ބޭރުފުށުގެ ރީތިކަމަށް ސަމާލުކަންދޭއިރު އެތެރެފުށުގެ ރީތިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ

 ކިތަންމެ އަގުބޮޑު ރީތި ހެދުމާއި ގަހަނާއަޅާ ޒީނަތްތެރިވިޔަސް ތިމާގެ އެތެރެފުށުގެ ރީތިކަން ނެތްނަމަ އޭނާއަކީ ކާމިޔާބު މީހެއްކަމަކަށް ނުބެލެވޭނެއެވެ. އިންސާނާގެ އެތެރެފުށުގެ ރީތިކަމަކީ އޭނާގެ އުޅުމާއި، އަޚްލާގައި އެހެންމީހުންނާއިމެދު އޮންނަ ގުޅުމުގެ ފުރިހަމަކަމެވެ. ތިމާ އުޅޭ ކޮންމެތަނެއްގައިވެސް އޭނާގެ އެތެރެފުށުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

އެހެންމީހުންގެ އިހުސާސްތަކާއިމެދު ވިސްނާ ހަމްދަރުދީވާ މީހަކަށްވެ، އަނެކާއަށް އޯގާތެރިކަން އިސްކުރުމަކީ އެތެރެފުށުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ކުރުން މުހިއްމު ސިފައެކެވެ. އިނގިރޭސިބަހުން މިކަމަށް އެންޕަތީއޭ ކިޔައެވެ. އެންޕަތީ އެހާ މުހިންމު ކަމަކަށްވަނީ އެއީ އެހެން މީހުންގެ އިޙްސާސްތައް ވިސްނައި ހިއްސާކުރުމުގެ ޤާބިލުކަން ހުރުމުންނެވެ. އެމީހުން ފޯކަސް ކުރަނީ ހަމައެކަނި ތިމާގެ އަމިއްލަ ފައިދާއަކަށް ނޫނެވެ. އެހެންމީހުންގެ ދިރިއުޅުމުގެ ދަތިތަކާއި އެމީހުން އުފުލަމުންދާ ތަކުލީފުތަކާއި ވޭންތައް މިފަދަ މީހުންނަށް އެނގޭނެއެވެ. އަދި އެ ހިތާމަވެރިވަގުތުގައި އެހީތެރިކަން ބޭނުންވާ ކަންކަމަށް އެހީތެރިވެދީ އެމީހުންގެ ހިތާމައިގައި މި މީހުން ބައިވެރިވާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިއީ އޭނާގެ ޖަޒްބާތީ ސިއްޙަތުވެސް ރަނގަޅުވެ އުފާވެރިކަން އިހުސާސް ވުމަށްވެސް ވަރަށް މުހިއްމު ކަމެކެވެ.

ރީތި ޝަޚްސިއްޔަތެއްގެ އަނެއް ސިފައަކީ ކަންކަމުގައި ފަހިކޮށްވިސްނުމާއި އުނދަގޫ ވަގުތުތަކުގައިވެސް އުންމީދާއިއެކު ދިރިއުޅުމަށް އެނގުމެވެ. ދިރިއުޅުމުގެ ކަންތައްތަކުގައި ހެޔޮކޮށް ދުށުމާއި ހެޔޮކޮށް ވިސްނުމަކީ އިންސާނާގެ ނަފްސާނީ ސިއްޙަތާއި ޖިސްމާނީ ސިއްޙަތަށްވެސް ދުޅަހެޔޮކޮށް ހުރުމުގައި އެހީތެރިވެދޭ ކަމެކެވެ. އާއްމުކޮށް ކަންކަމުގައި ހެޔޮކޮށް ވިސްނާ މީހުންނަކީ މައްސަލަތައް ހައްލުކުރުމާއި، ބަދަލުތަކަށް ހޭނެން އެނގުމާއި އަދި ނޭދެވޭ ހާލަތްތަކާ ކުރިމަތިލުމުގައި ކާމިޔާބު ބައެކެވެ. ނަފްސާނީ މާހިރުން ބުނާ ގޮތުގައި ޕޮޒިޓިވް މީހުންގެ މެދުގައި ގުޅުންތައް ރަނގަޅުވެ، ސިއްޙަތު ރަނގަޅުވެ، ދިރިއުޅުމުގައި ގިނަ ކާމިޔާބީތަކެއް ލިބެ އެވެ. ފަސްނުޖެހޭ ހެޔޮ ވިސްނުމެއް ގެންގުޅޭ މީހަކާ ދިމާވުމުން، ރީތި ޝަޚުސިއްޔަތެއް ހުރި މީހަކާ ބައްދަލުވެއްޖެކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

އިޚްލާސްތެރިކަމަކީ ރީތި ޝަޚުޞިއްޔަތެއް ބައްޓަންކުރުމަށް ވަރަށް މުހިއްމު އަނެއް ސިފައެވެ. އެއީ ތިމާވީ ކޮންމެތަނެއްގައިވެސް އަމިއްލަ ނަފްސަށް ތެދުވެރިވެ ތިމާގެ ޢަމަލުތައް މީހަކު ފެންނަން ނެތްކަމުގައިވިޔަސް  އެހެންމީހުންނަށް ފެންނަތަނުގައި ކަންކުރާނެގޮތަށް ކުރުމެވެ. ތިމާގެ އޮފީހުގައާއި، ގޭތެރޭގައި އަދި ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ ކުރިމަތީގައިވެސް ތިމާގެ އަސްލު ސިފަ ހާމަކުރުން އެއީ އެންމެ ރަނގަޅުގޮތެވެ. އެއީ ކަންދެއްކުމާއި މުޅިންވެސް ދުރުވެ ތެދުވެރިކަމާއި އިޚުލާސްތެރި ހިތަކުން ކަންކަން ކުރުމެވެ. މިއަދު ބައެއް މީހުން އެމީހުންގެ ސޯޝަލްމީޑިޔާ ފުރާލަނީ ހެޔޮކަމާއި ދީންވެރިކަމުގެ ޕޯސްޓްތަކުންނެވެ. އެހެންނަމަވެސް ހަގީގީ ދިރިއުޅުމުގައި އެމީހުންގެ އަމަލުތައް ހުންނަނީ އެ ޕޯސްތަކާއި މުޅިން ޚިލާފަށް ހަރުކަށިކަމާއި، ޒާތީވުމާއި އަދި މީހުންނަށް އަނިޔާވެރިވުމުގައެވެ. ނަފްސާނީ ޢިލްމުވެރިން ދެކިލައްވާގޮތުގައި އިޚުލާސްތެރިކަމުގެ ސަބަބުން ނުވަތަ ތިމާގެ އަސްލު ނަފްސުގެ ހުރިގޮތް އެހެންމީހުންނަށް ދެއްކުމުން އުފާވެރިކަން އިތުރުވެ، ގުޅުންތައް ރަނގަޅުވެ އަދި އަމިއްލަ ނަފްސުގެ އިޙްތިރާމް އިތުރުވެއެވެ. ދިރާސާއަކުން ވެސް ދައްކާ ގޮތުގައި މަސައްކަތުގައި އެމީހުންގެ އަސްލު އަމިއްލަ ނަފްސު ދައްކުވައިދޭ މީހުންނަކީ އުފެއްދުންތެރި، ހިތްހަމަޖެހޭ، އަދި ކަންކަމުގައި ޝާމިލުވާ ބައެކެވެ.

ހިތްހެޔޮކަމަކީ ރީތި ޝަޚުޞިއްޔަތުތަކުގެ ވާހަކަ ދައްކާއިރު އަޅާނުލާ ދޫކޮށްނުލެވޭނެ ސިފައެކެވެ. އެއީ ދީލަތިކަމާއި، އޯގާތެރިކަމާއި އަދި ވިސްނުންތެރިކަމުގެ ލޯބީގެ ސާދާ އަމަލުތަކެވެ. އެހެންމީހުންނާމެދު ހެޔޮކޮށް ކަންތައްތައްކޮށް ހިނތުންވެލައިގެން މުޢާމަލާތުކުރުމުން ތިމާއަށް ގެއްލޭނެ އެއްޗެއްނުވާއިރު މީހަކު އުފާވާކަހަލަ ޢަމަލެއް ކުރުމުން ތިމާއަށާއި އަނެކާއަށްވެސް ލިބޭނީ އުފާވެރިކަމެވެ. ދިރާސާއަކުން ދައްކާ ގޮތުގައި އެހެން މީހުންނާ މެދު އޯގާތެރިކޮށް ހިތުމަކީ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކޮށް، ނަފްސާނީ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. އަދި އެއީ އަމިއްލަ ނަފްސަށް ފޯކަސް ކުރުމަށް ވުރެ އެހެން މީހުންނަށް ހެޔޮކޮށް ހިތުމަށް ބާރުއަޅާ ފައިދާ ހުރިކަމެކެވެ.

އިންސާނާގެ ބޭރުފުށުގެ ރީތިކަމަށް ސަމާލުކަން ދޭފަދައިން އެތެރެފުށުގެ ރީތިކަމަށް ސަމާލުކަން ދިނުމަކީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް އިންސާނާގެ ދުޅަހެޔޮކަމަށް ބާރުއަޅާކަމެކެވެ. އެގޮތުން ރީތި ޝަޚްޞިއްޔަތެއްގެ ވެރިޔަކަށްވުމަށްޓަކައި ކަންކަމުގައި އެހެންމީހުންގެ އިހުސާސްތަކާއިމެދު ވިސްނާ ހަމްދަރުދީވާ މީހަކަށްވުމާއި، ހެޔޮކޮށްވިސްނުމާއި، އިޚްލާޞްތެރިކަމާއި އަދި ހިތްހެޔޮ އޯގާތެރި މީހަކަށްވާން ޖެހެއެވެ. ވީމާ ބޭރުފުށުގެ ކޮންމެ މީހަކުވެސް ރީތިކަމަށް ސަމާލުކަންދޭއިރު އެތެރެފުށުގެ ރީތިކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *