(22 މެއި 2025 ގެ ނޫހާއި ގުޅޭ)
" ޝުޢައިބު އަކީ މުޅި މިކަރައިގެ ރައްޔިތުންގެ ލޯބި ލިބިފައިވާ މީހެއް. ވީމާ ކަލޭ ނެތް ދުވަހަކުން މި ކަރައިގެ ރަސްކަން ވާރުވަތަވެގެންދާނީ އަޅުގަނޑުމެންގެ ދަރިފުޅު ޝުރެއިމް އަށް. އަޅުގަނޑުމެން އަބަދުވެސް ޖެހޭނެ އޭނާއަށް ނަމޫނާ ދައްކަން. އަދި ބައްޕަ މަރުވުމުގެ ކުރީން ކަލެޔަށް ކޮށްފައިވާ ވަސިއްޔަތް ހަނދާނުގައި ބަހައްޓާނެ ކަމުގައި ހީކުރަން. މިވާހަކަތައް މިގޮތަށް މި ދެއްކީ ކަލޭގެ އަނބިމީހާގެ ހައިސިއްޔަތުން ކަލޭ ދެކެ އިންތިހާއަށް ލޯބި ވާތީ. "
މިވާހަކަތައް އަޑު އަހަން އިނުމަށްފަހު ޝުޢައިބު ޒޭނާގެ ގާތުގައި ބުންޏެވެ.
" ޒޭނާ، ތިޔަ ދެއްކެވީ ވަރަށް ރަނގަޅު ވާހަކަ ތަކެއް، އަޅުގަނޑު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ މީގެ ކުރީން ދިރިއުޅެން ޖެހުނު ނިކަމެތި ދުވަސް ތަކެއް. ދުވަހަކުވެސް އުންމީދެއް ނުކުރަން މިފަދަ ދުވަހެއް ހަޔާތަށް އަތުވެދާނޭ ކަމަކަށް.
އެކަމަކު އެކަލާނގެ ކުޅަދުން ވަންތަކަން ނިކަން ދެކެބަލަ. އަޅުގަނޑަށް އުފާވެރި ދިރި އުޅުމެއް ހޯއްދަވައި ދެއްވާފައިވަނީ ވަޒީރާއި ބައްޕަގެ މިންނެތް މަސައްކަތުން. "
" މިއަދު ބައްޕަ މި ދުނިޔޭގައި ނެތް ކަމުގައި ވީނަމަވެސް ބައްޕަ މުޅި މިކަރަޔަށާއި، ކަރައިގެ ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގު ނުކުރެވޭ ޚިދުމަތްތައް އަޅުގަނޑު ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. ރައްޔިތުންގެ ފަރާތުން ބައްޕަ ހޯއްދަވާފައިވާ ލޯތްބާއި ގަދަރަށް ކުޑަވެސް އުނިކަމެއް އަތުވެދާނޭ ފަދަ އެއްވެސް ކަމެއް ނުކުރާނަން. "
" އޭނާގެ މަރު ދުވަހާއި ޖެހެންދެން ވަޒީރުވެސް ހުންނާނީ އަޅުގަނޑުގެ އިސް ވަޒީރުގެ ގޮތުގައި. އަދި ބައްޕަ ނެތް ދުވަހު ވަޒީރަކީ އަޅުގަނޑުމެންގެ ބައްޕަގެ މަގާމުގައި ހުރި މީހާ ކަމުގައިވެސް ދެކޭނަން. އޭނާ އަކީ އަޅުގަނޑަށް ދާންވީ ރަނގަޅު މަގު ދައްކަމުން އަންނަ މާތް މީހެއް. އަޅުގަނޑުގެ މި ކާމިޔާބީގެ އަސްލަކީ ވަޒީރު ކަމުގައި މިވަގުތުވެސް ބުނަން ވަރަށް ބޭނުންވޭ. "
" ޒޭނާ، އަޅުގަނޑުވެސް މަސައްކަތް ކުރަމުން އަންނާނީ ބައްޕައާއި އެއްގޮތަށް ރައްޔިތުންނަށް އޯގާތެރި ރަސްކަލެއްގެ ގޮތުގައި. އަދި ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނޭ ހުރިހާ ގޮތެއް ބަލައި އެކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާނަން. އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުން އިސްކޮށްގެން ރައްޔިތުން ލޯބި ހޯދުމުގައި. އަދި އަޅުގަނޑު ކުރާ ކޮންމެ ކަމެއްގައި ތިޔަ ލޯބިވާ އަނބި މީހާގެ އިތުރުން ވަޒީރުގެ މަޝްވަރާ ހޯދަމުން ގެންދާނަން. "
" އަޅުގަނޑުގެ ލޯބިވާ އަނބި މީހާ، އަޅުގަނޑަށް އިތުބާރު ކުރޭ! "
ޝުޢައިބު މިގޮތަށް ވާހަކަ ދެއްކުމުން ޒޭނާ އެކަމާއި ވަރަށް އުފާވިއެވެ.
ރަސްކަމާއި ހަވާލު ވުމަށްފަހު ޝުޢައިބު ފުރަތަމަ ފަހަރަށް ޝަހަރުގެ އެކި ސަރަހައްދު ތަކައް ދަތުރު ކުރެއްވިއެވެ. އަދި ޝަހަރުގައި ގާއިމު ކުރެވިފައިވާ އެކި ތަންތަން ބައްލަވަމުން ގެންދެވިއެވެ. މަކުތަބު ތަކާއި ހަސްފަތާލުތަކުގެ އިތުރުން އެކި މީހުން އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާ، އެތަންތަނުގައި ރަނގަޅު ކުރެވެން ހުރި ކަންކަން ފާހަގަކޮށް އެކަންކަމުގައި ވަޒީރުގެ ލަފާ ހޯއްދެވިއެވެ. އަދި އެކި ފަރާތްތަކާއި ބައްދަލުކޮށް ހާލު ބެއްލެވުގައި ހޭދަކުރަމުން ގެންދެވިއެވެ. މި ދަތުރުގައި ޝުޢައިބު އާއި ވަޒީރުގެ އިތުރުން އެކި ފެންވަރުގެ ބޮޑުން ވެސް ބައިވެރިވެ ލެއްވިއެވެ.
ޝުޢައިބު އަކީ މިއަދު ކަރައިގެ ރަސްގެފާނު ކަމުގައި ވީނަމަވެސް ކޮންމެ ހަފުތާއަކު ތިން ދުވަހު ހަސްފަތާލާއި މަކުތަބުގެ ކަންކަން ދަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި ހަސްފަތާލުގައި ކުރިޔަށް ގެންދަވާ ޚިދުމަތްތައް ފެނުމާއި އެކު ލިބެމުން މިއަންނަ ކުރިއެރުންތައް ފެނި، އިތުރު އެހެން ބަލި ތަކަށް ޚާއްސަ ބޭސްވެރީން ތަމްރީން ކުރުވުމާއި މެދު ވަޒީރާއި މަޝްވަރާ ކުރަމުން ގެންދިޔައެވެ. ތަފާތު އެކި ފަންތީގެ މީހުންނަށް އިލްމު އުނގަންނައި ދެއްވުމަށް އެކި ސަރަހައްދު ތަކުގައި މަކުތަބު ތައް އެޅުއްވުމަށް މަޝްވަރާ ކުރަމުން ގެންދިޔައެވެ. އަދި އެކި ފަހަރު މަތިން ވަޒީރާއި ކުރެވުނު މަޝްވަރާގެ ތެރެއިން ކުރުމަށް ނިންމެވި މުހިންމު އެއް މަސައްކަތަށް ވެގެން ދިޔައީ އަވަހާރަވި ރަސްގެފާނުގެ ހަނދާނުގައި ޖާގަ ތަނަވަސް މިސްކިތެއް ބިނާ ކުރުމެވެ.
ޝުޢައިބު ކުރަން ނިންމަވާ ކޮންމެ ކަމެއްގައި ޒޭނާގެވެސް މަޝްވަރާ އާއި ޚިޔާލު ހޯއްދަވައެވެ. އަދި ޒޭނާއަށް އެކަމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ވާނަމަ އެކަމެއްގައި ޝުޢައިބުއަށް ފުރިހަމަ އެއްބާރުލުމާއި ހިތްވަރު ދެމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ރަސްކަމުގައި މިހޭދަވި ކުރު މުއްދަތުގެ ތެރޭގައި މުޅި ކަރަޔަށް މީގެ ކުރީން ލިބިފައި ނުވާ އެތަކެއް ކުރިއެރުމެއް ލިބިގެން ދިޔައެވެ. ތަފާތު އެކި ފެންވަރުގެ މަކްތަބު ތަކާއި، ތަފާތު އެކި ބަލި ބައްޔާއި ގުޅޭ ހަސްފަތާލުތައް އިތުރުވެގެން ހިނގައްޖެއެވެ. ދަނޑު ވެރިކަމާއި ތަފާތު އެކި ވިޔަފާރިތައް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނޭ ފުރުސަތު ތައްވެސް ދިޔައީ ފަހިވަމުންނެވެ. އާމްދަނީ ހޯދުމަށް ތަފާތު ކުދި ވިޔަފާރިތައް ކުރަން ބޭނުންވާ މީހަކު އެކަން ކުރުމުގައި ތަނަވަސްކަން ނެތް ކަމުގައި ވާނަމަ އެފަރާތަކަށް ވެސް ޒޭނާ އާއި ޝުޢައިބު ދިޔައީ ތަފާތު އެކި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. މިކަންކަމާއި ގުޅިގެން ކަރައިގެ ރައްޔިތުންގެ މެދުގައި ޝުޢައިބު އާއި ޒޭނާ އަށް އޮތް ލޯތްބާއި މަގުބޫލު ކަން އިތުރުވެގެން ދިޔައެވެ.
ޝުޢައިބުގެ އެދުމުގެ މަތީން ވަޒީރާއި ޒޭނާ މަޝްވަރާ ކުރުމަށްފަހު، ޒޭނާގެ ލޯބިވާ ބައްޕަ، އަވަހާރަވީ "ޒާކިރު" ރަސްގެފާނުގެ ހަނދާނުގައި މިސްކިތް ބިނާކޮށް ނިންމައިފިއެވެ. އަދި ރަސްގެފާނު އަވަހާރަވިތާ އެއް އަހަރު ފުރިގެން ދިޔަ ދުވަހު "ޒާކިރު" ގެ ނަމުން ނަންދެވި މިސްކިތް ހުޅުވައި ނަމާދު ކުރަން ފަށައިފިއެވެ.
ޝުޢައިބު ދެކޭ ގޮތުގައި އޭނާ އަށް ލިބެމުންދާ ކޮންމެ ކުރިއެރުމެއްގެ އަސްލެއް ކަމުގައި ވެފައިވަނީ އޭނާގެ ލޯބިވާ އަނބިމީހާ ޒޭނާ އެވެ. އަދި އޭގެ އިތުރުން ވަޒީރުގެ ތަޖުރިބާގެ އަލީގައި ދެއްވަމުން ގެންދަވާ މަޝްވަރާ ތަކަކީވެސް އޭނާ ހެޔޮހިތުން ބަލައިގަންނަމުން ދިޔަ ކަންކަމެވެ. ވަޒީރުގެ އަރިހުން ޝުޢައިބު ކަންކަމުގައި މިގޮތަކަށް މަޝްވަރާ ހޯއްދަވަމުން ގެންދާތީ އެކަމާއިމެދު ވަޒީރުވެސް ޝުޢައިބުއާއި މެދު ނުހަނު ހިތްހަމަ ޖެހިލައްވައެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޝުޢައިބު ވަޒީރާއި އެކު ދަރުބާރުގައި ކޮންމެވެސް ކަމަކާއި މަޝްވަރާ ކުރުމުގައި އިންނެވިއެވެ. އަދި މިގޮތަށް މަޝްވަރާ ކުރެއްވުމުގައި ތިބި ވަގުތު ގަނޑުވަރުގެ ދޮރުވާނަކު ވަޒީރުގެ ގާތަށް ކޮންމެވެސް އަންހެނަކު ރަސްގެފާނާއި ބައްދަލު ކުރެއްވުމަށް ގަނޑުވަރުގެ ގޯތީގެ ތެރޭގައި ހުރި ވާހަކަ ދެންނެވިއެވެ. އޭނާ އެގޮތަށް ވަޒީރު ގާތުގައި ދެންނެވުމުން މަޑު ކޮށްލާށޭ ބުނެ އެވާހަކަ ރަސްގެފާނަށް ދެންނެވިއެވެ. ރަސްގެފާނު އެއީ އަނެއްކާ ކޮން ބޭނުމެއްގައި އައިސް ހުރި މީހެއްތޯ ވަޒީރާއި ސުވާލު ކުރައްވާ އޭނާ އަވަހަށް ދަރުބާރަށް ހާޒިރު ކުރުމަށް ވަޒީރަށް އެންގެވިއެވެ.
ދޮރުވާނުގެ ގާތުގައި އޭނާ ހާޒިރު ކުރުމަށް އެންގުމުން އޭނާ ދަރުބާރަށް ހާޒިރު ކުރެވުނެވެ. ވަޒީރު އެއީ ކާކުތޯ ބަލާލި އިރު އެއީ ރަސްގެފާނުގެ ކުރީގެ އަނބިމީހާ ސުރައްޔާ އެވެ. ސުރައްޔާ ފެނުމުން މަޑު ކޮށްލާށޭ ބުނުމަށް ފަހު، ރަސްގެފާނުގެ އަރިހުގައި ސާރާގެ މަންމަ ސުރައްޔާ ރަސްގެފާނާއި ބައްދަލު ކުރެއްވުމަށް އައިސް ހުރި ވާހަކަ ދެންނެވިއެވެ. ވަޒީރުގެ މިވާހަކަ އަޑު އިވުމުން ޝުޢައިބު ވަރަށް ހައިރާން ވިއެވެ. އަދި "ސުރައްޔާ އޭ! " މިހެން ވަޒީރާއި ދިމާއަށް ބުނެވުނެވެ. އާދެ، ސުރައްޔާއޭ ވަޒީރު ދެންނެވުމުން އޭނާ އެތެރެއަށް ވެއްދުމަށް ވަޒީރަށް އެންގެވިއެވެ. ސުރައްޔާ ދަރުބާރަށް ހާޒިރުވުމުން އެވަގުތު ވަޒީރު އެތަނުން ހިނގައްޖެއެވެ.
ސުރައްޔާ ފެނުމުން ޝުޢައިބު ވަރަށް ބޮޑަށް ހައިރާންވެ ކަޅި ޖަހާ ނުލާ އޭނާއާއި ދިމާއަށް ބަލަން ހުރެވުނެވެ. އޭނާއަށް އައިސްފައިވާ ބަދަލު ފެނުމުން ޝުޢައިބު ހުރީ ބުނާނޭ އެއްވެސް އެއްޗެއް ނޭނގި ގަބު ވެފައެވެ. އެމޫނު މަތީން ވަނީ އުފާވެރިކަން ގެއްލި މިލާ މޯޅިވެފައެވެ. އަދި މީގެ ކުރީން ދުވަހަކު އެއްވެސް އުފަލެއް ލިބިފައި ނުވާ މީހެއް ފަދައެވެ. މިހާ ދުވަސް ކޮށްފައި ޝުޢައިބު އަށް ސުރައްޔާ ފެނުމުން ހިތަށް ވަރަށް އަސަރު ކުރިއެވެ. ސުރައްޔާ ކުށްވެރިއެއް ފަދައިން ޝުޢައިބުގެ ކުރިމަތީގައި އިސް ޖަހާލިއެވެ.
ޝުޢައިބު ވަރަށް އޯގާތެރި ކަމާއިއެކު ސުރައްޔާގެ ހާލު އޮޅުން ފިލުވިއެވެ. އަދި މިހާ ދުވަސް ކޮށްފައި އޭނާގެ ގާތަށް އައީ އެއްވެސް ބޭނުމެއްގައިތޯ ސުވާލު ކުރެއްވިއެވެ. އެވަގުތު ވަރަށް ޖެހިލުންވެ ހުރެ އޭނާ ޝުޢައިބުއަށް ދެންނެވިއެވެ. އަދި ވަރަށް އަސަރާއި އެކު އޭނާގެ ވާހަކަތައް ޝުޢައިބު އަށް ކިޔައި ދެމުން ގެންދިޔައެވެ.
" ރަސްގެފާނު، އަޅުގަޑުގެ ހާލު އާދައިގެ ގޮތެއް. އަޅުގަނޑަކީ މިއަދު ރަސްގެފާނުގެ ކުރިފުޅު މައްޗަށް މިގޮތަށް އައުން އެކަށީގެންވާ މީހެއް ނޫން. އަދި ރަސްގެފާނުގެ ކުރިފުޅު މައްޗަށް މިގޮތަށް އައުމަށް ވަރަށް ބޮޑަށް ލަދުވެތި ވެސްވަން. "
" މީގެ ކުރީން އަޅުގަނޑުގެ ފިރިމީހާ އާއި މެދު ކަންކުރެވިފައިވަނީ ވަރަށް އިހާނެތި ކޮށް. ދުނިޔޭގެ އުފަލާ މަޖަލަށް ހެއްލި ފިރިމީހާ އާއި ދަރިފުޅު ހިތުގައި ޖައްސާ އެމީހުނަށް ވަރަށް އަނިޔާވެރި ވެވުނު. އަދި ﷲ ނަހީ ކުރެއްވި އެތައް މުޑުދާރު އަމަލު ތަކެއް ކޮށް މުޅި ނަފުސު ނީލަން ކީން. "
" ބަދަލުގައި އަޅުގަނޑު ނިކަމެތި ކުރެއްވެވީ ހީވެސް ނުކުރާހާ ހިތި ގޮތަކަށް. އަޅުގަނޑު ކުރި ނުބައި އަމަލު ދުނިޔެއަށް ބޭޒާރުވާން އިރާދައިގައި ހުރުމުން، ނަހަލާލަށް ބަލިވެ އިނދެ، އަދި ވިހެއުމަށްފަހު ދަރިފުޅު ވެސް މަރުވީ. އަޅުގަނޑު ކުރި ނުބައި އަމަލު ތަކުގެ ސަބަބުން ލަދުން މީހުންގެ ކުރިމައްޗަށް ނުކުންނަން ނުކެރުމުން ބައްޕަ އަޅުގަނޑު ގެއިން ނެރެ ބޭރު ކުރީ. އެންމެންގެ ފަރާތުން ވެސް ރުޅިއާއި ނަފުރަތު ފިޔަވާ އެއްވެސް އެއްޗެއް ނުލިބުނު. "
" ރަސްގެފާނު، އަޅުގަނޑު އެކަނިވެ ބިކަވެފައި ހުރި ވަގުތު އެހީތެރި ކަމެއްގެ އަތެއް ދިއްކޮށްލާ ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ހޯއްދަވައި ދެއްވީ ތިޔަ ރަސްގެފާނު. އަމިއްލަ ވަޒަނުގައި ބީރައްޓެއްސެއްގެ ގޮތުގައި ހުއްޓައި މިތަނަށް ގެނެސް އަޅުގަނޑުގެ ދަރިފުޅާއި ބައްދަލު ކުރެވޭނޭ ގޮތް ހައްދަވައި ދެއްވި. "
" އަޅުގަނޑު ކުރި ނުބައި އަމަލު ތަކުގެ ސަޒާ މިއަދު ވަރަށް ބޮޑަށް ލިބިއްޖެ. އަޅުގަނޑު ކުރި ކުށްތަކަށް ތައުބާވެ މިއަދު ﷲ ގެ މަގަށް ރުޖޫއަ ވެއްޖައީން. އުމުރުގެ ބާކީ ދުވަސްތައް ހޭދަ ކުރަން ބޭނުން ވަނީ ހެޔޮލަފާ ޞާލިހު އަޅެއްގެ ގޮތުގައި އުޅުމަށް. "
" ރަސްގެފާނުގެ ކިބައިން އެދޭ އެދުމަކީ އަޅުގަނޑުގެ ކުށަށް މައާފު ދީ ހިތް ހަލާލު ދިނުން. ރަސްގެފާނުގެ ފަރާތުން އިތުރު އެއްވެސް އެއްޗަކަށް އަޅުގަނޑު ނޭދޭނަން. ރަސްގެފާނުގެ ހިތް ހަލާލު އަޅުގަނޑަށް ލިބޭނަމަ މިހާތަނަށް ނުލިބިވާ ހުރިހާ އެއްޗެއް ލިބުނީ ކަމުގައި ދެކޭނަން. ރަސްގެފާނު، އެންމެ ފަހަރަކު އަޅުގަނޑުގެ ދަރިފުޅާއި ބައްދަލު ކޮށްލެވޭނޭ ގޮތް ހައްދަވާ ދެއްވާ! މިއީ އަޅުގަނޑަށް ސާރާ އާއި ބައްދަލު ވާނޭ ފަހު ފަހަރު ކަމުގައިވެސް ވެދާނެ."
" މިހާރު ބޭނުން ވަނީ އަޅުގަނޑުގެ އަމިއްލަ ވަޒަނަށް އެނބުރި ދާން. ކޮންމެ ތަނެއްގައި އުޅުނު ކަމުގައި ވީ ނަމަވެސް ރަސްގެފާނާއި ތިޔަ އާއިލާއަށް ހެޔޮ ރަޙުމަތް ލެއްވުން އެދި އަބަދުވެސް ދުޢާ ކޮށް ދޭނަން. "
ސުރައްޔާގެ މިވާހަކަތައް އިވުމުން ޝުޢައިބު އަށް ކެތް ނުކުރެވިގެން އެހިތަށް ވަރަށް އަސަރު ކުރިއެވެ. އަދި ބުނެވުނެވެ.
" ސުރައްޔާ، އަޅުގަނޑު މިއަދު ވަރަށް އުފާ ވެއްޖެ. ކަލެޔަށް ކުރެވުނު ކުށްތައް ގަބޫލުކޮށް ދިރިއުޅުމަށް ތިޔަ ވަރުގެ ހެޔޮ ބަދަލެއް ގެނައުން ތިޔައީ ކަލޭ ކުރިމަގަށް ވިސްނައި ނިންމެވި ރަނގަޅު ނިންމެވުމެއް. "
" ކަލޭ އަޅުގަނޑާއި މެދު އޭރު ކޮންމެ ގޮތަކަށް ކަން ކޮށްފައި ވީނަމަވެސް މިހިތުގައި ކަލެޔާއި މެދު އެއްވެސް ނަފުރަތު ކަމެއް އަދި ހިތް ބުރަ ކަމެއްވެސް ނެތް. އެހުރިހާ ގޮތަކަށް އުޅެމުން ގެންދިޔައިރުވެސް، ކަލެޔަށް ހެޔޮ ވިސްނުން ދެއްވުން އެދި އެފަރާތުގައި ތަކުރާރުކޮށް ދުޢާ ދެންނެވިން. މިއަދު އަޅުގަނޑުގެ ދުޢާ އިޖާބަ ކުރައްވައިފި. "
" ސުރައްޔާ، އެއިރުގައި ކޮންމެ ގޮތަކަށް ކަންވީކަމުގައި ވީނަމަވެސް މިހިތުގައި އަދިވެސް ކަލެޔާއި މެދު ސާފު ލޯތްބެއް އެބަ އޮތް. އަޅުގަނޑުގެ އަނބިމީހާ ޒޭނާ އެކަމަށް ހެކިވާނެ. އެކަމަކު އެދުވަހު ކަލޭގެ އެދުމަށް އަޅުގަނޑުގެ އެމަސައްކަތް ހުއްޓާލާ ކަލޭ ރުއްސުމަށް މަސައްކަތް ކުރި ނަމަ ދެން ވާނޭ ގޮތް އަމިއްލަ ހިތަށް އަރުވާލަ ބަލަ. އެދުވަހު ކަލޭ ދޫކޮށްލާފައި މިތަނަށް ވަޒަންވެރި ވުން ވެގެން މިދިޔައީ އަޅުގަނޑާއި، ސާރާ އަދި ކަލެޔަށް ވެސް ފައިދާ ކުރުވި ރަނގަޅު ނިންމުމެއްގެ ގޮތުގައި. "
" ސުރައްޔާ، އަޅުގަނޑުގެ ހިތް ހަލާލު ކަލެޔަށް ދީފިން. އެކަމަކު ސުރައްޔާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް އެބަ އޮތް. ކަލޭ ސާރާ އާއި ދުރަށް ނުގޮސް މިތަނުގައި މަޑުކޮށް ދިނުން. އެއްވެސް ކަމެއް ދަތި ވިޔަ ނުދީ ހުރިހާ ކަމެއްވެސް އަޅުގަނޑުގެ އެހީގައި ލިބިގެން ދާނެ. އަޅުގަނޑެއް ނޭދެން އަނެއްކާވެސް ސާރާގެ މަންމަ އޭނާއާއި ވަކިވެގެން ދާކަށެއް. ސުރައްޔާ މިވަގުތު މިތަނުން ދިޔުމަކީ ސާރާއަށް ކެތްކުރަން ވަރަށް ދަތިވާނެ ކަމެއް. އެކަމަކު އަޅުގަނޑު ސުރައްޔާ ހުއްޓުވުމަށް އެއްވެސް މަޖުބޫރެއް ނުކުރާނަން. "
" ދާން ބޭނުން ކޮންމެ ވަގުތަކު ދިޔުމުގެ ފުރިހަމަ އިޚުތިޔާރު ދޭނަން. އަދި އަޅުގަނޑުގެ ފަރާތުން ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް ހަމަ ޖައްސައި ދޭނަން. އެންމެ ރަނގަޅެއްނު؟ "
(ނުނިމޭ )