(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"ނޫން. ދެންނުދެވޭނެ." އައިން ހުއްޓުނެވެ. އައިންއަށް ވާގޮތުން ހާއިޝަކަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. އޭނާ އައިން އަތްދަނޑި މައްޗަށްލާ ހިނގައިގަނެވޭތޯ ބެލިއެވެ. ބިންގަނޑުގެ ފަސްމަޑުކަމާއި ބަނޑުބޮޑުވުމުގެ ސަބަބުން އައިންގެ ބަރުދަން އިތުރުވެފައިވާތީ އޭނާއަށް ކުރިއަށް ދެވެނީ ވަރަށް އުނދަގުލުންނެވެ. ގޭގެ ދޮރުމަތީގައި އައިންމެންގެ އިންތިޒާރުގައި ހުރި ނިޝާއަށް މިމަންޒަރު ފެނުމުން ދުވެފައި އެމީހުން ގާތަށް ދިޔައެވެ.
"ކިހިނެއްވީ."
"އުނަގަނޑަށް ތަދުވަނިއްޔޯ."
"ވަގުތު ޖެހުނީ ކަންނޭނގެ. މަޑުކުރޭ." ނިޝާ ދުވެފައި އެތެރެއަށް ވަދެ އަވަހަށް ފަތްޖެހިއެނދު ނެރުނެވެ. ދެމީހުންވެގެން އައިން ފަތްޖެހިއެނދަށްލާ ދެމީހުން ދެކޮޅުގައި ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ސިއްހީ އެހީތެރިޔާގެ ގެއަށް ދިޔައެވެ. ދުވަސްވީ ފޫޅުމާ ދައިތަވެސް އުޅެނީ އެގޭގައެވެ. ތަޅުލާފައި ހުރި ދޮރުގައި ނިޝާ ތަޅައިގަތެވެ.
"ކާކު." އެތެރެއިން ޖަވާބުދިނެވެ.
"ހުޅުވާލަބަލަ. އައިން ބަނޑުގައި ރިހެނީ." ނިޝާ ގޮވާލިއެވެ. އިރުކޮޅަކުން ލޯފޮހެމުން ފޮހެމުން ދޮރު ހުޅުވާލި މުސްކުޅި އަންހެންމީހާ އައިން އެތެރެއަށް ވެއްދިއެވެ.
"ނިޝާދޭބަލަ އެހެރަ ސާމާނުތައް ފެނުކައްކަން." ފޫޅުމާފޮށްޓަށް އިގިލި ދިއްކޮށްލަމުން ފޫޅުމާ ބުންޏެވެ. އަދި ވަގުތުގެ ގޮތުންނާވެސްއެކު އެހީތެރިއެއްގެ ގޮތުން އޭނާއާއެކު ހާއިޝް އެތެރެއަށް ވަނުމަށް އެދުނެވެ. ހާއިޝް އައިންގެ އަތުގައި ހިފަހައްޓާލައިގެން އައިން ގާތު ހުއްޓެވެ. އެތައް އިރެއްވީއިރުވެސް އައިންގެ ހާލަކަށް ބަދަލެއް ނާދެއެވެ.
ހާއިޝަށް ކުރެވޭނެ ހުރިހާ ކަމެއް ކުރެވޭތޯ ބެލިއެވެ. ނަމަވެސް ހާއިޝްގެ ފަރުވާއަކުން އެއްވެސް ބަދަލެއް ނާދެއެވެ. ތަދު އެއްމެ ގަދަވި ވަގުތު އައިންއަށް ބާރަށް ރޮވުނެވެ. އަދި ހާއިޝަށް ބަލާލެވުނެވެ. ހާއިޝް މިހާރު އެކަމާ ދެރަވާން ފަށައިފިއެވެ. އެތައް ފަހަރަކު ފޫޅުމާދައިތަ ގާތުގައި ތަދުކަނޑުވާ ކޮންމެވެސް އެއްޗެއް ދޭށޭ ބުނެވެއެވެ.
"ހާސްނުވޭ. އޭނާގެ ހުރިހާކަމެއްވެސް އަދި ދަނީ ދާންވާގޮތަށް ރަނގަޅަށް." ފޫޅުމާ ބުނެލިއެވެ. ހާއިޝަށް އައިންގެ ހާލުފެނުމުން އެތެރޭގައި ނުހުރެވިގެން ބޭރަށް ނިކުތެވެ. އޭނާ ކަންބޮޑުކަމާއެކު ބޭރުގައި ހިނގާލަހިނގާލަ ހުއްޓެވެ. އޭރުވެސް އައިންގެ ރުއިމުގެ އަޑު އޭނާ ހާސް ކުރުވަމުން ދެއެވެ. އެއްފަހަރުވެސް އެދެމައިންގެ ހާލު ރަނގަޅުވެއްޖެނަމަ އޭނާ ފުރަތަމަވެސް އައިންގެ ގާތުން މާފަށް އެދޭނެއެވެ. މިފަދަ ބޮޑު ވޭނަކަށް ހުށައެޅޭފަދަ އެއްވެސް ކަމެއް އޭނާ ނުކުރާނަމޭ ހިތާހިތުން ކިޔެމުންދެއެވެ.
"އެއްވެސް އުއްމީދެއްނެތް. އަވަހަށް ކުޅުދުއްފުށްޓަށް ދާން ފެންނަނީ." ފޫޅުމާ އެތެރޭން ގޮވާލިއަޑަށް ހާއިޝް ދުވެފައި އެތެރެއަށް ވަނެވެ.
"އަވަސް ކުރޭ. ލޯންޗެއް މިކޮޅަށް ގެނެވޭތޯ ބަލާ. މާލަސް ކޮށްފިނަމަ ފުރާނަޔަށް ނުރައްކާވެދާނެ." ފޫޅުމާ އައިންއަށް ފަރުވާ ދެމުން ދިޔައެވެ. އޭރު އައިންގެ ގައިގާ ހަކަތައެއްނެތެވެ. އޭނާ ވަނީ ވަރުބަލިވެ ލޯމެރިފައެވެ.
ހާއިޝް ވަނީ އިންތިހާއަށް ފިކުރު ބޮޑުވެފައެވެ. ހަޔާތުގައިވެސް އޭނާ މިހާ ކަންބޮޑުވި ވަގުތުކޮޅެއް ދިމައެއްނުވެއެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތި އޭނާ ލޯންޗެއް ހިފާނީ ކިހިނެއްހެޔެވެ؟ އޭނާގެ ކުރިމަތީގައި އެދެމައިންގެ ފުރާނަ ދިޔަޔަސް އޭނާއަށް ކުރެވޭނެ ކަމެއްނެތެވެ. އޭނާ ދެފަހަރަކު އައިންގެ ދޮންބެ އަރީޝަށް ގުޅިއެވެ. ނަމަވެސް އަރީޝް ވަނީ ފޯނުގެ ޚިދުމަތްލިބޭ ހިސާބަށް ވުރެ މާދުރުގައެވެ.
ހާއިޝަށް ގޮތް ހުސްވެއްޖެއެވެ. ދެން އޮތްހާވެސް ކަމަކީ މާﷲ ގެ ކިބައަށް ވަކީލު ކުރުމެވެ. ކުއްލިއަކަށް ހާއިޝަށް އިވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑެވެ. އެޔާއެކު އިވުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. ހާއިޝް ދުވެފައި ގޮސް އެތެރެއަށް ވަންއިރު ފޫޅުމާ ދައިތަ ފޮތިގަނޑަކަށް ކުއްޖާލާ ބޭރަށް ނެރެނީއެވެ. ހާއިޝް ލޮލުން ކަރުނަ ފާއްދާލީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އޭނާ ދުވެފައި ގޮސް އެތުއްތު ކުއްޖާ ގަޔާލާ ބޮނޑި ކޮށްލިއެވެ. އަދި ﷲ އަށް ހަމްދު ކުރިއެވެ. އޭރު ނިޝާ ދެވަނަކުއްޖާ އުރާލައިގެން ހުރެ ހާއިޝްގާތު ހުއްޓުނެވެ.
"ތިޔޯ." ހައިރާންވެފައި ހާއިޝްއަށް ބުނެވުނެވެ.
"މީވެސް ހާއިޝްގެ ބޭބީއެއް. އެއްމާބަނޑު ދެކުދިން." ނިޝާ އެކުއްޖާ ދައްކާލަމުން ބުނެލިއެވެ. މިއުފާވެރި ވަގުތުކޮޅު އޭނާ އުފަލުން ފޮޅުނެވެ. ސިއްހަތު ރަނގަޅު ދެ ފިރިހެން ކުދިން ދެއްވީތީ މާތްﷲއަށް ހަމްދުކުރިއެވެ. ލޮލުން ޝުކުރު ވެރިވުމުގެ ކަރުނަ ފޭބިއެވެ. އައިންއަށްޓަކައި އޭނާގެ ހިތުގައި ވާ ލޯބި އިތުރަށް ބިންވަޅު ނެގެމުން ދިޔައެވެ.
"އައިން. އަހަރެން ކިހިނެއް އައިންއަށް ޝުކުރު އަދާކުރާނީ." އޭނާ ދުވަހަކުވެސް މީހެއްގައިގާ ލޯބިން އަތްނުލާހާ ލޯބިން އައިންގެ އަތުގައި ހިފާލިއެވެ. ހާއިޝްއަށް ވިސްނެމުން ދިޔައީ އުމުރުން ތިރީސްއަހަރުގައި އޭނާއަށް ދެފިރިހެން ކުދިން ލިބުމަކީ މީހަކަށް ލިބެވޭނެ އެންމެ ބޮޑު އުފާކަމުގައެވެ. އޭނާއަށްޓަކައި އައިން އެހާ ހިތްވަރުކޮށް ތިންމައިން ފުރިހަމަ ސިއްހަތުގައި އޭނާއަށް ލިބުނީއެވެ.
އާލިން އާއި އާރިޒް ނަން އެ ދެކުދިންނަށް ކިޔާ އެދެކުދިން ބަލާ ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގެ މަސައްކަތް ފެށުނެވެ. އައިން އަވަދިނެތި ދެކުދިންގެ މަސައްކަތުގައި ހަރަކާތް ތެރިވަމުން ދިޔައެވެ. ނެޕީއާއި ރީތިކުރާ ސާމާނާއި އެނޫންވެސް މިޒަމާނުގެ އެއްވެސް ވަސީލަތެއް ނެތް ރަށެއްގައި ދެދަރިން ބޮޑު ކުރުމުގައި އެދެމަފިރިން މަސައްކަތް ކުރަމުން ދިޔައެވެ. ބައެއްފަހަރު މިނިކަމެތި ދިރިއުޅުމުގެ ސަބަބުން އައިންގެ ޝަކުވާ ހާއިޝް އަޑު އަހަން ޖެހެއެވެ. އަދި ފަހަކަށް އައިސް މިޝަކުވާ ގިނަވެ ދެބަސްވެވޭ ހިސާބަށްވެސް ދާންޖެހެއެވެ. މިކަމުގައި ހާއިޝް ކެތްތެރިކަމާއެކީ އައިންއަށް ވިސްނައިދެމުން ދިޔައެވެ.
"އަހަރެމެން މިތާ މިއުޅެނީ މިތާ އުޅެން ބޭނުން ވެގެންނެއް ނޫނެއްނު."
" އެކަމަކުވެސް މިއީ ކިހާ އުނދަގޫ ދިރިއުޅުމެއް."
"އައިން މިރަށަށް އައިރުވެސް އެހުރިހާ ކަމެއް އެގެއެއްނު."
ނިޝާއާއި ހާއިޝްގެ ގުޅުމާއި ބެހޭގޮތުން ކުރީރެއަކު ހާއިޝްދެއްކި ވާހަކަތަކުން އައިން އިތުރަށް ވަކިއެއްޗެކޭ ނުބުނެއެވެ. އަބަދުވެސް އައިންއަކީ ބަސްގަބޫލުކުރުމާއި ކިޔަމަންތެރިކަން ލިބިފައިވާ ކުއްޖެއްކަން ހާއިޝް ފާހަގަކުރެއެވެ. މިކަމާ އޭނާ ނުހަނު އުފާވެސް ވެއެވެ. ނަމަވެސް މިފަހަރު އައިން ހިމޭންވީ ވަކި އެއްޗެއް ނުބުނަން ވެގެންނެވެ. އޭނާގެ ފިރިމީހާ ނިޝާއާ މާގިނައިން ވާހަކަ ދައްކާތީވެސް މިހާރަކަށް އައިސް ހިތްހަމައެއް ނުޖެހެއެވެ.
ކޮންމެ ދުވަހަކު ދަރިން ބެލުމުގެ މަސްއޫލިއްޔަތާއި ފިރިމީހާގެ ޒިންމާތަކާއި ފަގީރު ދިރިއުޅުމުގައި އެއްވެސް އަރާމެއް ނެތި އުޅެން ޖެހުމުން އައިން ޖިސްމާނީގޮތުން ވަނީ ވަރުބަލި ފައެވެ. އޭގެ އިތުރަށް ފިރިމީހާ ކިތަންމެ އޯގާތެރި ވީނަމަވެސް އެހެން އަންހެނަކާ ވާހަކަދެއްކުމުގެ ހިތްހަމަނުޖެހުމުގެ ހިތާމައިގާ އުޅެން ޖެހުމުން އޭނާއަށްވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ. މިހާރަކަށް އައިސް ކޮންމެ ރެއަކުވެސް ނުވައެއްޖަހަން ވާއިރަށް އޭނާއަށް ނިދެއެވެ. ދިރިއުޅުމުގައި މިހާރު އެދެމީހުން ހިއްސާކުރާ ވަގުތުތައް މަދު ވެއްޖެއެވެ. ވާހަކައެއް ދައްކަން ވެއްޖެއްޔާ ޝަކުވާއަކާ ހަމައަކަށް ނުގޮސް ނިންމާ ނުލެވޭތީ އައިން މިހާރު ވަނީ ވާހަކަ ދެއްކުންވެސް މަދުވެފައެވެ.
"އައިން." ނިދިފައި އޮތް އައިންއަށް ހާއިޝް ގޮވާލިއެވެ.
"ކިހިނެއްވީ." ނިދީގައި އޮތް އައިންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
"ނިދަނީތަ؟ ހިނގާބަލަ ބޭރަށް ނިކުމެލަން. މިރޭ ވަރަށް ހަނދުވަރު ރީތި." ދުރުވަމުންދާ ގުޅުން ރަނގަޅު ކުރެވޭތޯ ހާއިޝް މަސައްކަތް ކުރަން ބޭނުންވެއެވެ. ހަގީގަތުގައި އައިންގެ މިޒާޖު ބަދަލުވަމުން ދިޔަޔަސް އޭނާ އަދިވެސް ހާއިޝްދެކެ ލޯބިވާކަން ހާއިޝް ގަބޫލުކުރެއެވެ
"ފަހުންވެސް ދެވިދާނެ. މިހާރު ވަރަށް ބޮޑަށް ނިދިއެބައާދޭ." އަނެއް ފަރާތަށް އެނބުރިލަމުން އައިން ބުނެލިއެވެ.
އައިންއަށް އަންނަމުންދާ ބަދަލާއި އައިންގެ ޝަކުވާތައް ހާއިޝަށް އިހުސާސް ކުރެވެއެވެ. ނަމަވެސް މިނޫން ގޮތެއް ނެތީތީ އޭނާ ހިތްވަރު ކުރަނީއެވެ. ހަގީގަތުގައި އޭނާވެސް އަރާމު ދިރިއުޅުމާއި ރީތި މޮޅު ފޭރާންލުމާއި މީރު ކާނާ އޭނާގެ އަބިދަރިންނަށް ދޭން ބޭނުންވެއެވެ. ހާއިޝް ބޭރަށް ނިކުމެލީ ކޮޓަރީގެ ހިމޭންކަމުގައި އޮވެ ފިކުރު ކުރުމަށްވުރެ ބޭރަށް ނިކުމެލާ ގުދުރަތީ ފުރިހަމަކުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭތޯއެވެ.
"ފެންފޮދެއް." ބަލި އަޑަކުން ނިޝާ ގޮވާލިއަޑަށް ހާއިޝަށް ހޯދާ ލެވުނެވެ. އޭރު ނިޝާ އޮތީ އުނދޯލިން ތިރިއަށް ވެއްޓިފައެވެ. އޭނާއަށް ކެއްސުންގަނޑުން ސަލާމަތް ނުވެވިގެން މޭގައި އަތް އަޅައިގެން ހުރެ ކެއްސަމުން ދެއެވެ. އޭރު އަނގައިން އައިސްފައި ހުރި ލޭތައް ދެމިޔަކަނުން ފޭދިގެން ކަރާ ހަމައަށް ގޮސްފައި ހުއްޓެވެ. ސާފު ހަނދުވަރުގައި ނިޝާއަށް ޖެހިފައިވާ ހާލު ފެނުމުން ހާއިޝަށް ނުހަނު އަސަރު ކޮށްފިއެވެ.
"ނިޝާ." އޭނާ ދުއްވައިގަތެވެ.
"ކިހިނެއްވީ. ކީއްވެ ވެއްޓުނީ. މީކޮންލެޔެއް" ހާއިޝް ހުރީ ވަރަށް ހާސްވެފައެވެ. އޭނާ ނިޝާ ގެ ބުރަކަށި ދަށަށް އަތްލާ ނަގާ އުނދޯއްޔަށް ލިއެވެ.
"ފެންފޮދެއް" ނިޝާއަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ. ހާއިޝް ދުވެފައި ގޮސް ފެން ބަނޑިޔަލާއި ތައްޓެއް ގެނައެވެ. އަދި ނިޝާގެ އަނގައިގާ ހުރި ލޭތައް ދޮވެލާފައި އަނގަމައްޗާއި ކަރުގައި ހޭކިފައި ހުރި ލޭތައް ސާފުކޮށްދިނެވެ.
"ކިހިނެއްވީ."
"މީ އެވަރު ކަމެއްނޫން. މިހާރުދެން ރަނގަޅުވީ."
"ތީ އަބަދުވެސް ވާގޮތެއްތަ؟"
"މިހާރަކަށް އައިސް ވަރަށް ގިނައިން ވާގޮތެއް."
"އެއީ ކީއްވެ."
"އެއީ. އެއީ ދެން ރަނގަޅުވާނެ ކަމެއްނޫން. ދެން އަޅާނުލާ." ބުނަން އުޅުނު ޖުމްލަ ހުއްޓާލީ އަދިވެސް އޭނާ އެވާހަކަ ސިއްރުކުރަން ބޭނުން ވާތީއެވެ.
"ރަނގަޅުވާނެ ކަމެއްނޫނޭ." ހާއިޝް ހައިރާން ކަމާއެކީ އެހިއެވެ. ކުއްލިއަކަށް ނިޝާއަށާއި ހާއިޝަށް ބަލާލެވުނީ އައިން އަންނާތީއެވެ. ނުދާނަމޭ ބުނެފައި އައިން ނިކުތީތީ ހާއިޝް ހުރީ ހައިރާން ވެފައެވެ.
"އައިން. ނިދަނީއޭ ބުނީމަ އަހަރެން ނިކުތީ." ހާއިޝް ބުނެލިއެވެ.
"ނޫނޭ. އަހަރެން ދިޔައީ ކުޑަކޮށް ތައްޔާރުވެލަން. ދެން ހިނގާ." އައިން ހާއިޝް އަތުގައި ހިފާލީ ނިޝާއަށް ދައްކަން ވެގެންކަން ހާއިޝަށް އެނގުނެވެ. ހާއިޝް ނިޝާއާއި ވާހަކަ ދައްކަންޏާ އައިން ރުޅި އަންނަކަން ހާއިޝްއަށް އޮތީ އެނގިފައެވެ. ނިޝާ ގެއްލެންދެން އައިން ހާއިޝްގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ.
"ބުނީމެއްނު ނިޝާއާއި ވާހަކަ ނުދައްކާށޭ."
"އައިން. އެއީ އެކަހަލަ ކަމެއް ނޫނޭ. އެއްގޭގައި އުޅޭއިރު ވާހަކަ ދައްކަން ވާނެއެއްނު."
"ވަރިހަމަ. އޭނާއާއި ދެން ވާހަކަ ނުދައްކާތި. އެހެންނޫނަސް ރޭގަނޑު ދެމީހުން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ." އައިން ހުރީ ހިތްހަމަ ނުޖެހިފައެވެ.
"އައިން. އަހަރެން ދުވަހަކުވެސް އައިން ނޫން ކުއްޖަކާ އެފަދަ ވާހަކައެއް ނުދައްކާނެކަން ގަބޫލު ކޮށްބަލަ." ހާއިޝާއި ނިޝާގެ ގުޅުމާމެދު އައިން ދެކޭގޮތް ސާފު ކޮށްދެވޭތޯ އޭނާ ބެލިއެވެ.
"ގަބޫލުކުރަން. އެކަމަކު ނިޝާއާއި ވާހަކަ ނުދައްކާތި." މައްސަލަ ފިނި ކޮށްލުމަށްޓަކައި އައިން ބުނެލިއެވެ.
"އެންމެ ރަނގަޅު. ކަމަނާ ވިދާޅުވިގޮތެއް. އެކަމަކު އެއްގޭގައި އުޅޭއިރު ވާހަކަ ނުދެއްކީމާ ކީކޭ ހިތަށް އަރާނީ." އައިން އޭނާ ދެއްކި ވާހަކަ ގަބޫލު ކުރުމުން ހާއިޝް އުފާވިއެވެ.
"އެހެނެއް ނޫނޭ. ރޭގަނޑު އޭނާއާ ވާހަކަ ނުދެއްކިޔަސް މައްސަލައެއް ނުޖެހޭނެ. އަދި އަހަރެން ނެތް ގަޑިއެއްގައި ދެމީހުން ދައްކާނެ ވާހަކައެއް އޮންނާނެ ހެންނެއް ހިއެއްނުވޭ." އައިން ހާއިޝަށް ނުހަނު ލޯބިން ބަލާލިއެވެ.
"ކަމަނާ ހިތްޕުޅާވާގޮތެއް." ހާއިޝް އައިންގެ އަތުގައި ހިފާލިއެވެ. މިބަހަނާގައިވެސް ދެމީހުން އެކުގައި ވަގުތު ހޭދަކުރެވުނީތީ ދެމީހުންވެސް އުފާވިއެވެ. އެރޭ އެމީހުން ދަންވަންދެން ދޮންވެލިގަނޑުގައި ތިއްބެވެ. އެތައް ގިނަ ހަނދާންތަކަކާއި ވާހަކަތަކެއް އެރޭ ހިއްސާކުރެވުނެވެ.
(ނުނިމޭ)