ޗެންނާއީގެ އުމުރުން އެންމެ 19 އަހަރުގެ މަހްމޫދު އަކްރަމް ވަނީ ގިނަ ބަޔަކު ނުކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމެއް ހާސިލްކޮށްފައެވެ. އެއީ 400 ބަހުން ކިޔުމާއި، ލިޔުމާއި އަދި ޓައިޕް ކުރުމުގެ ޤާބިލުކަމާއިއެކުއެވެ. އަދި 46 ބަސް ފަރިތަކަމާއެކު ވާހަކަ ދެއްކުމުގެ ހުނަރާއެކުގައެވެ. އޭނާގެ މި ބަސްތައް ދަސްކުރުމުގެ ޝައުޤުވެރިކަމާ ބޭހޭގޮތުން ބަލާލަމާހެއްޔެވެ؟
މަޙްމޫދުގެ ކާމިޔާބީތަކުގެ ސަބަބުން ދުނިޔޭގެ ރެކޯޑްތަކާއި، އެވޯޑްތައް ލިބިފައިވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަހުގެ މާހިރުންގެ އިޙްތިރާމް ލިބިފައިވެއެވެ. ގިނަބަސްތަކެއް ދަސްކުރުމަށް އަކްރަމްގެ ޝައުގުވެރިކަން ފެށުނީ އޭނާ ކުޑައިރެވެ. އޭނާގެ ބައްޕަ ޝިލްބީ މޮޒިޕްރިއަންގެ އިރުޝާދުގެ ދަށުންނެވެ. ސަބަބަކީ ޝިލްބީއަކީ 16 ބަހަކުން ވާހަކަ ދައްކާ މީހަކަށްވުމެވެ.
"ވަޒީފާގެ ސަބަބުން އިސްރާއީލް، ސްޕެއިން ފަދަ ތަންތަނަށް ބަދަލުވާން ޖެހުނު އިރު ވަކި ގައުމެއްގެ ބަސް ނޭނގޭތީ އުނދަގޫތަކެއް ކުރިމަތިވި،" ކޮގްނިޓިވް ސައިކޮލޮޖީގެ ޑޮކްޓަރުކަމުގެ ޑިގްރީއެއް ވެސް ހޯދާފައިވާ ޝިލްބީ ފާހަގަކުރިއެވެ.
މަޙްމޫދުގެ ކާމިޔާބީތަކާއި ރެކޯޑްތައް.
އުމުރުން ހަ އަހަރާއި އަށް އަހަރާ ދެމެދުގައި މަޙްމޫދު އަމިއްލައަށް ބަހުގެ މާސްޓަރސްކޯސް ހެދުމަށް ކުރި މަސައްކަތުން 50 ބަސް ދަސްކުރިއެވެ.
"އެދުވަސްވަރު ތަފާތު ބަސްތައް ދަސްކުރުމަށް ބަރޯސާވާން ޖެހުނީ މަދު ޓެކްސްޓް ފޮތްތަކަކާއި އޯމްނިގްލޮޓް އަށް،" މަޙްމޫދު ބުންޏެވެ. އޮމްނިގްލޮޓް އަކީ ބަސްތައް ލިޔުމާއި ކިޔުމަށް ބޭނުންކުރާ އޮންލައިން ސައިކްލޮޕީޑިއާއެކެވެ. މީގެ ސަބަބުން އުމުރުން އެންމެ އަށް އަހަރުގައި އެންމެ ޒުވާން މަލްޓިލިންގުއަލް ޓައިޕިސްޓެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ދުނިޔޭގެ ރެކޯޑް ލިބުނެވެ.
"އަހަރެން ޔޫޓިއުބަށް ވީޑިއޯ އަޕްލޯޑްކޮށް، އެކި ބަސްބަހުން ޓައިޕްކޮށް ކިޔަމުން ދިޔައީ. ޕަންޖާބުގެ ވޯލްޑް ރެކޯޑް އޯގަނައިޒޭޝަނަކުން އަހަންނަށް ދައުވަތު ލިބުނީ ރެކޯޑެއް ހަދަން މަސައްކަތް ކުރުމަށް، އެ ރެކޯޑް އަހަރެން ކާމިޔާބުކަމާއެކު ފުރިހަމަ ކުރިން". އޭނާ ބުންޏެވެ.
އުމުރުން 10 އަހަރުގައި މަޙްމޫދު ދެވަނަފަހަރަށް ދުނިޔޭގެ ރެކޯޑް ހާސިލްކުރީ ގަޑިއެއްހާއިރުގެ ތެރޭގައި 20 ބަހަކުން އިންޑިއާގެ ގައުމީ ލަވަ ލިޔެގެންނެވެ. ބަހުގެ މޮޅުކަމަށް ފެންބޮވައިގެންފައިވާ ކުޑަކުޑަ މަޚްމޫދު 12 އަހަރު ވީއިރު، އޭނާއަށް 400 ބަހެއް ކިޔަން، ލިޔަން، ޓައިޕް ކުރެވެއެވެ. އޭނާގެ ތިން ވަނަ ދުނިޔޭގެ ރެކޯޑް ހޯދީ ބަހުގެ 70 ތަޖުރިބާކާރުންނާ ވާދަކޮށްގެން ޖަރުމަނުގައެވެ.
ތަޢުލީމުގައި ހުރި ގޮންޖެހުންތައް
ބަސްތައް ދަސްކުރުމަށް އަކްރަމްގެ ޝައުގުވެރިކަން ބޮޑުވަމުން ދިޔަ ވަރަކަށް އެކަމުގެ ސަބަބުން އޭނާގެ އާންމު ތައުލީމަށް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ފަސް ވަނަ ގްރޭޑާ ހަމައަށް ދެވުނު ނަމަވެސް ޗެންހާއީގައި އެއީ އުނދަގޫކަމެކެވެ.
“އަހަރެން ބޭނުންވީ ހަމައެކަނި ބަސްތަކަށް ފޯކަސް ކުރާ ސްކޫލަކަށް ކިޔަވަން، އެކަމަކު އިންޑިއާ އިން އެއްވެސް ސްކޫލެއް ނުފެނުނު. އަހަރެން ކިޔަވާ ނިމުނީ އިސްރާއީލުގެ ސްކޫލެއްގައި އޮންލައިންކޮށް ކިޔަވަމުން، އަރަބި، ސްޕެނިޝް، ފްރެންޗް، އަދި ހިބްރީ ފަދަ މައިގަނޑު ބަސްތައް ދަސްކޮށްގެން.”އޭނާ ބުންޏެވެ.
ކާމިޔާބީ ހޯދި ނަމަވެސް، ދިރިއުޅުމުގައި އެކަޑަމިކް ސެޓްފިކެޓްތަކުގެ މުހިންމުކަމާއި، އެ ސެޓްފިކެޓްތައް ބައެއް ފަހަރު ހުނަރަށް ވުރެ މުހިންމު ވެދާނެ ގޮތްތައް ވިސްނިފައިވާ ކަމަށް އޭނާ އެއްބަސްވެ އެވެ. ގިނަ ބަސްތަކެއް އުނގެނި ދުނިޔޭގެ ރެކޯޑް ހާސިލް ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް މަޙްމޫދުވަނީ އެކަން ކާމިޔާބު ކޮއްފައެވެ.