ވާހަކަ: އައިން (9)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ހާއިޝްމެން ތިބެންޖެހުނީ މުސްކުޅި ދެމަފިރިއެއްގެ ގޭގައެވެ. އެއީ ހިރިގަލުން ރާނާފައިވާ ތިރިތިރި އާދައިގެ ގެއެކެވެ. ސިމެންތި ނުޖަހާހުރި  ފާރު، ދުވަސްވެފައި ހުރުމުގެ ސަބަބުން ވެލިތައްފައިބާ ބާހެދިފައިވެއެވެ. އަދި ބައެއް ތަންތަނަށް ބާފޮތިޖަހާ ބަންދު ކޮށްފައިވެއެވެ. އެއީ ހަމައެކަނި ފެންޑާއަކާއި ގިފިއްޔަކާއި އެތެރެގެއަކާއި ކުޑަކުޑަ ކޮޓަރިއެއްހުރި ފަގީރުގެއެކެވެ. ކުޑަ ފެންޑާއެއްގެ އެއްފަރާތުގައި ބޮޑުއައްޓެއް ހުރިއިރު ރުއްބުޑަކުން ހަދާފައިހުރި އެއްޗެއްގައި ފެންބަޑިޔަލަކާއި ފެން ބުއިމަށް ޚާއްޞަ ލޯ ތައްޓެއް ފެންބަޑިޔާ މަތީ ބަހައްޓާފައި ހުއްޓެވެ . ކައިރީގައި ހުރި ކުޑަ މޭޒެއްގައި މުސައްލައަކާއި ދެ ޚަތިމް ބާއްވާފައި އޮތްއިރު އެލުވާފައި ހުރި  ފުޅިބައްތި ކައިރީގައި ރޭޑިއޯއެއްހުއްޓެވެ.

"މިތާނގައި އެއްޗިހި ބަހައްޓާ." ކޮޓަރި ހުޅުވާލާފައި ދައްކާލަމުން މުސްކުޅި ފިރިހެންމީހާ ވާހަކަދެއްކީ އާދައިގެ ރާގެއްގައެވެ. ހާއިޝް މަޑުމަޑުން އެތެރެއަށްވަދެ ފޮށި ބެހެއްޓިއެވެ. އެއީ ކޮޓަރިއެއް ނޫނެވެ. އެމީހުން ބަހުރުވައިން އެއީ އެތެރެގެއެވެ. ކޮޓަރީގެ އުތުރުފަރާތުގައި  ބޮޑާށީގައި ކަންނޭލަކާއި ބާލީހެއް އޮތެވެ. ބޮޑާށީގެ ކުރިމައްޗަށް ވާގޮތަށް ފާރުކައިރީގައި އިތުރު އެނދެއްހުއްޓެވެ. އެއްޗިހި ހިއްކަން އެޅުމަށްޓަކައި ރޯނެއްދަމާފައި ވާއިރު ވަންނަ ދޮރުކައިރީގައި ފުޅިބައްތިއެއް ހުއްޓެވެ.

"މީ ކަލޭގެ އަންހެނުންތަ؟" ގާތުގައި ހުރި އަންހެންމީހާ ބުންޏެވެ.

"ނޫން" ހާއިޝް ވާހަކަދެއްކީ މަޑުންނެވެ.

"އެއީ ދެން އެހެންވީއިރު ކާކު؟" ފިރިހެންމީހާ ވާހަކަދެއްކީ ކުރިއަށްވުރެ ހަރުކަށި ކޮންނެވެ. އެއީ ދީނަށް ލޯބިކުރާ މީހެކެވެ. އޭނާއަކީ މިރަށު މިސްކިތުގެ މުދިމެވެ. އެންމެންވެސް އޭނާއަށް ކިޔަނީ މުދިންބެއެވެ.

"އެއީ ވަރަށް ދިގުވާހަކައެއް." ހާއިޝް ގޮސް ބޮޑުއަށީގައި އިށީނދެ އޭނާގެ ހުރިހާވާހަކައެއް ކިޔައިދިނެވެ. އޭނާއަކީ ކާކުކަމާއި އަރުވާލަން ޖެހުނު ސަބަބާއި އައިން މިރަށަށް އައިގޮތުގެ ވާހަކައެވެ.

"ތި ދެކުދިންނަށް މާތްﷲ ރަހުމަތް ލައްވާށި." ފާތުމާ ކަރުނަ ފޮހެލާފައި އައިންގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ.

އެދެމީހުންނަށް މިގެ ކިތަންމެ ބާވެފައި ފަގީރުނަމަވެސް ހިތްހަމަޖެހުން ލިބުނީ އެގޭގެ ދެމަފިރިންގެ ފަރާތުން ލިބުނު މެހުމާންދާރީގެ ފުރިހަމަކަމުންނެވެ. އެމީހުންނާއި މަޝްވަރާ ކުރުމަށްފަހު ހަފްތާއެއްގެ ތެރޭގައި އެދެމީހުންގެ ކައިވެނި ކުރަން ނިންމިއެވެ. މިދުވަސްތަކުގައި ހާއިޝް އުޅެންޖެހުނީ އެދެމަފިރިންގެ ތިމާގެގެއެއްގައި އައިންއާއި ވަކިންނެވެ. މިއީ ދީންވެރި ދެމަފިރިންގެ އިރުޝާދުގެ މަތީން އަދި ހާއިޝްގެވެސް އެދުމުގެ މަތީން ނިންމި ނިންމުމެކެވެ.

"އެކޮއި. ހެދުންވެސް ބަދަލު ނުކުރަންތަ؟" ފާތުމާ މިހެން އެހީ ފެންވަރައިގެންވެސް އައިން އަބަދު އެއް ހެދުމެއް ލާތީއެވެ.

"ދައްތާ… ދެން ކޮންއެއްޗެއް ލާނީ؟"

"ތެދެކޭދޯ.. މަވެސް ހަދާން ނެތުނިއްޔޭ." ފާތުމާ އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ. ދެން އޭނާ އައިއިރު އޭނާގެ އަތުގައި ކަޅުކުލައިގެ ހެދުންތަކެއް ހުއްޓެވެ. އޭނާ އެހެދުންތައް އައިންއަށް ދިނެވެ. އައިން އެހެދުން ލައިގެން ބޭރަށް ނިކުތްއިރު ފާތުމާ ހުރީ އޭނާގެ އިންތިޒާރުގައެވެ.

"އަދިކިރިޔާ އަންހެން ކުއްޖެއް ވައްތަރު ޖަހަނީ. ތިހެދުން ކަނބުލޮގަޔަށް ހާދަ ރީއްޗޭ." ކަޅުކުލައިގެ ގަޔަށްދޫ ހަރުވާޅު ހެދުން ލާފައިވާ އައިންއާއި ދިމާއަށް ފާތުމާ ބުންޏެވެ. އައިން ބޭރުގައި ހުރި ރޯނުގައި އޭނާގެ ކުރީގެ ޓޮޕާއި ޖީންސް ހިއްކަން އަޅަން ހުއްޓާ ހާއިޝް ފެނުމުން ލަދުގަތެވެ. އަދި އަވަހަށް ފިލޭތޯ ބެލިއެވެ. ދުވެފައި ގޭތެރެއަށް ވަންނަން ދިޔަ އައިންއަށް ހުއްޓެވުނީ ހާއިޝް ކުރިމަތީގައެވެ. އޭނާ އަވަހަށް މޫނުގައި އަތްއެޅިއެވެ.

"މީ ހަމަ އަހަރެންގެ އައިންތަ. ނޫން. މީއައިން އެއްނޫން. މިވާނީ މިރަށު ޖެހިގެން ހުރިގޭ ސާދުނާކަމަށް؟" މޫނުމަތީގައި އަޅާފައިވާއަތް ނަގަމުން ހާއިޝް ބުންޏެވެ.

"މި ލީމަ ހުތުރުދޯ." އައިން ޅަގޮތަކަށް ބުނެލިއެވެ.

"ނޫން.. ވަރަށް ރީތި. އައިން ކޮންމެ އެއްޗެއް ލިޔަސް މަށަކަށް އައިން ހުތުރެއް ނުވާނެ."

"ކީއްވެ މިދެދުވަހު ނައީ." އައިން ޝަކުވާ ކުރިއެވެ.

"ކައިވެނި ކުރެވުނީމަ އައިން ނުފެންނަ ހިސާބަކަށްވެސް ނުދާނަން. އެކަމަކު އަދި ފަސް ދުވަސް ވަންދެން މަޑުކޮށްލަން އެބަޖެހޭ. އެހެންނޫނީ  ރަނގަޅެއްނުވާނެ."

"ކީއްވެ ރަނގަޅުނުވާނީ."

"ދެން.. އައިން.  މުދިންބެވެސް  ހިތްހަމައެއް ނުޖެހޭނެއްނުދޯ."

"ދެންތިއައީ ކީއްވެ؟"

"މިއައީ ފޮތެއް ހޯދުމުގެ ބަހަނާގައި އައިން ދެކިލަން." އެވަގުތު ފާތުމާގެ އަޑު އިވުމުން ހާއިޝް ނޫންކަމަށް ހަދާ އެތެރެއަށް ވަނެވެ. އަދި އޭނާއަށް ފޮތެއް ލިބޭނެތޯ އެހުމުން ދީނީ ފޮތްތަކެއް ނެރެދީ ދައްކާ އުޅުނެވެ.

 

ސޯބިރާ މަޑުމަޑުން ރަނގަޅުވަމުން އާދެއެވެ. ނަމަވެސް ހޮސްޕިޓަލުން ގެއަށް ދޫކޮށްލެވުނީ ގޭގައި ބެލުމުގެ އިންތިޒާމް ވަރަށް ރަނގަޅަށް ހަމަޖައްސާފައި ވާތީއެވެ. ސޯބިރާ ގާތުގައި ނަތާ އިނީ، އާއިލާއަށް އަބަދުވެސް ހަމަޖައްސާފައި ހުންނަ ނަރުސް އައިސް ބޭސްދިނީމާ ނޫނީ ނުދާށެވެ.

"ބަލާބަލަ އައިންގެ ވިޔާ ނުދާކަން. މިއޮތީ އެރަށުކޯޓުން ފޮނުވި ލިޔުމެއް." އާދަނު ސޯބިރާގެ އެނދުގައި އިށީންނަމުން ބުނެލިއެވެ. އޭނާ އަދިވެސް ހުރީ ރުޅިއައިސްފައެވެ.

"ކީއްކުރަން." އަވަސް އަވަހަށް ސޯބިރާ އެހިއެވެ. އޭނާ ވަނީ އައިން ދިޔުމުން ފުންހިތާމައިގައެވެ.

"ވަލީ ދޭންވީއްޔޯ. ނުދޭނަން ވަލީއެއް. ދުވަހަކުވެސް އެމީހާއާއި އިންނަން އަހަރެން ވަލީއެއް ނުދޭނަން. މިހާލޯބިން ބޮޑުކުރީމާ އެހާ އަޚްލާގުދަށް މީހަކާ އިންނަންވީ ކީއްވެ؟" އާދަނު ހުރީ ގޮތް ދޫކުރާކަށް ނޫނެވެ.

"އެހެންނުހަދާ. ދެން އައިންއެއް އަހަރެމެން ގާތަކަށް ނާންނާނެ. ކުޑައިރުންފެށިގެންވެސް އެއީ އޭނާގެ ގޮތުގައި ހިފަހައްޓާކުއްޖެއް. މިއަދު ވަލީ ނުދީފިނަމަ އޭނާއަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ވެދާނެ. ބޮޑުވެފައި ހުރި އަންހެން ކުއްޖެއް ގޮތްނޭނގޭ ފިރިހެނަކާއެކީ އެހެން ރަށެއް ގައި އެއުޅެނީ." ސޯބިރާ ރޯންފެށިއެވެ. އާދަނަކަށް ސޯބިރާއާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެއީ އޭނާ ނުހަނު ލޯބިވާ ދުވަސްވީ ބައިވެރިޔާއެވެ.

 

ހަފްތާއެއްގެ ތެރޭގައި އެދެމީހުންގެ ކައިވެނި ކުރެވިއްޖެއެވެ. ބައްޕަގެ ނުގަބޫލުގައި އަދި އައިންއަށް މައިންބަފައިންގެ އެއްވެސް އެއްޗެއް ނުވާގޮތަށް އެއްބަސްވެގެން އާދަނު ވަލީދިން މިކައިވެނީގެ ސަބަބުން އެދެމީހުން ނުހަނު އުފާވިއެވެ.

އާދައިގެ މަތީން ނުވައެއްވެސް ނުޖަހަނީސް ރަށު އެންމެން ނިދާނަމަވެސް މިރަށުގައި ހޭލާ ތިބީ ހަމައެކަނި ހާއިޝްގެ ދެމަފިރިންނެވެ. މިރީތި ހަނދުވަރުގެ ނަލަކަމާއި މާހައުލުގެ ގުދުރަތީ ރީތިކަމުން އެދެމީހުންގެ ނިދި ވަނީ މާދުރުގައެވެ. އައިންއާއި ހާއިޝް އިނީ އެމީހުންގެ ގެއާއި މާދުރުނޫން ފަރިދޫގެ ތުނޑީގައެވެ. މި ރީތި އަދި އެ ދެމީހުންނަށްވެސް މުޅިން އާ މިރަށުގެ ގުދުރަތީ މަންޒަރުން ވޭތުވެދިޔަ ހިތްދަތި ހާދިސާތައްވަނީ ކުޑަވަގުތު ކޮޅަކަށް ހަނދާންނެތިފައެވެ.

"ރިސޯޓަކަށް ހަނީމޫނަށް ދިއުމަށްވުރެ މިކަހަލަ ރަށެއްގައި މާރަނގަޅުދޯ." ގޮނޑުދޮށުގެ ދޮން ވެލިގަނޑުގައި އިށީނދެލައިގެން އިން އައިން ބުންޏެވެ.

"އައިންއަށް ކަމުދާ ކޮންމެ ކަމެއްވެސް މަށަށް ކަމުދާނެ." ސީރިއަސް ރާގެއްގައި ހާއިޝް ބުންޏެވެ.

"ކީއްވެ މާ މަޑުން ތިއިންނަނީ. ކޮންކަމަކާއި ތި ވިސްނަނީ." ހާއިޝްގެ ކޮނޑުގައި ބޯ އަޅާލަމުން އައިން ބުންޏެވެ.

"އައިން. ދުވަހަކުވެސް އަހަރެން ކުއްޖަކާ ރައްޓެހިނުވެ ހުރެ އައިންއާ ކައިވެނި ކުރީ. އައިން އަހަރެންނަށްޓަކައި ތިވީ ގުރުބާނީއަށް ޝުކުރުވެރިވަން. އެކަމަކު ހިތަށް އަރަނީ އައިންއަށް އަހަރެންނާއެކީ މިރަށުގައި ފަސްއަހަރު އުޅެވިދާނެ ބާވައޭ."

"ސަރ އަށްޓަކައި މިނިންމުން ނިންމީ ވަރަށް ވިސްނާފައި. އެހެންކަމުން ނޫޅެވޭނެ އެއްވެސް ސަބަބެއްނެތް. ތިކަހަލަ ބޭކާރު ވިސްނުންތައް ދޫކޮށްލާ."

"ދެން ސަރ ނޫން އެއްޗެއް ކިޔަން ފަރިތަ ކުރަންވީނު." ހާއިޝް އައިންގެ ގަޔާ ގާތްކޮށްލަމުން ބުންޏެވެ. ހާއިޝްގެ ފަރާތުން އައިންއަށް މި ފާހަގަ ކުރެވުނު މުޅިން އާ ހަރަކާތުން އައިން ލަދުގަންނަ ގޮތްވިއެވެ. އަދި ހާއިޝާ ސަކަރާތް ޖަހާލާ ހިތްވިއެވެ. އޭނާ ކުއްލިއަކަށް ހާއިޝްގެ މޫނާ މޫނު ކައިރިކޮށްލާފައި ދުއްވައިގަތެވެ. ހާއިޝަށް މި ޅައަންހެންކުއްޖާގެ ޅަގޮތް ފެނުމުން އޭނާއާއި ސަމާސާކޮށްނުލާ ހިތްހަމައެއް ނުޖެހުނެވެ. ހާއިޝް އައިންގެ ފަހަތުން ދުވަމުން ދަނިކޮށް އޭނާގެ ގައިގައި ޖެހިފައި އައިން ވެއްޓުނެވެ. އަދި އައިންގެ ގައިމައްޗަށް ވާގޮތަށް ހާއިޝް ވެއްޓުނެވެ.

"ކޮބާ އަތުނުލެވޭނެ ކަމަށް ހީނުކުރައްޗޭ." ހާއިޝް އައިންގެ ލޮލަށް ބަލާލަމުން ބުންޏެވެ.

"އައްދޯތް." އައިންއަށް ވަރަށް ތަދުވެގެން ހަޅޭއްލަވައިގަތެވެ.

"ކިހިނެއްވީ." ހާސްވެފައި ތެދުވަމުން ހާއިޝް އެހިއެވެ. އައިންއަށް ހާއިޝްގެ ފަރާތުން ސަލާމަތް ވެވުމާއެކު ހެމުންހެމުން ދުއްވައިގަތެވެ. ހާއިޝަށް މި ލާނެތް ކުއްޖާގެ މަކަރު އެނގުމުން ހިނިއައެވެ. އަދި އޭނާގެ ފަހަތުން ދުވަން ފެށިއެވެ. ކުއްލިއަކަށް ހާއިޝް ވެއްޓުނެވެ. އަދި ނުހިނގޭތީ ފައިގާ އަތްއަޅައިގެން ހުރެ އިށީނެވެ. އައިންއަށް ހާއިޝްގެ ފަޔަށް ތަދުވީކަން އެނގިހުރެ ހާއިޝްގާތަށް އައެވެ. ހަމައެވަގުތު އައިންގެ އަތުގައި ހިފާ ހާއިޝްގެ ގައިމައްޗަށް ވާގޮތަށް އައިން ވައްޓާލިއެވެ. ދެން ދުވަހަކުވެސް ނުދެވޭނޭ ބުނާކަހަލަ ގޮތަކަށް ހާއިޝްގެ ބާރުގެ ދަށަށް އައިންގެނައެވެ.

 

އެރޭގެފަހުން ކޮންމެރެއަކުވެސް އެމީހުން ނިދުމުގެ ކުރީން ތުނޑިއަށް ގޮސްލާ ވާހަކަދައްކާލާ ހަދައެވެ. ދިރިއުޅުމާމެދުގަޔާއި ދުނިޔޭގެ އެކިއެކި ކަންކަމުގައެވެ. މިގޮތުގައި އުޅުނުއިރު އައިންއަށް ހާއިޝްއަކީ ނިކަމެތި އާއިލާއަކުން އައިސްފައި ހުރި ހިތްވަރު ގަދަ މީހެއްކަން ފާހަގަ ކުރެވުނެވެ. ކުޑައިރު ބައްޕަ ނިޔާވެފައިވުމާއި ރާއްޖެއިން ބޭރުގައި ކިޔެވި ހިތްދަތި ގޮތް އޭނާއަށް އެނގުމުން އައިންގެ ހިތުގައި ހާއިޝާއި މެދު އިތުރަށް ލޯބި އުފެދެމުން ދިޔައެވެ. ކޮންމެ ދާއިރާއަކުން ވާހަކަ ދެއްކިޔަސް ހާއިޝްގެ ހުރި ޢިލްމީ މައުލޫމާތުތަކުން އައިން ހައިރާން ކޮށްލާ ވަރަށް މައުލޫމާތު މުއްސަންޖެވެ.

"ކީއްވެތަ އެހާ މޮޅީ."

"އައިންވެސް ގިނައިން ފޮތްކިޔާ ދިރާސާ ކުރަންޏާ މޮޅުވާނެ."

"ދެން ފޮތް ކިޔުމުގެ ބޭނުމެއްކޮބާ؟ މި ބައިމަދު ރަށުގައި ކިޔަވައިގެން ކުރާނީ ކޮންކަމެއް. ލާރިއެއްވެސް ލިބެނީކީނޫން." ފުރަތަމަ ފަހަރަށް އައިންއަށް ޝަކުވާ ކުރެވުނެވެ.

"އައިން.. އައިން އެއްޗެއް ބޭނުންވީތަ؟" ހާއިޝް ދެރަވެލާފައި ބުންޏެވެ.

"އަދި މިރަށަށް އައިފަހުން ރީތިވާ އެއްޗެއްވެސް ނުލަން." އިސްޖަހާލަމުން އައިން ބުންޏެވެ.

"ހޫން… އެހެންވިއިރު ލާރި ލިބޭނެ ކޮންމެވެސް ގޮތެއް ހޯދަންހިނގާ." އައިންގެ އަތުގައި އޭނާ ހިފާލިއެވެ.

ރަށުގެ އާބާދީ މަދުވުމާއި އާމްދަނީ ހޯދޭނެ ގޮތެއް ނެތުމުން އެދެމީހުންނަށް ފައިސާ ލިބޭނެ އެއްވެސް ގޮތެއްނެތެވެ. އެހެންކަމުން މިފަގީރު ދިރިއުޅުމުގައި އެމީހުން ކޮންމެވެސް ގޮތެއް އޮތްތޯ ބެލިއެވެ. އެގޮތުން އެރަށު މީހެއްގެ ދޯންޏެއް މަރާމާތު ކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ފުރުސަތު ލިބުނެވެ. އެމަސައްކަތުން ކޮންމެވެސް އެއްޗެއް ލިބޭނެ ކަމުގައި އެމީހުން ބުންޏެވެ.

ކުރިޔާ ޚިލާފަށް ދުވާލުގެ ގިނަ ވަގުތު ހާއިޝް އުޅެނީ ދޯނި ދޮށުގައެވެ. ގެއަށް އާދެވޭއިރު ހުންނަނީ ހަވީރު ވެފައެވެ. ފުރަތަމަ ކޮޅުގައި އައިން މިކަމާއި އެއްޗެއް ނުބުނި ނަމަވެސް ކުރާނެ ކަމެއްނެތް މިރަށުގައި އޭނާ ދެރަވާން ފެށިއެވެ. އާއިލާ މީހުންނާ ގާތްމީހުންގެ ހަނދާންތައް އާވާއިރަށް ދެލޯ ކަރުނުން ތެމެއެވެ. ނަމަވެސް ހާއިޝްގެ އިރުޝާދާއި ނަސޭހަތްތަކުން ހިތްވަރު ލިބި ހާލަތާމެދު ކެތްތެރިވުމުގެ މުހިންމުކަން އިހުސާސްވެއެވެ.

"އައިން." ހާއިޝް ގޮވާލީ އުނދޯލީގައި އިން އައިންއަށެވެ. އޭނާއަށް ގެއަށް އާދެވުނީ އިރުއޮއްސި އަނދިރިވެފައި ހުއްޓައެވެ. މިކަމާ ދެރަވެފައި އިން އައިން ވާހަކައެއް ނުދައްކައެވެ.

"ސޮރީ. އައިން….. މިއަދު ނިމުނީ މާލަހުން." އައިންގާތު އުނދޯލީގައި އިށީންނަމުން ހާއިޝް ބުންޏެވެ. ދެންވެސް އައިން ވާހަކައެއް ނުދައްކައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *