ޒިނޭކުރުމާއި އެހެންވެސް ފާހިޝް އަމަލުތައް ކުރުން އިތުރުވެ ޢާންމުވެގެންދިއުމަކީ ފަހުޒަމާނުގެ ޢަލާމާތެކެވެ. އެކަންކަން މިއަދު ޢާންމުވެފައިވާވަރުން އެކަންކަމަކީ ފާފައެއް ކަމަށް ޤަބޫލުކުރަނީވެސް މަދު މީހެކެވެ. ވީމާ މިއީ ވިސްައި ހޭލުންތެރިވާންޖެހިފައިވާ އެންމެ މުހިންމު އެއްކަންތަކެވެ.
އަހުރެންގެ ވާހަކަ މިފަށަނީ ޙޫޜުލްޢީނުންގެ ވާހަކައިންނެވެ. ރަނގަޅަށް އަޑުއަހާށެވެ!
ޙޫރަލްޢީނުންގެ ފުރިހަމަކަމުގެ ވާހަކަ ދައްކައި ކޮޅުންލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަނބަލުންގެ އިނގިލިފުޅުގެ ކޮޅުގެ އަލިކަން ދުނިޔެއަށް އެޅުނު ނަމަވެސް އިރާއި ހަނދުގެ އަލިކަމަށްވުރެ އުޖާލާވާނެއެވެ. އެކަނބަލުންގެ އިސްތަށިފުޅުގެ މީރުވަހުން މުޅި ދުނިޔެ ފުރިގެންދާނެއެވެ.
ޙޫރަލްޢީނަކު ދުނިޔޭގެ ކަނޑަށް ކުޅު ޖައްސަވައިފިނަމަ ކަނޑުގެ ލޮނުގަނޑު މީރު ފެނަށް ބަދަލުވެގެންދާނެއެވެ. އެކަނބަލުން ﷲ ތައާލާއަށް ޘަނާ ވިދާޅުވަން ފެށްޓެވުމުން ސުވަރުގޭގެ ހުރިހާ ގަސްތައް ގުޑަން ފަށާނެއެވެ. އެކަނބަލުން ހިނިތުންވެވަޑައިގަތުމުން ފައުޅުވާ ނޫރުން މުޅި ސުވަރުގެ އުޖާލާވެގެންދާނެއެވެ.
ލޮބުވެތި ކަނބަލުންނޭވެ! މިއީ ތިއަ ކަނބަލުންނަށް ދެވޭ އެންމެ އުފާވެރި ޚަބަރަށްވެސް ވެދާނެއެވެ. އަމިއްލައަށް ފަޚުރުވެރިވެލާށެވެ! މިފަދަ ފުރިހަކަން ލިބިގެންވާ ޙޫރަލްޢީނުންނަށްވުރެ ސުވަރުގެ ވައްދަވާ އަންހެނުންގެ ޤަދަރު ﷲ ތަޢާލާގެ ޙަޟްރަތުގައި ވަނީ އެތައް ގުނައަކަށް މަތިވެރިވެގެންނެވެ. އެއީ އެކަނބަލުން ދުނިޔޭގައި ތިބެ ކުރި ނަމާދާއި ހިފިރޯދައާއި ކުރި ޞަދަޤާތާއި އެހެނިހެން އަޅުކަމުގެ ސަބަބުންނެވެ.
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުން ސުވަރުގެ ވައްދަވާނީ މިހާރު ތިއަ ތިބި ސިފައަކު ނޫނެވެ! އަލިގަދަ ނޫރުން އުޖާލާވެގެންވާ ޙާލުގައެވެ. މިކަންކަމަކީ ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ.
މީސްތަކުންނޭވެ! ރިވެތި ސިފައަކަށް ހުންނަ މީހަކު ފެންނައިރަށް އެމީހަކަށް ޝައުޤުވެރިވެ ޒިނޭކޮށް ސުވަރުގެ ނުލިބޭނެ ޢަމަލުތައް ތިއަކުރަނީ މިފަދަ ފުރިހަމަވެގެންވާ ޙޫރަލްޢީނުން ބޭނުންނުވާތީހެއްޔެވެ؟ އަދި ކިއެއްތަ ދުނިޔޭގައި އެންމެ 2 ، 3 މިނިޓަށް ލިބިދޭ އުފަލުގެ ސަބަބުން ދާއިމަށް ނަރަކައިގައި އަނދައަނދައި އޮންނަން ޖެހިދާނެކަން ވެސް އެނގިހުރެ ނޫން ހެއްޔެވެ؟
އާދޭސްކޮށްފައި ބުނަމެވެ. ތިއަ ވިސްނުން ބަދަލުކޮށްލާށެވެ. ސުވަރުގެއަށް ވަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ޙޫރަލްޢީނުން ލިބިގަންނަން ފިސާރި ހިތްވަރާއިއެކު މަސައްކަތްކުރާށެވެ! ތިބާގެ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ސުވަރުގެވަންތަވެރިއަކަށްވެވިފައި ތިބާ ސުވަރުގޭގައިވެސް އެދެނީ އެމީހަކަށް ނަމަ އެމީހާވެސް ދެއްވަވާނީ ހަމަ މިފަދަ ފުރިހަމަކަމާއިއެކުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން