ސުވަރުގޭގެ ޙޫރަލްޢީނުންނަށްވުރެ ސުވަރުގެ ވައްދަވާ އަންހެނުންގެ ޤަދަރު މާމަތިވެރިއެވެ!

ޙަދީޘްފުޅުން އެނގެން އޮތީ ސުވަރުގޭގައި ގިނަވާނީ އަންހެނުން ކަމެވެ. އަދި ގިނަ އަންހެނުން ނަރަކައަށް ވައްދަވާނީ ފިރިންނަށް އުރެދިގެން ކަމެވެ. ހަމައެއާއިއެކު އަނހެނުންނަށް އޮތް އުފާވެރި ޚަބަރަކީ އެކަނބަލުންގެ ތެރެއިން ސުވަރުގެ ލިބިގަންނަ ކަނބަލުންނަށް ﷲ ތަޢާލާ ދެއްވަވާ ޤަދަރުގެ މަތިވެރިކަމެވެ. ﷲ ތައާލާއަށް ކިޔަމަންތެރިވުމުން ދެއްވަވާ ނިޢްމަތުގެ ބޮޑުކަމެވެ.

ސުވަރުގޭގެ ޙޫރަލްޢީނުންގެ ފުރިހަމަކަން

ޙޫރަލްޢީނުންގެ ފުރިހަމަކަމުގެ ވާހަކަ ދައްކައި ކޮޅުންލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަނބަލުންގެ އިނގިލިފުޅުގެ ކޮޅުގެ އަލިކަން ދުނިޔެއަށް އެޅުނު ނަމަވެސް އިރާއި ހަނދުގެ އަލިކަމަށްވުރެ އުޖާލާވާނެއެވެ. އެކަނބަލުންގެ އިސްތަށިފުޅުގެ މީރުވަހުން މުޅި ދުނިޔެ ފުރިގެންދާނެއެވެ.

ޙޫރަލްޢީނަކު ދުނިޔޭގެ ކަނޑަށް ކުޅު ޖައްސަވައިފިނަމަ ކަނޑުގެ ލޮނުގަނޑު މީރު ފެނަށް ބަދަލުވެގެންދާނެއެވެ. އެކަނބަލުން ﷲ ތައާލާއަށް ޘަނާ ވިދާޅުވަން ފެށްޓެވުމުން ސުވަރުގޭގެ ހުރިހާ ގަސްތައް ގުޑަން ފަށާނެއެވެ. އެކަނބަލުން ހިނިތުންވެވަޑައިގަތުމުން ފައުޅުވާ ނޫރުން މުޅި ސުވަރުގެ އުޖާލާވެގެން ދާނެއެވެ.

ތިއަ ލޮބުވެތި ކަނބަލުންނަށް

މިބަޔާންކުރި ފަދަ ފުރިހަކަން ލިބިގެންވާ ޙޫރަލްޢީނުންނަށްވުރެ ސުވަރުގެ ވައްދަވާ އަންހެނުންގެ ޤަދަރު ﷲ ތަޢާލާގެ ޙަޟްރަތުގައި ވަނީ އެތައް ގުނައަކަށް މަތިވެރިވެގެންނެވެ. އެއީ އެކަނބަލުން ދުނިޔޭގައި ތިބެ ކުރި ނަމާދާއި ހިފިރޯދައާއި ކުރި ޞަދަޤާތާއި އެހެނިހެން އަޅުކަމުގެ ސަބަބުންނެވެ.

ތިއަ ކަނބަލުން ސުވަރުގެ ވައްދަވާނީ މިހާރު ތިއަ ތިބި ސިފައަކު ނޫނެވެ! އަލިގަދަ ނޫރުން އުޖާލާވެގެންވާ ޙާލުގައެވެ. މިކަންކަމަކީ ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ.

އަންހެނުންނަށާއި ފިރިހެނުންނަށް

ގައިގެ ކުލަ އަލިވެލާފައި ރަނގަޅު އިސްކޮޅެއް ހުރެފައި ރިވެތި ސިފައަކަށް ހުންނަ މީހަކު ފެންނައިރަށް އެމީހަކަށް ޝައުޤުވެރިވެ ޒިނޭކޮށް ސުވަރުގެ ނުލިބޭނެ ޢަމަލުތައް ތިއަކުރަނީ މިފަދަ ފުރިހަމަވެގެންވާ ޙޫރަލްޢީނުން ބޭނުންނުވާތީ ހެއްޔެވެ؟ އަދި ކިއެއްތަ ދުނިޔޭގައި އެންމެ 2 ، 3 މިނިޓަށް ލިބިދޭ އުފަލުގެ ސަބަބުން ދާއިމަށް ނަރަކައިގައި އަނދައަނދައި އޮންނަން ޖެހިދާނެކަން ވެސް އެނގިހުރެ ނޫން ހެއްޔެވެ؟ ވީއިރު ބުއްދީގެ ތަރާދަކުން މިކަންކަން ކިރައިލަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟

އަވަހަށް ތިއަ ވިސްނުން ބަދަލުކޮށްލާށެވެ! ސުވަރުގެއަށް ވަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙޫރަލްޢީނުން ލިބިގަންނަން ފިސާރި ހިތްވަރާއިއެކު މަސައްކަތްކުރާށެވެ! ތިބާގެ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ސުވަރުގެވަންތަވެރިއަކަށް ވެވިފައި ތިބާ ސުވަރުގޭގައިވެސް އެދެނީ އެމީހަކަށް ނަމަ އެމީހާވެސް ދެއްވަވާނީ ހަމަ މިފަދަ ފުރިހަމަކަމާއި އެކުގައެވެ.

ޙޫރަލްޢީނުންގެ ވާހަކަ ދެއްކުމުން ބައެއް ފަހަރު ސުވާލުކުރެއެވެ! އަންހެނުންނަށް އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ ސުވަރުގެއަކީ އެއްވެސް މީހަކަށް އެމީހަކު ބޭނުންވާނެ އެއްވެސް ނިޢްމަތެއް ނުލިބި ހުންނާނެ ތަނެއް ނޫނެވެ. އަންހެނަކުވެގެން ފިރިހެނަކުވެގެން ލިބިފައި ނުލިބޭނެ އެއްވެސް ނިޢްމަތެއް ނޯންނާނެއެވެ! ހަމަ ހިތަށް އަރުވައިލާއިރަށް އެކަމެއް ދާނީ ޙާޞިލުވަމުންނެވެ!

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

  • މިއަދު ނޫހުން ނަގާފައި
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *