(2 ޖޫން 2024 ގެ ނޫހާއި ގުޅޭ)
ދުވަސްތަކަކަށްފަހު ފެނުނު ދަރިފުޅުގެ ފޮޓޯ ފެނިފައި އަހަރެން ޙައިރާންވިއެވެ. ޔޫސުފު މިހާރު ފެންނަނީ މާ ބޮޑު ކުއްޖެއްގެ ގޮތުގައެވެ. ޢުމުރަށްވުރެވެސް ބޮޑު ކަމަށް ދައްކައެވެ. މިއީ ފިރިހެން ކުދިންގެ ހަށިގަނޑަށް ޠަބިޢީގޮތުން ބަދަލުތައް އަންނަ ޢުމުރުކަން އަހަރެން ހަނދާނެއް ނުނެތެވެ. އެހެންނަމަވެސް ބައެއް ފަހަރު ދަރިފުޅާ ސުވާލު ކުރެވެއެވެ. މިހާރު ދަރިފުޅު ފުޓްބޯޅަ ކުޅެންވެސް ނުދަނީ ހެއްޔެވެ؟ ބައްޕައާއެކު ފަތަން ދަން ހެއްޔެވެ؟ ކަނީ ކޮން އެއްޗެއް ހެއްޔެވެ؟
އަހަރެންގެ މި ސުވާލުތަކަށް ދަރިފުޅު ދެނީ ހަމަ އެންމެ ޖަވާބެކެވެ. ނޫނެކެވެ. ހުރިހާ ކަމެއް ވެސް ކުރަމެވެ. އެކަމަކު މިހާރު މަންމައަށް ވުރެ މާ މީރު އެއްޗެހި ބައްޕަ ކާން ދެއްވައެވެ. މި ޖަވާބުތަކުގެ ޙަޤީޤީ ފުނަކަށް އަހަރެން ނުވިސްނަމެވެ. އެކަމަކު އަމީޒާ ސުވާލު ކުރަމެވެ. އޭނާގެ ޖަވާބުތަކާ މެދު ޖަދަލެއް ނުކުރަމެވެ. ސަބަބަކީ އަމީޒު އުޅޭނެ ބުރަކަން އެނގިފައި ކުރިން އޭނާ ކަންކުރި ގޮތަށް ހުރިހާ ކަމެއް ނުކުރެވޭނެކަން ވެސް އެނގޭތީއެވެ. ކުރިން އަހަރެން ބަލަހައްޓަމުން ގެންދިޔަ ވިޔަފާރީގެ ކަންތައްތައް ބަލަހައްޓަމުން ޔޫސުފަށް ދޭންޖެހޭ ވަގުތުތައް ނުދެވޭނެކަން އެނގޭތީއެވެ. އެހެންނަމަވެސް އަމީޒުގެ ފަރާތުން ޔޫސުފަށް އެއްވެސް އިޙުމާލެއް ނޯންނާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮވެއެވެ. ކުރީން ވެސް އޮތް އިތުބާރާއި ޔަޤީންކަމާ އެކުގައެވެ.
ދުވަސްތައް ކަލަންޑަރުގެ ގަނޑުތަކުން ކެނޑެމުންދިޔައެވެ. އަހަރެންގެ ކޯސް ވެސް ދިޔައީ ނިމެމުންނެވެ. މިހާރު ދަރިފުޅު ދެކޭހިތުން ހުރެވެނީއެއްވެސް ނޫނެވެ. އެކަމަކު އަހަރެން ކެތްތެރިކަމާއެކު ހުރީ އެދުވަހެއްގެ އިންތިޒާރުގައެވެ. ކެތްތެރިކަމުގެ މޭވާއަކީވެސް ވަރަށް ފޮނި އެއްޗެކެވެ. އޭގެ ޙަޤީޤީ ފޮނި މީރުކަން އެނގޭނީވެސް ކެތްތެރިވާން އެނގޭ މީހަކަށެވެ. އޭގެ އަގުވަޒަން ކުރަން ދަންނަ މީހަކަށެވެ. އަހަންނަކީވެސް އެފަދަ މީހެކެވެ. ޔޫސުފާއި އަމީޒާ ނުލާ އަހަރެން ގުނަމުން މިދަނީ އެފަދަ އިންތިޒާރެވެ. އެ އިންތިޒާރުގެ ފޮނި އިޙުސާސްތަކެވެ. އެފަދަ ކެތްތެރިކަމެއް އަހަންނަށް ދެއްވީތީ ހެއްދެވި ފަރާތަށް އަބަދުވެސް ހުރެވެނީ ޝުކުރު ކޮށްކޮށެވެ. އުފާވެރި ހިތަކާއެކުގައެވެ.
އިމްތިޙާން ނިމިއްޖެއެވެ. ނަތީޖާވެސް ލިބިއްޖެއެވެ. އަލްޙަމްދުލިﷲ އެވެ. ކޯސް ފުރިހަމަ ކުރެވުނީތީ ހުރީ ހިތްހަމަ ޖެހިފައެވެ. ދެން އޮތީ ދަސްވެނިވުމަށް ކުރެވޭ އިންތިޒާރީގެ މަދު ދުވަސްކޮޅެވެ. މާލެ ގޮސްލާފައި އެނބުރި އަންނަން ވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އެއީ އަމީޒު މާ ރުހޭ ކަމަކަށް ނުވިއެވެ. އެހެންކަމުން އަނެއްކާވެސް ޖެހުނީ މަޑުކޮށްލައިގެން އިންނާށެވެ. ކެތްތެރިކަމުގެ ދުވަސްތައް ގުނަގުނާ އިންނާށެވެ. އިންތިޒާރުގެ ދުވަސްތައް ގުނަގުނާ އިނދާ ލިބުނު ޚަބަރުން މީހާ ގަނޑުނުވީ ކިރިޔާއެވެ. ޔޫސުފު މާ ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރީއެވެ. ހިތުގެ ވިންދުތައް އަވަސްވިއެވެ. ވީގޮތެއް ނޭނގިފައެވެ. މައިވަންތަކަމުގެ އިޙުސާސްތައް ކޮޅުންލިއެވެ. ހާސްވެ ކުރާނެ ނުކުރާނެ ކަމެއް ނޭނގިފައި ހުންނަން ޖެހުނެވެ. މި ފަސްގަނޑުގައި ހުންނާކަށް ހިތެއް ނޭދުނެވެ. ބޭނުމީ މާދަމާ ވެސް ފުރައިގެން ދިޔުމަށެވެ.
އާދީއްތަ ދުވަހުގެ ފުލައިޓުން ދަތުރު ފެށީމެވެ. ފުލައިޓުގައި އިން އިރުވެސް ވިސްނާ ފިކުރު ކުރެވެމުން ދިޔައީ ދަރިފުޅާ މެދުގައެވެ. ދަރިފުޅަށް އަވަސް ޝިފާއަކަށް އެދިއެދި އިދެވުނީ ދުޢާ ކޮށްލަކޮށްލައެވެ. މާލެ ފޭބުމާއެކު ގެނައި އެއްޗެހިތައް ގޭގައި ގެންގުޅޭ މީހާއާ ޙަވާލު ކުރުމަށްފަހު މިޞްރާބު ޖެހުނީ ހޮސްޕިޓަލާ ދިމާއަށެވެ. ދަރިފުޅު އޮތް ކޮޓަރި އަށް ވަނުމާއެކު ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ޔޫސުފުގެ ޙާލު ވަރަށް ދަށެވެ. ދެލޯވަނީ މެރިފައެވެ. ވަޅު ވަދެފައެވެ. ގައިގެ އެތައް މިތަނުގައި ހޮޅިތައް ގުޅާފައިވެއެވެ. ބާރަށް ރޮއި ގަނެވުނެވެ. އެއީ އަހަރެންގެ ދަރިފުޅުކަމަށްވެސް ގަބޫލުކުރަން ދަތިވިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ދަރިފުޅަށް މި އައީ ހާދަ ބޮޑު ބަދަލެކެވެ. މީހާގެ ސިފަވަނީ ގެއްލިފައެވެ. ގައިގެ އެތައް މިތަނުގައި ވަނީ މަސް ޖަހާ ބޯވެފައެވެ. އެހާ ލޯބިން ހުރި ދަރިފުޅު ފެންނަނީ މުޅިން އެހެން ސޫރައެއްގައެވެ. ދަރިފުޅަށް މިހާ ބޮޑު ބަދަލެއް އައި އިރު މަށަށް މި ނޭނގުނީ ކީއްވެބާއެވެ؟ ސުވާލުތައް ފަތިފައްޗަށް ކުރެވުނީ އަމީޒާއެވެ. ވެގެން މިއުޅޭ ގޮތެއް އަހާ އޮޅުންފިލުވެނީ ޑިއުޓީގައި ތިބި ނަރުހުންނާއެވެ.
ޔޫސުފުގެ ރިޕޯޓުތައް ކިޔަމުން ދިޔައިރު ދެލޮލުން ކަރުނަތައް އޮހެރެމުން ދިޔައެވެ. ލޮލުން ފައިބާ ކަރުނަތައް ރިޕޯޓްތައް ތެތްމަމުން ދިޔައެވެ. މި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މިފަދަ ކުޑަ ކުއްޖަކަށް ނުޖެހޭ އެއްވެސް ބައްޔެއް ނެތެވެ. ހަކުރު ބައްޔާއި ކޮލެސްޓްރޯލެވެ. ލޭ މައްޗަށް ދިއުމާއި ހިތުގެ ބޮޑެތި މައްސަލަތަކެވެ. ކިޑްނީއާއި ފުއްޕާމޭގެ މައްސަލަތަކެވެ. މި ނޫންވެސް ބޮޑެތި އެހެނިހެން ޞިއްޙީ މައްސަލަތަކެވެ. މިހެން ވާންޖެހުނު ސިއްރެއް ވިސްނަވިސްނާވެސް ނުވިސްނުނެވެ. ވީ ދެރައިން ރޮއި ގަނެވުނެވެ. ސިކުނޑި ސުމަކަށް ދިޔައެވެ. މިހާވަރުވީއިރު މަށަށް މި އެއްވެސް ކަމެއް ރޭކާނުލީމައެވެ. ތަކުރާރުކޮށް އަމީޒާ ސުވާލު ކުރަން ފެށުނެވެ. އަމީޒުގެ ފަރާތުން އެއްވެސް އެއްޗެއް ސާފެއް ނުވިއެވެ. އަމީޒާ މެދު އަހަރެންގެ ހިތުގައި އޮތް ޤަދަރާއި ލޯތްބަށް ރުޅިވެރިކަން އިތުރުވިއެވެ. އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުލިބޭތީއެވެ. މިކަމުގެ އެހެން ސިއްރުތަކެއް އެބަ އޮތްކަން އަހަރެންގެ ސިކުނޑިއަށް ވިސްނުނެވެ. މިކަމުގައި އަމީޒުގެ އިހުމާލު އޮތްކަން އަހަރެންގެ ހިތް ބުނަމުންދިޔައެވެ. ތަނުގެ ޙާލަތާއި ވަގުތުގެ ނާޒުކު ކަމުން އަހަރެން ހުރީ ހިމޭނުންނެވެ. އެކަމަކު އަހަރެންގެ އެތެރެހަށި އަނދާ ރޯވަނީ ވެގެން މިއުޅޭގޮތް ހޯދުމަށެވެ.
އަހަރެންގެ ދަރިފުޅު އެނބުރި އަތުވެދާނެކަމަށް ކުރެވޭ އުއްމީދު ވެސް ކުޑަވެއްޖެއެވެ. ޑަކުޓަރުންގެ ބަސް ހުއްޓިއްޖެއެވެ. ޔޫސުފުގެ ޙާލު ދަށްވަމުންގޮސް އެރޭގެ މެންދަމު އަލިވެ 2 ޖެހިއިރު މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. އެވަގުތު އަހަންނަށް ބާރަށް ހަލޭއްލަވައިގަނެވުނުކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭވެރިކަންވީއިރު އޮވެވުނީ ހޮސްޕިޓަލުގެ ބަލި އެނދެއްގައެވެ. ކައިރީގައި ބަސް ހުއްޓިފައި އަމީޒު އިނެވެ. މުޅި މީހާ އިނީ ތަޣައްޔަރުވެފައެވެ. ފެންކަޅިވެފައެވެ. ދެލޮލުގެ އުޖާލާކަން ވަނީ ގެއްލިފައެވެ. ކޮންމެވެސް ވާހަކަތަކެއް އޭނާ އަހަންނަށް ބުނެދޭން ބޭނުންވާ ކަހަލައެވެ. އޭނާގެ ދޫ ޙަރަކާތް ކުރަން އުޅެއެވެ. އެކަމަކު އަޑެއް ބޭރެއް ނުވެއެވެ. މުޅި މީހާ ތުރުތުރު އަޅަނީއެވެ. ތުންފަތް ރޫރޫ އަޅަނީއެވެ. އަތުގެ އިޝާރާތުން އެއްޗެހިތަކެއް ބުނެދެވޭތޯ ބަލަނީއެވެ. އެއާއެކު ލޮލުން ކަރުނަތައް ހިލިގެން ބަންޑުންވަމުންދާތަން ފެނުނެވެ.
އަމީޒަށް މިވަނީ ކިހިނެއްބާވައެވެ؟ އެނދުގައި ނޯވެވިގެން ތެދުވީމެވެ. ފަރުވާތެރިކަމާއެކު އަމީޒާ ދިމާއަށް ކަޅިޖަހާ ނުލާ ބަލަން އިނދެވުނެވެ. ގަބުވެފައި އިން މީހެއް ފަދައިންނެވެ. އޭނާގެ އަތް އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ. އެ އަތުގައި ހިފުމަށް ލޮލުން އިޝާރާތްކޮށްލިއެވެ. އެހެނަސް އަހަންނަކަށް އެ އަތަކު ނުހިފުނެވެ. ކަޅިޖަހާ ނުލާ އިނދެވުނީ ބަލަހައްޓައިގެނެވެ. ދެލޮލުން ކަރުނަތައް ފޫދިގެންފިއެވެ. ގިސްލެވެން ފެށުނެވެ. ބާރުބާރަށެވެ. އެވަގުތު އަމީޒުގެ އަޑު ބޭރުވެގެން އައެވެ.
" މާފުކުރޭ. ކުށްވެރިއަކީ އަހަރެން. ޔާސިމީނަށް ލިބިފައިވާ ހިތާމައިގެ ކުށްވެރިއަކީ މިއަދު އަހަރެން….. އަހަރެންގެ ކުށް އަހަރެން ގަބޫލުކުރަން…. މިވާހަކަތައް ޔާސިމީނަށް ކިޔައިދޭން ވެސް އަހަރެން ލަދުވެތިވަން……"
" ނުވިސްނުނު ތި ކިޔާ އެއްޗެއް. ކިތައް ފަހަރު އަހަރެން އަމީޒާ ސުވާލުކޮށްފިން. އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އަހަންނަކަށް ނުލިބުނު. "
" ނޫން. އެއީ ޖަވާބު ނެތް ސުވާލުތަކެއް ނޫން. އެ ސުވާލުތަކުގެ ޖަވާބު އެބަހުރި. މިއަދު އަހަރެން އެ ޖަވާބުތައް ކިޔައިދޭނީވެސް ކިހިނެއް؟ އެފަދަ ހިތްވަރެއް ނެތިގެން އެވާހަކަތައް ކިޔައިނުދެވުނީ."
އަމީޒު ދައްކަން މިއުޅޭ ވާހަކަޔާ މެދު އަހަރެން އިނީ ވަރަށް ބޮޑަށް ގަޔާވެގެންނެވެ. އޭނާ އެ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްބާވައޭ ހިތަށް އެރިއެވެ. އެހެންކަމުން އެހީމެވެ.
" އަމީޒެވެ. ތި ބުނަން އުޅޭ ވާހަކައެއް ބުނެބަލާށެވެ."
"އަހަންނަށް މި ވާހަކަ ބުނެވިދާނެ. މި ވާހަކަތައް އަޑު އެހުމަށްފަހު ކަލާ އަހަންނަށް މާފު ނުކުރާނެކަންވެސް އިނގޭ. އެހެނަސް މިއީ އެކަން ހިނގާ ދިޔަ ގޮތް."
" ކޮންކަމެއް ހިނގާ ދިޔަ ގޮތް ހެއްޔެވެ؟ "
" ޔޫސުފު މަރުވެދިޔަ ސަބަބު."
" އެއީ މީހަކު ކުރި ކަމެއް ހެއްޔެވެ؟ ﷲ ގެ ނިންމުން ނޫން ހެއްޔެވެ؟"
" ތިހެން ނުބުނާށެވެ. އެކަމުގައި އަހަރެންގެ އިޙުމާލު ކުޑައެއްނޫނޭ…" އަމީޒުގެ ވާހަކަ މެދުކެނޑުނެވެ.
" ކީކޭ ހެއްޔެވެ؟ އަމީޒަށް ކުރެވުނީ ކޮން އިޙުމާލެއް ހެއްޔެވެ؟ ތީ ޔޫސުފުގެ ބައްޕައެއް ނޫން ހެއްޔެވެ؟"
"އާނއެކެވެ. އަހަންނަކީ ޔޫސުފުގެ ބައްޕަގެ މަގާމުގައި ހުރި މީހާއޭ. އެކަމަކު ކުށެއް ކުރެވުނީއޭ. ކުއްލިއަކަށް ނޫނޭ. އެތަކެއް ދުވަހެއްގެ މަތިންނޭ."
"ކީއްވެގެން ހެއްޔެވެ؟"
"ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންގެ ހިތަށް….. އަހަރެންގެ ބޮލަށް……އަހަރެންގެ ސިކުނޑިއަށް…..އިބުލީސް ސަވާރުވީއޭ."
އަހަރެން އިނީ އަމީޒު އެ ދައްކަން އުޅޭ ވާހަކައެއް އަޑު އަހާށެވެ. އެ ވާހަކަތައް އަޑު އަހަމުން ދިޔައިރު އަހަރެންގެ ހިތާއި މޭ ވިރިގެން ފައިބާހެން ހީވަމުން ދިޔައެވެ. އަމީޒުފަދަ މީހަކު އެފަދަ ކަމެއް އަހަރެންގެ ދިރިއުޅުމަށް ކޮށްފާނެ ކަމަކަށް ހިތަށްވެސް ނާރައެވެ. ދަހިވެތިކަން ހިތަށް ވަނަސް އެފަދަ ދެރައެއް ދީފާނެ ކަމަކަށް ހުވަފެނުންވެސް ނުދެކެމެވެ. ދަހިވެތިކަމަކީ ހާދަ ނުބައި ޢަމަލެކެވެ. ދަހިވެތިކަން މީހެއްގެ ހިތުތެރެއަށް ވަދެއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންނޫންނަމަ އަމީޒަކަށް އެކަން އެގޮތަށް ކުރާކަށް ނުކެރުނީހެވެ.
އަމީޒު އަހަރެންގެ ދަރިފުޅަށް ނުކުރާ ކަމެއްނެތެވެ. އެ ހުރިހާ ކަމެއް އެ ކުރީ އެ ދަރިފުޅުގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އެ ދަރިފުޅު ބަލިތަކުގެ ޝިކާރައަކަށް އެވީ ހަކުރާއި ތެލާއި ސަރުބީ އެކުލެވޭ ކާނާތައް ކާންދީ އެސޮރުގެ ދުވަސް ދުއްވާލަން ނިންމައިގެންނެވެ. އެކަން ކާމިޔާބު ކޮށްފިއެވެ. ދެރައީ ވަގުތު ފާއިތުވެދިޔަ ފަހުން މަށަށް މިކަން އެނގުނީމައެވެ. މަކަރު ވެރިއެއްގެ ކެހިވެރި މަޅީގައި އަހަރެންނަށް ޖެހި ހަފުސް ވެވުނީމައެވެ. އަހަރެމެންގެ މުއްސަނދި ދިރިއުޅުމުގެ މިލްކިއްޔާތަކީ އަހަރެންގެ ދަރިފުޅުގެ ހައްޤެއްކަން އެނގޭއިރު، އެ މުއްސަނދިކަން އެއްފަހަރުން ޙާޞިލް ކުރެވިދާނެކަމަށް ހިތަށް ދަހިވެތިކަން ވަދެ އެއްފަހަރާ އެކަން ނިންމާލަން އޭނާ ގަޞްދު ކުރީއެވެ. އިންސާނުންގެ ހިތަކީވެސް ހާދަ ތަފާތު އެއްޗެކެވެ. ވަސްވާސް ހިތަށް ކުރުމުން އިންސާނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. މިކަމުގެ ތެރެއިން އެނގިގެން ދިޔައީ އެންމެ ކަމެއްނޫނެވެ. އަމީޒުގެ އެތައް ސިއްރެއް ބޭޒާރުވެގެން ހިނގައްޖެއެވެ. އަމީޒަކީ ދަރިން ލިބުމުން މަޙުރޫމް ވެފައިވާ މީހެއްކަން ވެސް މި އެނގުނީ ޚުދު އޭނާގެ ދުލުން އެ ވާހަކަތައް ކިޔައިދިނީމައެވެ. މިފަދަ ނިކަމެތި މީހަކު އެފަދަ މައުޞޫމު ދަރި ކުލުނު ޖެހިފައިވާ ލޯބި ދަރިއެއްގެ މަގާމުގައި ހުއްޓާ އެފަދަ ކަމަކަށް އަރައިގަތުމަކީ ކިހާ ގޯސް ކަމެއް ހެއްޔެވެ؟ އާނއެކެވެ. ހުރިހާވެސް ކަމަކީ ދަހިވެތިކަމެވެ. އަމިއްލަ އެދުންވެރިކަމެވެ. މީހަކު ހުންނަ ގޮތަކުން މިކަމެއް ދެނެއެއް ނުގަނެވޭނެއެވެ. މިކަން ދެނެގަނެވޭނީ އެތައް ދުވަހެއްގެ ތަޖުރިބާއިންނެވެ. އަހަންނަށް އެ ތަޖުރިބާ ނުކުރެވެނީސް މާ ދުރުގައި ހުންނަން ޖެހުނީއެވެ. އެކަމަށް މިއަދު ހިތާމަ ކުރަމެވެ.
އަމީޒާއެކު އަހަރެން މިއަދު ދިރިއުޅެމުން މިދަނީ އޭނާގެ ތައުބާ ގަބޫލުކޮށްގެންނެވެ. ބަދަލުވެފައިވާ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. އެ ތައުބާގެ ނަތީޖާ ﷲ އޭނާއަށް ހިންމަވައިދެއްވައިފިއެވެ. މިއަދު އަމީޒަކީވެސް ފުރިހަމަ ފިރިހެނެކެވެ. އަހަރެންގެ ބަނޑުގައި މިއަދު ތޮޅެމުން މިދަނީ ﷲ އަހަރެމެންނަށް ދެއްވި އަގު ބޮޑު އެ ނިޢުމަތެވެ.
-ނިމުނީ-