ ދިޔައީ ހާއިޝް ގާތަށްކަން. ހާއިޝްވެސް އެދޯނީގައި ހުރި."

"އަދިވެސް މަޑުން ހުރީތަ. އައިން ދިޔަތަނެއް ބަލާބަލަ." ސޯބިރާ ކުރު ނޭވާތަކެއް ލަމުން އާދަނުގެ ގައިގާ ހިފައިގަތެވެ. އެވަގުތު އާދަނު ކޮންމެވެސް މީހަކަށް ގުޅާ ހާއިޝްގެ ޚަބަރު އޮޅުން ފިލުވިއެވެ.

"ދެން އައިންއަކަށް އެކަކުވެސް އުންމީދެއް ކުރާނެކަމެއްނެތް. އޭނާ އެދިޔައީ އަހަރެމެން ދޫކޮށްލާފައި އެނުބައި ހާއިޝާއެކު ފަރިދޫއަށް. އެއީ އޭނާ އަރުވާލި ރަށް. އެއްވެސް މީހަކު އައިންއާއި ގުޅުން ބާއްވާނެކަމެއްނެތް. މިގޭގައި އައިންގެ ނަންވެސް ގަނެގެން ނުވާނެ. އައިންއަކީ މިހާރު މިއާއިލާގެ މީހެއްނޫން."

އާދަނު މިހެން ބުނަމުން ދިޔައިރު ސޯބިރާ މަޑުމަޑުން ބިންމައްޗަށް ތިރިވަނީއެވެ. ހުރިހާއެންމެން ސޯބިރާއާ ދިމާއަށް ދުއްވައިގަތެވެ. އެންބިއުލެންސަށް ގުޅާ އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވަނީ މާލަސްވެފައެވެ. ހިތުގެ ހިނގުމަށްއައި ކުއްލި ބަދަލެއްގެ ސަބަބަބުން އައިސީޔޫގައި ސޯބިރާ ބޭއްވިއެވެ.

 

ބައްތެލި ކުޅުދުއްފުއްޓަށް ލެފުނީ ފަތިހުއެވެ. އޭރު ކުޑަ ދޯންޏެއް ހާއިޝް ބަލާ އައިސްފައި އޮތެވެ. ދެފަޅުވެރިން ހިމެނޭ މިކުޑަދޯނީގައި އެމީހުންނަށް ފަރިދުއަށް ދެވުނީ ދެތިން ގަޑިއިރު ފަހުންނެވެ.

ދޯނީގެ ދުވެލި މަޑުވަމުންއައިސް ހދ. ފަރިދޫގެ ބަނދަރުމައްޗަށް ނަގިލި އެއްލައިފިއެވެ. އިރުކޮޅަކުން ބޮއްކުރައެއް އައިސް އެ ދޯންޏާއި ކައިރި ކޮށްލިއެވެ. ހާއިޝް އެ ބޮއްކުރައަށް ފުންމާލާ އައިންގެ އަތުގައި ހިފުމަށް އަތްދިއްކޮށްލިއެވެ. އައިން ހާއިޝްގެ އަތުގައި ހިފާ ބޮއްކުރައަށް ފުންމާލިއެވެ.

ފަރިދޫގެ ރީތި ގޮޑުދޮށަށް ބޮއްކުރާ ބީއްސާލިއެވެ. އެދެމީހުން އެރަށުގެ އެއްގަމަށް އެރިއެވެ. ސާފު ހުދު ފަސްގަނޑާއި ފެހިކުލައިގެ މަލަމަތިން ފެންނަނީ ގުދުރަތުގެ ފުރިހަމަކަމެވެ. ޖައްވުގައި އެކުލެވިފައިވާ ހިމޭންކަމުގައި އިވެމުންދާ މިއުޒިކަކީ ގޮނޑުދޮށަށް ރާޅު ބީއްސާލާ އަޑާއި އެކުވެފައިވާ ވައިގެ އަޑެވެ.

"އައްސަލާމް ޢަލައިކުމް." ދެވަން ފުރައިގެ ފިރިހެނަކު އައިސް ހާއިޝާއި ސަލާމް ކޮށްލިއެވެ.

"ވަޢަލައިކުމުއްސަލާމް."

"ހާއިޝް ދޯ. އަޅުގަނޑަށްވަނީ ހާއިޝްގެ މައުލޫމާތު ލިބިފައި. ހިންގަވާ." ކަތީބު ބުންޏެވެ. ހާއިޝްވެސް އެކިވާހަކަ ދައްކަމުން އެއްގަމަށް އަރައިގެން ދިޔައެވެ. އައިން ފަރުވާތެރިކަމާއެކު މި އާ މާހައުލަށް ބަލަމުން ދެއެވެ. ތިރީސް ހަތްގޯތި ދޫކޮށްފައިވާ މި ބޮޑު ރަށުގައި މީހުން އުޅެނީ އެގާރަ ގޭގައެވެ. އާބާދީގައި ހަތާވީސް މީހުން އުޅޭއިރު ގިނަމީހުންނަކީ ސަރުކާރު މުވައްޒިފުންނެވެ. މުޅި ރަށުން ފެންނަނީ ފަގީރުކަމާއި ދިރިއުޅުމުގެ ދަތި ހާލަތެވެ. ހުސްގޯތިތަކާއި ގިނަ ރުއްގަހުން ހާމަވެގެން ދަނީ ރަށުގެ ފަޅުކަމާއި ވީރާނާކަމެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *