ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ބިދޭސީން ހަރަކާތްތެރިވުމަކީ ޤައުމަށްލިބޭ ފައިދާއެކެވެ.

ރާއްޖޭގެ އާބާދީއަކީ ތަރައްޤީ ވަމުންއަންނަ ޤައުމެއްގައި ހިންގާ ތަރައްޤީގެ މަޝްޢޫރުތަކުގައި ބައިވެރިވޭވަރަށްވުރެ ކުޑަ އާބާދީއެކެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ކޮންމެ ރަށެއް ހިމެނޭހެން ދިޔައީ އަސާސީ ޚިދުމަތްތައް ޤާއިމު ކުރުމުގެ މަސައްކަތްތައް ކުރެވެމުންނެވެ. 2024 ވަނައަހަރު ސްޓެޓިސްޓިކްސް މޯލްޑިވްސްގައި ބުނެފައިވާގޮތުން ދިވެހިރާއްޖޭގެ އާބާދީއަކީ 515132 ކަމަށްވާއިރު އަދި މީގެ ތެރޭގައި ބިދޭސީންގެ އަދަދަކީ 132493 ކަމަށްވީހިނދު، އެމީހުންގެ ބައިވެރިވުމަކީ ތަރައްޤީގެ ދުވެލި ހަލުވިވާނެކަމެކެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ބިދޭސީން ގްރޭޓަރ މާލެ އޭރިޔާގައި ދަނީ ގެދޮރާއި ފްލެޓްއެޅުމާއި އަދި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ބައިވަރު މަސައްކަތްތައް ކުރެވެމުންނެވެ. މިކަމަށްޓަކައި ދިވެހިން ހޯދުމަކީ ދަތިކަމަކަށް ވެފައިވާއިރު އަވައްޓެރި ޤައުމުތަކުގެ ބިދޭސީންތައް ދިޔައީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. މިހާރަކަށްއައިސް ބިދޭސީންގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ނޭދެވޭ މައްސަލަތަކުގެ ވާހަކަ ވަރަށްބޮޑަށް ދެކެވެމުން ދިޔަކަމުގައިވިޔަސް ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ބިދޭސީން ހަރަކާތްތެރިވުމަކީ ޤައުމަށްލިބޭ ފައިދާއެކެވެ.

ކުޑަ އުޖޫރައަކަށް ދިވެހިން ބުރަމަސައްކަތްކުރަން ދެކޮޅުހަދަމުންދާ ދުވަސްވަރެއްގައި ކުޑައުޖޫރައަކަށް މަސައްކަތްކުރާނެ ގިނަ މީހުންތަކެއް ލިބުމަކީ ތަރައްޤީ ކުރަމުންދާ މަސައްކަތް ހަލުވިކޮށް ނިންމުމަށް އެހީތެރިވާނެކަމެކެވެ. ބިދޭސީން މެދުވެރިވެގެންވީކަމުގައިވިޔަސް ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މިމަސައްކަތްތައް ކުރަން ފުރުޞަތުލިބުމަކީ އަގުހެޔޮ ލޭބަރުން ބޭނުންކޮށްގެން ވީހާވެސް ޚަރަދުކުޑަކޮށްގެން މަދުދުވަސްކޮޅެއްގައި މަސައްކަތް ނިންމުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މިސާލަކަށް ބަލާލާނަމަ ރާއްޖޭގައި ރިސޯޓްތައް ހެދުމާއި ނަރުދަމާގެ މަސައްކަތްތައްކުރުމާއި އަދިވެސް އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކަށް ކުޑަ އަގެއްގައި ބިދޭސީން ކުރަނީ ވަރަށް ގިނަވަގުތާއި އެމީހުންގެ ހަކަތަ ސީދާ އެ މަސައްކަތައް ހުސްވެގެންނެވެ. މިފަދަ މަސައްކަތްތައް ދިވެހީންލައްވާ ކުރުވާނަމަ އެމީހުންނަށް ބޮޑު މުސާރައަކާއި އެހެނިހެން ފައިދާތައް ހަމަޖެއްސިކަމުގައިވިޔަސް ގިނަފަހަރު އެފަދަ ވަޒީފާތަކަށް ދިވެހިންގެ ޝައުގުވެރިކަމެއް ނުހުރެއެވެ. ވީމާ އަގުހެކޮށް މަސައްކަތްކުރާނެ ލޭބަރ ފޯސްއެއް ލިބުމަކީ ސަރުކާރަށާއި އަމިއްލަ ކުންފުނިތަކަށްވެސް އެއިން ފައިދާވާނޭކަމެކެވެ.

ރާއްޖޭގެ ތަރައްޤީގައި ބޮޑު ޙިއްސާއެއް އަދާކުރާ ބިދޭސީންނަކީ ބުރަ މަސައްކަތް ކުރުވުމަށް ގެންނަ ބައެއްކަމުން ޤައުމުގައި ހިންގޭ ބުރަމަސައްކަތްތައް ނުހުއްޓި ކުރިއަށް ދަނީ ބިދޭސީންގެ މަސައްކަތުންނެވެ. މިކަން އެންމެބޮޑަށް ފާހަގަ ވަނީ އިމާރާތްކުރުމުގެ ދާއިރާގައެވެ. ބްރިޖާއި ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ފްލެޓްތަކާއި، އެއާޕޯޓްތަކާއި، ރިސޯޓްތަކާއި އަދި މިނޫނަސް ނަރުދަމާއެޅުންފަދަ ބުރަ މަސައްކަތްތަކުގައި ހީވަގިކަމާއެކު ބިދޭސީން ހަރަކާތްތެރި ނުވާނަމަ މިއަދު ރާއްޖޭގައި އެ މަސައްކަތްތަކެއް ނުކުރެވޭނެއެވެ. ރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފަރާތުން 2020 ވަނައަހަރު ކުރި ދިރާސާއެއްކަމުގައިވާ "ދަ އިންމެޕެކްޓްސް އޮފް ކޯވިޑް 19 އޮފް ދަ ކޮންސްޓްރަކްޝަން ސެކްޓަރ އޮފް ދަ މޯލްޑިވްސް" ގައި ވާގޮތުން 40000-70000 އާއިދެމެދުގެ އަދަދަކަށް ބިދޭސީން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާއިރު ދިވެހިން ހަރަކާތްތެރިވަނީ 5000 – 7000 އާއި ދެމެދުގެ އަދަދަކަށެވެ. މިފަދަ އަށިގަނޑަށް ބުރަވާކަހަލަ މަސައްކަތްތައް ކުރުމަށް ދިވެހީން ޝައުގުވެރިކަން ނުހުންނައިރު ޤައުމުގައި މިފަދަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދެވެނީ ގިނަ އަދަދެއްގެ ބިދޭސީން މި މަސައްކަތްތަކުގައި ހަރަކާތްތެރިވާތީއެވެ. ވީމާ އަޅުގަނޑު ގަބޫލުކުރާގޮތުގައި ތަރައްޤީގެ ބުރަ މަސައްކަތްތަކުގައި ބިދޭސީން ހަރަކާތްތެރިވުމަކީ ޤައުމުގެ އުމްރާނީ ތަރައްޤީއަށްވެސް ފައިދާއެކެވެ.

ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ބިދޭސީން ހަރަކާތްތެރިވުމަކީ ޤައުމުގެ އިޖްތިމާޢީ މިންގަޑުތަކަށް ޕޮލިސީތައް ހެދުމާއި ގަވާޢިދުތައް ހެދުމަށްވެސް މަގުފައިވާކަމެކެވެ. ބިދޭސީން ރަށްރަށުގައި ހަރަކާތްތެރިވާންފެށުމުން ފާހަގަވާ އިޖްތިމާޢީ މައްސަލަތަކަށް ރައްޔިތުން ކަންބޮޑުވެ ދެކޮޅުހަދައެވެ. އެގޮތުން 25 ޖުލައި 2024 ގައި ގދ. ތިނަދޫގައި 200 ހާ ބިދޭސީން ސަރުކާރާއިދެކޮޅަށް އަޑުއުފުލާފައިވާތީ ދިވެހިރައްޔިތުންނާއި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިފަދަ ވަގުތުތަކުގައި ޤައުމުގެ ކަންކަމުގައި ގޮތްނިންމާ ފަރާތްތަކުން މިފަދަ މައްސަލަތަކަށް ވިސްނާ އިޖްތިމާޢީ މިންގަޑުތައް ހަމަމަގަށް އަޅުވާ ރަމަތަ ކުރުމަށް އިތުރު ގަވައިދުތަކާއި ޤާނޫނުތައް ހަދާ އެ ކަންކަން ތަންފީޒު ކުރެއެވެ. ޤާނޫނުތައް ހެދެނީ ގިނަފަހަރަށް ކަމެއް ދިމާވުމުން ކަމުގައިވާތީ ތަޖުރިބާ ކުރެވެމުންދާ މައްސަލަތަކަށް ރިޢާޔަތްކޮށް އެކަންކަމަށް ވިސްނާ ޤާނޫނުތަކާއި ގަވާޢިދުތައް ހެދުމުން އެއީ ގައުމެއްގެ ގޮތުގައި ހިންގުމަށްވެސް ފަސޭހަވެގެން ދާނޭ ކަމެކެވެ.

ބިދޭސީން ރާއްޖޭގައި ހަރަކާތްތެރިވެ އުޅުމަކީ ރާއްޖޭގެ އިޤްތިސާދަށްވެސް ހެޔޮބަދަލު ކުރާނެ ކަމެކެވެ. އެގޮތުން ގައުމެއްގައި މީހުން ގިނަވުމަކީ ޤައުމުގައި އިޤްތިސާދީ ބައިވަރު ކަންކަމަށް މަގުފައިވާނޭ ކަމެކެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދާއި ގުޅުންހުރި  ވިޔަފާރިތަކާއި އަދި ހިދުމަތްތައް ބޭނުންކުރާމީހުންގެ އަދަދު ގިނަވުމުން ޤައުމުގައި ފައިސާ ދައުރުވާނެއެވެ. ބިދޭސީންގެ މުސާރަ ޤައުމުން ބޭރުވާތީ އެވާހަކަ ދައްކާފަރާތްތައް ގިނަނަމަވެސް ފާހަގަކޮށްލަންޖެހޭ ހަގީތަކީ ބިދޭސީން ޤައުމުގައި އުޅޭހާ ހިނދަކު އެމީހުންގެ ބޭނުންތަކަށްވެސް ޚަރަދުކުރާނޭކަމެވެ. އެގޮތުން ދަތުރު ފަތުރުކުރުމަށާއި، ކެއިންބުއިމަށާއި މިނޫންވެސް ކަންކަމަށް ކުރާހޭދައިން ޤައުމުގެ ވިޔަފާރިއަށް ހެޔޮ ބަދަލު އަންނާނެކަން ކަށަވަރެވެ. ވީމާ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ބިދޭސީން ހަރަކާތްތެރިވުމަކީ ޤައުމުގެ އިޤްތިސާދަށްވެސް ލިބޭ ފައިދާއެކެވެ.

ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ބިދޭސީން ހަރަކާތްތެރިވުމަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ހެޔޮބަދަލެއް ގެނެސްދޭކަމެކެވެ. އަދި އެއީ ބުރަމަސައްކަތްކުރަށް ޝައުގުވެރިކަން މަދު ލޭބަރ ފޯސްއެއް އޮންނަ ގައުމަކަށް ނުހަނު ބޭނުންތެރިކަމެއްވެސް މެއެވެ. މީގެއިތުރުން ޤައުމުގެ އިޖްތިމާއީ މިންގަޑުތަކަށް ޕޮލިސީތައް ހެދުމާއި ގަވާޢިދުތައް ހެދުމަށްވެސް މަގުފައިވެ ޤައުމުގެ ޤާނޫނުތައް ހަރުދަނާވެގެން ދާނެއެވެ. ބިދޭސީން ރާއްޖޭގައި ހަރަކާތްތެރިވެ އުޅުމަކީ ރާއްޖޭގެ އިޤްތިސާދަށްވެސް ހެޔޮބަދަލު ކުރާނެ ކަމެކެވެ. އެހެންކަމުން އަޅުގަނޑު ގަބޫލުކުރާގޮތުގައި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ބިދޭސީން ހަރަކާތްތެރިވުމަކީ ޤައުމަށްލިބޭ ފައިދާއެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *