(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
ހާއިޝަކީ ކާކުކަން ކުރިންވެސް ނިޝާ ކޮންމެވެސް ވަރަކަށް ދަނެއެވެ. ކޮލެޖުގައި ހިނގި ހުރިހާކަމެއް އޭނާ ހަނދާން އެބަހުއްޓެވެ. އަދި އައިންއާއި ނިޝާ މިހާރު އޮންނަ ގާތްކަމަކުން އެދެމީހުން މިހެން ވާހަކަ ދައްކާލަން ތިބެވެން ފަށައިފިއެވެ. މިވާހަކަ ދެއްކުމުގައިވަނީ ރަހުމަތްތެރި ކަމާއި ގާތްކަމެވެ.
"މިކަހަލަ ރަށެއްގައި މީހުން ދިރި އުޅޭތީވެސް އަހަރެން ހައިރާންވޭ." ހާއިޝް ބުނެލިއެވެ
"ކީއްކުރާނީ. މިއުނދަގޫ ދިރިއުޅުމަށްވުރެ ރަށުގެ ފަސްގަނޑުދެކެ ލޯބިވާ މީހުން ރަށް ދޫކޮށްފައި ނުދާން އެތިބެނީ." ނިޝާ ޖަވާބުދިނެވެ.
"އަހަރެން އެންމެ ކަންބޮޑުވަނީ ޑޮކްޓަރެއްވެސް ނެތް ރަށެއްގައި ވިހަން ޖެހިދާނެތީ." ހޫނުވެގެން ނުނިދިގެން އައި އައިން އެހިސާބާ އަރާ ހަމަވަމުން ބުނެލިއެވެ.
"އައިން.. އަވަހަށް އާދޭ." ނިޝާ އުނދޯލިން ތެދުވެ އައިން އިށީންނާނެ ތަން ދައްކަމުން ބުނެލިއެވެ. އައިން ހާއިޝް ގާތުގައި އިށީނެވެ.
މަސައްކަތުގެ ތެރޭގައި އުޅުމަށްފަހު މެންދުރު ހާއިޝް ގެއަށް އައިއިރު އައިން އުޅެނީ ގިފިލީގައެވެ. އެހެންކަމުން އޭނާ ބޭރު އުނދޯލީގައި އިށީނދެލައިގެން އިންދާ ނިޝާ އޭނާއަށް މެންދުރުގެ ކެއުން ތައްޔާރުވެފައި ހުރިކަމުގެ ވާހަކަ ބުނުމުން ހާއިޝް ކާންދިޔައެވެ. ނިޝާވެސް ކާމޭޒުގެ އެއްކޮޅުގައި ހާއިޝް ކަންދެން މަޑުކުރިއެވެ. އޭނާ މިހާރުވެސް ހާއިޝަށް ވަރަށް އިހުތިރާމް ކުރެއެވެ. އަދި އެމީހުންގެ އެކުވެރިކަންވެސް އެހާމެ ރަނގަޅެވެ. އައިންއަށް އާދެވުނުއިރު ހާއިޝް ކައި ނިމެނީއެވެ.
"ހާދަ އަވަހަކަށް މިއަދު ނިމުނީ. އެހެން ދުވަހެކޭވެސް އެއްގޮތަށް އަހަރެން މިހުރީ ދެމީހުން އެއްކޮށް ކާން."
"ސޮރީ. ހަނދާން ނެތުނީ. އައިން ދެން އެކަނި ކާލާ. ނިޝާ ކާން ގޮވުމުން އާދެވުނީ. އެހެންނޫނަސް މިއަދު ތަންކޮޅެއް އަވަހަށް ދާންޖެހޭ." ހާއިޝް ނިކުންނަމުން ބުނެލިއެވެ.
އައިންއަށް ކުއްލިއަކަށް އިހުސާސްކުރެވުނީ އެދެމީހުންގެ ގުޅުން ހީނަރުވަމުންދާކަމެވެ. ނިޝާއާ މެދު ހާއިޝްގެ ރަހުމަތްތެރިކަން އިތުރުވަމުން ދާކަމެވެ. ފުރަތަމަ ފަހަރަށް އޭނާ ހާއިޝާއި ނިޝާގެ ގުޅުމަށް ޝައްކު އުފެދެން ފަށައިފިއެވެ. ނަމަވެސް އޭނާ އެގޮތަށް ނުވިސްނުމަށް އަޒުމް ކަނޑައެޅިއެވެ.
"އަން މިހުރީ އަނބުކޮޅެއް. ނިޝާއަށް ވެސް ދެއްޗޭ." ބަދިގެ މޭޒުމަތީގައި ކޮތަޅެއް ބަހައްޓަމުން ބުންޏެވެ. "އަހަރެން އެއް އިރެއްގައިވެސް ނިޝާއަށް ނުދީ އެކައްޗެއްވެސް ނުކަން." އައިން ހާއިޝް ވާހަކަދެއްކި ގޮތުން ހިތްހަމަ ނުޖެހުނެވެ.
"އަހަރެންނަށް އެކަން އެނގޭ. އެކަމަކުވެސް ތިއީ މިރަށުން ނުލިބޭ އެއްޗަކަށް ވާތީ ބުނެވުނީ. ތީ ރައްޓެއްސަކު ކުޅުދުއްފުށިން ފޮނުވިއެއްޗެއް." ހާއިޝް ތުވާލި ހިފައިގެން ގިފިއްޔަށް ދަމުން ބުނެލިއެވެ. މިހާރަކަށްއައިސް ނިޝާއާއި ހާއިޝްގެ ރަހުމަތްތެރިކަން އިތުރުވާން ފަށައިފިކަން އައިންއަށް އެނގެއެވެ. މިކަމުގެ ޝަކުވާތައް އައިންގެ ހިތުގައި ގިނަވާން ފަށައިފިއެވެ. އެ ޝަކުވާތައް ގިނަވުމުގެ ސަބަބުން އައިން މިހާރު އާދައިގެ ކަންކަމާ އަވަސް އަވަހަށް ރުޅި އާދެވެއެވެ.
ދުވަސްތައް ގުނެމުންދާ ވަރަކަށް ހާއިޝަށް އައިންގެ އުޅުމަށް ވަރަށް ބޮޑު ތަފާތު ތަކެއް އަންނަކަން ފާހަގަ ކުރެވެން ފެށިއެވެ. ގެއަށް އަންނަ އިރު ހުންނަ އިންތިޒާރު ކުރުމާއި ހާއިޝް ފެނުމުން އިސްތިގުބާލު ކުރުން ކުޑަވެއްޖެއެވެ. ގިނަ އިރުތަކެއްވަންދެން ހިމޭނުން ހުރުން ހިމެނެއެވެ. ހާއިޝް ހީކުރަނީ އައިންގެ މިހާރުގެ ހާލަތު ހުންނަ ގޮތުން އޭނާއަށް ވާގޮތެއް ކަމަށެވެ. ވިހާ ގަދަވުމުން އައިން ރަނގަޅު ހާލަތަކަށް ރުޖޫއަ ވާނެކަމަށެވެ.
މިރޭވެސް ހާއިޝާއި ނިޝާ އިނީ ބޭރުގައި ހުރި ބޮޑު އުނދޯލީގައެވެ. ހަނދުވަރުގެ އަލިކަން ނެތުމުން ފަނޑު އަނދިރިކަމެއް ފެތުރިފައި ވެއެވެ.
"ނިޝާ ދަނީ ކޮން އިރަކުން." ހާއިޝް ބުނެލިއެވެ.
"ދެން ދެވޭނެ ހެންނެއް ހިއެއްނުވޭ."
"އެއީ ކީއްވެ." ހާއިޝް ހައިރާން ވިއެވެ.
"އެއީ…."
"ނިޝާ ދާހިތެއް ނުވާނެ. އެއީ އެއީ މިހާރު މިރަށް މާ މަޖާކަމުން." ފުރަގަހުން ކުއްލިއަކަށް މިއަޑު އައި ދިމާއަށް ދެމީހުންނަށްވެސް ބަލާލެވުނެވެ. އޭރު އައިން މަޑު ހިނގުމެއްގައި އެދިމާއަށް އާދެއެވެ. އައިން މިބުނި އެއްޗެއްގެ މާނަ ނިޝާއަށް ނޭނގުނަސް ހާއިޝަށް އެނގުނެވެ. އައިން މި ވިސްނާ ހަގީގަތާއި ޚިލާފު ކަންތައް ހާއިޝަށް އެނގުނީ ކުރީދުވަހެއްގައި ބުނިއެއްޗަކުންނެވެ. "އަހަރެން ނެތަސް މިހާރު ހާއިޝް ދެރައެއް ނުވާނެއެއްނޫންހެއްޔެވެ؟ އެތަނެއް މާ މަޖާވެއްޖެއްޔާ އަހަރެމެންގެ ބޭނުމެއްނުވާނެއެވެ." ހާއިޝަށް މިބަސްކޮޅު ހަނދާންވެގެން ހަގީގަތުގައި އައިން މިބުނި އެއްޗެއްގެ މާނައަށް ވިސްނައިގަނެވުނެވެ.
"އަސްލު މިރަށް މަޖަލެއްނޫން. އެކަމަކު އައިންމެން ތިބީމާ ފޫއްސެއްނުވޭ. އައިންމެން ފޫހިވޭތަ؟"
"އައިން ބަލި ނޫންނަމަ އަދި މާމަޖާވާނެ. އައިން ކީވެއްތަ ދުރުގައި ތިހުރީ. އަންނަންވީނު ވާހަކަ ދައްކާލާ ހަދާލަން. އޭރުން ވަރަށް ހިތްހަމަ ޖެހޭނެ."
"ނޫނޭ. އަހަރެން ފެންފޮދެއް ބޯލަން އަސްލު މިނިކުތީ. ނިޝާމެން ފެނުނީމަ ހިތަށްއެރީ ގާތް ކޮށްލާނީއޭ." އައިން ތާނގީކައިރިއަށް ގޮސް ފެންތައްޓެއް ބޯލައިގެން ގޭތެރެއަށް ވަނެވެ. އޭނާއަށް މާގިނައިރަކު އެއްޗެއް ނުބުނެ އެތާ ނުހުރެވޭނެކަން އެނގެއެވެ. އޭނާ އެއްވެސް ޝަކުވާއެއް މިވަގުތު ކުރާކަށް ބޭނުމެއްނޫނެވެ. އޭގެ ކުރިން ހާއިޝާއި ވާހަކަދައްކައި މައްސަލަ ހައްލުކުރެވޭނެ ގޮތެއް ވިސްނަމުން ދިޔައެވެ.
ޖެހިގެން އައިދުވަހު ވަރަށް ފަތިހާ ހާއިޝް މަސައްކަތުދިޔައެވެ. މިހާ ބުރަކޮށް އުޅެގެން ނޫނީ އައިންގެ ވިހެމުގެ ޚަރަދުތައް ހަމަޖައްސައެއް ނުލެވޭނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ކިތަންމެ ބުރަނަމަވެސް އޭނާ މަސައްކަތް ކުރަނީ އައިންގެ ހިތް އެދޭ ވަރަކަށް ހުރިހާކަމެއް ފުރިހަމަ ކޮށްދެވޭތޯއެވެ. އޭނާ މެންދުރު ކައިގެން ދިޔަގޮތަށް އައީ ރޭގަނޑުވެފައި ވަނިކޮންނެވެ. އެހެންދުވަސްތަކާ ޚިލާފަށް ހާއިޝް ލަސްވުމުން އައިން ކަންބޮޑުވިއެވެ. އޭނާ ނިންމައިގެން ހުރީ އިޝާނަމާދު ކޮށްލައިގެން ހާއިޝްބަލާ ދޯނިދޮށަށް ދާށެވެ.
ބޮލުގައި އަތް އަޅައިގެން ބާރު ހިނގުމެއްގާ އައި ހާއިޝްއަށް ހުއްޓެވުނީ ބަދިގެ ކައިރީގައި ހުރި ގޮނޑީގައި އަޅައިގެންފައެވެ. އޭރު އޭނާގެ ނިތްކުރިން ކޮންމެވެސްވަރަކަށް ލޭފައިބަމުން ދެއެވެ.
"ހާއިޝް. ކިހިނެއްވީ. މީކޮންލެޔެއް." ނިޝާ ހާއިޝްގެ ބޮލަށް ބަލައިލިއެވެ. އޭނާ ދުވެފައި ގޮސް ފެންބާލިދީއެއް ގެނައެވެ.
"ގުދުވެފައި ތެދުވަނިކޮށް ލަކުޑިގަނޑު ޖެހުނީ ބޮލުގައި. މީ އެވަރު ކަމެއްނޫން. ކޮބާ އައިން." ގެއަށް ވަންނަން ދަމުން ހާއިޝް ބުންޏެވެ.
"އައިން ނަމާދު ކުރަނީ. މިތާ އިށީނދެލާ. ލޭ މަނާވަންދެން………." ނިޝާ ބޭސް އަޅައިދީ ބޮލުގައި ފޮތިގަނޑެއް ބަނދެދިނެވެ. އަދި ހާއިޝްގެ ނިތްކުރިމަތީ ހޭވިފައި ހުރި އިސްތަށިތައް މައްޗަށް އުފުލާލާ ރަނގަޅުކޮށްލިއެވެ.
"މިހާރު ރަނގަޅުދޯ." ނިޝާ މަޑުމަޑުން ބުނެލިއެވެ.
"ނިޝާ ހާދަ ރަނގަޅޭ. ޝުކުރިއްޔާ." ހާއިޝް އިސް އުފުލާލިއެވެ.
"ހާއިޝް. އަހަރެންނަށް ހަމަ ހީވީ ރަނގަޅަށް" ބާރުހިނގުމެއްގައި އައި އައިން ގޮވާލިއެވެ. އޭރު ވިހަން ތައްޔާރުވެފައި އިން އައިން ހުރީ ފެންކަޅިވެފައެވެ.
ހާއިޝަށް އައިންގެ މިޖުމްލައާއި އައިންގެ ރާގާއި އަޑުހުރިގޮތުން ވީގޮތް އެނގިއްޖެއެވެ. އެހެންކަމުން އޭނާ އައިންގެ ގާތަށް ދިޔައެވެ. ނަމަވެސް އައިން އެއަށްވުރެ ބާރަށް ގޭތެރެއަށް ވަދެ ދޮރު ލައްޕައިފިއެވެ. ހާއިޝް ގަދަކަމުން އެތެރެއަށް ވަންނަން މަސައްކަތް ނުކުރީ އައިން ހަމައަކަށް އެޅޭތޯ ބަލާލަން މަޑުކޮށްލަން ވެގެންނެވެ. ނަމަވެސް ގަޑިއިރެއް ވީއިރުވެސް އައިން ދޮރު ނުހުޅުވުމުން އޭނާ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ވަނީ ފަޅު ކަމެވެ. އެތާ އައިންގެ އެއްވެސް ހިލަމެއް ނުވެއެވެ. އޭނާ ހާސްވެގެން ހުރެ އައިން ދާނެހެން ހީވާ ހުރިހާ ތަނެއް ހޯދިއެވެ. އެންމެފަހުން އޭނާއަށް ވިސްނުނީ އައިން އިންނާނީ ކޮންމެ ފަހަރަކުވެސް ކަމެއް ދިމާވެއްޖެނަމަ އަތިރިމަތީގައި އިންނަ ދޮން ވެލިގަނޑުގައި ކަމެވެ. ހާއިޝް އަވަހަށް ދުވެފައި އެދިމާއަށް ދިޔައެވެ.
އައިން އިނީ ދޮން ވެލިގަނޑުގައި އިށީނދެލައި ގެންނެވެ. އޭނާއަށް ރޮވެނީއެވެ. އައިން ދުވަހަކުވެސް ހާއިޝް އެހެން މީހަކާ ގުޅުން ބާއްވަފާނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ. އޭނާ ހީކުރީ ހާއިޝަކީ އެހެން ފިރިހެނުންނާއި ޚިލާފަށް މާތް މީހެއްކަމަށެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. އޭނާ ބަދަލު ވީއެވެ. އައިންއަށް ވުރެ ނިޝާ އޭނާއަށް ރީތި ވީއެވެ. އެހެންވީއިރު ޒީނާއާއި ނަތާ އެދެއްކީ ތެދުވާހަކަ ކަމަށްވުން އެކަށީގެންވެއެވެ. އެހެން ވީއިރު އޭނާއަށް މިކުރެވުނީ ކޮންފަދަ ބޮޑު ކުށެއް ބާވައެވެ؟ މިކަހަލަ ކުށްހީތައް އޭނާ ހާސް ކުރުވަނީއެވެ.
"އައިން. ކިހިނެއްވީ." އައިންއާ ނުހަނު ގާތުގައި އިށީނދެލަމުން ހާއިޝް ބުންޏެވެ. އޭނާ ވާހަކަދެއްކީ ވަރަށް މަޑުމަތިރިކަމާއެކު އެހާމެ ހަމަޖެހިލާފައެވެ. އައިން އެއްވެސް ޖަވާބެއް ނުދެއެވެ.
"އައިން. ބަލީތަ؟ ރޮނީ ކީއްވެ." ހާއިޝް ބޭނުންވީ އައިންގެ ކުށްހީ އައިން އަމިއްލައަށް ފާޅު ކުރުވުމަށެވެ.
"އަހަރެން މާލެ ފޮނުވައިދީ." އައިން ވަނީ ވަރަށް ދެރަވެފައެވެ.
"ކުއްލިއަކަށް މާލެދާން ތިއުޅެނީ ކީއްވެ."
"މީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން. އަހަރެން ދެން މިރަށަކު ނޫޅޭނަން." އައިންއަށް ކެތެއް ނުކުރެވުނެވެ. އޭނާ ބާރަށް ރޯންފަށައިފިއެވެ.
"އައިން. ހެޔޮނުވާނެ. ވެގެން އުޅޭ ގޮތެއް ބުނެދީބަލަ." ހާއިޝް އައިންގެ އަތުގައި ހިފާލިއެވެ.
"އަހަރެން މިރަށުގައި ހުރުމުގެ ބޭނުމެއް ހާއިޝްގެ އޮންނާނެހެން މިހާރަކު ހިއެއްނުވޭ. ހުރިހާ އެއްޗެއްވެސް މިހާރު އަހަރެންނަށް ވިސްނިއްޖެ."
"އައިން ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ."
"ހާއިޝަކަށް މިހާރު އަހަރެން ރީއްޗެއްނޫން. ހާއިޝް ބޭނުންވަނީ ނިޝާ." އެންމެފަހުން އައިންގެ ހިތުގައި މިވީހާދުވަހު ސިއްރުކޮށް ބޮޑު ޝައްކަކަށް ހަދަމުން ދިޔަ ކަންތައް ބުނެވިއްޖެއެވެ. ދެއަތް ދެއަތާ ކުޅެލަ ކުޅެލަ އިން އައިން ހުރީ ވަރަށްބޮޑަށް ހިތުގައި ޖެހިފައެވެ.
"އައިން. ތިވަރުކަމަކާތަ ތި ރޮނީ." އައިންގެ ވިސްނުންހުރިގޮތުން ހާއިޝްގާތަށް ހިނިއައެވެ. އަދި އައިން ގަޔާ ކައިރި ކޮށްލިއެވެ.
"މީ އެވަރުކަމެއް ނޫންތަ؟ ހާއިޝްއަށް މިހާރު އަހަރެން ކަމަކު ނުދޭ." އައިން ދުރަށް ޖެހެމުން ބުންޏެވެ.
"އައިން. ކުރިންވެސް އަހަރެން ބުނީމެއްނު ތިހާލޯބި ކުއްޖެއް އަހަރެންނަކާ ދިމާއެއްނުވެއޭ. ހަމަ ތެދެއް މިބުނީ. ކޮންމެ ހާލެއްގައި އަދި ކޮންމެ ސިފައެއްގައި އައިން ހުއްޓަސް އަހަރެން އައިންދެކެ މިވާލޯބި ބަދަލެއް ނުވާނެ." ހާއިޝް އައިންގެ އަތުގައި ހިފާލިއެވެ.
"ދެން ކީއްވެ މިހާރު އަހަރެމެން އެހާ ދުރު ވާންޖެހުނީ. ކީއްވެ އަބަދު ނިޝާއާ ވާހަކަ ދައްކަނީ." އައިން ޝަކުވާކުރިއިރު ހާއިޝްހުރީ އައިންއަށް ބަލަހައްޓައިގެންނެވެ. އެ ނިޔަނެތި ކުއްޖާ ރޮވިފައި ޝަކުވާ ކުރާއިރު ހީވަނީ ކުޑަ ކުއްޖެއްހެންނެވެ.
"އައިން. މި ގުޅުން ގާތްކޮށް ދުރު ކުރަނީވެސް އައިން. ކޮންމެ ރެއަކު އަހަރެމެން އެކުގައި ހޭދަކުރާ ވަގުތުގައި އައިން ނިދަނީއެއްނު. އެހެންނަމަވެސް އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަން. ރޭގަނޑު އެހާ އަވަހަށް ނުނިދޭތިއްޔާ ކަރަންޓު ނުހުންނާތީ ބޭރަށް ނިކުމެލަނީ. އެގޮތުން ބައެއްފަހަރު ނިޝާއާއި ވާހަކަ ދައްކަނީ. އައިން ވާހަކަ ނުދައްކާށޭ ބުނެފިނަމަ އަހަރެން ވާހަކައެއް ނުދައްކާނަން." ހާއިޝް އައިންއަށް ބަލާލިއެވެ.
"ދޮންކަނބުލޯ. ތިކަހަލަ ބޭކާރު ކަންތަކާ ނުވިސްނާ. އެހެންނޫނީ ހުރިހާ ގެއްލުމެއްވެސް އުފުލަންޖެހޭނީ މިކުޑަކުޑަ އައިންއަށް." ވިހަން ތައްޔާރުވެފައި އިން އައިންގެ ބަނޑުގައި ހާއިޝް ފިރުމާލިއެވެ. އަދި އޭނާގެ ދެއަތުން އައިން ވަށާލާ އޭނާއާއި ގާތް ކޮށްލިއެވެ.
ކުއްލިއަކަށް އައިން އަށް ބަޔާން ކުރަންދަތި ރިހުމެއް އޭނާގެ އުނަގަނޑަށް ވެރިވެގެންފިއެވެ. މިއީ ދުވަހަކުވެސް އޭނާ ތަޖުރިބާ ނުކުރާ ރިހުމަކަށް ވާތީ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ހަމައެއާއެކު ހާއިޝްގެ އަތުގައި ބާރަށް ހިފަހައްޓާ ރޯންފެށިއެވެ.
"އައިން. ކިހިނެއްވީ." ހާސްވެފައި ހުރިވަރުން ހާއިޝަށްވެސް ހަޅޭއްލަވައި ގަނެވުނެވެ.
"ނޭނގެ. މިތަނަށް ގޮތެއްވަނީ." އުނަގަނޑުގައި އަތްއަޅައިގެން ހުރެ އައިން ރޮމުންގެންދެއެވެ.
"އަވަހަށްހިނގާ. ސިއްހީ އެހީތެރިޔާގެ ގެ މިތަނަކާ މާދުރެއްނޫން." ޢިލްމީގޮތުން ކިތަންމެ ގާބިލް ވީނަމަވެސް މިކަމަކީ ހާއިޝަށް ނުހަނު އާކަމެއްކަމަށްވާތީ އޭނާވެސް ހުރީ ގޮތްހުސްވެފައެވެ.
އައިން މަޑުމަޑުން ކުރިއަށްދެވޭތޯ ހިނގައިގަތެވެ. ހާއިޝް ވަނީ އައިންގެ ކަނާތް ފަރާތުގައި ހުރެ ދެއަތުން އައިން އޭނާގެ ގައިގާ ލަފިކޮށްލާފައެވެ. އޭނާގެ އެހީތެރިކަމާއެކު އައިން ކުރިއަށް ހިނގޭތޯ ހިތްވަރު ދެމުންދެއެވެ.
(ނުނިމޭ)