(23 މާރޗް 2025 ގެ ނޫހާއި ގުޅޭ)
" ބަލަ އަޅުގަނޑުގެ ގާތަށް އެކި ހިސާބު ތަކުން އެކިމީހުން ބޭސްކުރުމަށް އައިސް އުޅޭކަން ހަމަ ނޭނގެނީތަ. ވަރަށް ގިނަ މީހުން ބުނާނެ ބަލިން ފަސޭހަވެ އެނބުރި ދަމުން އަދި ބައްދަލުވާނޭ ކަމަށް. އެކަމަކު ގިނަމީހުންގެ އެއްވެސް ޚަބަރެއް ނުވާނެ. ކަލޭވެސް އެހެން ބުނުމުން އަޅުގަނޑު އެކަމާއި މެދު މާ ބޮޑަކަށް ނުވިސްނަން. އަދި އަޅުގަނޑާއި ބައްދަލުކުރުމަށް އައިސްދާނޭ ކަމަކަށް ކުޑަކޮށްވެސް ހިތަކަށް ނާރާ. "
މިހެން ބުނެފައި އޭނާގެ ގާތުގައި ގޭތެރެއަށް ވަނުމަށް ބުނެ ދެމީހުން އެތެރެއަށް ވަނެވެ.
ގޭގެ ތެރެއަށް ވަނުމަށްފަހު އޭނާ ޝުޢައިބުއާއި ދަރިފުޅުގެ ކަންކަން އޮޅުން ފިލުވާ ހެދިއެވެ. ޝުޢައިބު އޭނާ އާއި ސާރާގެ ހާލު ރަނގަޅު ކަމުގައި ބުންޏެވެ. އަދި ދިރިއުޅުމުގެ ކަންކަންވެސް އާދައިގެ ގޮތެއްގައި ރަނގަޅު ކަމުގައި ބުނެ، އޭނާގެ ގާތުގައި މީކޮން ދަތުރެއްތޯ ސުވާލު ކުރިއެވެ. އެހާ ދުރު ހިސާބަކުން މިތަނަށް އަންނާނީ ކޮންމެވެސް މުހިންމު ކަމެއް އޮވެގެން ކަމުގައިވާތީ ނޫންހެއްޔޭ ބުނެ ސުވާލު ކުރިއެވެ. ޝުޢައިބުގެ މި ސުވާލުތައް އަޑުއަހަން އިނުމަށްފަހު އޭނާ ބުންޏެވެ.
" ޝުޢައިބު، ކަލެޔަކީ ހަމަ ހަގީގަތުގައިވެސް ވަރަށް ކުޅަދާނަ މޮޅު ބޭސްވެރިއެއް. ނަމަވެސް ބޭސްވެރިކަމާއި ގުޅޭގޮތުން ކަލެޔަށް ތިޔަ ލިބިފައިވާ ޢިލްމާއި ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އެބަ ހިފޭތަ؟ މިހުރިހާ ދުވަހެއްގައި އަޅުގަނޑަށް ފެނިފައިވަނީ އާދައިގެ ކުދިކުދި ބަލިތަކަށް ފަރުވާ ހޯދުމަށް ކަލޭގެ ގާތަށް އަންނަ މީހުނަށް ފަރުވާ ކުރަމުން ގެންދިޔަ މަންޒަރު. ނަމަވެސް ކަލެޔަކީ ބޮޑެތި ބަލިތަކުގައި އަދި އެބަލީގެ ވޭނުގައި އުޅެމުންދާ މީހުންވެސް އެންމެ ނާޒުކު ވަގުތު ތަކުގައި ކަލޭގެ މަސައްކަތުން ފަރުވާ ކޮށްދީ ރަނގަޅު ކޮށް ދީފައިވާ މީހެއް. ހެއްކެއްގެ ގޮތުގައި އަޅުގަނޑުވެސް ފުދޭ ނޫންތަ؟ ކުރިންވެސް ބުނެފައިވާހެން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭސްވެރިކަމަށް މަޝްހޫރު އެތައް ބޭސްވެރިންނަށް އަޅުގަނޑުގެ ބަލީގެ ފަރުވާ ހޯދަން ވަނީ ނުކުޅެދިފަ. ނަމަވެސް ކަލޭގެ ގާތަށް އައުމުން، ވަރަށް ފަރުވާތެރި ކަމާއިއެކު ބެލުމަށްފަހު އަޅުގަނޑުގެ ބަލީގެ ފަރުވާ ހޯދާ މިހާރު އަޅުގަނޑު މިވަނީ އެބަލިން އެކީ ފަސޭހަވެފަ. ވީމާ އަޅުގަނޑު ކަލެޔާއި ދޭތެރޭ ވަރަށް ބޮޑަށް ވިސްނުމަށްފަހު މިއަދު މިތަނަށް މިއައީ ވަރަށް ބޮޑު ނިންމުމެއް ނިންމައިގެން."
އޭނާ އެގޮތަށް ވާހަދެއްކުމުން ޝުޢައިބު ވަރަށް ބޮޑަށް ހައިރާންވެ އިނދެ ސުވާލުކުރިއެވެ.
" ކަލޭގެ ވާހަކައިން އަޅުގަނޑާއިމެދު ޚާއްޞަ ސަމާލުކަމެއް ދޭކަން އެބަ ފާހަގަ ކުރެވޭ. އަޅުގަނޑާއިމެދު ކޮންކަހަލަ ނިންމުމެއް ނިންމެވި ވާހަކައެއްތަ ތިބުނީ؟ "
ޝުޢައިބުގެ ވާހަކަތައް ހުއްޓުވުމަށްފަހު އޭނާ ބުންޏެވެ.
" މަޑުކޮށްބަލަ. އަޅުގަނޑުގެ ވާހަކަތައް އަދި ނުނިމޭ. ރަނގަޅަށް އަޑުއަހާބަލަ. "
" މީގެ ކުރިން ކަލެޔަށް އަޅުގަނޑާއި ބެހޭގޮތުން އެގިފައިވާނީ ވަރަށް މަދު އެއްޗެއްކަން އެނގޭ. އެކަމަކު އަޅުގަނޑުގެ ބައްޔަށް ފަރުވާ ހޯދުމަށް ކުރި ދަތުރު ތަކުގައި ފަހު މަންޒިލެއްގެ ގޮތުގައި އާދެވުނީ މިތަނަށް. ކަލޭ އަޅުގަނޑު އެބަލިން ފަސޭހަ ކޮށްދިނުމަށްޓަކައި ވަރަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދީގެން، އެކަން ކުރިޔަށް ގެންގޮސް ދިނީ ވަރަށް ފުރިހަމަޔަށް. އަމިއްލަ ދިރިއުޅުމުގެ ހިތާމަތައް އެއްފަރާތްކޮށް ބަލިމީހުންގެ ހިތްތައް އުފާކޮށްދީ، އެމީހުން ދިރިއުޅުމާއިމެދު މާޔޫސްވެފައި ތިއްބާ އެމީހުންނަށް ދިރިއުޅުމުގެ މަގު އުޖާލާކޮށް ދީފައިވަނީ ކަލޭގެ ބުރަ މަސައްކަތުން. އެދުވަހުން ފެށިގެން އަޅުގަނޑުގެ ހިތުގައި ކަލެޔާއި މެދު ވަރަށް ބޮޑު ގާތްކަމަކާއި ލޯތްބެއް މިވަނީ އުފެދިފައި. ޝުއަޢިބު، އަޅުގަނޑަކީ ބަލީގެ ޝިކާރަޔަކަށް ވަންދެން، ދިރިއުޅުމުގައި ވަރަށް ބޮޑު ޒިންމާއަކާއި ހަވާލުވެ ހުރި މުޅި މިކަރައިގެ އެންމެ ނުފޫޒު ގަދަ މީހުންގެ ތެރޭގައި ހިމެނޭ އެކަކު. އަޅުގަނޑު ފަރުވާ ހޯދުމަށް އެކި ތަންތަނަށް ދަތުރުކޮށް ހެދިއިރު އެހީތެރީންގެ ގޮތުގައި ތިބި ދެމީހުންނަށް ވެސް އަންގާފައި އޮންނާނީ އަޅުގަނޑާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް އެއްވެސް މީހަކާއި ހިއްސާ ނުކުރުމަށް. އަދި އަޅުގަނޑަކީ މިކަރައިގެ ކޮން ފަންތީއެއްގެ ކާކުކަންވެސް އެއްވެސް މީހަކަށް ހާމަނުކުރުމަށް އެމީހުނަށް ވާނީ އަންގާފަ. މިއަދާ ހަމަޔަށްވެސް އެކަން އޮތީ އެގޮތުގައި ސިއްރު ކުރެވިފައި. ކަލޭ ބޭނުންވާ ކަމުގައި ވާނަމަ މިއަދުން ފެށިގެން ކަލެޔަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އެކުވެރިއެއްގެ ގޮތުގައި ހުރެދިނުމަށް ބޭނުންވޭ. މިވާހަކަތައް ކަނުލާ ވަރަށް ރަނގަޅަށް އަޑުއަހާތި! "
" އަޅުގަޑު ނިންމާފައިވާ އެންމެ މުހިންމު ނިންމުމަކީ، އެކަމުގައި މަޝްވަރާ ހޯދަން ޖެހޭ ފަރާތްތަކާއި މަޝްވަރާކޮށް އެފަރާތްތަކުގެ އެދުމުގެމަތީން ނިންމި ނިންމުމެއް. އަދި ޝުޢައިބު އަކީ ބޭސްވެރިކަމުގެ ފަންނާއި އޭގެ އިލްމު ވަރަށް ރަނގަޅަށް ލިބިފައިވާ ފަރާތެއް ކަމަށްވުމުން، ކަލޭގެ ތިޔަ މަސައްކަތް އިތުރަށް ފުޅާކޮށް ތިޔަ އިންސާނީ ޚިދުމަތް މުޅި މިކަރައިގައި، ކަލޭގެ އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އެކަން ކުރެވޭނޭ މަގުފަހިކޮށްދިނުން. އަދި އޭގެ ސަބަބުން ޝުޢައިބުގެ ދިރިއުޅުން މިހާރަށްވުރެ ހަމަޖެހި ކަލެޔާއި ދަރިފުޅުގެ މުސްތަގުބަލު އުޖާލާވެގެންދާނެ. ވީމާ ދަރިފުޅު ގޮވައިގެން އަޅުގަނޑުގެ ޝަހަރަށް ދާން ތައްޔާރުވޭ! ނަމަވެސް ކަލެޔަށް އެހީވެ، އަޅުގަނޑު ބޭނުންވާ ކަންކަން އިތުރަށް ކުރެވެން އޮތީ އަޅުގަނޑުގެ ހަގީގަތް ކަލެޔަށް ހާމަކޮށްދީގެންކަން މިއަދު ގަބޫލުކުރަން އެބަޖެހޭ. "
މިވާހަކަތައް ދައްކާ ނިންމާލުމަށްފަހު އޭނާ ކޮޅަށްތެދުވެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޝުޢައިބުގެ ގާތުގައި ބުންޏެވެ.
" އަޅުގަނޑަކީ ކާކުކަން، އަދި އަޅުގަނޑުގެ ހަގީގަތް ކަލެޔަށް އެނގުމުން ވަރަށް ބޮޑަށް ހައިރާންވެސް ވެދާނެ. އަދި ގަބޫލު ކުރުމަށް ދަތިވެސް ވެދާނެ. ނަމަވެސް މިއީ ހަމަ ހަގީގަތް. "
އޭނާގެ ވާހަކަތައް މިހިސާބަށް ގެންދިއުމަށްފަހު ޝުޢައިބު ކުރިމަތީގައި ހަގީގަތް ހާމަކުރިއެވެ.
" ޝުޢައިބު، އަޅުގަނޑަކީ މިކަރައިގެ ރަސްގެފާނުގެ " އިސްވަޒީރު ". އަޅުގަނޑު އެބައްޔާއި ކުރިމަތިލާން ޖެހުނުއިރުގައިވެސް ހުންނެވީ ރަސްގެފާނުގެ އިސްވަޒީރުގެ ގޮތުގައި. ބަލި ބޮޑުވެގެން ދިޔަ ދުވަސްކޮޅުގައި، އެހިސާބުން ތަފާތު އެކިއެކި ބޭސްވެރިން ފަރުވާ ކޮށްވެސް އަޅުގަނޑު ބަލިން ފަސޭހައެއް ނުކުރެވުނު. އެހެންކަމުން ރަސްގެފާނު ވަރަށް ވިސްނެވުމަށްފަހު ގޮތެއް ނިންމެވި. ރަސްގެފާނު އެންގެވީ ދުނިޔޭގެ ކޮންމެ ތަނަކުން ވިޔަސް އަޅުގަނޑުގެ އެބައްޔަށް ފަރުވާ ހޯދުމަށް. އެކަމަށް ހޭދަވާނޭ މުއްދަތަކާއި ދޭތެރޭ ނުވިސްނެވުމަށްވެސް އެންގެވި. އަދި ބައްޔާއިމެދު ކިތަންމެ ބޭސްވެރީންނެއް އުންމީދު ކަނޑާލި ކަމުގައި ވިޔަސް ރަސްގެފާނު އުންމީދު ކަނޑާ ނުލައްވާނޭކަމުގައި ބުނުއްވެވި. އަދި ސަލާމަތުން އެނބުރި ރަސްގެފާނުގެ ޚިދުމަތަށް އަންނާނޭ ދުވަހަކަށް އިންތިޒާރު ކުރައްވާނޭ ކަމުގައި ބުނުއްވާ އެކަމުގައި އަޅުގަނޑަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވެވި. ކިތަންމެ ދުވަހެއް ބަލީގައި ހޭދަވީ ކަމުގައިވިޔަސް އެއްވެސް މައްސަލައެއް ނެތް ކަމާއި، ރަސްގެފާނުގެ ވަޒީރަކަށް އިތުރު މީހަކު އައްޔަން ކުރާނޭ ހަމައެކަނި ގޮތަކަށް އޮންނާނީ އަޅުގަނޑުގެ މަރުގެ ޚަބަރު ލިބުމުން ކަމުގައި. "
ވަޒީރު އިސްދަށަށް ޖަހައިގެން ހުރެ ފެންކަޅިވެފައިވާ ހާލު މިވާހަކަތައް ޝުޢައިބުއަށް ކިޔައިދެމުން ގެންދިޔައެވެ. އަދި ޝުޢައިބު ބުނާނެ އެއްވެސް އެއްޗެއް ނޭނގިހުރެ ވަރަށް ހައިރާން ކަމާއިއެކު ވަޒީރުގެ އެވާހަތައް އަޑުއަހަމުން ގެންދިޔައެވެ. އަދިވެސް އޭނާގެ ވާހަކަތައް އިތުރަށް ކުރިޔަށް ގެންދިޔައެވެ.
" ރަސްގެފާނަކީ ވަރަށް އޯގާތެރި ރައްޔިތުން ދެކެ ލޯބިވާ ވަރަށް ހިތްތިރި ޚުލްގުހެޔޮ އަދި އެއްވެސް ބޮޑާކަމެއް ކިބުރު ވެރި ކަމެއް ނެތް ބޭފުޅެއް. އަދި ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވައިގެން ހުންނެވި ބޭފުޅެއް. އަޅުގަނޑުގެ ބަލިން ފަސޭހަވުމަށް ހިތުގައި އުންމީދު އާލާވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ރަސްގެފާނު އަޅުގަނޑާއި މެދު އުންމީދު ކޮށް، ފަހުވަގުތާއި ޖެހެންދެން ވެސް އޭނާގެ ޚާދިމެއްގެ ގޮތުގައި ހުންނާނޭކަމުގެ އުންމީދު ކުރިކަން. ވީމާ ރަސްގެފާނުގެ އެހިތްވަރުން އަޅުގަނޑު އެކަމުން ސަލާމަތްވުމަށް ހިތުގައި ވަރަށް ވަރުގަދަ އަޒުމެއް ކަނޑައެޅިން. ނަތީޖާ އެއްގެ ގޮތުން ޝުޢައިބު އާއި ބައްދަލުވެ ކަލޭގެ އެހީތެރިކަމާއި އެކު އަޅުގަނޑު މިއަދު މިވަނީ ރަސްގެފާނުގެ ޚިދުމަތަށް އެނބުރި އާދެވިފަ. އަދި މިވޭތު ވެގެން ދިޔަ ދުވަސްތަކުގައި އަޅުގަނޑު ވާނީ ރަސްގެފާނުގެ އަރިހުގައި ކަލެޔާއި ބެހޭގޮތުން ހުރިހާ ވާހަކަ ތަކެއްވެސް ކިޔައިދީފައި. ރަސްގެފާނުގެ އެދުމަކީ ވީއެންމެ އަވަހަށް ޝުޢައިބުއާއި ބައްދަލު ކުރުން. ވީމާ އަޅުގަނޑާއި އެކު މިދަތުރުގައި ދާންހިނގާ! އަދި ރަސްގެފާނާއި ބައްދަލުވުމުން އިތުރު ވަރަށް ގިނަ ކަންކަންވެސް ކަލެޔަށް އެނގިގެން ދާނެ. "
އޭނާގެ އެހުރިހާ ވާހަކަތަކެއް ވަރަށް ރަނގަޅަށް އަޑުއަހަން ހުރުމަށްފަހު ޝުޢައިބު އޭނާގެ ގާތުގައި ބުންޏެވެ.
" ތިދެއްކި ވާހަކަ ތަކާއި ދޭތެރޭ ހަގީގަތުގައިވެސް އަޅުގަޑު ވަރަށް ބޮޑަށް ހައިރާންވެ އަންތަރީސް ވެއްޖެ. އަދިވެސް މިހުންނަނީ ގަބޫލުކުރަން ވަރަށް ދަތިވެފަ. އަޅުގަނޑުގެ ހިތަށް ވެސް ނާރާ ތިޔަ ފަދަ އިއްޒަތް ތެރި ބޭފުޅަކު އެފަދަ ގޮތަކަށް އަޅުގަނޑު ކަހަލަ އާދައިގެ މީހެއްގެ ގާތަށް އައިސް އެގޮތުގައި އުޅެފާނެކަމަކަށް. އެފެންވަރުގެ ބޭފުޅަކުވެއްޖެއްޔާ އެވަރުގެ ކަމެއްގައި ތަނަކަށް ދާނީ އެމީހެއްގެ ޚިދުމަތަށް އެތަކެއް ނޯކަރުން ވެސް ގޮވައިގެން. އަދި އޭނާގެ ކަންކަން ކުރާނީ އޭނާގެ އިއްޒަތާއި ހައިބަތު އެހެން މީހުނަށް އަންގައިދީ، އެމީހަކީ އާދައިގެ ދިރިއުޅުމެއްގައި އުޅޭ މީހެއް ނޫންކަން ހާމަކޮށްދީގެން. ނަމަވެސް ކަލޭގެ ތިޔަ ވާހަކަތަކުގެ އިތުރުން، މިވީ ހުރިހާ ދުވަހު އަޅުގަނޑުގެ ހިޔާވަހިކަމުގައި މިގޭގައި ހޭދަކުރިއިރު ފެނިގެން ދިޔައީ ކަލޭގެ ގައިގާ އެއްވެސް ބޮޑާކަމެއް އަދި ކިބުރުވެރިކަމެއް ނެތް މީހެއްކަން. އެކަމަކު އަޅުގަނޑަށް ކަލޭގެ ތިޔަ ވާހަކަތައް ގަބޫލު ކުރަން ދަތިވާ ސަބަބަކީ އަޅުގަނޑާއި އެކު ވޭތުކުރި ދުވަސްތަކުގައި އޭގެ އެއްވެސް ކަމެއްގައި ކުޑަކޮށްވެސް ޝައްކެއްވެސް ކުރެވިފައި ނެތީމަ. ކަލޭގެ ފުށުން ފެނިގެންދިޔައީ ހަމައެންމެ އާދައިގެ މީހަކު ކިބައިން ފެންނަމުން ދިޔަ ކަންކަން. "
ޝުޢައިބުގެ ވާހަކަ ހުއްޓުވުމަށްފަހު ވަޒީރު ބުންޏެވެ.
" ޝުޢައިބު، ނިކަން ކަނުލާ އަޑުއަހާ ބަލާބަލަ. އިންސާނުންނަކީ ކިތަންމެ ބާރުގަދަ ބަޔެއްކަމަށް ދެކިގެން އެކަމާއި ބޮޑާވެ ކިތަންމެ ދަޢުވާއެއް ކުރި ކަމުގައި ވީނަމަވެސް، ހަގީގަތަކީ އަޅުގަނޑުމެން އިންސާނުންނަކީ އެއްވެސް އާރެއް ބާރެއްނެތް ބައެއްކަން. މީދޮގެއްތަ؟ ވަރަށް ކައިރިން އޭގެ މިސާލެއް އަޅުގަނޑު ބުނެދީފާނަން. ކުރިން ބުނިހެން އަޅުގަނޑަކީ މުދަލާއި ފައިސާއާއި ދުނިޔޭގެ އާރާއިބާރު ލިބިފައިވާ މީހެއް. ކުރަން ބޭނުން ވެއްޖެ ކޮންމެކަމެއް ކޮންމެ ވަގުތެއްގަ ކުރެވޭނޭވަރުގެ މީހެއް. ނަމަވެސް އަޅުގަނޑަށް ދިމާވި ކަންތައް އެންމެ ރަނގަޅަށް އެގޭނޭ މިހަކީ ޝުޢައިބު. އެ އާރާއިބާރު ހުރިނަމަ މުޅިދުނިޔޭގައި ފުރާނައަށްއެދި ސަލާން ޖަހަން ޖެހޭނެތަ؟ އެހެންވެ އޭރު ނިންމީ އަޅުގަނޑުގެ ހަގީގަތް މީހުނަށް ނޭންގުމަށް. އަޅުގަނޑަކީ ކާކުކަން އެނގިހުރެ އެކަމުގައި ކުރިޔަށް ގޮސްފިނަމަ ނޭނގުމެއްގެ ތެރެއިން ވެސް މީހަކަށް ދެރަވާނޭ ގޮތަކަށް ކަމެއް ކުރެވިދާނޭތީ އެބިރުވެރިކަން ހިތުތެރޭގައި އޮތީމަ. އެހެންވެ އެއްވެސް މީހަކަށް އެކަމުގެ ހަގީގަތް ހާމަކުރަން ބޭނުންނުވީ. އަދި އަޅުގަނޑު ބޭނުންވެފައި ހުރި ކަންކަން ހާސިލު ވުމުން މިކަން އެންމެ ފުރަތަމަވެސް ހާމަކުރަން ބޭނުންވީ ޝުޢައިބުއަށް. އެހެންވެ މިއަދު ކަލޭގެ ގާތަށް މިތަނަށް މިއައީވެސް. ވީމާ އަޅުގަނޑު މިއަދު ޝުޢައިބުގެ ގާތުން މިއެދޭ އެދުމަށް ފުރަގަސް ނުދޭނޭކަމަށް ހީކުރަން. "
ވަރަށް ވިސްނުންތެރިކަމާއި އެކު ވަޒީރުގެ މިވާހަކަތައް އަޑުއަހަން އިނުމަށްފަހު ޝުޢައިބު ބުންޏެވެ.
" އަޅުގަނޑުގެ ދިރިއުޅުމުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނޭ އެކަކީ ތީ. އަދި އެހުރިހާ ކަމެއް އެނގި ހުރެވެސް، އަޅުގަނޑަށް އެހީތެރި ވުމަށް އެހާ ދުރު ހިސާބަކުން ދަރުކޮށްފައި ތިގޮތަށް އަންނާނީ ކަލޭގެ ހިތުގައި އަޅުގަނޑާއި މެދު ކޮމެވެސް ޚާއްސަ ކަމެއް އޮތުމުންކަން މިއަދު ގަބޫލު ކުރެވިއްޖެ. އަދި އަޅުގަނޑަށް ތިޔަކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނޭ ކަމުގައި ވާނަމަ ކަލެޔާއި ރަސްގެފާނުގެ ތިޔައެދުމަށް ފުރަގަސް ދޭކަށް ބޭނުމެއް ނޫން. އެކަމަކު ތިހާ ދުރު ހިސާބަކަށް ދިއުމަށް އަޅުގަނޑަށްވެސް ދަތިތަކެއް އެބަހުރި. ކަލެޔަށް ވެސް އެނގޭނޭހެން އަޅުގަނޑުގެ ވަރަށް ކުޑަ ދަރިޔަކު އެބަހުރި. ހިތްހަމަ ނުޖެހޭ އެންމެ ބޮޑު ސަބަބަކީ، އެހާދުރު ހިސާބަކަށް ދަރިފުޅު ގޮވައިގެން ދިއުމުން އޭނާ މަންމައާއި ބައްދަލު ކުރަން ބޭނުންވެއްޖެ ވަގުތަކު ދަރިފުޅަށް އެފުރުޞަތު ނުލިބޭނެތީ. އެކަމާއި ދޭތެރޭ އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަނެއްކާ އަޅުގަނޑަކީ ރަށްފުށުގެ ވަރަށް އާދައިގެ ދިރިއުޅުމެއެއް އުޅެމުން އަންނަ އާދައިގެ ބޭސްވެރިއެއް. ވީމާ ރަސްގެފާނު ފަދަ މަތިވެރި އިއްޒަތަކާއި ގަދަރު ލިބިލައްވާފައިވާ ބޭފުޅަކަށް އަޅުގަނޑަށް ކޮށްދެވޭނީ ކޮންކަމެއް؟ "
( ނުނިމޭ )