ދުފުމަކީ ދިވެހިންގެ ދިރިއުޅުމާއި ވަރަށް ކުރީ ޒަމާނުއްސުރެ ގުޅި ލާމެހިފައިވާ ކަމެކެވެ. ގިނަ ރަށްރަށުގައި ގިނަ ގޭގޭގައި ދުފުމަށް ޚާއްސަކޮށް ދުފާ ފޮށި، ނުވަތަ ތަބަށް، މަޑިސީލަ ތައްޔާރު ކޮށްފައި ހުރެއެވެ. މިކަންގިނައިންކުރަނީ، އުމުރުންދުވަސްވެފައިވާ މީހުންނެވެ.
ބީޓުލް ނަޓް ނުވަތަ ފޯއް ބޭނުން ކުރަނީ އެ ކެއުމުން ކުރާ އިހުސާސަކުން ކަމަށް ހޯދުންތަކުން ބުނެ އެވެ. އޭޝިޔާގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ފޯކަކީ ނިކޮޓީން އާއި އަލްކޮހޯލް އަދި ކެފެއިން އިން އިންސާނާގެ ސިކުނޑިއަށް ލިބޭ ގެއްލުމާ އެއްވަރުގެ ހަމަލާއެއް ދޭ އެއްޗެއްކަމަށް ސައިންސުވެރިން ބުނެ އެވެ.
މިހާރަކަށް އައިސް މިއަދުގެ ޅަފުރައިގެ ޒުވާނުން ހޮޓާތަކަށް ކޮފީބޯން ނުވަތަ ކައި ނިންމާލުމަށް ފަހު ދުފުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. ޒުވާނުން ނޫނަސް ހުރިހާ އުމުރެއްގެ މީހުން ބޭނުން ކުރަމުން އަންނަ ފޯކަކީ ކުޑަ ވަގުތު ކޮޅެއްގެ ފައިދާއެއް ލިބޭ އެއްޗެއް ކަމަށްވީ ނަމަވެސް އެ ބޭނުންކުރާ ފަރާތްތަކަށް ފަހުން އެއިން ވާ ގެއްލުންތައް ބޮޑެވެ. ފޯއް ދުފާ ގިނަ މީހުންނަކީ “އޯރަލް” ކެންސަރުގެ ޝިކާރައަކަށްވާ މީހުންނެވެ.
ތަފާތު ސަގާފަތާއި އާދަކާދަތަކުގައި ފޯއް ބޭނުން ކުރަމުން އަންނަނީ އިތުރު ބާވަތްތަކާ އެކު އެވެ. އެގޮތުން އެ ބޭނުން ކުރާއިރު ހުންޏާއި ކާފޫރުތޮޅި އާއި ފޮނިތޮއްޓާއި ދުންފަތް ފަދަ ތަކެތި އެޅުމަކީ އާންމުކަމެވެ. އޭގެ ތެރެއިން ކާފޫރުތޮޅި އާއި ފޮނިތޮށި ފިޔަވައި އެހެން ބާވަތްތަކަކީ ކާސިނޯޖެން އެވެ. އެއީ ކެންސަރު ޖެހުމަށް މަގުފަހިވާ ތަކެއްޗެވެ.
ތިމާއަށް މިކުރެވޭ ކަންތަކާއިމެދު އެއްވެސް މީހަކު ވިސްނާލިން ބާވައެވެ. މިކަމުގެ ސަބަބުން ތިމާ ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވެއެވެ. އެހެންވީމާ އެކަން ހުއްޓާނުލާވާން އެބައޮތް ހެއްޔެވެ. ދުފުމަކީ އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާކަމަކަށް ވާތީއެވެ.
އަނގައިގެ ކެންސަރު އެންމެ ގިނަ ގައުމުތަކުގެ ތެރޭ ދިވެހި ރާއްޖެ ހިމެނެއެވެ. ކެންސަރު ބަލި ރާއްޖޭގައި ގިނަވަނީ ދުންފަތްލައިގެން ދުފާމީހުންނާއި، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އާދަޔާ ޚިލާފަށް ގިނަކަމަށްވާތީއެވެ. ޚާއްޞަކޮށް ދުންފަތް ލައިގެން ދުފާ މީހުންނަށް މިކަމުގެ ގެއްލުން ބޮޑުކަމަށް ޞީއްޙީމާހިރުން ވިދާޅުވެއެވެ. އަނގައިގެ ކެންސަރު ފެންނަނީ އަނގައިގެ ތެރޭގައި ފާރުކޮޅެއް ނުވަތަ ދިރުމެއް އުފެދި، ފިލައިނުގޮސް ގިނަ ދުވަސްވުމުންނެވެ. އަނގައިގެ ކެންސަރު އާންމުކޮށް ޖެހެނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށެވެ.
އަނގައިގެ ކެންސަރުގެ ތެރޭގައި ހިމެނެނީ ތުންފަތާއި، ދުލާއި، ކޮލާއި، މަތީ ތައްޔާއި، ތިރީ ތައްޔާއި، އަދި ކަރުގެތެރޭގައި އުފެދޭ ކެންސަރުތަކެވެ. އަނގައިގެ ކެންސަރުތަކަކީ ކުރީކޮޅު ބަލި ނުހޯދި ދިގުލައިފިނަމަ ފުރާނައަށް ނުރައްކާވެދާނެ ބަޔެކެވެ.
ވަގުތީ ފައިދާތައް ހުއްޓަސް ދުފުމުގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ ގެއްލުންތައް ނުހަނު ގިނައެވެ. އިންޑިއާގެ ކެންސަރާއި ބެހޭ ދިރާސާތައް ހަދައި ޝާއިއު ކުރާ ސައިސްވެރިންގެ ޓީމަކުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ފޯކުގައި ދެވި ހިފުމަށް މަގުފަހިކުރުވާ، އަދި ހަށިގަނޑަށް ގެއްލުންލިއްބައިދޭ ވަރަށް ގިނަ މާއްދާތައް ހިމެނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ފޯއް ހިމަނާފައިވަނީ ކަރސިނޯޖެން، ނުވަތަ ކެންސަރަށް މަގުފަހިކުރުވާ އެއްޗެއްގެ ގޮތުގައެވެ.
އާންމުގޮތެއްގައި ފޯއް ބޭނުންކުރާނަމަ އެއަށް ދެވިހިފާގޮތްވެ، ބޭނުން ނުކޮށްފިނަމަ ނުވަތަ ބޭނުންކުރުން ހުއްޓައިލުމުން އެކި އުނދަގޫތައް ކުރިމަތިވެއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދުފުމަކީ ރައްކާތެރި ނޫންކަމެއް ކަމުގައި ނިންމައި، ހަށިގަނޑަށް ގެއްލުން ލިއްބައިދޭ ވިހަ މާއްދާތަކުގެ ލިސްޓަށް ފޯކުގެ އެކި ބާވަތްތައް ލާފައެވެ. ސެންޓަރ ފޮރ ޑިސީޒް ކޮންޓްރޯލް އިން ވަނީ ދުފުމާއި ދެކޮޅަށް ސިއްހީ އިންޒާރެއްވެސް ނެރެފައެވެ. އެ އިންޒާރުގައިވަނީ، ދުފުމުން އަނގައިގެ ކެންސަރު ޖެހުމާއި، އަނގައިގެ ހަން ބޯވެ، ހަރުވާގޮތްވުމާއި، އެއަށް ދެވިހިފުމާއި އަދި ދަރިމައިވުމުގެ ނިޒާމަށް އެކި ގެއްލުންތައް ވުމަށް މަގުފަހި ކުރާ ކަމަށެވެ.
އިންޑިއާގެ ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާގޮތުގައި ދުފުމުގެ ސަބަބުން އަނގައިގެ އެތެރޭގައިވާ ހަމުގެ ތުނި ފަށަލަ ބޯވެއެވެ. މިގޮތަށް ހަންބޯވުމަކީ ފަރުވާ ކުރެވޭ ކަމެއް ނޫނެވެ. އަދި މިފަދައިން ހަންބޯވާނަމަ އަނގައިގެ މަސްތައް ހަރުވެ، ހަންގަނޑަށް ވާންވެ، ކަތުރުކަށިގަނޑުގެ ހަރަކާތަށް ހުރަސްއެޅެއެވެ.
އަނގައާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި ނުވަތަ އީސޯފޭގަސްއަށް ޖެހޭ ކެންސަރު ޖެހުމަށްވެސް މަގުފަހިކުރާ އެއް ކަމެއްގެ ގޮތުގައި ދުފުން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމާއި، ހިތުގެ ބަލިތައް ޖެހުމާއި، ހަކުރު ބަލި ޖެހުމާއި، އަނގަ، ކަރު، ފުރަމޭ، ފިތް އަދި ރަހިމުގެ ކެންސަރު ޖެހުމަކީވެސް ދުފުމުގެ ސަބަބުން މެދުވެރިވެދާނެ ކަންކަން ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ.
ދާއިމީކޮށް ދުފާ މީހަކު ދުފުން ހުއްޓާލައިފިނަމަ އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އޭގެ ތެރޭގައި ނިދަން އުނދަގޫވުން ނުވަތަ ނުނިދުން، މޫޑް ސްވިންގްސް، ކުދިކުދި ކަންތައްތަކާއި އަވަސްއަވަހަށް ރުޅިއައުމުގެ އިތުރުން ކަންތައްތަކާއި ކަންބޮޑުވެ ހާސްވުން ނުވަތަ އެންޒައިޓީއަށް ހުށަހެޅުން ހިމެނެއެވެ.
ފޯއް ބޭނުންކުރުމުން، ހިތުގެ ތެޅުމާއި ވިންދު އަވަސްކުރުވައި ލޭގެ ޕްރެޝަރ މަތިކުރުވައެވެ. ދުފަން ފަށާތާ ދެތިން މިނިޓް ތެރޭގައި ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ގޮސް ދާހިއްލަން ފަށައި ހަށިގަނޑަށް އިތުރު ބަދަލުތައް އަންނަން ފަށައެވެ. ފަހުގެ ދިރާސާތައް ދައްކާގޮތުން އާންމު ޤަބޫލުކުރުންތަކާއި ޚިލާފަށް، ފޯއް ބޭނުންކުރުމުން ހަނދާން ވަރުގަދަކޮށްދީ މަސައްކަތަށް އިތުރަށް ފަރުވާތެރި ކޮށެއް ނުދެއެވެ. ސައިންސްވެރިން މިގޮތަށް ނިންމާފައިވަނީ ފޯއް ބޭނުންކުރުމަށްފަހު އިންސާނާގެ ސިކުނޑީގެ މަސައްކަތް ހިނަގާގޮތް ބެލުމަށް އެ ދިރާސާގެ ބައިވެރިންގެ އީއީޖީ ހެދުމަށްފަހުއެވެ. ސައިންސްވެރިންގެ ބައެއް ހޯދުންތައް ދައްކާގޮތުން ހަށިގަނޑުގައި އަރެކޮލިން ގެ މިންވަރު 50 މައިކްރޯމީޓަރަށް ވުރެ އިތުރުވެއްޖެނަމަ ނާރުތަކަށް ގެއްލުން ލިބި، އަދި އެއަށްވުރެ މަތިވެއްޖެ ނަމަ ސެލްތައް ހަލާކުވެ މަރުވެގެން ގޮސްދާނެއެވެ.
ހޯދުންތަކުން ދައްކާ ގޮތުގައި ފޯއް ދުފުމަކީ މޫނުގެ ފިނި ހޫނުމިން މަތިކުރާ ކަމެކެވެ. އެގޮތުން ދުފުމުން، މޫނުގެ ފިނިހޫނުމިން ބައި ޑިގްރީ ސެލްސިއަސް އާއި ދެ ޑިގްރީ ސެލްސިއަސް އާއި ދެމެދުގެ މިންވަރަކަށް އުފުލެއެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އެއްވެސް މިންވަރަކަށް ދުފުމަކީ ހިތުގެ ހިނގުމަށާއި ލޭގެ ޕްރެޝަރަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މީގެ އިތުރުން ދުފުމަކީ ހާޓް އެޓޭކާއި ހިތުގެ އެހެން ބަލިތައް ޖެހުމަށްވެސް މަގުފަހިކުރާ ކަމެކެވެ. މިހެން ދިމާވަނީ، ދުފުމުގެ ސަބަބުން، ހަށިގަނޑުގައި ހުންނަ ސަރުބީގައި ހިމެނޭ ހަށިގަނޑަށް ފައިދާކުރާ ލިޕޯ ޕްރޮޓީން ލޭގައި މަދުވެ، ހަށިގަނޑަށް ގެއްލުންދޭ ލިޕޯ ޕްރޮޓީން ލޭގެ ތެރޭގައި ހުންނަ މިންވަރު އިތުރުވާން މެދުވެރިވެ، ލޭނާރުތަކުގެ ތެރޭގައި ސަރުބީ ޖެހުމުގެ ސަބަބުންނެވެ.
އަނގައިގެ ކެންސަރުގެ އަލާމާތްތަކަކީ އަނގައިގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ލަސްވުމާއި އެފާރުކޮޅުން ފަސޭހައިން ލޭއައުމާއި އަނގައިގެ އެތެރޭގައި ހުދު އަދި ރަތް ކުލައިގެ ތަންތަން ގަނޑު އުފެދެން ފެށުމުގެ އިތުރުން ބުނެދޭން ނޭނގޭގޮތަށް ޒަޚަމަކާއި ނުލައި އަނގައިގެ އެތެރެއިން ލޭއައުން އަދި ބުނެދޭން ނޭނގޭ ގޮތަށް މޫނުއި އަނގަ އަދި ކަރު އައްސިވުން ނުވަތަ އިހުސާސްކެނޑުން އަދި މަޑުވެފައި ތަދުވުމެވެ. އަދި ދިގުލައިގެންދާ ފާރުކޮޅު މޫނާއި ކަރުގައި ނޫނީ އަނގައިގެ އެތެރޭގައި ހުރެ ފަސޭހައިން ލޭއައިސް ދެހަފްތާއިން ވެސް ރަނގަޅުނުވެ ހުރުމެވެ.
އަނގައިގެ ތެރޭގައިވާ ޓިޝޫތަކުގެ ކުލަ ބަދަލުވެ އަނގައިގެ އެތެރެއާއި ތުންފަތް ބޯވެ، ދުޅަވެ، ގަނޑުލުން އެއްޗެތި ހެފުމާއި ދިރުވުމަށް އުދަގޫވެއެވެ. އަދި ތުންފަތް ބޯވެ ކުރަކިވެ ހަލާކުވެފައި ހުރުމާއެކު ވާހަކަ ދައްކަން އުނދަގޫވުމާއި ދަތްދޮޅި އާއި ދޫ ހަރަކާތް ކުރުވުމާއި ހަލުވަން އުނދަގޫވުން އަނގަހުޅުވާ ލެއްޕުމަށް އުދަގޫވެއެވެ. މަތީ ދަތްޕިލައާއި ތިރީ ދަތްޕިލަ ރަނގަޅަށް ޖެހޭވަރަށް އަނގަ ލައްޕައިލަން އުދަގޫވެ ތުންފަތާއި އަނގައިގެ އެކި ހިސާބަށް ވެލިހިރުވާ ކަހަލަ އާދަޔާ ޚިލާފު ތަފާތު އިހްސާސްތަކެއްވެ ކަރުތެރެ ކުރަކިވެ ކަރުބުޑުގައި އެއްޗެއް ހުރުމުގެ އިހުސާސްވެއެވެ. އަޑުބަރުވެ ކަރުތެރެ ސަކަރާތްވެ ދިގުލުމާއެކު އަޑަށް ބަދަލުއައުމާއި ކަންފަތުގައި ގިނަގިނައިން ރިއްސުމާއި ދަތްޕިލަ އެތުރިފައި ހުންނަ ގޮތަށް ފަރަގުއައިސް ޓޮންސިލް ދުޅަވެއެވެ. އަދި ދުލުގައި ފާރުހުރުން ފަދަ އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން ފަދަ އަލާމަތް ފެނުމެވެ. ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް، ދަތުގެ ޑޮކްޓަރަކަށް ނުވަތަ ޞިއްހީ ފަރުވާދޭ ފަރާތެއްގެ ލަފާ ހޯދުން މުހިއްމެވެ.
އަނގައިގެ ކެންސަރަށް ފަރުވާކުރެވެނީ އެހެން ކެންސަރުތަކަށް ވެސް ފަރުވާ ކުރާ އުސޫލުން ކީމޯތެރަޕީ ދިނުން އަދި ރޭޑިއޭޝަން ދިނުން ނުވަތަ އޮޕަރޭޝަން ކުރުމެވެ. ބަލީގެ އަސަރުކޮށްފައިވާ މިންވަރެއް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތް ކަނޑައަޅާނީ ޑޮކްޓަރުންނެވެ.
އަނގައިގެ ކެންސަރަށް ތިބާ ހުށަހެޅުމުގެ ކުރިން ދުފުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ފަދަ ކަންކަމުން ދުރުހެލިވާށެވެ. ކެއުމުގެ ތެރޭގައި މޭވާ އާއި ތަރުކާރީ ބޭނުންކުރުމަކީ އަނގައިގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނޭ ކަމެކެވެ.