ވާހަކަ: އައިން (10)

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

"އަނެއްކާ މިރޭ މަށާއެކު އުނދޯލީގައި މިއިނީ ޖިންނި އެއްބާ؟ އެކަމަކު ޖިންނިއެއް ވިއްޔާ ރަތް ލިބާސްލާނެ. އައިން މިހުރީ ކަޅު ކުލައިގާ." ހާއިޝް މަޖާކޮށްލިއެވެ.

"ކަޅު ޖިންނިވެސް ހުރޭ." ރުޅިއައިސް ފައިވާ ރާގެއްގައި އައިން ބުންޏެވެ.

"ފައިގައި ކައްޓެއް ހުންނާނެ." ފައިގާ އަތްލަމުން ހާއިޝް ބުންޏެވެ. މިފަހަރު އައިން ވާހަކައެއް ނުދެއްކިއެވެ.

"’ލޯވެސް ހުންނާނީ ރަތްކުލައިގާ." ލޯމަތީ އަތްލާ އައިންއަށް އެއްވެސް އެއްޗެއް ނުފެންނަގޮތަށް ދެލޯ ބަންދު ކޮށްލަމުން އޭނާގެ ގަޔާއި އައިން ގާތްކޮށްލަމުން ހާއިޝް ބުންޏެވެ.

"މީ ކޮން އެއްޗެއް." ލޮލުން އަތްނަގާ ކޮތަޅެއް ދައްކާލަމުން ހާއިޝް ބުންޏެވެ.

"ބަލާލަބަލަ." ހާއިޝް ކޮތަޅުދިނެވެ.

އައިން ކޮތަޅުތެރެ ބަލާލިއެވެ. އޭގައި އޮތީ އަސްގަރު ތެޔޮފުޅިއަކާ ފެހި ކޯލާޓަރު ފުޅިއަކާ އެންޝޯންޓަރ ލޯޝަން ފުޅިއަކާ އިމަރޮން ޝޭންޕޫފުޅިއަކާއި ލަކްސް ސައިބޯންޏެކެވެ.

"މީ ކޯންޗެއް." ހައިރާންކަމާއި ފޫހިކަމާއެކު އައިން ބުނެލިއެވެ.

"އައިން ރީތިވާ އެއްޗިހި ބޭނުން ވެގެން އުޅޭތީ."

"ދެންއެކަމަކު މީ ކޮން އެއްޗެއް."

"އައިން.. ތިއީ މިރަށުގައި ހުރި އެއްޗިހި. މިއީ މާލެއްނޫނޭ ދޮންކަނބުލޯ." އޭނާ އައިން އަނެއްކާވެސް ގާތްކޮށްލިއެވެ.

"އަން … މިހުރީ އަދި އައިންއަށް ވީ ހަދިޔާއެއް." އިތުރު ކޮތަޅެއް އޭނާ ދިއްކޮށްލިއެވެ.

އައިން އެކޮތަޅު ފަރުވާތެރިކަމާއެކު ބަލާލިއެވެ. އޭގައި އޮތީ ދެޖީންސާއި ތިން ޓޮޕެވެ.

"މީ ކާކު އެއްޗެއް."

"މިދިޔަމަހު ލިބުނީ އެއް ހާސްރުފިޔާ. މިރަށު އަލީ ކުޅުދުއްފުއްޓަށް ދާތީ ބުނީ އައިންއަށް އެ ލާރިއަށް މިތަކެތި ގެނެސްދޭށޭ. އަދިކިރިޔާ އޭނައަށް ތި ގެނެވޭ ވަރުވީ. އަން މިއޮތީ މިމަހު މުސާރައިން ރީތިވާ އެއްޗިހި ގަނެފަ ބާކީވި ފައިސާ." ހަތަރު ސަތޭކަ ރުފިޔާ ދިއްކޮށްލަމުން ހާއިޝް ބުންޏެވެ.

"އެކީއްވެ އަހަރެން އަތަށްދެނީ."

"އައިން. މިހާރު ދިރިއުޅުމުގެ ހުރިހާކަމެއް ޒިންމާދާރުކަމާއެކު ބަލަހައްޓަން ޖެހޭނީ އައިން." އައިންގެ ޅަގޮތް އަދިވެސް ހާއިޝަށް ނުހަނު ކަމުދެއެވެ. އެކަމަކު އޭނާގެ ނަސޭހަތުން އައިންއަށް ދިރިއުޅުމަކީ ކޮބައިކަމާއި ރަނގަޅު ދިރިއުޅުމަކަށްޓަކައި އެތައް ކަމެއް ހާއިޝް ދަސްކޮށްދެމުން ދިޔައެވެ.

"ސޮރީ.." ހާއިޝްގެ ރަނގަޅުކަމާ އޯގާތެރިކަން އައިންއަށް އިހުސާސްވުމުން އޭނާއަށް ރޮވުނެވެ.

"އައްދެ. މީ އަހަރެންގެ ހިތްވަރުގަދަ  އައިން އެއްނު. ކޮންކަމަކާ ސޮރީއޭ ތިބުނީ." ކަރުނަ ފޮހެދެމުން ހާއިޝް އެހިއެވެ.

"ބައެއްފަހަރު މިހެން އުޅެންޖެހުމުން ދެރަވަނީ."

"ހިތްވަރުކުރޭ. ފަހުން އަދި ރަނގަޅުވާނެ."

"ސޮރީ އިނގޭ. މާއަވަހަށް ރުޅި އާދެވުނީމަ."

"އަނެއްކާވެސް… އައިން ކީއްވެތަ އަދިވެސް ތި ރޮނީ. ކާކުދެކެ ރުޅި އާދެވުނީމަތަ." ހާއިޝް ބޭނުންވީ އައިން ގެ އިހުސާސްތައް ބޭރުވަންދެން ވާހަކަދައްކާށެވެ. އޭނާއަށް އައިންގެ ހާލު އިހުސާސްކުރެވެއެވެ. މުއްސަނދި ދިރިއުޅުމާ އެކުވެރިންނާ މުނިފޫހިފިލުވުމާއި ފަހުގެ ފެޝަންތަކަށް ލޯބިކުރާ ޅަ އަންހެން ކުއްޖެއް ހުރިހާކަމެއް ގުރުބާން ކުރުމަށްފަހު އޭނާއާއެކު މި އާދައިގެ ރަށަށް އައިސް ދިރިއުޅުން ބަދަލުކުރުމަކީ ކިހާބޮޑު ގުރުބާނީއެއްކަން އިހުސާސްކުރެވެއެވެ.

"ސަރ ދެކެ ރުޅިއާދެވޭތީ."

"އައިން. ދެން ތިހެން ކިޔުން ހުއްޓާލާނީ ކޮންދުވަހަކުން. މިހާރު މީ އައިންގެ ސަރ އެއްނޫނޭ. މީ މިހާރު އައިންގެ ހުރިހާ ކަމެއް ބަލަހައްޓަން ހުރި އައިންގެ ފިރިމީހާއޭ. ނަންކިޔަން ނުކެރެންޏާ ފިރިމީހާ ކިޔާ ނޫނީ މިރަށުމީހުން ކިޔާހެން އަހަރެން ގޯތިމީހާކިޔާ." އޭނާ އައިން އަތުގައި ހިފާލަމުން ބުނި އިރު ހާއިޝް ހުރީ ހިނި އައިސްފައެވެ. މިހެން ބުނުމާއެކު އައިންގެ ވެސް ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ. ކުރީގައި މަޑުމަޑުން ހުންނަ ހާއިޝް އައިންއާއި ސަމާސާ ކުރާތީ ހުރީ ނުހަނު އުފާވެފައެވެ.

އާދައިގެ މަތީން ހާއިޝްވީ ދޯނި ދޮށުގައެވެ. ހެނދުނު ހޭލީއްސުރެ އައިން އުޅެނީ ފާޑަކަށް ބޮލަށް އެނބުރުން އަރާތީއެވެ. އެހެންކަމުން ސައި ބޯހިތްވެސް ނުވެފައި ހުރެ ގޭގެ މަސައްކަތް ކުރުމުގައި އަވަދިނެތި އުޅެމުންދެއެވެ. ކުއްލިއަކަށް އޭނާއަށް އޯކާދެމިފައި ހޮޑުލެވުނީ ފާތުމަވެސް ބަލަން ހުއްޓައެވެ. އަދި އިސާހިތަކު އައިން އަނބުރައި ގަނެގެން ވެއްޓިއްޖެއެވެ.

"ބޭބޭ. ދައްތަ ވެއްޓުނީ. އެންމެން އެބައުޅޭ ދައްތަ ރަނގަޅުކުރަން." މަސައްކަތުގައި އުޅެމުންދިޔަ ހާއިޝްގާތުގައި މިވާހަކަ ބުނީ އެރަށު  މޮޔަ އަލީއެވެ.

"ކޮންތާކަށް ވެއްޓުނީ. ދައްތައަށް ގެއްލުމެއްވިތަ؟" ހާސްވެފައި ހުރެ ހާއިޝް ބުންޏެވެ.

"ނޭނގެ. ފާތުމާތަ ބުނީ ބޭބެ ގާތުބުނާށޯ ވެއްޓުން ވާހަކަ." އަލީއަށް ރަނގަޅަށް ނުބުނެވެނީސް ހާއިޝް ގެއާއި ދިމާއަށް ދުއްވައިގަތެވެ. ހާސްވެފައިވާ  ހާއިޝް ދުވެފައި ގެއަށް އައިއިރު ގޭގައި އެއްވެސް މީހަކު ނޫޅެއެވެ. ކަންބޮޑުވެފައިވާ ހާއިޝް ގޭތެރެއަށްވަދެ ހޯދާލިއެވެ. ގޭގެ ބޮޑުއަށީގައި ދެލޯމެރިފައި އޮތް އައިން ފެނުމުން އެދިމާއަށް ދުއްވައިގަނެވުނެވެ. އަދި އައިންގެ ގާތުގައި ހާއިޝް އިށީނދެލިއެވެ.

"އައިން."  މޫނުގައި ޖަހާލަމުން އޭނާ ގޮވަމުން ދިޔައެވެ. އައިން ޖަވާބެއް ނުދިނުމުން ދެތިން ފަހަރަކު މިގޮތަށް ގޮވާހެދިއެވެ. ދެން އަތުގައި ހިފާ ވިންދު ހުރިތޯ ބަލައިލިއެވެ. ހާސްވެފައި ހުރިނަމަވެސް އޭނާ ފެންގެނެސް މޫނުގައި އުނގުޅާ ހެދިއެވެ. އިރުކޮޅަކުން އައިން ދެލޯ ހުޅުވާލިއެވެ.

"އަލްހަމްދުލިﷲ. އައިން މިހާރު ކިހިނެއްތަ؟"

"ރަނގަޅު." ވަރުދެރަވެފައިވާ އަޑަކުން އޭނާ ބުނެލިއެވެ.

"ކީއްވެ މިހެންވީ." ބިރުގެންފައިވާ އަޑަކުން ހާއިޝަށް ބުނެލެވުނެވެ.

"މިއަދު ކައްކަން އުޅުނުއިރު މާގިނައިން ދުންއެރީމާ ވީގޮތެއް ކަންނޭނގެ."

"ކުރިންވެސް ދުމުގައި ކައްކަމެއްނު. ދެންމިއަދު ކީއްވެ." ހާއިޝަށް އައިންގެ ހާލު ފެނުމުން އެއީ ތެދުކަން ގަބޫލެއް ނުކުރެވުނެވެ.

"އައިން ރަނގަޅަށް ނުކަނީދޯ." ހާއިޝްދެރަވެލާފައި ބުންޏެވެ.

"ހާއިޝް…..އަހަރެންނަށް ގޮތެއްއެބަވޭ." ކުއްލިއަކަށް އައިން ހާއިޝް އަތުގައި ހިފާލިއެވެ. އައިންގެ ދެލޯ މެރިއްޖެއެވެ. ހިފަހައްޓައިގެން ހުރިއަތުން ވާގި ދޫވެ ހާއިޝްގެ އަތުން އޭނާ ދޫކޮށްލެވިއްޖެއެވެ. ހާއިޝް ހާސްކަމާއެކު އައިންއަށް ގޮވަމުން ދިޔައެވެ.

"ހާއިޝްދޭ ބަލަ ކުރުނބަލެއްބަލާ." އެތެރެއަށް ވަދެގެން އައި ފާތުމާ ބުނެލިއެވެ. ފާތުމާ އައީ އޭނާގެ ރައްޓެހި އުމުރުން ދުވަސްވީ އަންހެނެއް ގޮވައިގެންނެވެ. ހާއިޝް ކުޑަ ވަގުތުކޮޅެއް ތެރޭގައި ކުރުނބާ ހިފައިގެން އައިސްވަނެވެ. އޭރު އެ އަންހެންމީހާ އިނީ އައިން ލޮލުގެ އެތެރެއާއި އަތްފަޔާއި ބަނޑުބަލާ ހަދާފައެވެ.

"މާބޮޑަށް ހާސްވާނެ ކަމެއްނެތް. އިރުކޮޅަކުން ރަނގަޅުވެދާނެ." އެއަންހެން މީހާ ހާއިޝް އެއްޗެއް ބުނުމުގެ ކުރިން ބުންޏެވެ.

"އެކަމަކު އޭނާއަށް ކިހިނެއްތަ ވީ." ހާއިޝް ހުރީ ދެރަވެފައެވެ. އެއީ އޭނާ މިދުނިޔޭގައި އެންމެ ލޯބިވާ ކުއްޖާއެވެ. އޭނާގެ ހުރިހާ ވަގުތެއްގައި އޭނާއަށް އިތުބާރުކޮށް އޭނާއަށް އޯގާތެރިވި ފަރާތެވެ. ވީއިރު އައިން އެހާލުގައި އޮތުމުން އޭނާއަށް ބަޔާން ނުކުރެވޭ ހިތްދަތިކަމެއް ލިބުނެވެ.

"މީ ރޯންވީ ވަރުކަމެއް ނޫން. އުފާކުރޭ. އައިނަށް އެވަނީ ހުރިހާ އަންހެނުންނަށްވެސް މިދުވަސް ނައިސްނުދާނެ ދުވަސް އައިސްފައި. އޭނާ ބަނޑުބޮޑު. އޭނާގެ މޫނުގައި ފެންއުނގުޅާ." އެހެންބުނެފައި ފޫޅުމާދައިތަ ނިކުމެގެން ދިޔައީ ފާތުމާ ގާތަށެވެ. ހާއިޝް އުފަލުން އައިން އުރާލާ ހިތްވިއެވެ.

"އައިން.. މިހާރު ކިހިނެއް." ލޯ ހުޅުވާލުމާއެކު ހާއިޝް ގޮވާލިއެވެ.

"ރަނގަޅު…" އައިން ތެދުވަމުން ބުންޏެވެ.

"އައިން. އަހަރެން ބުނަންވެފައި އޮތް ވާހަކައެއް އެބައޮތް. އަހަރެން އެއްގޮތަކަށްވެސް އައިން ދެރަކުރާކަށް ނުވަތަ ހާސްކުރުވާކަށް ނޭދެން. ބައެއްފަހަރު ހިތްނޭދޭ ކަންތައްތައްވެސް ގަބޫލުކުރަން ޖެހޭ ފަހަރު އާދޭ." ހާއިޝަށް މިޚަބަރު ދޭނެ ގޮތެއް ނޭނގެއެވެ. ކުރިންވެސް އެއީ އައިން އެހާއަވަހަށް ވާން އެދޭ ކަމެއް ނޫންކަން ހާއިޝަށް އެނގެއެވެ.

"ހާއިޝް. ކިހިނެއްވީ. ކީއްވެ ނުބުނެވިގެން ތިއުޅެނީ." ހާއިޝް ބުނަންއުޅޭ ޖުމްލަ އައިންއަށް އެނގުނީހެން ހީވިއެވެ.

"އައިން. ދުވަސްކޮޅަކުން އައިން މަންމައަކަށް ވެދާނެ. ފޫޅުމާ ދައިތަ އެދިޔައީ އެކަން ޔަގީން ކޮށްދީފައި."

"ނޫން.. އަހަރެން ކުއްޖަކު ބޭނުމެއްނޫން." އައިން މޫނުގައި އަތްއަޅާ ރޯންފެށިއެވެ.

"އައިން ހިތްނޭދޭ ކަމެއްވާކަށް އަހަރެންވެސް ނޭދެން. ތިއީ ހުރިހާ ވަގުތެއްގައިވެސް ބަސް ގަބޫލުކުރާ ރަނގަޅު ކުއްޖެއް. ހުރިހާ ވަގުތެއްގައިވެސް އަދި ހުރިހާ ކަމެއްގައިވެސް އަހަރެން މިހުރީ އައިންއަށް އެހީވާން. ކުދިންނަކީ ދިރިއުޅުމުގެ އުފާ. ދެން އަހަރެމެން ވިސްނަން ޖެހޭނީ ކުދިންނަށް؟" ހާއިޝް އައިންގެ އަތުގައި ހިފާލިއެވެ.

"ނޫން. އަދި މާއަވަސް. އެހެންނޫނަސް މިރަށުގައި އުޅެމުން ކުދިން ލިބުނީމާ އުޅެންޖެހޭނީ ކިހިނެއް. އެކުދިންނަށް ރަނގަޅުކާނާއާއި ބޭސްފަރުވާ ބޭނުންވާނެ." އައިން އަދިވެސް ރޮނީއެވެ.

"އައިން.. ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ. މީހަކަށް ނުބެލޭނެ ކުއްޖެއް މާﷲ އެމީހަށް ނުދެއްވާނެ. ފަހުން ވާނެގޮތް އެނގެނީ ކާކަށް. މިކަމުގައިވެސް އަހަރެމެން ސާބިތު ވާންޖެހޭނެ." ހާއިޝް އައިންއަށް ވިސްނައިދިނެވެ. ހާއިޝްގެ އެތައް ނަސޭހަތަކަށްފަހު އައިން ހަމައަކަށް އެޅުނެވެ. ނަމަވެސް އައިން އަދިވެސް މިކަމަކާ އުފަލެއް ނުވެއެވެ.

 

މުދިންބެގެ ދެމަފިރިން ތައްޔާރު ވަމުންދަނީ އެމީހުންގެ ކާފަ ދަރިފުޅު ނިޝާއަންނާތީއެވެ. ކުޑައިރުން ފެށިގެންވެސް މައިންބަފައިން މަރުވެފައިވާ ނިޝާ ބަލަމުން ދިޔައީ އެމުސްކުޅި ދެމަފިރިންނެވެ. މާލޭގައި ކިޔަވާ ނިންމައިގެން ކޮލެޖުގައި ކޯހެއް ހަދަން އުޅެފައި ނިޝާ ޗުއްޓީއެއްގައި އަންނާތީ އެދެމަފިރިން ތިބީ ވަރަށް އުފަލުންނެވެ.

ނިޝާއަކީ ރީތި ލޫޅާފަތި ކުއްޖެކެވެ. އައިންއާއި އެއްފަދައިން އެއުމުރުގެ ކުދިންނަށްވުރެ މާ ރީތިވެފައި ފަރި ކުއްޖެކެވެ. އައިންއަށް ކުޑަކޮށް ނިޝާއާމެދު ހަސަދަވެރި ވެވުނަސް އޭނާގެ ހިތްހެޔޮކަމުން އެކަން ހަނދާން ނެތުނެވެ. އައިންގެ މިހާރު ދިރިއުޅުން ހުރިގޮތުން ލާންޖެހޭ ހަރުވާޅު ހެދުންތަކާއި އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑު ކަޅުވުމާއި މަސައްކަތް ކުރުމުގެ ސަބަބުން އަތްތިލަ ހަޑިވިޔަސް އެއީ އަދިވެސް ރީތި ކުއްޖެކެވެ. ނިޝާވެސް ރަށަށް އައުމުން އެބަދަލު އަންނާނެކަން އައިން ގަބޫލުކުރިއެވެ. އަދި އެދެކުދިން ނުހަނު ގުޅޭކުދިންނަށް ވެއްޖެއެވެ.

މިހާރަކަށް އައިސް އައިންއަށް ނިދެނީ މާއަވަހަށެވެ. ހާއިޝަށް އައިންގެ މިބަދަލު ވިސްނުނެވެ. ހަށިގަނޑަށް އަންނަ ބަދަލާއި މިޒާޖަށް އަންނަ ބަދަލަކީ މާބަނޑުވުމުން މައިމީހާގެ ހޯމޯނަށް އަންނަ ބަދަލެއްކަން އޭނާއަށް ވިސްނެއެވެ. ނަމަވެސް އާދައިގެމަތީން ކޮންމެ ރެއަކުވެސް އެމީހުން އަތިރިއަށް ދާދިޔުމާއި ދޮން ވެލިގަނޑުގައި ވާހަކަ ދައްކަން ތިބޭ ތިބުން ހުއްޓުމުން ހާއިޝް އަށް ރޭގަނޑު ފަޅުކަން އިހުސާސް ކުރެވެން ފަށައިފިއެވެ. އޭނާއަކީ އަބަދުވެސް ރޭގަނޑު ލަހުން ނިދަން އާދަވެފައިވާ މީހަކަށް ވުމާއި ރޭގަނޑު ކަރަންޓް ދާތީ ފޮތް ކިޔުމުގައިވެސް އޭނާ ހޭދަ ކުރެވޭ ވަރު މަދެވެ. އެހެންކަމުން އޭނާ އެކަނި އަތިރިޔަށް ދާންފެށީ މި ދަތި އުނދަގޫ ދިރިއުޅުމުގެ ފިކުރުތަކާއި ދުރުވެލާ ހިތްހަމަ ޖައްސާލުމުގައެވެ. މިހެން އިންނައިރު އޭނާ ވިސްނަމުންދަނީ އައިންއާއި ލިބެންއުޅޭ ދަރިފުޅާމެދުގައެވެ. އައިންގެ ހާލު އޭނާއަށް އިހުސާސް ކުރެވެއެވެ. އަދި މިހާރު އައިންދެކެ އޭނާ މާބޮޑަށް ލޯބިވެއެވެ.

ހާއިޝް ގެއަށް އައިއިރު ނިޝާ އިނީ ބޭރު އުނދޯލީގައެވެ. މިވީ މަހެއްހާ ދުވަހުގެ ތެރޭގައި ނިޝާ އަކީވެސް ރޭގަނޑު ލަހުން ނިދުމަށް އާދަ ވެފައިވާ ކުއްޖެއްކަން ހާއިޝަށް އެގެނީ ކޮންމެ ރެއަކުވެސް ދަންވަންދެން ނިޝާ ބޭރު ޖޯލީގައި ނުވަތަ އުނދޯލީގައި އިންނާތީއެވެ. ހާއިޝްގެ ޢިލްމީ ސިކުނޑިއަށް ނިޝާވަނީ ކޮންމެވެސް ހާސްކަމެއްގެ ސަބަބުން ނިންޖާ ދުރުގައިކަން އެނގުނު ނަމަވެސް އޭނާ އެސުވާލެއް ނުކުރެއެވެ. ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ ނިޝާ  ހާއިޝަށް ގޮވާލުމުން ހާއިޝްގޮސް އުނދޯލީގައި އިށީނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *