ޢަރުޝީގެ ހިޔާވަހިކަން ބޭނުންވާ ކޮންމެ މީހަކަށްވެސް ލިބިގަތުމުގެ ފުރުޞަތު އެބަ އޮތް!

ލޮބުވެތި އަޚުންނޭވެ. އެއީ (ޤިޔާމަތް ދުވަހަކީ) ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެންވާ ދުވަހެކެވެ. އެއްވެސް މީހަކަށް އަނެއްމީހާގެ ކިބައިން ފައިދާއެއް ނުކުރާނެ ދުވަހެވެ. އެމީހަކު ކޮށްފައިވާ ކަމެއް އެމީހަކަށެވެ. ބިރުވެރިކަން ބޮޑު އެދުވަހުގައި މިންޖުވެ ސަލާމަތްކަން ލިބެންއޮތީ އެމީހެއްގެ ޢަމަލުގެ ފަތް ކަނައަތަށް ލިބޭމީހުންގެ ތެރެއިންވެވިގެންނެވެ.

އެކަމަށްޓަކައި މަސައްކަތް ކުރަން އޮތްތަނަކީ މި ދުނިޔޭގައި ލިބިބިފައިވާ ކުޑަކުޑަ ވަޤުތުކޮޅެވެ. ކުޅިވަރާއި މަޖަލުގައި ޒުވާންކަން ނަގާނުލާށެވެ. ﷲ ގެ ޒިކުރުން ޣާފިލުވެ ނަމާދު އަޅާ މީހުންގެ ތެރެއިން ތިބާ ނުވާށެވެ. ހަޤީޤީ މަންޒިލަށް ( ސުވަރުގެއަށް) ވާޞިލުވުން އެއީ ތިބާގެ މަޤުޞަދަަކަށް ހަދާށެވެ. ތިބާގެ އުމުރު ހޭދަކުރިގޮތާއި މެދު އެދުވަހުގައި ސުވާލުކުރެވޭނެވެ. ޒުވާންކަން ހޭދަކުރިގޮތާއި މެދު ސުވާލު ކުރެވޭނެއެވެ. އަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާދުވަހުގައި ، އަރުޝީގެ ހިޔާވަހިކަން 7 ބަޔަކަށް ލިބިގެންދެއެވެ. އިރު ލޮންސިއެއްގެ މިންވަރަށް ކައިރި ކުރެވުގެންވާ ދުވަހުގައި ، މީސްތަކުން އެބައިމީހުންގެ ގައިން ނުކުންނަ ދަލުގެ ތެރޭގައި އެކި މިންވަރަށް ޣަރަޤުވެގެންދާ ދުވަހުގައި ، އަރުޝީގެ ހިޔާވަހިކަން ލިބިގެންދާ މީހުންގެ ތެރެއިން ވުމުގެ ފުރުޞަތު ﷲ ތަޢާލާ ތިބާއަށް ވަނީ ދެއްވާފައެވެ. ނަމަވެސް އެއީ މިއަދު ދުނިޔޭގައި ތިބާ އެ ފުރުޞަތުގެ ބޭނުން ހިފައިފިނަމައެވެ. އާދެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ އެހަތް ވައްތަރުގެ މީހުންގެ ތެރޭގައި ބަޔާންކޮށްދެއްވާފައިވާ އެއްވައްތަރަކީ ” وَشَابٌّ نَشَأَ فِى عِبَادَةِ اللَّهِ “ ( رواه البخاري) މާނަ : ” ﷲ ތަޢާލާއަށް އަޅުވެތިވުމުގައި ބޮޑުވަމުން އައި އަޅުވެރި ޒުވާނާ “ އެވެ. އެހެން ކަމުން މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.

ޢަމަލުތަކުގެ ފަތް ދެވުމުން މީސްތަކުންގެ ޙާލު ހުންނާނެ ގޮތް ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ޞިފަކޮށްދެއްވާފައެވެ. ކަނައަތަށް ޢަމަލުގެ ފަތް ލިބޭ މީހުންނާއި ބެހޭގޮތުން އެއިލާހު ވަޙީކުރައްވާފައިވެއެވެ.

” فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَ‌ءُوا كِتَابِيَهْ ﴿﴾ إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ ﴿﴾ فَهُوَ فِي عِيشَةٍ رَّ‌اضِيَةٍ ﴿﴾ فِي جَنَّةٍ عَالِيَةٍ ﴿﴾ قُطُوفُهَا دَانِيَةٌ ﴿*﴾ كُلُوا وَاشْرَ‌بُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ "

މާނަ : ” ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!  ﴿﴾ ހަމަކަށަވަރުން، ތިމަންގެ ޙިސާބު ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް ޔަޤީން ވިއެވެ. ﴿﴾ ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. ﴿﴾ މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. ﴿﴾ އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. ﴿*﴾ އަންގަވާނެތެވެ. އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. “

އަދި ވައަތަށް ޢަމަލުގެ ފަތް ލިބޭ މީހުންނާއި ބެހޭގޮތުން އެއިލާހު ވަޙީކުރައްވާފައިވެއެވެ.

”وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ ﴿﴾ وَلَمْ أَدْرِ‌ مَا حِسَابِيَهْ ﴿﴾ يَا لَيْتَهَا كَانَتِ الْقَاضِيَةَ ﴿﴾ مَا أَغْنَىٰ عَنِّي مَالِيَهْ ۜ ﴿﴾ هَلَكَ عَنِّي سُلْطَانِيَهْ ﴿٢٩﴾ خُذُوهُ فَغُلُّوهُ ﴿﴾ ثُمَّ الْجَحِيمَ صَلُّوهُ ﴿﴾ ثُمَّ فِي سِلْسِلَةٍ ذَرْ‌عُهَا سَبْعُونَ ذِرَ‌اعًا فَاسْلُكُوهُ  "

މާނަ : ” އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ﴿﴾ އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! ﴿﴾ އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ!  ﴿﴾ ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. ﴿﴾ ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ. ﴿﴾ ( މަލާއިކަތުންނަށް ﷲ އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! ﴿﴾ ދެން އޭނާ ނަރަކަޔަށް ވައްދާށެވެ! ﴿*﴾ ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ! “

އަޅުގަނޑުމެން ޢާފިލުކަމުގެ ނިދިން ހޭލަންވެއްޖެއެވެ. ކުރިމަތީގައި އޮތް ބޮޑުވެގެންވާ ދުވަހަށް ތައްޔާރުވާކަށް އަދިވެސް ނުވޭތޯއެވެ! އެއީ މީސްތަކުން އެބައިމީހުންގެ ވެރި ރައްބުގެ ކުރިފުޅުމަތީގައި ކޮޅަށް ތިބެންޖެހޭ ދުވަހެވެ. އެދުވަސް ވަނީ ވަރަށް ކައިރީގައެވެ. ނަމަވެސް މީސްތަކުންގެ ތެރެއިން ގިނަަބަޔަކު ވަނީ ޣާފިލުކަމުގެ ތެރޭ އެދުވަހަށް ފުރަގަސް ދީގެންނެވެ.

ދުޢާ އަކީ ﷲ ތަޢާލާ ރުއްސަވާ މަގުގައި ޘާބިތުވެތިބޭ ބަޔެއްކަމުގައި އަޅުގަނޑުމެން އެންމެން ލައްވައި އަދި ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތް ދުވަހުގައި ޢަމަލުތަކުގެ ފަތް ކަނައަތަށް ލިބޭ މީހުންގެ ތެރެއިން ﷲ ތަޢާލާ އަޅުގަނޑުމެން އެންމެން ލެއްވުމެވެ.

– އައްޝައިޚް ބިލާލް ޢަބްދުއްސަތާރުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *