އިސްލާމީ އަންހެން ޝަޚްޞިއްޔަތު – އަލްޚާންސާ

އަރަބި ޅެންވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ އެންމެ މުހިއްމު އެއް އަންހެން ޝަޚްސިއްޔަތަކީ އަލްޚައްސާނާއެވެ.  އެކަމަނާގެ އަސްލުނަމަކީ ޠޫމާދީރު ބިންތު ޢަމްރު ބިން އަލްޙަރީޘް ބިން އަލްޝަރީދު އަލްސުލާމިއްޔާ (ޢަރަބި ބަހުން: تماضر بنت عمرو بن الحارث بن الشريد السُلمية)، އާންމުކޮށް ހަމައެކަނި ކިޔަނީ އަލްޚާންސާއެވެ.

އަލްޚާންސާއަކީ އަރަބިއްޔާގެ ނަޖްދުއަށް އުފަންވެވަޑައިގެންފައިވާ ސުލައިމް ޤަބީލާގެ މުއްސަނދި އާއިލާއެއްގައި ބޮޑުފުޅުވި ބޭފުޅެކެވެ. އެކަމަނާާއަކީ އަލްޝާރިދު ދަރިކޮޅުގެ ވެރިޔާގެ ދަރިކަނބަލެކެވެ. އެޒަމާނުގެ އަދި ފަހުގެ ޙުކުމްތަކަށް ބަލާއިރު، އެކަމަނާއަކީ އެކަމަނާގެ ޒަމާނުގެ އެންމެ ބާރުގަދަ އަންހެން ޅެންވެރިޔާއެވެ. އިސްލާމްދީނުގެ ކުރިން އަލްޚާންސާ ފަދަ އަންހެން ޅެންވެރިއެއްގެ ދައުރަކީ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުން ބަލިކުރާ ހަތިޔާރެކެވެ. އެކަމަނާގެ އާދަޔާ ޚިލާފު މަޝްހޫރުކަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އިސްލާމްދީނުގެ ކުރިން ބަނޫ މުއްރާ އާއި ބަނޫ އަސަދާއެކު ބަނޫ ސުލައިމްގައި ހިނގި ޤަބީލާތަކުގެ ހަނގުރާމަތަކުގައި އަވަހާރަވި އެކަމަނާގެ ދެބެއިން ކަމަށްވާ ސަޚްރާއި މުޢާވިޔާއަށް ލިޔުއްވި ޅެންތަކެވެ.

އެކަމަނާގެ ޙަޔާތުގެ އެންމެ ބޮޑު ބައެއް ހޭދަކުރެއްވީ އިސްލާމްދީނުގެ ކުރިންނެވެ. އިސްލާމްދީން ފާޅުވުމުން އިސްލާމްދީން ގަބޫލުކުރައްވާ މުސްލިމުންގެ މަންދޫބެއްގެ ގޮތުގައި اللهގެ ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެންނެވިއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޅެންވެރިކަމުގައި އެހާ ޢިލްމުން ފުރިފައިވާ، ނުވަތަ އަލްޚާންސާއަށްވުރެ ޢިލްމުވެރި އަންހެނަކު ނެތެވެ. ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމަނާގެ ޝަރަފުވެރި ޅެން ކިޔުމަށް އެދިވަޑައިގަތެވެ.

އަލްޚާންސާ ދެފަހަރެއްގެ މަތީން ކައިވެނި ކުރައްވައި، ހަ ކުދިން ލިބިވަޑައިގެންނެވިއިރު އޭގެ ތެރެއިން ހަތަރު ކުދިން ކަމަށްވާ ޔަޒީދާއި، މުޢާވިއްޔާއާއި، ޢަމްރުއާއި، ޢަމްރާ ޤާދިޞާ ހަނގުރާމައިގައި ޝަހީދުވިއެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން އެކަމަނާ ވިދާޅުވީ "އެމީހުންގެ ޝަހީދުވުމުން އަހަންނަށް ޝަރަފުވެރިކަން ދެއްވި މާތްރަސްކަލާނގެއަށް ޙަމްދު ހުއްޓެވެ". މިފަދައިންނެވެ.

އަލްޚާންސާގެ ޅެންތަކަކީ ކުރު ޅެންތަކެއް ނަމަވެސް ޖޯޝުންފުރިގެންވާ، މީހެއްގެ ފުރާނަ ގެއްލުމުން ދިރިތިބީންނަށް މާޔޫސްކަމުގެ ވަރުގަދަ އަސަރުތައް ގެނެސްދޭ އަދި ސަގާފީ އިޙްސާސެއް ފާހަގަކުރެވިފައިވާ ޅެންތަކެއް ކަމަށެވެ. ޢަރަބި އަދަބިއްޔާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޅެންވެރިއެއްގެ ގޮތުގައި އަދި އަންހެން ޝަޚުޞިއްޔަތެއްގެ ގޮތުގައި އަލްޚާންސާގެ މަޤާމަކީ ތަފާތު މަޤާމެކެވެ. އަލްޚާންސާގެ ޅެންތައް ފަހުން އެއްކުރެއްވީ އައްބާސީ ޒަމާނުގެ ކުރީކޮޅުގެ އަދަބީ އިލްމުވެރިއެއް ކަމަށްވާ އިބްނު އަލް ސިކިކިޓް (މީލާދީން 802-858 ވަނަ އަހަރު) އެވެ. އެކަމަނާގެ ޅެންވެރިކަމުގެ ގާތްގަނޑަކަށް ހާސް ޞަފުޙާ އަދިވެސް އެބަހުއްޓެވެ.

އެކަމަނާ ފާހަގަކުރެވުނީ الله ތަޢާލާ އާއި އެކަލާނގެ ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމައަށް ފުރިހަމަ އީމާންތެރިކަމާއި، ހައްޤަށް ތާއީދުކުރުމުގެ މަސައްކަތުގައި ހަނގުރާމަތަކުގައި މުސްލިމުން ކާމިޔާބުކުރުމަށް ވަރުގަދަ ޖޯޝެއް އުފައްދާ ބޭފުޅެއްގެ ގޮތުގައެވެ. ހިޖުރައިން 16 ވަނަ އަހަރުގެ ޤާދިސިއްޔާ ހަނގުރާމައިގައި، އެކަމަނާގެ ހަތަރު ދަރިންގެ އެކުވެރިކަމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ރޭގަނޑުގެ ފުރަތަމަ ބައިގައި އެކަމަނާ އެމީހުންނަށް ވިދާޅުވިއެވެ.

"އޭ އަހަރެންގެ ދަރިންނޭ! ތިޔަބައިމީހުން އިސްލާމްދީން ގަބޫލުކޮށް މިނިވަންކަމާއެކު ހިޖުރަކުރިއެވެ. الله  ފިޔަވާ އަޅުކަން ކުރަން ޙައްޤު އެހެން ފަރާތެއް ނުވެއެވެ. ތިޔަބައިމީހުންނަކީ އެއް ފިރިހެނަކާއި އެއް އަންހެނެއްގެ ދަރިންނެވެ. އަހަރެން ދުވަހަކުވެސް ތިޔަބައިމީހުންގެ ބައްޕައަށް ޚިޔާނާތްތެރިވެފައެއް ނުވަމެވެ. ތިކުދިންގެ އާއިލާއަށާއި، މަތިވެރި ނަސްލަށާއި އަދި މައިންބަފައިންގެވެސް ޝަރަފުވެރިކަން ގެއްލޭނޭ އެއްވެސް ކަމެއް ނުކުރަމެވެ. ހަމަކަށަވަރުން މުސްލިމުންނަށް الله ތަޢާލާ ވަޢުދުވެވޮޑިގަންނަވާ ގިނަގުނަ ޘަވާބު ތިކުދިންނަށް އެނގިވަޑައިގަންނަވާނެއެވެ. الله ތަޢާލާ ވަހީކުރައްވަނީ  {އޭ އީމާންވެ، ކެތްތެރިވެ، ހަނގުރާމައިގައި ދެމިހުރެ ކާމިޔާބު ހޯދުމަށްޓަކައި الله އަށް ބިރުވެތިވާ މީހުންނޭވެ.} [ޤުރުއާން 3:200]

الله ގެ އިރާދަފުޅުން ސަލާމަތުން ތިއްބަވައިގެން މާދަމާ ހެނދުނު ތިބާއަށް އާދެވިއްޖެނަމަ، ތިބާގެ ދުޝްމަނުންނާ ދެކޮޅަށް ހިތްވަރާއެކު ހަނގުރާމަ ކުރުމަށް އަވަހަށް ދާށެވެ. އެކަލާނގެ ދުޝްމަނުންނާ ދެކޮޅަށް މާތްالله ގެ ތާއީދު ހޯދާށެވެ. ހަނގުރާމަ ގަދަވެއްޖެނަމަ، ހަނގުރާމައިގެ ލަޝްކަރުތެރެއަށްވަދެ ހިތްވަރުގަދަކޮށް ކެތްތެރިކަމާއެކު ހަނގުރާމަކުރާށެވެ. ފަހަރެއްގައި ތިބާއަށް ކައުނުގެ ވަޒަނުގައި ފައިދާއާއި ޝަރަފު ލިބިދާނެއެވެ.”

އެކަމަނާގެ ނަސޭހަތުން ބާރުލިބިގެން އެކަމަނާގެ ދަރިން ނިކުމެވަޑައިގެން، އެކަމަނާގެ ޅެން ކިޔަމުން ދަނިކޮށް ހަނގުރާމަ ކުރިއަށް ގެންދެވިއެވެ. އެ އެންމެން ޝަހީދުވާންދެން ހަނގުރާމައިގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ.

އެމީހުން ޝަހީދުވުމުގެ ޚަބަރު ލިބިވަޑައިގަތުމުން އެކަމަނާ ވިދާޅުވީ "އެކަލާނގެ މަގުގައި އެމީހުން ޝަހީދުވުމުން އަހަރެންނަށް ޝަރަފުވެރިކަން ދެއްވި މާތްالله އަށް ޙަމްދުކުރަމެވެ. ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަالله ޢަންހު، އެކަމަނާގެ ހަތަރު ދަރިންގެ ފަރާތުން ކޮންމެ ދަރިއަކަށް ވާގޮތުގެމަތީން ދުއިސައްތަ ދިރުހަމް، އެކަމަނާ އަވަހާރަވަންދެން ދެއްވަމުން ގެންދެވިއެވެ.

އަލްޚާންސާއަކީ އިސްލާމްދީނުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލެއްވި މުސްލިން ޝަޚްޞިއްޔަތެކެވެ. އެކަމަނާއީ އެކަމަނާގެ އީމާންތެރިކަމުގެ ސަބަބުން މުސްލިމް އަންހެނުންނަށް ނަމޫނާއެކެވެ.  އިސްލާމްދީނުގެ ކުރިން އެކަމަނާގެ ބޭބެ ސަޚްރު މަރާލުމުން، އެކަމަނާގެ މައްޗަށް ހިތާމަކޮށް އެތައް ޅެންތަކެއް ލިޔުއްވިއެވެ. އެހެނަސް އިސްލާމްދީން ގަބޫލުކުރެއްވުމަށްފަހު އެކަމަނާ އެންމެ ލޯބިވާ ދަރިކަލުން، الله ތަޢާލާގެ މަގުގައި ޤުރުބާން ކުރެއްވިއެވެ. މިއީ އާދައިގެ ކަންކަމެއް ނޫނެވެ. މިއީ އިސްލާމްދީން ގަބޫލުކޮށް އެދީންމަތީގައި ސާބިތުވެ ތިބޭ އެ ދީންދެކެ ލޯބިވާ މީހުންނަށް ކުރެވޭ ޚާއްޞ ކަންކަމެވެ. އެއީ އެމީހުންގެ ދިރިއުޅުން ހެޔޮ އަމަލުތައް ކުރުމުގެ މަގުތަކަކަށް ބަދަލުކޮށް، އެމީހުންގެ ކިބައިގައި ކެތްތެރިކަމާއި އީމާންތެރިކަމުގެ ނޫރު އަށަގަންނުވާކަންކަމެވެ. މިއީ އެބަޔަކަށް ލިބޭ ތަކުލީފުތަކާއި އިމްތިޙާނުތަކުން ކެތްތެރިވާ މީހުންގެ ޚާއްޞަ ސިފައެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *