ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރުގައި މި މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އެދިފައިވާ މިދަނޑިވަޅުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގިނަ އަދަދެއްގެ ރައްޔިތުންނާ މުޙާތަބު ކުރައްވާ ރައްޔިތުން ބޭނުންވަނީ ހެޔޮވެރިކަމެއް ކަމަށާއި ނިޒާމު ބަދަލުވާން ނޫންކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީގެ އުފާ ފާޅުކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތުގައި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނަޝީދުގެ ޑިމޮކްރެޓްސްގެ ފަރާތުން ނިޒާމީ ވޯޓާ ގުޅޭ އިސްލާހެއް ގާނޫނުއަސާސީއަށް ހުށަހަޅައި، މަޖިލީހަށް ބާރު ލިބިގެން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފަހު، އިތުރު ވޯޓެއް ނުނަގައި ނިޒާމް ބަދަލު ކުރުމުގެ ކަންކަން ކުރުމަށް ފަހިވާ ގޮތަށް އެ އިސްލާހުގައި ހިމަނާފައެވެ.
މިކަމާއި ގުލޭގޮތުން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މި ދަނޑިވަޅުގައި ނިޒާމީ ވޯޓެއް ނެގުމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ޑިމޮކްރެޓްސްގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ވެސް ތަސްދީގު ކުރައްވާނީ، މަޖިލީހުގެ 3/4 ވޯޓުން ފާސްކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ފަހު ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތުގައި އިންތިހާބީ ރައީސް ޑރ. މުއިޒުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ނެގުމުގެ ކަންކަމުގައި ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނު ވިސްނުން ހުރިގޮތް ރަތްޔިތުންނަށް ހާމަކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރިޔާސީ ނިޒާމެއް ރާއްޖޭގައި އޮތުމަށް ރައްޔިތުން ނިންމާފައި ވާއިރު، އިރުއިރުކޮޅަކާ ނިޒާމީ ވޯޓެއް ނަގާކަށް ރައްޔިތުން ބޭނުމެއް ނުވެ އެވެ.
"މިއީ ރިޔާސީ ނިޒާމެއް. ރައްޔިތުން ނިންމީ ރިޔާސީ ނިޒާމަކުން 240،000އަށް ވުރެ ގިނަ ރައްޔިތުން ނުކުމެ ވޯޓުލާފައި މި އޮތީ. މި ގައުމުގެ ރައްޔިތުން ބޭނުންވަނީ މި ގޮތް [ރިޔާސީ ނިޒާމް]. އެހެންވީމަ، މި ގޮތުގައި މި ގައުމު ހިނގާނީ. މި ގައުމުގައި ރައްޔިތުން ބޭނުމެއް ނުވޭ އިރުއިރުކޮޅާ އެހެން ގޮތް ގޮތަކަށް ވާހަކަ ދައްކާކަށް. އިރާދަކުރެއްވިއްޔާ މި ގައުމު ދާނީ މިގޮތަށް،" މި ނިޒާމުގެ ތެރެއިން މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގައި ފުރަތަމަ ފަހަރަށް ދެ ބުރު ވެސް ކާމިޔާބުކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، މިއަދުގެ ވަގުތެއްގައި މަޖިލީހުގެ ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ސަރުކާރު ބަދަލުވާ އިންތިގާލީ މި މަރުހަލާގަ އާއި އޭގެ ފަހުން ވެސް މަޖިލީހުގެ އެއްބާރުލުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވެސް ތިއްބެވީ އިންތިހާބުކުރެވިފައިވާ ބޭފުޅުން ކަމަށާއި، އެ ބޭފުޅުން ވެސް ޑިމޮކްރެޓިކް ޕްރޮސެސްއަށް އިހުތިރާމް ކުރައްވަން ބޭނުންފުޅުވާނެކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން މި ދުވަސްކޮޅު އެމަނިކުފާނަށް ދެއްވާނެކަން ޔަގީންކުރާކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މާދަމާ އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވުމަށް ފުރުސަތުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ހޯދުމަށް ދަންނަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެއާ އެކު، ދެން މުއިއްޒު ވިދާޅުވީ، ގައުމަށް ބޭނުންވަނީ ހަމަޖެހުން ކަމަށާއި އެ މަނިކުފާނު ވެސް އެދިވަޑައިގަންނަވަނީ އެ ހަމަޖެހުން ގާއިމްވުމަށް ކަމަށެވެ.