މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީކަމަށްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހޯދައިފިއެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން ވަނީ 71 ގޮނޑި ހޯދައިފައެވެ. 368 ކެޑިޑޭޓުން ވާދަކުރި މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ. މި ގޮނޑިތަކުގެ އިތުރުން ޕީއެންސީގެ ތާއީދާ އެކުގައި މަޖިލީހަށް ވާދަކުރެއްވި 3 ޕާޓީގެ ތިން ލީޑަރުން ވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވައިފައެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދެވެ. މި ތިން ލީޑަރުންގެ ތެރެއިން ގާސިމް ވާދަކުރެއްވީ މިހާރު ވެސް ފުރުއްވަމުން ގެންދަވާ މާމިގިލީ ދާއިރާގެ ގޮނޑިއަށެވެ. ސިޔާމް ވެސް ވާދަކުރެއްވީ އޭނާ މިހާރު ފުރުއްވަމުން ގެންދަވާ މީދޫ ދާއިރާގެ ގޮނޑިއަށެވެ. ނާޒިމް ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ ގޮނޑިއަށެވެ. އަދި ސަރުކާރުން ތާއީދު ކުރެއްވި ބައެއް އަމިއްލަ ކެންޑިޑޭޓުންވެސްވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.
19 ވަނަ މަޖިލީހުގައި އެމްޑީޕީން 65 ގޮނޑި ކާމިޔާބު ކުރިއެވެ. އެކަމަކު، މިފަހަރުގެ އިންތިހާބުގައި އެ ޕާޓީ އަށް ލިބިފައިވަނީ އެންމެ 12 ވަރަކަށް ގޮނޑިއެވެ. އެމްޑީޕީގެ ވަރުގަދަ މެމްބަރުންނަށް ވެސް މި އިންތިހާބު ކާމިޔާބެއް ނުކުރެވުނެވެ. އަދި ބޮޑެތި ސިޓީތަކާއި އާބާދީ ބޮޑު ރަށްތަކާއި އެހެން ބައެއް ރަށްތަކުން ވެސް ޕީއެންސީން ވަނީ މެޖޯރިޓީ ނަގައިފައެވެ. އޭގެ ތެރޭގައި މާލެސިޓީއާއި އައްޑޫ ސިޓީ އާއި ފޯއްމުލަކު ސިޓީއާއި ކުޅުދުއްފުށީ ސިޓީ ހިމެނެއެވެ.
މިއަހަރުގެ އިންތިޚާބުގައި އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ، އެމްޑީޕީން ވަކިވެވަޑައިގެން ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއިން 39 ދާއިރާއަށް ވާދަކޮށް އެއްވެސް ގޮނޑިއެއް ކާމިޔާބުނުވިކަމެވެ. އެމްޑީޕީން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއަށް ވެސް މި އިންތިހާބުގައި އެއްވެސް ގޮނޑިއެއް ނުލިބެ އެވެ. އަދި ޕީޕީއެމް އިން ވަކިވެ ވަޑައިގެން ރައީސް ޔާމީން އުފެއްދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެންޑޯޒް ކުރި އެއްވެސް ކެންޑިޑޭޓަކަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.