ކައިވެންޏާ ނުލާ ދިރިއުޅޭ ބެލެނިވެރިން ގިނަވަނީ!

ކޮންމެވެސް ސަބަބަކާއިހުރެ ކައިވެނި ރޫޅުމުން އިތުރުކައިވެންޏެއް ނުކޮށް އެކަނިވެރިކަމާއިއެކު ދުވަސްތައް ހޭދަކުރާމީހުން އަންނަނީ ގިނަވަމުންނެވެ. ހަގީގަތަކީ ދިވެހިރާއްޖޭގައިވެސް ކައިވެނިކުރުމަށްފަހު ވަކިވުމުން އިތުރުކައިވެންޏެއް ކުރަން ބޭނުންވާ މީހުން މަދުވަމުން އަންނަކަމެވެ. ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ނަމަވެސް ނުވަތަ އިތުރު ކައިވެންޏަކުން ކުދިންނަށް ގެއްލުން ލިބުނަ ނުދިމަށްޓަކައިވިޔަސް އަދި މިނޫން އިތުރު ސަބަބުތަކާއިއެކު ގިނަމީހުން އިތުރު ކައިވެންޏެއް ކުރާކަށް ބޭނުމެއް ނުވެއެވެ.

2022 ވަނައަހަރު އެނެސްޕާއިން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާގައި 9،646 ފަރާތަކުން ސިންގަލް ޕޭރަންޓް (އެކަނިވެރި މައިން ނުވަތަ އެކަނިވެރި ބަފައިން) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާއިރު އޭގެތެރޭގައި 5،605 އަންހެނުންނާއި 4،041 ފިރިހެނުން ހިމެނެއެވެ.

އިތުރު ކައިވެއްޏެއް ނުކޮށް ހުރުމުން ލިބޭ ފައިދާތައް މާގިނަކަމަށް އެމީހުން ގަބޫލުކުރެއެވެ. ތިރީގައި މިވަނީ ބައެއްމީހުން އިތުރު ކައިވެންޏެއް ނުކުރަން ނިންމާ ސަބަބުތަކެވެ.

ކައިވެނި ކޮށްގެންއުޅޭއިރު އިތުރު މީހެެއްގެ މަސައްކަތްތައްވެސް ބަލަހައްޓާ އޭނާއަށް ވަގުތުދީ ހަދަން ޖެހެއެވެ. ބައިވެރިޔާގެ ވަގުތުތަކަށް ހުސްވާންޖެހުމާއި ބައިވެރިޔާ ބުނާހާކަމެއް ކުރަންޖެހުމާއި އަދި މަނާކުރާކަންކަން ނުކޮށް ދޫކޮށްލަން ޖެހެއެވެ. މިއީ މިނިވަން ޚިޔާލުތަކަށް ލޯބިކުރާ އަދި ކުރިއަށްދާން މަސައްކަތް ކުރާމީހުންނަށް އުނދަގޫކަމެކެވެ.

"ވަޒީފާއަކަށްގޮސް އިތުރު އާމްދަނީހެއް ހޯދަންވެގެން ޕްރީސްކޫލް ޓީޗަރަކަށް އުޅުނީ. އެކަމަކު ވަރަށްގިނައިން އިތުރުގަޑީގައި ސްކޫލަށް ދާންޖެހޭ. އެހެންވެ ބައިވެރިޔާއަށް ވަގުތު ނުދެވޭތީ ވަރަށް ގިނައިން ހިޔާލުތަފާތުވެ ޒުވާބު ކުރަން ޖެހޭ." 28 އަހަރުގެ އަމީރާ ބުންޏެވެ.

ކައިވެނިކޮށްގެން ވަޒީފާއަށް ދާއިރު އަދި ޚާއްސަކޮށް ބައިވެރިޔާ ނުރުހޭފަދަ ވަޒީފާއަކަށް ދާއިރު ދިރިއުޅުމުގައި ތަފާތު މައްސަލަތައް އުފެދެއެވެ. ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގައި އަންހެނުން މަސައްކަތްކުރަން އެކަށޭނަ ދާއިރާއެއްކަމަކަށް އަދިވެސް ބައެއްމީހުން ގަބޫލެއް ނުކުރެއެވެ.

"އަހަރެން ކިޔެވީ ފަތުރުވެރިކަމުގެ ދާއިރާއިން. އަހަރެން ކުރާހިތްވަނީވެސް އެދާއިރާއާއި ގުޅުންހުރި މަސައްކަތް. އެހެންނަމަވެސް ރިސޯޓްގައި މަސައްކަތްކުރުމުގެ ފުރުސަތެއް އަހަންނަކަށްނެތް. ކުދިން ބެލުމާއި ގޭތެރެ ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާއަކަށް ވެފަ އޭރު އޮންނަނީ." ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މާޝާ ބުންޏެވެ.

ދަރިން ހެޔޮގޮތުގައި ބަލާބޮޑުކުރުމަކީ ކޮންމެ މީހެއްގެވެސް އުންމީދެވެ. ކައިވެނީގައި ކުދިން ލިބި އެކައިވެނި ރޫޅިގެން ދިއުމުން އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް ކިޔަވައިދީ އަދި ޚާއްސަކޮށް އެހެންމީހެއްގެ ފަރާތުން އެކުދިންނަށް އަނިޔާއެއް ނުވަތަ ދެރަގޮތެއް ވުމަކީ މައިންބަފައިން އެދޭގޮތެއް ނޫނެވެ. ވީމާ އިތުރު ކައިވެންޏެއް ނުކޮށް ދަރިން ބެލުމުގައި އެމީހުންގެ ދިރިއުޅުން ހޭދަކުރެއެވެ.

"އަހަރެންނަށް ކައިވެނިކުރެވުނީ މަސްތުވާތަކެއްޗަށް ދެވިހިފާވައިވާ މީހަކާ. ވަރިވިއިރު ދެ އަންހެންކުދިންވަނީ ލިބިފައި. އެކުދިންނަށް ކިޔަވައިދިނުމަކީ މިހާރު އަހަރެންގެ ހުރިހާވެސް އުންމީދަކީ. މިއަދު މީހަކާއިނަސް އެކުދިންނަށް އެމީހެއްގެ ފަރާތުން ރައްކާތެރިކަން ދެވޭނެކަމުގެ ޔަގީންކަން ނުލިބޭނެހެން ހީވަންޏާ ކީއްކުރަން މީހަކާ އިންނަންވީ." ނަންހާމަކުރަން ނޭދޭ 35 އަހަރުގެ މަންމައަކު ބުންޏެވެ.

"ގޭގެ ޚަރަދުތަކަށްވެސް އެކަށީގެންވާވަރަށް އޭނާ ޚަރަދެއް ނުކުރޭ. އަހަރެންގެ އަމިއްލަ ކަންކަމަށް ޚަރަދުކުރާނެ ފައިސާއެއްވެސް ނުދޭ. އެކަމަކު ވަޒީފާއަކަށްދާކަށްވެސް އެއްބަހެއް ނުވޭ. އަހަންނަށްފެނޭ ރައްޓެހި އެހެން ކުދިންވެސް އެމީހުންގެ މުސާރައިން ގޭގެ ކުލިދައްކާ އަދި އެހެނިހެން ޚަރަދުތައް ކުރާ ބައިވެރިންވެސް އުޅޭތަންވެސް." 43 އަހަރުގެ ޝިފާ ބުންޏެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގައިވެސް މިވަނީ ގިނަ ކައިވެނިތަކެއް ރޫޅި އިޖްތިމާޢީ އެތައް މައްސަލަތަކެއްގެ ތެރެއަށް ހުށަހެޅިފައެވެ. އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން ކުރަމުންދާ ބުރަ މަސައްކަތް މުޖުތަމަޢަށް ފެންނަމުން އެބަދެއެވެ.

 

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *