ވާހަކަ: ސިކާރަ

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

އޭގެ ހަފުތާއެއް ފަހުން ޢަބީރުގެ ޢާއިލީ މެންބަރުން އެނބުރި މާލެ އައީ އައު އުއްމީދުތަކަކާއެކުގައެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާދިޔަ އެއްވެސް ކަމެއް ޢާފިޔާއާއި އޭނާގެ ލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅު ނުދެނެހުއްޓެވެ. އެހެންކަމުން ކުރިންވެސް ގޭތެރޭގައި އޮތް އުފާވެރިކަން އެގޮތުގައި ދެމި އޮތެވެ. ތަފާތަކަށް ވެގެން ދިޔައީ ޔަޒާންގެ ނިދާ ކޮޓަރި ބަދަލުވި ބަދަލުވުމެވެ. ޢާފިޔާ އެކަމަކަށް މާބޮޑު ޝަކުވާއެއްނެތެވެ. އެއީ މިވަގުތު އޭނާގެ ޙާލަތުކަން އޭނާއަށް ވިސްނެއެވެ.

ޔަޒާނާއި ޢާއިލާ އެނބުރި އައުންވީ ލޯބިވާ ދަރިފުޅަށްވެސް ލިބުނު އުފާވެރި ކަމަކަށެވެ. އެތުއްތު ދަރިފުޅު އެންމެ ފަހަރަކުވެސް ޔަޒާންގެ ކޮޓަރިން ފިލާ ނުދެއެވެ. ހިތުގައި އަޅާ ވޭން ކިތަންމެ ގަދަވެފައިވިޔަސް އެއިން އެއްވެސް ވާހަކައެއް ދަރިފުޅުގެ ގާތުގައި ބުނެދޭނެ ހިތްވަރެއް ޢާފިޔާގެ ނެތެވެ. ފިރިމީހާއަށް ޚިދުމަތް ކުރުމުގައި ޢާފިޔާގެ ރޭދުވާ ކުރު ކުރަމުން ގެންދިޔައެވެ. ޔަޒާނާއެކު އުޅެވުނު އުފާވެރި ދުވަސްތަކަކީ ޢާފިޔާގެ ހިތުގައި ތަފާތު އިޙުސާސްތަކެއް ކުރެވިފައިވާ ހަނދާންތަކެކެވެ. މިފަދަ ކަމެއް ކުއްލިއަކަށް އޭނާގެ ޙަޔާތަށް އަތުވެދާނެކަމަކަށް ހުވަފެނުންވެސް ދެކެފައިނުވެއެވެ. ޔަޒާންގެ ކައިރީގައި އިންނަ ކޮންމެ ވަގުތަކު ޢާފިޔާގެ ހިތް ރޮއްވަމުން ގެންދެއެވެ. ޔަޒާން ހިތްހަމަޖައްސުވައިދޭން އޭނާ ބޭނުންވެއެވެ. އުފާކޮށްދޭން ވަރަށް ބޭނުންވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އެ ހުރިހައި އުފަލެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފޭރިގެންފިއެވެ. ދެނެއް އޭނާއަކަށް އެގޮތުން ޔަޒާނަކާ ކައިރިއެއް ނުވެވޭނެއެވެ. ޔަޒާނަކަށް ލޯތްބެއް ނުދެވޭނެއެވެ. މި ދެމެދުގައި ހުރަހަކަށްވެފައިވަނީ ވަރުގަދަ ފާރެކެވެ.

ޢާފިޔާގެ ޖަޒްބާތުތައް ބަންޑުންވަމުންދިޔައެވެ. ޔަޒާނާ ނުލާ އޭނާ ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ޒުވާން ޙަޔާތުގެ ބާކީ އޮތްބައި ފުރިހަމަ ކުރާނީވެސް ކިހިނެއްހެއްޔެވެ؟ ޢާފިޔާ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ. އެކަރުނަތައް ނިދިފައި އޮތް ޒުވާން ޔަޒާންގެ މޭމައްޗަށް އޮހެމުން ދިޔައެވެ. ޔަޒާނަށް ކުއްލިއަކަށް ހޭލެވުނެވެ. އެވަގުތު ލޮލާ ލޯ ބައްދަލުވިއެވެ. ޒުވާންކަމުގެ ޖަޒްބާތުތައް ހުޅުދާންވިއެވެ. އެއްވެސް އިޚުތިޔާރަކާ ނުލާ ޢާފިޔާއަށް ޔަޒާންގެ ތަނަވަސް މޭމަތީގައި ބޯ އަޅާލެވުނެވެ. ޔަޒާން މަޑުމަޑުން އެ ފަށުއިގަނޑެއްފަދަ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެ ފިރުމާލުމުގައިވަނީ އޯގާތެރިކަމެވެ. ލޯތްބެވެ. ޔަޒާންގެ ހިތް އަވަސްވާން ފެށިއެވެ. އެހެނަސް އޭނާގެ ޖަޒްބާތުތައް ކޮންޓްރޯލް ކުރިއެވެ.

"……….ނޫން. މިއަދު އަހަންނަކީ ތިޔަފަދަ އުފަލެއް ދެވޭވަރުގެ މީހެއްނޫން. މާފުކުރޭ." ޔަޒާންގެ މޫނު އަނެއް ފަރާތަށް އެނބުރުނެވެ. އެވަގުތު ޢާފިޔާ ގިސްލަމުން ގެންދިޔައެވެ. އެގިސްލުމުގެ ތެރެއިން އާހުގެ އަޑު ފާޅުވެވޭ ހުއްޓެވެ.

" ޢާފީ! އަހަންނަކީ ކުޑަ ދުވަސްކޮޅެއްގެ މެހްމާނެއް. އަހަރެންގެ ދަތުރު ވަރަށް ކުރު. އެންމެންގެ ލޯބި އަހަންނަށް ލިބިއްޖެއްޔާ އަހަރެންގެ ދަތުރު ދިގުވެދާނެކަން ނޭނގެ. އެއެއް ދެނެވޮޑިގެންވާނީ ﷲ. ތިޔަ ދެމައިންނާ ވަކިވާކަށް އަހަރެން ނޭދެން. ދުވަހަކުވެސް ނޭދެން. އެކަމަކު…… މިއަދު އަހަރެން ހިތާމަކުރަން. ތިޔަފަދަ ވަފާތެރި އަނތްބަކަށް ޚިޔާނާތްތެރި ވެވުނީމާ. އެއީ އަހަންނަށް ހުވަފެނެއްފަދަ ދުވަސްވަރެއް. އަހަރެންގެ ވަށައިގެން ފެނިގެން ދިޔައީ މުޅިން ވެސް އެނބުރުންތައް. އެންމެފަހުން އެ އެނބުރުންތަކާ ދިމާއަށް އަހަރެންގެ ހިތްވެސް އެނބުރުނީ. މިއަދު އެހެންނޫންނަމަ މި ހިތާމަ ކުރާކަށް އަހަންނަކަށް ނުޖެހުނީސް. މީހާ ހަލާކުގެ ތެރެއަށް ވެއްޓެނީ އަމިއްލަ ކުށުންކަން ޚުދު އަހަރެން ޤަބޫލުކުރަން. މިއީ އަހަރެންގެ ތަޤުދީރު ނޫން ދެން ކޮން އެއްޗެއް.؟"

" އަހަރެން ތިކަމަކާ ޝަކުވާއެއް ނުކުރަން. ތީ މިވަގުތު އަހަންނަށް ހުރި ﷲ ގެ ރަޙުމަތްފުޅު. ޔަޒާނަށް އުފާ ދޭން އަހަރެން ބޭނުން. ހިތްހަމަ ޖައްސައިދޭން ބޭނުން. އެކަމަކު …….."

"ނޫން. އަހަރެންގެ ސަބަބުން ޢާފިޔާގެ ޙަޔާތުގެ ބާކީ އޮތްބައި ކިލަނބު ކޮށްލާކަށް އަހަރެން ނޭދެން. އަހަރެން މިޙާލުގައި އުޅުނަސް ޢާފިޔާއަކަށް މިހެން ވާކަށް ނޭދެން. ޢާފިޔާގެ ލޯބި މިހާރުވެސް އަހަންނަށް ލިބެމުންދާކަން އަހަންނަށް އިޙުސާސް ކުރެވޭ. ޢާފިޔާ ޤަބޫލުކަމުގައިވަނީނަމަ ………….."

" ތިޔަހެން ނުބުނޭ. އަހަރެން ޔަޒާނާ ވަކިވާކަށް ނޭދެން. އަހަރެންގެ ދަރިފުޅު ތި ލޯބިން މަޙުރޫމް ކުރާކަށް ނޭދެން. ޔަޒާންގެ ބައެއްގެ ގޮތުގައި އަހަރެމެން ތިބޭނީ. މިކަން ޔޫހާއަށް އެނގިއްޖެއްޔާ ވަރަށް ދެރަވާނެ." ޢާފިޔާ ކަޅިޖަހާ ނުލާ ޔަޒާނަށް ބަލަހައްޓައިގެން އޮވެ ބުނަމުން ދިޔައެވެ.

" ކޮންމެވެސް ދުވަހަކުން މިކަން އެ މަންޖެއަށްވެސް އެނގޭނެ. އަހަރެން އެދެނީ އަހަރެން ވަކިވާ ފަހުންވެސް މި ވާހަކަ އެމަންޖެއަށް ކިޔައި ނުދިނުން. އެ ދުވަހަކުން އެމަންޖެ އަހަންނަށް ކުރާނެ ނަފުރަތު އަހަންނަށް އިޙުސާސް ކުރެވޭ. އަދި އޭނާގެ ބައްޕައަކީ އެހާ މުޑުދާރު މީހެއްގެ ގޮތުގައި ސިއްކަ ޖެހިފައިވާ މީހެއްކަން އެނގޭކަށް ބޭނުމެއްނޫން. އާފިޔާ މިކަން ސިއްރުކޮށްދޭތި. މިއީ އަހަރެން އެދޭ އެދުމެއް."

"ހުރިހައި ކަމެއްވެސް ސިއްރުކޮށްދޭނަން. އިތުބާރުކުރޭ." ޢާފިޔާ އެކޮޓަރިން ނިކުމެގެން ދިޔައީ ބޭރުފުށުން ހިތްހަމަޖެހިގެންކަމަށްވިޔަސް ހިތުން ރޮމުން ގިސްލަމުންނެވެ. މިގޮތުގައި ބަރާބަރު 3 މަހަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.

ބަރަކާތްތެރި ރަމަޟާން މަހަކަށް މުޅި ޤައުމު ތައްޔާރުވަމުންދަނީ އުފާވެރިކަމާއެކުގައެވެ. ގޭބިސީތައް ގޭތެރެ ފޮޅާ ސާފު ކުރަމުން ގެންދިޔައީ ޢާއިލީ ވަރަށް އުފާވެރި ރޫޙެއްގައެވެ. އާދައިގެ މަތިން ޢާފިޔާއާއި ޔަޒާންގެ ޢާއިލާ ވެސް މިއަދުގެ މަސައްކަތްތައް ހުއްޓިފައިވަނީ ގޭތެރެ ފޮޅާ ސާފު ކުރުމުގައެވެ. ޔަޒާން ވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރުމުގައި ބައިވެރިވިއެވެ. އެހެންކަމުން ބޮޑު ކޮޓަރިއާއި ބަދިގެއާއި ކާގެއާއި ކޮޓަރިތައް ސާފު ކުރަމުން ގެންދިޔައީ ވަކިވަކި މީހުންނަށް ބަހާލައިގެންނެވެ. މިހާރު ޢާފިޔާ އެ އަވަސްވަމުންދަނީ ޔަޒާންގެ ޚާއްޞަ ކޮޓަރި ފޮޅާ ސާފު ކުރުމަށެވެ. އަލަމާރިއާއި ވަތްގަނޑުތަކަށް ދަންދެން ފޮޅާ ސާފު ކުރަމުން ގެންދިޔައެވެ. ކުއްލިއަކަށް ޢާފިޔާގެ ލޯގޮސް ހުއްޓުނީ ސާފު ކުރުމުގެ ތެރޭގައި އަލަމާރީގެ ވަތްގަނޑުގެ ތެރެއިން ވެއްޓުނު ފައިލު ފެނިފައެވެ. ފަރުވާތެރިކަމާއެކު އެ ނަގާ ބަލައިލިއެވެ. އޭގެ އެތެރޭގައިވާ މެޑިކަލް ރިޕޯޓްތަކަށް ނަޒަރު ހިންގާލިއެވެ. އޭނާގެ ދެލޯ މުދުނަށް އަރައިގެން ދިޔައީ މަރު ސާބިތުކުރިކަމަށް ލިޔެފައިވާ ސުރުޚީ ފެނިފައެވެ. ބޮލަށް އެނބުރުން އެރިކަން އޭނާއަށް އެނގުނެވެ. އަދި ބާރަށް ހަޅޭއްލަވައި ގަނެވުނުކަންވެސް އެނގުނެވެ. ދެންވީގޮތެއް ނޭނގުނެވެ. ހޭވެރިކަންވީއިރު އޮވެވުނީ ނިދާ ކޮޓަރީގައެވެ. އެންމެ ކައިރީގައި ޔަޒާން ފެންކަޅިވެފައި އިނެވެ. އަނގައިންވަނީ ބަސް ހުއްޓިފައެވެ.

" ބުނޭ! ތީ ކާކު؟ ކީއްވެ އޮޅުވާލީ؟"

"އޮޅުވާއެއް ނުލަން. އޮޅުވާލިނަމަ އޮޅުވާލީ އެހެން ކޮންމެވެސް ބަޔަކު."

"ކީކޭ؟ ތިވަރުގެ ބޮޑު އޮޅުވާލުމެއް ކޮބާ؟ ގަދަވެ ސަލާމަތުންހުރި މީހަކު ބަލި މީހަކަށްވެގެން އައިސް އަހަރެންގެ ކުރިމަތީގައި ތި ކުޅުނީ ކޮންފަދަ ޑްރާމާއެއް. އަހަރެންގެ ލޯބިވާ ފިރިމީހާ އަހަންނާ ވަކިވެގެން އެދިޔައީ ނުވެސް އެނގިހުރެ. އޭނާގެ މޫނު އަހަރެމެންނަށް ނުދެއްކިއިރު އެންމެ ފަހަރަކުވެސް އޭނާ ދުނިޔޭގައި ނެތްކަން އަހަރެމެން ދެމައިންނަށް އަންގާލުން ކީއްވާނީ؟. މިއަދު އަހަންނަކީ ދުރު ހިލޭ މީހެއްކަން އިޙުސާސް ކުރެވިއްޖެ. އަދި އަހަރެމެން ދެމައިންނަށް މިގޭގައި އެއްވެސް ޙައިސިއްޔަތެއް ނެތްކަން ސާފުވެއްޖެ."

"ތިޔަހެން ނުބުނޭ. މިއީ އޮޅުވާލުމެއް ކަމަކަށް ނުދެކޭތި. މިއީ އަހަރެންގެ ލޯބިވާ ބޭބެއާއި މައިންބަފައިން އަހަންނަށް ކުރި މަޖުބޫރެއް. މިއީ ކުރިމަތިކުރުވީއިރުވެސް އަހަންނަށް ކުރަން ވަރަށް އުނދަގޫވި އިމްތިޙާނެއް. އެހެންގޮތަކަށް ބުނެދޭނަމަ މިއީ ބޭބެގެ މަރުގެ ވަޞިއްޔަތެއް. ތިޔައިގެ ދެމައިންނާ އަހަރެން ޙަވާލުވީ ބޭބެ ދެކެ ލޯބިވާތީ. ބޭބެއާއި ޢާއިލީ ލޯބި ދެމެހެއްޓުމަށްޓަކާ. ނަޞީބު ރަނގަޅު ކަމުން އެކަން އަހަންނަށް ކުރެވެން އޮތް. އަހަރެންގެ ސޫރަ މިކަމަށް ހުރިހައި އެހީތެރިކަމެއްވެދިނީ. ޢާފިޔާއާއި ކުރިމަތިލުމަށް އަހަރެން ހަދާނީ ކިހިނެއްބާއޭ ހިތަށްއެރި. މިގޭތެރޭގައި އުޅޭނީ ކިހިނެއްބާވައޭ ހިތަށްއެރި. ޔޫހާ ކޮއްކޮއަށް ބައްޕައެއްގެ ލޯބި ދޭނީ ކޮން ސިފައެއްގައިބާވައޭ ހިތަށްއެރި." ޔަޒްދާންގެ އަޑަށް އައި ބަދަލާއެކު ދައްކަމުންދިޔަ ވާހަކަ މެދުކެނޑުނެވެ.

ޙައިރާންކަންމަތީ ޔަޒްދާނަށް ބަލަހައްޓައިގެން ފެންކަޅިވެފައި ޢާފިޔާ އޮތެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ޢާފިޔާގެ ހަމަހިމޭންކަން ފޫދުއްވާލީ އަނެއްކާވެސް ޔަޒްދާނުގެ އަޑެވެ.

"އަހަންނަށް މާފުކުރޭ!. މިއީ އަހަރެން ނޭނގުމުގެ ތެރޭގައި ކުރިކަމެއްނޫން. ހުރިހައި ކަމެއްވެސް ކުރީ އެނގި ހުރެގެން. މިކަން އެނގޭނޭ ބަޔަކު މިގޭތެރޭގައި ތިބޭނެ. އެއީ ދުރު ހިލޭ ބައެއްނޫން. މިއީ ޢާއިލާއަށްޓަކައި ޢާއިލީ ލޯތްބަށްޓަކައި އަހަރެންގެ ހިތާއި ފުރާނައިންވީ ޤުރުބާނީއެއް. އެނގޭތަ 10 އަހަރުވަންދެން އަހަރެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާވެސް އަހަރެން ދޫކޮށްލީ ހިތާ ދެކޮޅަށް. އޭނާގެ އެއްވެސް ކުށެއްނެތި. ދިގު މުއްދަތެއްގައި ކިޔަވަމުންދިޔަ ކޯސް މެދުކަނޑާލާފައި އައިސް މިހުރީ މަންމައާއި ބައްޕަގެ އެދުމުގެ މަތިން. މިއަދު އެހެންނޫންނަމަ އަހަރެން ފެންނާނީ އަވަދިނެތި ޤައުމީ ޚިދުމަތުގައި މަސައްކަތްކުރާ ޑަކްޓަރެއްގެ ގޮތުގާ. ޢާފިޔާ ތިހެން ބުނުމުން އަހަރެން ވަރަށް ދެރަވެއްޖެ." ޔަޒްދާން އެނދުން ތެދުވެ ކޮޓަރިތެރޭގައި ހިނގަން ފެށިއެވެ. އޭނާ ފުރަގަސްދީގެންހުރެ އަނެއްކާވެސް ވާހަކަ ދެއްކޭތޯ ބަލަމުން ދިޔައެވެ.

"ޢާފިޔާ! އަހަންނަށްޓަކައި ހިތްބަރު ނުކުރުން އެދެން. ޒީދާނަށް ހެދިގެން އުޅުމަށްޓަކައި އަހަރެން އެތަކެއް އުފަލުން މަޙުރޫމްވިން. އަމިއްލަ ހެދުންތައް ލުން ހުއްޓާލުމަށްފަހު އެހެން މީހެއްގެ ހެދުންތައް ލިން. އަމިއްލަ ފޯން ރައްކާކުރުމަށްފަހު އެހެން މީހެއްގެ ފޯނެއް ބޭނުން ކުރަމުން ގެންދިޔައިން. އަމިއްލަ ކޮޓަރި ހުހަށް ބެހެއްޓުމަށްފަހު އެހެން މީހުންނާ ވަކިން އެހެން ކޮޓަރިއެއްގައި ދިރިއުޅެން ފެށިން. ބޭނުމަކީ 3 މަސް ހަމަވަންދެން އަބުރުވެރިއެއްގެ ގޮތުގައި ދެމިހުރުން. އޭގެފަހުން ޢާފިޔާ އަހަރެންގެ ބައިވެރިއެއްގެ ގޮތުގައި ހެދުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް. މިހުރިހައި ޤުރުބާނީއެއްވެސް އަހަރެން މިވީ ޢާފިޔާ ތިޔަގޮތަށް އިސް ޖަހާލަފާނެތީ. އަހަރެންގެ ޢާއިލާއާއި މަރުޙޫމް ބޭބެ އެދޭގޮތް ފުރިހަމަ ނުވެދާނެކަމުގެ ބިރަށްޓަކާ. ކޮންމެ ގޮތަކަށް އިޚުތިޔާރު ކުރިޔަސް އަހަރެން ކެތްކުރާނަން. ޤަބޫލު ކުރާނަން. އަހަރެން މިހާވަރުވެފައި މިހުރީ ބަލި ޤަބޫލުކުރަން ދަސްވެގެން. ކުޅިވަރު ކުޅުމުގެ ތެރެއިންނާއި ސުކޫލުގައި ހޭދަކުރި ދުވަސްތަކުގައި އެކަން އަހަންނަށްވަނީ ދަސްވެފާ." ޔަޒްދާންގެ މޫނު ޢާފިޔާ އޮތް އެނދާ ދިމާއަށް އަނބުރާލިއެވެ.

ޢާފިޔާގެ ދެލޮލުން ކަރުނަ އޮހެރެމުން ދިޔައެވެ. އޭނާ ގިސްލަމުންދިޔައެވެ. އޭނާ ޔަޒްދާނަށް ބުނެދޭން ބޭނުން އެތައް ވާހަކައެއް އެބަހުއްޓެވެ. އެކަމަކު ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އޭނާ ވަރަށް މަސައްކަތުން ވާހަކަ ދެއްކޭތޯ ބެލިއެވެ.

"މާފުކުރޭ. އަހަންނަކީ ޔަޒްދާން ތިޔަ ހީކުރާ ކަހަލަ މީހެއްނޫން. ޔަޒްދާންގެ ވާހަކަ ވަރަށް ރަނގަޅަށް އަޑު އަހައިފިން. ޔަޒްދާންގެ ޢާއިލީ ހުވަފެންތަކާއި އުއްމީދުތައް އިވިއްޖެ. ބޭބެގެ އެންމެފަހުގެ ވަޞިއްޔަތްވެސް އެނގިއްޖެ. އެކަމަކު ޔަޒްދާނަށް ލަނޑެއްދޭކަށް އަހަރެން ނޭދެން. އަހަރެންނާ ގުޅުމުން ޔަޒްދާނަށް މިއަދަކު އެއްވެސް އުފަލެއް ނެތް. ބޭބެ ފަދައިން އަހަންނަކީވެސް އެޗް.އައި.ވީ ޕޭޝަންޓެއް. މިކަމުގައި ބޭބެގެ އެއްވެސް ކުށެއް ނެތް. ކުށްވެރިއަކީ އަހަރެން. އެންމެން ވެސް ހީކުރަނީ ބޭބެއަށް މިބަލި ވާރުތަވީ ދަތުރުކުރަންގޮސް އުޅުމުގެ ތެރެއިންކަމަށް. އެކަމަކު އެއީ ކުށް ހީއެއް. ބޭބެ މިބަލީގެ ސިކާރައަކަށްވީ ޚުދު އަހަރެން. އެކަމަށް މިއަދު އަހަރެން ލަދުވެތިވަން. އަހަންނަށް މިލަނޑުދިނީ ދުރު މީހެއްނޫން. މިގޭ ތެރެއަށް އަބަދު އައިސް އުޅޭ ބޭބެއާއެކު އެއް ބޯޓެއްގައި ދަތުރުކުރި ދެބެންގެ ދެދަރި ފާއިޒު." ޢާފިޔާގެ އަނގައިން ބޭރުވަމުންދިޔަ ހިތި ޖުމްލަތަކުން ޔަޒްދާންގެ ދެލޯ ބޮޑުވެގެންދިޔައެވެ. އޭނާ ހުރިތަނަށް ގާވި ކަހަލައެވެ. ހިލައިގެ ބުދެއްފަދައިން އެއްވެސް ޙަރަކާތެއްނެތި ހުރެވުނީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭނގުނެވެ.

"ޤަބޫލު ނުކުރެވެންޏާ މިފައިލު ބަލައިލާ! އޭރުން ހުރިހައި ކަމެއް ސާފުވާނެ." ޢާފިޔާ ދިއްކޮށްލި ފައިލުގައި ޔަޒްދާނަށް ހިފަހައްޓާލެވުނީ ހަމަކިރިޔާއެވެ. އޭނާ އަރިއަޅާލައިގެން ވެއްޓުނެވެ. އެވަގުތު ޢާފިޔާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ޢަބީރުގެ ދެމަފިރިން އެއަޑަށް ކޮޓަރިތެރެއަށް އައިސް ވަންއިރު ޔަޒްދާންގެ ފުރާނަވަނީ މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އާނއެކެވެ. ޢާއިލާއަށްޓަކައި އަމިއްލަ ފުރާނައިންވީ ޤުރުބާނީގައި އެއްވެސް އަގެއް ނެތުމުން އެއަސަރުތަކަށް ކެތް ނުކުރެވިގެން އޭނާގެ ހިތް ހުއްޓުނީއެވެ. އަބަދުގެ އަބަދަށެވެ.

އޭގެ ދުވަސްގަނޑެއްފަހުން މި ބަލީގައި ޢާފިޔާ ވެސް ދުނިޔެ ދޫކޮށް ދިޔަފަހުން ކަންވީގޮތް ސާފުވުމުން ޢަބީރުގެ ދެމަފިރިންނަށް ލިބުނީ ކުއްލި ޝޮކެކެވެ. މިގޭ ތެރެއަށް ވަދެ އުޅުނު ގާތް ތިމާގެ މީހެއްގެ ފުށުން އޭނާގެ މުޅި އާއިލާ ހަލާކުގެ ތެރެއަށް ވެއްޓުނީމައެވެ. ފާއިޒާ ގުޅުން އޮތް މިފަދަ އެތައް މައުޞޫމް އަންހެނުން މި ކުޑަ މުޖުތަމަޢުގައި މިއަދު އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮލަރުގެ ޖާދޫގައި ޖެހިގެން މިފަދަ އެތައް ބަޔަކު ވަނީ މީގެ ކުރިން ވެސް އޭނާގެ ސިކާރަކޮށްފައިވެއެވެ. ކައިވެނިން ބޭރުންނާއި އެތެރެއިންނެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *