ވާހަކަ: ސިކާރަ

ކުޑަ މެންދުރު އުދަވި ވަގުތެވެ. މެލޭޝިޔާގެ ބޮޑެތި މަގުތަކަށް ދިއްލާލަފައިވަނީ ދިލަ އަތްވެކެވެ. ވައިރޯޅިއެއްގެ ހިލަމެއް ނެތްއިރު ގަސްގަހާގެހީގެ ދިރުމެއްވެސް ނެތެވެ. ހީވަނީ އެތަކެތި އަބަދަށްޓަކައި ނިދިފައިވާހެންނެވެ. ބޮޑެތި މަގުތައް ފަހަށް ޖައްސަމުން ހަނި ގޯޅިތައް ހުރަސްކުރަމުން ދުއްވަމުންދާ އިންޖީނުލީ އުޅަނދުތަކުން އަރުވަމުންދާ ވިހަ ދުމާއެކު ޖައްވުގައިވަނީ އިތުރު ހޫނު ކަމެއް އުފައްދާފައެވެ. ދުއްވާ އެއްޗެހީގެ އިންޖީނުގެ އަޑުފަށްގަނޑާއެކު އުފެދިފައިވާ ބަރުގޮނުގެ އަޑުތަކުން މުޅި މަގުމަތިވަނީ އެއް އަޑަކަށްވެފައެވެ. މި ދިލަ އުދާހާއި ކާރޫބާރޫގަނޑުގެ ތެރޭގައި ދުއްވަމުން އައިސް ޔަޒްދާން އޭނާގެ ސައިކަލް މަޑުކޮށްލީ މައި މަގެއްގެ ކުރިމައްޗަށްވާ ގޮތަށް ހުރި އޭނާ ދިރިއުޅެމުންދާ ކުޑަކުޑަ އެޕާޓްމެންޓްގެ ކުރިމައްޗަށެވެ. ގެއަށް ވަދެ ރަނގަޅަށް ހަމަޖެހި ނުލެވެނީސް ކުއްލިއަކަށް ޖީބުގައިވާ ޔަޒްދާންގެ ފޯން ރިންގުވާން ފެށިއެވެ. ޔަޒްދާން އަވަސް އަވަހަށް ޖީބުން ފޯން ނެގިއެވެ. އެހިނދު ފޯންގެ ރިންގު ކެނޑިގެން ދިޔައެވެ. ޔަޒްދާން އެކޯލުގެ އިންތިޒާރުގައި ދެވަނަ ފަހަރަށް މަޑުކޮށްލައިގެން ހުއްޓެވެ. އިސާހިތަކު އަނެއްކާވެސް ފޯން ރިންގުވާން ފެށިއެވެ. އެއާއެކު ފޯން ނަގާ ކަންފަތާ ކައިރިކޮށްލިއެވެ. ދަންނަ އަޑެކެވެ. އެހެންނަމަވެސް ކުރިން ދެކެފަރިތަ މިއަޑުގައި ތަފާތުތަކެއް އެބަހުއްޓެވެ. ރާގުގައިވަނީ އަވަސްކަމެވެ. ހާސްކަމާއި ހިތިކަމެވެ. ވެގެން އުޅޭގޮތް ސާފުވުމުން ޔަޒްދާން އަތުން ފޯން ބިންމައްޗަށް ދޫވިއެވެ. ޙައިރާންކަމާއެކު ވެއްޓިފައިވާ ފޯނާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ޖެހި ބުދެއް ފަދައިންނެވެ. އޭނާގެ ދުނިޔެ އަނދިރިވަމުންދާހެން ހީވިއެވެ. ހަށިގަނޑުން ބާރު ދޫވާހެންވެސް ހީވަމުން ދިޔައެވެ. ކޮޅަށް ހުރުންވީ ދަތި ކަމަކަށެވެ. ލޮލަށް ގިނަވެފައިވާ ކަރުނަތައްވެސް ހުއްޓުނު ކަހަލައެވެ. ހަޔާތުގައި މި ދިމާވީ ކޮންފަދަ ނާޒުކު ހިނދުކޮޅެއްހެއްޔެވެ؟ އެއްކޮޅުން މިއޮއްހާ ދުވަހު ތައްޔާރުވަމުންދިޔަ އިމްތިޙާނެވެ. އަނެއްކޮޅުން މަރާ ހަނގުރާމަ ކުރަމުންދާ ލޯބިވާ ބޭބެއެވެ. ކޮންމެ ގޮތެއްވިޔަސް ބޭބެގެ ޙާލު ދެކިލުމަށް އޭނާ ބޭނުންވެއެވެ. ހަމަ މިވަގުތުން މިވަގުތަށްވެސް ބޭބެ އޮތް ފަސްގަނޑަށް ދާން ބޭނުންވެއެވެ.

އެރޭގެ ދަންވަރު މެލޭޝިޔާއިން ސްރީލަންކާއަށް އުދުހެމުންދިޔަ ފުލައިޓުން ޔަޒްދާން ސްރީލަންކާއަށް އައެވެ. އެއަރޕޯޓުން ނިކުތްގޮތަށް އޭނާގެ މިޞްރާބު ބެހެއްޓީ ނަވަލޯކާ ހޮސްޕިޓަލާ ދިމާއަށެވެ. ބޭބެ އޮތް ޙާލު ފެނިފައި އޭނާއަށް ރޮވުނެވެ. އެރީތި ހަށިގަނޑު ވަނީ މިލައިގެންގޮސްފައެވެ. ދެލޯވަނީ ވަޅުވަދެފައެވެ. މާގިނަ ދުވަހު ބަލިވެ އުޅުމުގެ ސަބަބުން މޫނުމަތިންވަނީ ފެން ދަމާލާފައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ހަށިގަނޑަށް އައިސްފައިވާ މި ބޮޑު ބަދަލުން މިއީ އޭނަޔާ އެއް ސޫރައެއްގައި ފެންނަ ނިބޫ ބޭބެ ޔަޒާން ކަންވެސް ޔަޒްދާނަށް ޤަބޫލު ކުރަން ދަތިވިއެވެ. ތަޤުދީރު ބޭބެ ގޮވައިގެން މި ކުޅުނީ ކޮންފަދަ ކުޅިގަނޑެއްހެއްޔެވެ؟ އޭނާއަކަށް އެއްވެސް ކަމެއް ނޭނގެއެވެ. ބޭބެގެ އަޞްލު ބައްޔަކީ ކޮބައިކަން އަދިވެސް އޭނާއަށް އޮޅުމެއް ނުފިލައެވެ. ޔަޒްދާންގެ ހިތުގައި އުފެދި އުތުރި އަރަމުންދިޔަ ސުވާލުތަކަށް ހިމޭންކަން ގެނެސްދިނީ ބައްޕައެވެ. ބައްޕަގެ އަޑުގައިވަނީ ހިތިކަމެވެ. ކިތަންމެ އުނދަގުލުންނަމަވެސް ޔަޒްދާނަށް އެވާހަކަ ކިޔައިދެވޭތޯ އަބީރު މަސައްކަތްކުރިއެވެ.

ބޭބެގެ އަޞްލު ބަލި އެނގުމުން ޔަޒްދާންގެ ހިތް ހީވި ފަޅިފަޅިވިހެންނެވެ. ހިތުގައި ހިނގަމުންދިޔަ ލޭވެސް ކުޑަ ވަގުތު ކޮޅަކަށް ހުއްޓުނު ހެންނެވެ. އެއްވެސް އުއްމީދެއްނެތް ބައްޔެކެވެ. ބޭހެއް ފަރުވާއެއް ޝިފާއެއް ނެތް ބައްޔެކެވެ. އޮތް ހަމައެކަނި ގޮތަކީ ހެއްދެވި ފަރާތަށް ޝުކުރު ކޮށްލައިގެން ތިބުމެވެ. އެއްބަޔަކު މިހާރު އެތިބީ އެގޮތަށް ހޭނިފައެވެ. އެހެނަސް ޔަޒްދާނަށް މިއީ މުޅިން އައު ޚަބަރެކެވެ. އޭނާގެ ކަންފަތުން ދުވަހަކުވެސް އަހަން ބޭނުންނުވާ ވާހަކައެކެވެ. ހުރި ސުންޕާވެރިކަމުގެ ބޮޑުކަމާއެވެ. ދާދި އިހަކަށް ދުވަހު މަޖަލާއި އުފަލުގައި ދިރިއުޅުނު ޒުވާނެކެވެ. މިއަދު އެވަނީ ލޯބިވާ އަނބިމީހާއާއި ދަރިފުޅާވެސް ދުރުގައި އެކަނިވެރިކަމުގެ ދާނެއްގައެވެ. ހާދަ އަސަރެއް ކުރާނެއެވެ. މާދަމާއަށްޓަކައި ހާދަ އުއްމީދުތަކެއް ހުންނާނެއެވެ. އެކަމަކު އެމީހުން އެތިބީ ނޭނގުމެއްގެ ތެރޭގައެވެ. ފަރުދާގެ ފުރަގަސް އެވަނީ އެއްކޮށް ފޮރުވިފައެވެ. ހަމަ މަންޒިލަށް ދެން އާދެވޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. ތަޤުދީރުގެ ނިންމުމާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް އޮންނާނެހެއްޔެވެ؟ އޮއިދެމޭ ކޯރެއްގައި އޮޔާ ދެކޮޅަށް ފެތޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ހަލާކުގެ ތެރެއަށް އިންސާނާ ގެންދަނީ އޭނާއަށް ނުވެސް އެނގި ހުރެއެވެ. ތިމާއަށް ކޮށްލެވޭ ކުޑަކުޑަ ކަމަކުން ތިމާގެ ދުނިޔެ އަނދިރިވެގެން މިދަނީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަނބިމީހާއަށް މިއަދު ދެން ދެއްކޭނީވެސް ކޮން މޫނެއްހެއްޔެވެ؟ މައިންބަފައިންނަށް އެއްބަނޑު އެއްބަފާ މީހުންނަށް ކުރެވޭނީވެސް ކީއްހެއްޔެވެ؟ ދަރިންގެ ކުރިމައްޗަށް އެނބުރި ދާނީވެސް ކޮން ސިފައެއްގައި ހެއްޔެވެ؟ ތިމާގެ އަބުރު ކިލަނބު ކޮށްލީމާ ރައްޓެހިންގެ ކުރިމައްޗަށްގޮސް އަނގަ ހުޅުވާނީ ކީކޭ ކިޔާފައި ހެއްޔެވެ؟ ހުރިހާ ފަރާތެއްވެސް ފެންނަމުން މިދަނީ އަނދިރިކޮށެވެ. ދުނިޔެ މިވަނީ ކަޅު ވިލާތަކުން ބަނަވެފައެވެ. މި ވިލާތައް ރޫޅިގެންގޮސް ވެހޭނީ ކޮންފަދަ ވާރޭއެއްކަމެއްވެސް ނޭނގެއެވެ.

ނުތަނަވަސްކަމުގެ އުދާސްތަކާއި ފޮލާތައް އެއް ކައިރިކޮށްލާފައި ޔަޒްދާން އޭނާގެ ފުރާނަފަދަ ލޯބިވާ ބޭބެ ޔަޒާނާ ކައިރިވެލިއެވެ. ޔަޒާންގެ ލޯ މަޑުމަޑުން ހުޅުވުނެވެ. ދެލޮލުގައިވަނީ ވަރުބަލިކަމެވެ. ޔަޒްދާން ފެނުމުން ޔަޒާނަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ތެދުވާން އޭނާ ބޭނުމެވެ. ތެދުވާން އުޅެފައި އަނެއްކާވެސް އޭނާ އޮށޯތެވެ. ހަށިގަނޑުގައި ތެދުވާނެހާ ބާރެއްނެތެވެ. އެންމެ ކުޑަމިނުން ލޯބިވާ ކޮއްކޯއޭ ކިޔާފައި ގޮވާލާނެ ހިތްވަރެއްވެސްނެތެވެ. ޔަޒާން ހިތުގައި ޖެހުނެވެ. ދެލޯ ކަރުނުން ފުރުނެވެ. ކަރުނައިގެ ފުސްކަމުގެ ތެރޭގައި އޮވެ އޭނާ ކޮއްކޮއަށް ހަނާ އަޅާލިއެވެ. އެވަގުތު ޔަޒްދާނަށް ކުރީ ވަރަށް ހިތި އަސަރެކެވެ. މަޑުމަޑުން ޔަޒްދާންގޮސް ޔަޒާންގެ އެނދު ކައިރީގައި ހުއްޓުނެވެ. ޔަޒާންގެ އަތް ޔަޒްދާނަށް ދިއްކޮށްލިއެވެ. ޔަޒްދާނަށް ބޭބެގެ އަތުގައި ހިފައި ގަނެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.

"ކޮއްކޮ އައީތަ!" ޔަޒާންގެ ލޮލުން ކަރުނަ ހިނގާލިއެވެ.

"އާނ!. މިއައީ ހަމަ މިރޭ. " ޔަޒްދާން ބޭބެއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

"ކޮއްކޮއަށް އާދެވިއްޖެ. ކޮއްކޮގެ ނަޞީބު ހުރީތީ ބޭބެއާ ތި ބައްދަލުވީ. އެކަމަކު މާ ލަސްވެއްޖެނަމަ ތިފުރުޞަތެއް ނުލިބޭނެކަންނޭނގެ." ޔަޒާންގެ އަޑު ބެދޭގޮތްވިއެވެ.

"ނޫން! ތިޔަހެން ނުބުނޭ ބޭބޭ. ތަޤުދީރުގައި ބައްދަލުވާން ހުރީމާ މިއާދެވުނީ." ޔަޒްދާނަށް ވެސް ވާހަކަ ދައްކަން އުނދަގޫވިއެވެ.

"ވަރަށް އުފާވެއްޖެ. އެކަމަކު….." ޔަޒާންގެ ބަސް ހުއްޓުނެވެ.

"ކިހިނެއްވީ؟…. އިރާދަކުރެއްވިއްޔާ ބޭބެ އަދި ރަނގަޅުވާނެ." ޔަޒްދާން ބޭބެ ހިތްހަމަޖައްސުވައިދެވޭތޯ ބެލިއެވެ.

"ނޫން! އަހަންނަކީ މިހާރު ނެތް މީހެއް. ދުނިޔެއަށް ބޭކާރު މީހެއް. ދިރިހުއްޓަސް މާދަމާއަށްވެސް އެއްވެސް އުއްމީދެއް ނެތް. ވަގުތު ވަރަށް ކުޑަ ތަން ވެއްޖެ." ޔަޒާންގެ ލޮލުން ކަރުނަތައް އުތުރިގަތެވެ.

"ދެން ތިވާހަކަ ނުދައްކާ. އަރާމުކޮށްލެވޭތޯ ބަލާ. މާގިނަ ވާހަކަ ދެއްކީމާ ރަނގަޅެއް ނުވާނެ." ޔަޒާންގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ޔަޒްދާން ބުނަމުން ދިޔައެވެ.

"އަހަރެން ވާހަކަ ދެއްކިޔަދީ. ދެން އިތުރު ފުރުޞަތެއް އަހަންނަށް ނުލިބި ހިނގައިދާނެ. ކޮއްކޮ ގާތުގައި ބޭބެ ބުނަން ބޭނުން ވަރަށް ގިނަ ވާހަކަތައް އެބަހުރި. މިއީ ބޭބެގެ މަރުމަތީގައި ކުރާ އާދޭހެއް. ވަޞިއްޔަތެކޭ ބުންޏަސް އެންމެ ރަނގަޅު." ޔަޒާންގެ ލޯ މަރާލިއެވެ.

"ތިޔަހެން ނުބުނޭ ބޭބޭ! ބޭބެއަކަށް ތިހެން ވާކަށް ނޭދެން. ބޭބެޔާ ނުލާ އަހަރެމެން ދިރިއުޅޭނީ ކިހިނެއް؟. އިރާދަކުރެއްވިއްޔާ ބޭބެގެ ޙަޔާތަށް އަދި މާދަމާ އަންނާނެ." ޔަޒްދާން ގަދަކަމުން ހީލެވޭތޯ ބެލިއެވެ.

"ނޫން! މި ޙަޔާތަކަށް ދެން މާދަމާއެއް ނާންނާނެ. ހުރިހައި ފަރާތަކުންވެސް ފެންނަނީ އަނދިރިކަން. ބޭބެގެ ދުނިޔޭގައި އަލިކަމުގެ ނަޞީބަކީ ދެން އޮތް އެއްޗެއްހެން ހީނުވޭ. ތަޤުދީރު ބޭބެ ބޭޒާރުކޮށްލައިފި. މިއީ ބޭބެގެ ވިޔާނުދާ އުޅުމުގެ ނަތީޖާނޫން ދެން ކޮން އެއްޗެއް." ޔަޒާން ގިސްލާން ފެށިއެވެ.

ނޫން! ބޭބޭ! ތި ވާހަކަ ދެން ދެއްކުމުގެ ބޭނުމެއް ނެތް. ބޭބެއަށް އަރާމު މިވަގުތު ވަރަށް މުހިއްމު. ދެންވެސް ކުޑަކޮށްވެސް ހަމަޖެހޭނީ ނިދާލެވުނީމާ." ޔަޒާންގެ ވާހަކައަށް ޔަޒްދާން ހުރަސް އަޅަމުންދިޔައެވެ.

"އާނ! މިއީ ނަޞީބޭ ބުނާކަށެއް ނެތިން. ދަތުރުކުރަން ދާން އުޅުމުންވެސް ބައްޕައާއި މަންމަ އެކަމަށް ނަފުރަތުވި. ބޭބެ އެކަމާ ކުރިމަތިލީ އެމީހުންނާ ދެކޮޅަށް. އެމީހުން އެދުވަހު ދެއްކި ވާހަކައަކީ ބޭބެއަށް އެހާ މުހިއްމު ވާހަކައަކަށްނުވި. އެކަމަކު އެދުވަހު އެމީހުން އެވާހަކަ އެދެއްކީ ކޮންމެވެސް ތަޖުރިބާތަކެއް ހުރީމާ. ވިސްނޭނީ މާފަހުން. ވިސްނުނުއިރު ޙާލަތު މިވަނީ ބަދަލުވެފާ. ރޯލަރޯލާ މިހެން އޮތުން ނޫން އެހެން ގޮތެއް ނެތް." ޔަޒާން އޭނާއަށް ކުރަމުންދާ އަސަރުތައް ޔަޒްދާނަށް ބުނެދެވޭތޯ ބަލަމުން ދިޔައީ އަސަރާއެކުގައެވެ.

"ބޭބޭ! ދެން ހުއްޓާލާ!. އަހަންނަށް ތިޔަ ވާހަކަތައް އަޑުއަހާކަށް ކުޅަދާނައެއްނޫން. އަހަންނަށް ހުރިހައި ކަމެއްވެސް މިއަދު ވިސްނިއްޖެ. މިދުވަސް މިހެން އަޔަސްވެސް އަހަރެން ކެތްކުރާނަން." ޔަޒްދާނަށްވެސް ރޮވެން ފެށުނެވެ.

"އާނ. އަހަންނަށްޓަކާ އަހަރެމެންގެ ޢާއިލީ ލޯތްބަށްޓަކައި ބޭބެ މިއެދޭ އެދުން ފުރިހަމަކޮށްދޭތި. ކޮއްކޮއަކީވެސް އަދި ޒުވާންކުއްޖެއް. ޢާއިލީ ގުޅުން ކެނޑިގެންދާކަށް ބޭބެ ނޭދެން. ބޭބެ ބޭނުންވަނީ……." ޔަޒާނަށް ވާހަކަ ކުރިއަށް ނުގެންދެވުނެވެ.

"ބޭބެ ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނުނު." ޔަޒްދާން ޙައިރާންކަންމަތީ ހުރެ ބުންޏެވެ.

"މާފު ކުރޭ! ބޭބެ ބުނެދެވޭތޯ ބެލީ ބޭބެ ނެތް ދުވަހަކުން ޢާއިލާގެ ހުރިހައި ޒިންމާއެއް ނަގާނެ މީހަކީ ކޮއްކޮ ކަމުގާ. އެކަންވާނީ އެހެން. ލޯބިވާ އަނބިމީހާއާއި ދަރިފުޅަށް ވާނީ ކީއްކަންވެސް ނޭނގެ. ޢާފިޔާގެ ދެމައިން ދުނިޔެއަށް ގިނަވެދާނެތީ ކަންބޮޑުވޭ. އެއީ އަހަރެންގެ ހުރިހައިވެސް ބަޔަކީ. އެދެމައިން އަހަންނާ ނުލާ ދުނިޔޭގައި އުޅޭނީ ކިހިނަކުންބާވައޭ ހިތަށް އަރާ. އާފިޔާއަށް އަހަރެންގެ ބަލި އެނގުނަސް އެ ތުއްތު މައުޞޫމް ޔޫހާއަށް އެކައްޗެއްވެސް ނޭނގޭނެ. ބައްޕައެއްގެ ލޯބި އެންމެ ބޭނުންވި ދަނޑިވަޅުގައި އަހަރެން މިޖެހޭނީ އޭނަޔާ ވަކިވާން. މިވާހަކަ އަހަރެން އޭނަޔަށް ބުނެދޭނީވެސް ކިހިނެއް؟" ޔަޒާންގެ ލޯ މަރާލިއެވެ. އެވަގުތު ކަރުނަތައް ފޫދިގެން ފައިބަމުންދިޔައެވެ.

"ވިސްނިއްޖެ. އަހަރެން ދުނިޔޭގައި ހުރިހައި ހިނދަކު އެމީހުން ގިނައެއް ނުވާނެ. އެދެމައިންނަށްޓަކައި ބޭބެ ދެކެވާ ލޯތްބަށްޓަކައި ކޮންމެފަދަ ޤުރުބާނެއްވާންވެސް އަހަރެން މިހުރީ ތައްޔާރަށް."

"ތިޔައީ ތެދުވެރި ކޮއްކޮއިންގެ ގޮތަކީ. ތި ކުރެވުނީ ވައުދެއް. ބޭބެ ވަރަށް އުފާވެއްޖެ. ބޭބެއަށް މިހާރު ކުޑަ ހިތްހަމަޖެހުމެއް ލިބިއްޖެ." ޔަޒާންގެ ލޮލުން ބަންޑުންވަމުންދިޔަ ކަރުނަތައް އޭނާ ފުހެލިއެވެ.

"ބޭބެ އަހަންނާ ތިޔަ ޙަވާލު ކުރީ ވަރަށް ބޮޑު ޒިންމާއެއް. ބޭބެ ނެތް ދުނިޔެއެއްގައި އާފިޔާ އަހަރެމެންނަށްޓަކާ އެފަދަ ޤުރުބާނެއް ވެދާނެބާއޭ ހިތަށް އަރާ. އަދި ބޭބެގެ ދަރިފުޅު އަހަރެމެންނާ އެއް ހިޔާވައްސެއްގައި ދިރިއުޅެން ރާވާފާނެބާއޭ ހިތަށް އަރާ. އޭނައަކީވެސް މާލޭ މީހެއް. ރަނގަޅު ޢާއިލާއަކުން އައިސްހުރި ގޮތްހުރި އަންހެނެއް. ޢާފިޔާގެ ވިސްނުން ބަދަލުވެއްޖެއްޔާ ދެން…………" ޔަޒްދާންގެ ވާހަކަ މެދު ކަނޑާލިއެވެ.

"އެއަށްވުރެ އަހަރެންގެ ލޯބިވާ ކޮއްކޮގެ ވިސްނުން ރަނގަޅުވާނެކަމަށް ދެކެނީ." ޔަޒާން ބުނި އެއްޗެއްގެ މާނައެއް ޔަޒްދާނަކަށް ނުވިސްނުނެވެ.

އެވަގުތު އަބީރާއި އޭނާގެ އަންހެނުން ސަލްމާ މިތަނަށް އައިސް ހުއްޓުނެވެ. ދެބެއިންގެ މޫނުމަތިން ފެންނަމުންދިޔަ ކުލަތަކުން އެ ދެމަފިރިންނަށް ވެސް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެދެމަފިރިން ފުންގޮތަކަށް ޔަޒާނަށް ބަލައިލިއެވެ. އަދި ހީލެވޭތޯ ބެލިއެވެ.

"ދަރިފުޅާ! ނިދާލެވެތޯ ބަލަންވީނު." ޔަޒާންގެ އަތުގައި ފިރުމާލަމުން ސަލްމާ ބުންޏެވެ.

"ކިހިނެއް އަބަދު ނިދާނީ. ނިންޖެއް ނާދޭ. ކޮއްކޮ އައީމާ ނިދާ ހިތެއްވެސް ނެތް." ކުޑަ ކުއްޖެއް ފަދައިން ޔަޒާންގެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އެކަމަކު އަރާމު ކުރުމަށް ޑަކުޓަރުވެސް ނަސޭޙަތް ދެއްވިއޭނު. ދަރިފުޅަށް އަރާމުކުރުން ވަރަށް މުހިއްމު." ސަލްމާ ޔަޒާންގެ ފަންފަން އިސްތަށިގަނޑުގައި ފިރުމާލަމުން ބުންޏެވެ.

"މިރޭ އަހަރެން ބޭނުންވަނީ އުފާކުރަން. މަޖާކުރަން. އޭގެފަހުން ނިދާނީ. އެއްވެސް މީހަކު އަހަރެންގެ އުފާތަކަށް ހުރަސް ނާޅާތި." ޔަޒާންގެ ވާހަކަ ހުރިގޮތް ފެނުމުން ސަލްމާގެ ދެމަފިރިންނަށް ކުރުވީ ވަރަށް ހިތި އަސަރެކެވެ. ޔަޒާންގެ ކައިރީގައި ޔަޒްދާން ބޭންދުމަށްފަހު އެދެމަފިރިން ބޭރަށް ޖެހިލީ އެމަންޒަރު ބަލަން ކުޅަދާނަ ނުވެގެންނެވެ.

ޔަޒާން ހުއްޓާނުލާ މަޖާ ކޮށްކޮށްފައި ހެމުން ގެންދިޔައެވެ. ޅައިރުގެ ހަނދާންތައް އައު ކޮށްކޮށްފައި ހެމުން ގެންދިޔައެވެ. ދަތުރުކުރަންގޮސް އުޅުނުއިރުގެ މަޖާ ވާހަކަތައް ކިޔައިދެމުން ރޮމުން ގެންދިޔައެވެ. އެދުވަސްވަރު ކުރެވުނު ކަންތައް ހިތަށް އަރާފައި ގިސްލަމުން ގެންދިޔައެވެ. އޭނަޔާ އެންމެ ކައިރީގައި އިނީ ކާކުކަމެއްވެސް ޚުދު އޭނާއަކަށް ނޭނގޭ ކަހަލައެވެ. އެހެނަސް އޭނާއަށް މަޖާ ކުރެވުނީ ކުޑަ ހިނދުކޮޅަކަށެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *