(18 މެއި 2025 ގެ ނޫހާއި ގުޅޭ)
ރަސްގެފާނުގެ މިވާހަކަތައް އަހަން ތިބުމަށްފަހު، އަބަދުވެސް ބައްޕަ އެދޭ ކޮންމެ ކަމެއް އެކަމެއް ކުރެވެން އޮތް އެންމެ ރަނގަޅަށް ކުރާނޭ ކަމުގައި ޝުޢައިބު ރަސްގެފާނަށް ދެންނެވިއެވެ.
ރަސްގެފާނު މިވާހަކަތައް ދައްކާ ނިންމުމަށްފަހު ޝުރެއިމް އާއި ލޯބި ކޮށްލިއެވެ. އަދި ބައްޕަ ދެން ނިދަން ވަންނަނީއޭ ބުނެ ރަސްގެފާނު އަވަހާރަފުޅު ލެއްޕެވުމަށްޓަކައި ކޮޓަރިކޮޅަށް ވަދެވަޑައިގަތެވެ.
އެރޭގެ ފަތިހު ނަމާދު ކުރަން ރަސްގެފާނު ހޭފުޅު ނުލެއްވުމުން ޒޭނާ އެކަމާއި ޝުއަޢިބު އާއި ސުވާލު ކުރި އެވެ. ޒޭނާ ސުވާލު ކުރުމުން ޝުޢައިބު ބުންޏެވެ.
" ވެދާނެ ބައްޕަ ކުޑަކޮށް ވަރުބަލިފުޅުވެ ލައްވާފައި ހުރުމުން ހޭފުޅު ނުލެއްވުނީ ކަމަށް. "
" ޝުޢައިބު، ބައްޕަ ކޮބައިތޯ ބަލާލަ ބަލަ. ކޮންމެ ދުވަހަކުވެސް މިހާއިރު ވާއިރު ބައްޕަ އިންނަވާނީ ޝުރެއިމް ގޮވައިގެން ބަގީޗާގައި. މިއީކީ މީގެ ކުރިން ދުވަހަކުވެސް ވާ ކަމެއްނޫން. "
ޒޭނާ މިހެން ބުނުމުން ޝުޢައިބު ރަސްގެފާނުގެ ކޮޓަރި ކޮޅަށް ދިޔައެވެ. އޭނާ އެތެރެއަށް ވަތްއިރު ރަސްގެފާނު ނަމާދު ކުރެއްވުމަށް ސަޖިދައިގައި އޮންނެވިތަން ފެނުނެވެ. އެހެންކަމުން ނަމާދު ކޮށް ނިމެންދެން ޝުޢައިބު މަޑުކުރިއެވެ. ނަމަވެސް ސަޖިދައިން ނުތެދުވެ ގިނައިރު ވާން ފެށުމުން ޝުޢައިބު ހިތަށް ބިރުވެރިކަން ވަދެ ހިތުގައި ޝައްކު އުފެދުނެވެ. އަދި އިރުކޮޅަކު ބަލަން ހުރުމަށްފަހު އޭނާ ރަސްގެފާނުގެ ގާތަށް ތިރިވެ ގައިގައި އަތްލީ ވަގުތު އެއްވެސް ބާރެއް ނެތި އޭނާގެ އުނގު މައްޗަށް ރަސްގެފާނު ވެއްޓުނެވެ.
" އިންނާ ލިއްލާހި ވައިންނާ އިލަހި ރާޖިޢޫން " ރަސްގެފާނުގެ އަޖަލު ހަމަވީއެވެ. އަދި މިފަނާވަނި ދުނިޔެއާއި އަލްވަދާޢު ކީއެވެ. ކިހާ މަތިވެރި މަރަކުންތޯ އެވެ؟ ﷲ ގެ ހަޒުރަތަށް ކުއްތަންވެ ސަޖިދައިގައި އޮވެ ދުނިޔެ ދޫކުރީއެވެ.
ޝުޢައިބު ވަގުތުން ޒޭނާއަށް ގޮވާ ރަސްގެފާނުގެ އަވަހާރަވިކަމުގެ ޚަބަރު ދީފިއެވެ. ޒޭނާއަށް މިކަން ވީ ގަބޫލު ކުރަން ވަރަށް ދަތިވި ކަމަށެވެ. ވާނީވެސް އެހެންނޫހެއްޔެވެ. ރަސްގެފާނު ކުއްލިޔަކަށް މިދުނިޔެއާއި އެވަކިވީ އެސްވެސް އާލާސްކަން ފުޅެއްގައިވެސް އުޅުމެއްނެތި ހަމަ ކުއްލި ގޮތަށެވެ.
ލޯބިވާ ބައްޕަގެ އވަހާރަވި ޚަބަރު ލިބުމާއި އެކު ޒޭނާ ޚަބަރު ހުސްވެއްޖެއެވެ. ޝުޢައިބު ގަނޑުވަރުގައި އުޅޭ އަންހެން ނޯކަރުންނާއި ޒޭނާ ހަވާލު ކުރުމަށްފަހު، ވަގުތުން ވަޒީރަށް މިކަން އެންގިއެވެ. އަދި ކަށުކަމާކެމީގެ ކަންކަމާއި އަވަސްވެ ގަތެވެ. އަދި ރަސްގެފާނުގެ އަވަހާރަވިކަމުގެ ޚަބަރު މުޅި ޝަހަރުގެ ރައްޔިތުންނަށް އެންގިއެވެ. ރަސްގެފާނުގެ ކުއްލި ވަކިވުމުގެ މިޚަބަރު ލިބުމުން މުޅި ޝަހަރަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ރައްޔިތުންނަށް އޯގާވެރި ޞާލިހު ރަސްކަލަކު ކުއްލި ގޮތަކަށް މިދުނިޔެއާއި ވަކިވުމުން، މުޅި ކަރަޔަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު ހިތާމައެކެވެ.
ޝުއަޢިބު އާއި ވަޒީރުގެ ބެލުމުގެ ދަށުން ރަސްގެފާނު ހިނަވާ ކަފުންކޮށް ނިންމަވައިފިއެވެ. އަދި މޫނު ފުޅު ބެއްލެވުމަށް ގަނޑުވަރުގެ ބޮޑު ފެންޑާގެ މޭޒެއްގެ މަތީގައި ވަނީ ބާއްވާފައެވެ. މިކަން ނިންމުމަށްފަހު ޝުއަޢިބު ޒޭނާގެ ގާތަށް ދިޔައެވެ. އަދި އިތުރަށް ރޮއެ ހިތާމަ ނުކުރުމަށް ބުނެ ނަސޭހަތް ދިނެވެ. މިއީ ކޮންމެ އިންސާނަކުވެސް ކުރިމަތި ލާން ޖެހޭނޭ ދުވަހެއް ކަމުގައި ޒޭނާއަށް ބުނެދިނެވެ. ހިތްވަރު ކޮށްލާފައި ބައްޕަގެ މޫނުފުޅު ބެއްލެވުމަށް ދިޔުމަށް ބުންޏެވެ. އޭރުވެސް ޒޭނާ ގިސްލާ ރޮނީއެވެ. ނަމަވެސް ޝުޢައިބުގެ ނަސޭހަތް އަޑުއަހާ ވަރަށް ހިތްވަރު ކޮށްފައި ބޭރަށް ނުކުތެވެ.
ޒޭނާ ރަސްގެފާނުގެ މޫނުފުޅު ބެއްލެވުމަށްފަހު، ވަރަށް ލޯބިން އެމޫނުފުޅުގައި ބޮސް ދިނެވެ. އަދި ބާރަށް ރޮއެ ގަނެވުމާއެކީ ބުނެވުނެވެ.
" އަޅުގަނޑުގެ ލޯބިވާ ބައްޕާ، ބައްޕަ މިއަދު ތިޔަ ދަނީ އަޅުގަނޑާއި ކުޑަކުޑަ ދެކާފަ ދަރިން އެކަނި ކޮށްފައި. އެކުދިން ކާފަގެ ހަނދާން ކޮށްފައި ނިކަން ރޯނެ ބަޕާ. ބައްޕަ އަޅުގަނޑުމެން ދޫކޮށް އަދި ނުދޭ. "
ޒޭނާ އެއްވެސް ހިފެހެއްޓުމެއްނެތި ބައްޕަގެ ގައިގައި ބައްދާލުމަށްފަހު ރޮމުން ގެންދިޔައެވެ. ޝުޢައިބުއަށް އެމަންޒަރު ބެލުމަށް އިތުރަށް ކެތްނުވުމުން، ޒޭނާ ދުރަށް ގެންދިޔައެވެ. އެވަގުތު އެހިތަށް ކޮށްފައިވާ އަސަރަށް ކެތްކުރަން ދަތިވެ ޒޭނާ ޝުޢައިބުގެ ގައިގާ ބައްދާލުމަށްފަހު ގިސްލާ ރޯން ފެށިއެވެ.
މޫނު ބެލުމުގެ ކަންކަން ދަނީ ކުރިޔަށެވެ. ޝަހަރުގެ ގިނަ އަދަދެއްގެ ރައްޔިތުން ރަސްގެފާނުގެ މޫނުފުޅު ބެއްލެވުމަށް ގަނޑޫވަރަށް އަންނަމުން ގެންދިޔައެވެ. މިއިން ކޮންމެ މީހެއްގެވެސް މޫނު މަތީން ފެނިގެންދަނީ ނުހަނު ހިތާމަވެރިކަމެވެ. އަދި ހަމަ އެވަގުތު މިއިން ކޮންމެ ފަރާތަކުންވެސް ޒޭނާއާއި ޝުޢައިބުއާއި ބައްދަލުކޮށް ތަޢުޒިޔާ ދަންނަވަމުން ގެންދިޔައެވެ. ކަށު ނަމާދުކޮށް ވަޅުލުގެ ކަންކަން ހަމަޖެހިފައިވަނީ އަސުރު ނަމާދަށް ފަހުގައި ކަމުން ވަގުތު ކައިރި ވުމުން މޫނު އަޅާ ސަންދޯކަށްލާ ވަގުތު ޖެހިއްޖެއެވެ.
މިއީ ރަސްގެފާނުގެ މޫނުފުޅު އެންމެ ފަހު ފަހަރަށް ފެންނާނޭ ވަގުތު ކަމުގައި ވުމުން، ޝުޢައިބު ޒޭނާ ގެނެސް ސާރާ އަދި ޝުރެއިމް އާއި އެކު ރަސްގެފާނުގެ މޫނުފުޅު ބައްލަވައިފިއެވެ. އަދި މިވަގުތަކީ ޝުޢައިބުގެ ހިތަށްވެސް ހިތްދަތި އިހުސާސެއް ކުރެވިގެން ދިޔަ ވަގުތެކެވެ. އެވަގުތު އެދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ހިލިގެން ދިޔައެވެ. ނަމަވެސް ވަރަށް ހިތްވަރު ކޮއްލާފައި ރަސްގެފާނުގެ ޖަނާޒާގެ ކަންކަން ކުރަމުން ގެންދިޔައެވެ.
ކަށު ނަމާދުކޮށް ނިންމާ ރަސްމީ ޢިއްޒަތުގައި ރަސްގެފާނު ފަސްދާނު ލެވިއްޖެއެވެ. ފަސްދާނު ލެއްވުމުގެ ކަންކަން ނިމުމުން ޝުޢައިބުއާއި ވަޒީރު ގަނޑުވަރަށް ދިޔައެވެ. ރަސްގެފާނުގެ ކުއްލި މިވަކިވުމާއި ގުޅިގެން، މުޅި ގަނޑުވަރަށް ވެރިވެފައިވަނީ ފުންހިތާމަ އާއި ހަމަހިމޭން ކަމެވެ.
މިހިތާމަވެރި ވަގުތުގައި ވަޒީރުގެ ހިތަށްވެސް ވަނީ ނުހަނު ފުން އަސަރެއް ކުރުވާފައެވެ. އެއްބަނޑު އެއްބަފާ މީހެއްގެ ގޮތުގައި ދެކެމުން އައި އަދި އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި މިއަދާއި ހަމަޔަށް ދެކެމުން އައި ފަރާތް ކުއްލިޔަކަށް ވަކިވެގެން އެދިޔައީއެވެ. މިއީ ވަޒީރަށް ލިބިގެން ދިޔަ ފުން ހިތާމައެއްކަން ގައިމެވެ. އޭނާގެ އެންމެ ޒުވާން އުމުރުގައި، ރަސްކަމުގެ ތަޚުތަށް ރަސްގެފާނު އިސްކުރެވުނު ދުވަހުން ފެށިގެން މިވަގުތާއި ހަމަޔަށްވެސް އޭނާ އުޅެމުން ގެންދިޔައީ މިގަނޑުވަރުގައި ރަސްގެފާނުގެ އިސް ވަޒީރުގެ ގޮތުގައެވެ. އަދި މިގަނޑުވަރުގައި މިހޭދަވީ މުއްދަތުގައި އޭނާއަކީ ރަސްގެފާނުގެ ވަޒީރެއް ކަމުގެ އިހުސާސެއް ނުވެއެވެ. ފުރަތަމަ ދުވަހުން ފެށިގެން މަރުދުވަހާއި ހަމަޔަށް ވެސް ވަޒީރާއިމެދު ރަސްގެފާނު ދެކެމުން އައިސްފައި ވަނީ އެއްބަނޑު އެއްބަފާ މީހެއްގެ ގޮތުގައެވެ. އެއާއިލާގެ މެންބަރެއްގެ ގޮތުގައެވެ. އެހެންކަމުން ރަސްގެފާނުގެ ކުއްލި މިވަކިވުން ވެގެން މިދިޔައީ ވަޒީރަށް ގަބޫލު ކުރަން ދަތިވި ކަމެއްގެ ގޮތުގައެވެ. ނަމަވެސް ހަގީގަތާއި ކުރިމަތިލާން ޖެހޭނެ ކަން ގަބޫލުކޮށް ކެތްތެރިކަން އިސްކުރިއެވެ. އަދި ޝުޢައިބުއާއި ވާހަކަ ދައްކާ މިވަގުތު ކެތްތެރި ވުމަށް ވަޒީރު އޭނާއަށް ނަސޭހަތް ތެރިވިއެވެ.
ޝުއަޢިބު ޒޭނާގެ ގާތަށް ގޮސް ދެރަވެ ހިތާމަ ނުކުރުމަށް ބުންޏެވެ. އަދި އެކި ވާހަކަ ދައްކާ ޒޭނާ ހަމަޔަކަށް އެޅުވުމަށް ޝުޢައިބު ދިޔައީ މަސައްކަތް ކުރަމުންނެވެ.
"ބައްޕައެއް ދެން ދުވަހަކުވެސް ނާންނާނެ. އަހަރެމެން ދެން ކުރަން ޖެހޭ ކަންކަން ކުރެވޭތޯ ބަލަން ހިނގާ. ސުވަރުގޭގައި ބައްޕަ ލެއްވުން އެދި ގިނަ ގިނައިން ދުޢާ ކުރަންވާނެ. ޞާލިހު ދަރީން މައިންބަފައިންގެ މައްޗަށް ކުރާ ދުޢާ އިޖާބަ ކުރައްވާނެ. "
" ޒޭނާ، މިއަދު ބައްޕަގެ ޚިދުމަތްތައް ފެނި އެކަމާއި ފަޚުރުވެރި ވާން ޖެހޭނެ. ނިކަން ދެކެބަލަ. މި ޝަހަރާއި މުޅި ކަރައިގައި ބައްޕައާއި ގުޅިފައިވާ ކިހާ ކަންކަމެއް އެބަހުރި. ކުރިޔަށް އޮތް މުޅި ޖީލަށްވެސް އަގު ނުކުރެވޭނޭ އެތަކެއް ޚިދުމަތެއް ބައްޕަ ދޫކޮށްދީފި. ބައްޕަގެ މިންނެތް މަސައްކަތުން ތައުލީމީ ގޮތުން ކިތަކެއް ދަރީންނެއް އުފެދިގެން ހިނގައްޖެ. ތަޢުލީމު ހާސިލު ކުރާނޭ ކިތަކެއް މަކުތަބު މި ޝަހަރުގައި އެބަ ހުރި. މިއަދު މި ކަރަޔަކީ ބޭސްވެރިކަމުގެ ގޮތުން މުޅި އަރަބި ދުނިޔޭގައިވެސް ނަން ވިދާ ކަރަޔެއް.
" ޒޭނާ، މިއީ މުޅީންވެސް ބައްޕަގެ ދުރު ވިސްނުމާއި އެއްގޮތަށް ކުރިޔަށް އަންނަން އޮތް ޖީލާއި މެދު ވިސްނަވާފައި ކޮށްދެއްވާފައި ހުރި އަގު ހުރި މަސައްކަތް. ބައްޕަ މިއަދު އެވަޑައިގަތީ މުޅި މި ކަރަޔަށް އެތަކެއް ޚިދުމަތް ތަކެއް ދޫކޮށްދީފައި. އަދި ހުރިހާ ރައްޔިތުންގެ ލޯތްބާއި ގަދަރު ވެސް ހޯދައިގެން. "
" ރޭގައި ބައްޕަ ބުނެފައިވާ އެއްޗެއް ހަނދާން ކޮށް ބަލަ. ބައްޕަ ނެތް ދުވަހަކުންވެސް މި ޝަހަރުގެ ނިކަމެތީންނަށް ހިލޭ ސާބަހަށް ކިޔަވާ ދެއްވުމަށް އެދިޔައީ ވަސިއްޔަތް ކޮށްފައި. ބައްޕައާއި މެދު އަހަރެމެން އަބަދުވެސް ފަޚުރުވެރި ވާން ޖެހޭނެ. "
" ޒޭނާ، ކެތްތެރިވޭ. ބައްޕަގެ ހަނދާންތައް ތާ އަބަދަށް މިޝަހަރުގައި ދިރިގެން ދާނެ. "
އޭނާ މިގޮތަށް ވާހަކަ ދައްކާ ޒޭނާ އަށް ނަސޭހަތްދީ ހިތްވަރު ދިނެވެ.
ރަސްގެފާނު އަވަހާރަ ވިތާ ދެ ހަފުތާ ފާއިތު ވެގެން ހިނގައްޖެއެވެ. ދެ ހަފުތާ މިގޮތުގައި ވޭތު ވެގެން ދިޔައިރު ޒޭނާ މިހާރު އެހުރީ ހިސާބަކަށް ހަމަޔަކަށް އެޅި ދަރީންގެ ކަންކަމުގައި އުޅެން ފަށައިފިއެވެ. ސާރާ އާއި ޝުރެއިމްގެ ކަންކަން ވެވުނު އެންމެ ފުރިހަމައެއްކޮށް ކުރެވޭތޯ ޒޭނާ ދިޔައީ ބަލަމުންނެވެ. ރަސްގެފާނުގެ ކުއްލި ވަކިވުމާއި ގުޅިގެން ޝުޢައިބު ވެސް މަސައްކަތް ކުރުން މެދުކަނޑާލައި، ޒޭނާ ހަމަޔަކަށް އެޅެންދެން ޒޭނާގެ ގާތުގައި ދަރިންގެ ކަންކަމުގައި ވަގުތު ހޭދަކުރަމުން ގެންދިޔައެވެ.
ރަސްކަމުގެ ކަންކަން އޭރު ހަމަޖެހިފައި އޮންނަ ގޮތުން، ރަސްކަލަކު އަވަހާރަ ވެއްޖެނަމަ އެކަން ވާރުތަ ވަނީ އެރަސްކަލެއްގެ ތަސައްރަފު ފުދިފައިވާ އެންމެ ދޮށީ ފިރިހެން ދަރިކަލަށެވެ. ނަމަވެސް ރަސްގެފާނު އަވަހާރަ ވީއިރު ރަސްގެފާނުގެ ފަރާތުގައި، ތަސައްރަފު ފުދިފައި ހުރި ފިރިހެން ދަރިކަލަކު ނެތުމާއި އެކު އެކަން ވާރުތަވީ ރަސްގެފާނުގެ ދަރިކަނބަލުން ޒޭނާއަށެވެ. ނަމަވެސް ޒޭނާގެ ގާތުގައި ބޮޑުވެ ތަސައްރަފު ފުދިފައިވާ ފިރިހެން ދަރިޔަކު ނެތުމުން، ރަސްކަމާއި ހަވާލު ވުމަށް ހަމަ ޖެހުނީ ޝުޢައިބު އަށެވެ. ޝުއަޢިބު އަކީ ޒޭނާގެ ފިރިކަލުން ކަމުގައި ވުމުންނެވެ.
ޝުޢައިބު ރަސްކަމުގެ ތަޚުތަށް އިސްކުރެއްވުމަށް އުޅޭކަމުގެ ޚަބަރު މުޅި ސަހަރަށް ފެތުރިގެން ހިނގައްޖެއެވެ. މިޚަބަރާއިއެކު ޝަހަރުގެ އެކި މީހުން ދިޔައީ މިކަމާއި ވަރަށް އުފާ ކުރަމުންނެވެ. އަދި ބައެއް މީހުން ބުނަމުންވެސް ގެންދިޔައެވެ. " ރަސްގެފާނަށްފަހު ރަސްކަމަށް އައުމަށް ޝުޢައިބުއަށް ވުރެން ވަކީން ގާބިލު އެހެން ފަރާތެއް ނުވާނެކަން ގައިމެވެ. " މިކަމާއި ޝަހަރުގެ ގިނަ ފަރާތްތަކެއް ތިބީ ނުހަނު ހިތްހަމަ ޖެހި އުފާވެސް ވެފައެވެ.
އޭރުގައި އާދަކާދަ އާއި އެއްގޮތަށް ރަސްމީ ޢިއްޒަތާއި އެކު ކަރައިގެ ރަސްކަމުގެ ތަޚުތަށް ޝުޢައިބު އިސްކުރެވިއްޖެއެވެ. އަދި މިފެށުނު އާ ރަސްކަމުގައި ޝުޢައިބު ރަސްގެފާނުގެ އިސް ވަޒީރުގެ ގޮތުގައި ހަމަޖެއްސެވީ، ކުރީންވެސް ރަސްގެފާނުގެ އިސް ވަޒީރުގެ ގޮތުގައި ހުންނެވި ވަޒީރެވެ. އަދި ގަނޑުވަރުގައި ރަސްގެފާނުގެ ޚިދުމަތުގައި ތިއްބެވި އެއްވެސް މީހަކު ޚިދުމަތުން ދުރުނުކޮށް ޝުޢައިބު ރަސްގެފާނުގެ ޚިދުމަތުގައި ތިއްބެވުމަށް އެމީހުންގެ ގާތުގައި އެދި ވަޑައިގަތެވެ. މިކަމާއި ހުރިހާ ނޯކަރުންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ.
ޝުޢައިބު ރަސްކަމާއި ހަވާލުވެ ވަޑައިގެންނެވުން މިކަމާއި އެންމެ އުފާވި އެއް ބަޔަކަށް ވެގެންދިޔައީ ޝަހަރުގެ ރައްޔިތުންނެވެ. އެންމެންވެސް ބުނާ ގޮތުގައި ޝުޢައިބުއަކީ ހިތްހެޔޮ އޯގާތެރި ރަސްކަލެކެވެ. ހުރިހާ ރައްޔިތުން ވެސް ޝުޢައިބު އާއި މެދު ރުހިލައްވާ މިރަސްކަމުގައި މުޅި ކަރަޔަށް އުފާވެރިކަން ގެންނާނޭ ކަމުގައި އުންމީދު ކުރިއެވެ.
ރަސްކަމާއި ހަވާލުވި ދުވަހުގެ ރޭގައި ޒޭނާ ޝުޢައިބު ގާތުގައި ބުންޏެވެ.
" އަޅުގަނޑުގެ ލޯބިވާ ފިރިމީހާ، އަހަރެންގެ ބައްޕަ ދުނިޔެއާއި ވަކިވުމުން މިއަދު މިވެރިކަމާއި ތިޔަ ހަވާލުވީ ކަލޭ. ވީމާ އަޅުގަނޑު ކަލެޔާއި ދައްކަން ބޭނުންވާ ބައެއް ވާހަކަ އެބަހުރި. "
" ބައްޕަގެ ހަޔާތުގެ ބޮޑު ބައެއް ވޭތު ކުރެއްވެވީ، މިކަރައިގެ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މިކަރައިގެ ރަސްކަމުގައި. ބައްޕަ ގަބޫލު ކުރެއްވެވި ވަރަށް ގިނަ އުސޫލު ތަކެއް އެބަހުރި. އަދި އެކަމާއި އެކި ގޮތްގޮތަށް ވަނީ އަޅުގަނޑާއި ވާހަކަ ދައްކަވާފައި. ބައްޕަގެ ކޮންމެ ކަމެއްވެސް ގުޅިފައިވާނީ ރައްޔިތުންގެ ލާބަޔާ މަންފާ އަށް އެންމެ ފައިދާ ވާނޭ ގޮތުގައި. ރަސްކަމުގެ ހަޔާތުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކޮށްފައިވާ ކަމަކީ، ރައްޔިތުންގެ އިތުބާރާއި ލޯތްބާއި ގަދަރު ހޯއްދެވުން. "
ބައްޕަގެ މަރުދުވަހާ ހަމަޔަށްވެސް ކަން ކުރެއްވީ ހަމަ އެގޮތުގައި. ކަލޭވެސް ބައްޕައާއި އެކު ތިޔަ ހޭދަ ކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި ބައްޕަގެ ގިނަ ކަންތައް ތަކެއް އެނގޭނެ.
ދުވަހަކުވެސް ރަސްކަމުގެ ނުފޫޒު ބޭނުން ކޮށްގެން، ރައްޔިތުންގެ ހައްގަކަށް އަރައިގަނެ، އަމިއްލަ މަންފާއެއް ހާސިލް ކޮށްފައެއް ނުވާނެ. ބައްޕަ މިދުނިޔެ ދޫކޮށް އެދިޔައީ ރައްޔިތުންގެ ލޯތްބާއި ގަދަރު ހޯއްދަވައިގެން. "
ޒޭނާ ވަރަށް އަސަރާއިއެކު މިވާހަކަތައް ކިޔައިދެމުން ގެންދިޔައެވެ.
" ޝުޢައިބު، އަޅުގަނޑު ކަލޭގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް އެބަ އޮތް. ބައްޕަ ނަމޫނާ އަކަށް ބަލައިގެން، ބައްޕަގެ ސަބަބުން ރައްޔިތުން މި ޚާންދާނާއި މެދު ކުރާ ގަދަރާއި ޢިހުތިރާމު ގެއްލުނަ ނުދީ، އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން. ރައްޔިތުންނަށް އަނިޔާ ވެރި ނުވާތި. އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ މިއަދު ކަލެޔަކީ ރައްޔިތުންގެ ޚާދިމެއްކަން. އަޅުގަނޑު އުންމީދު ކުރަން ބައްޕަގެ ނަން ކިލަނބު ވިޔަ ނުދީ، ހެޔޮ ނިޔަތާއިއެކު މިރަސްކަމުގައި ކުރިޔަށް ދާނޭ ކަމަށް. އަދި އަޅުގަނޑު ދުވަހެއްގައިވެސް ނޭދެން، އަނިޔާވެރި ރަސްކަލެއްގެ ތާޖު ކަލޭގެ ބޮލުގައި އެޅޭކަށް. "
" ޝުޢައިބު، އަޅުގަނޑު ކަލެޔަށް ވަރަށް އިތުބާރު ކުރަން. "
( ނުނިމޭ )